ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޤައުމީ އިނާމާބެހޭ ކޮމިޓީ މިއަދު އުފައްދަވައިފިއެވެ. މިއީ ސަރުކާރުން ދެއްވަމުން ގެންދެވި ޢާންމު ޚިދްމަތުގެ އިނާމު، ޤައުމީ އިނާމުގެ ނަމުގައި ދެއްވަން ފެށްޓެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމާ ގުޅިގެން، ޤައުމީ އިނާމު ޙައްޤުވާ ފަރާތްތައް ހޮއްވެވުމަށްޓަކައި އުފެއްދެވި ކޮމިޓީއެކެވެ.

މިކޮމިޓީގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، މިނިސްޓަރ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަން މަޙްމޫދު ރާޒީއެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ހެންވޭރު ސުނާރު ސިއްކަގޭ މުޙަންމަދު ނަސީމާއި، މައްޗަންގޮޅި ފިއަވަނި އަޙްމަދު ޢަލިމަނިކާއި، މާފަންނު ކެލްވީނިއާ މުޙަންމަދު ނަޒީރާއި، ފާދިއްޕޮޅު ހިންނަވަރު ނޫރާނީއާގޭ ޢާއިޝަތު މުޙަންމަދު ޞާލިޙާއި، މައްޗަންގޮޅީ ދަގަނޑުކެނޑިގޭ ފާޠިމަތު ޢާފިޔާއާއި، ގަލޮޅު ވަކަރު އާމިނަތު ޝަފާނާއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރާއި، އަންޑަރ ސެކްރެޓަރީ ޙުސައިން ޢާމިރެވެ.

ޤައުމީ އިނާމުގެ ނަމުގައި މި އިނާމު ދެއްވަމުން ގެންދަވާނީ، މިއަހަރުގެ ޖުމްހޫރީ ދުވަހުން ފެށިގެންނެވެ.