ރާއްޖެއަށް މިހާރު ޒިޔާރަތް ކުރައްވަމުން ގެންދަވާ އިންޓަރނޭޝަނަލް ލޭބަރ އޯގަނަޒައިޒޭޝަން، އައި.އެލް.އޯ.ގެ ވަފްދުގެ ބޭފުޅުންނާ ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ.

މިވަފުދުގެ އިސްބޭފުޅަކީ، އައި.އެލް.އޯ.އިން ސްރީލަންކާއަށާއި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ކަންޓްރީ ޑައިރެކްޓަރ ޓައިން ސްޓެއަރމޯސްއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ ވަޙީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއިން އައި.އެލް.އޯ.އާ ގުޅުނީ ވަރަށް ފަހުންކަން ފާހަގަކުރައްވަމުން، ރާއްޖޭގައި ލޭބަރ ރިލޭޝަންސްގެ ދާއިރާ ހަރުދަނާ ކުރެއްވުމަށް ކުރައްވަން ޖެހިވަޑައިގެންފައި ހުރި ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށް ވިދާޅުވިއެވެ. މިގޮތުން، ވަޒީފާއާބެހޭ ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރެއްވުމަށް އައި.އެލް.އޯ.ގެ އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ. އަދި، މިކަމަކީ އާ ޤާނޫނުއަސާސީއިން، ދިވެހިންނަށް ލިބިދޭ ޙައްޤުތައް ފުރިހަމަކުރެއްވުމަށް ކޮންމެހެން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއްކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، ރާއްޖޭގެ ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި ލޭބަރ ޓްރައިބިއުނަލް ހަރުދަނާކުރެއްވުމަށްވެސް އައި.އެލް.އޯ.ގެ އެހީތެރިކަމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

މިބައްދަލުކުރެއްވުމުގައި، އައި.އެލް.އޯ.ގެ ވަފްދުގެ ފަރާތުން ޓައިން ސްޓެއަރމޯސް، ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރެއްވުމަށް އައި.އެލް.އޯ.އިން އެހީތެރިވެދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކާ ދެމެދުގައިހުރި ތަފާތުތައް ދެނެގަނެ މިކަންތައްތައް ޙައްލުކުރެއްވުމުގައި ސަރުކާރަށް އެހީތެރިކަން ފޯރުއްވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއިން އައި.އެލް.އޯ.ގެ މެންބަރަކަށްވުމުން ފުރިހަމަ ކުރައްވަންޖެހޭ އެންމެހާ ކަންތައްތައް ފުރިހަމަކުރެއްވުމުގަޔާއި، އައި.އެލް.އޯ.ގެ ޤަވާޢިދުތަކަށް އަހުލުވެރިކުރެއްވުމުގައި ސަރުކާރަށް އެހީތެރިކަން ފޯރުއްވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

އައި.އެލް.އޯ.ގެ ވަފުދުގައި ލޭބަރ ރިލޭޝަންސާބެހޭ ތަފާތު ދާއިރާތަކުން މާހިރުން ހިމެނިވަޑައިގަންނަވައެވެ. މި ވަފުދުގެ ދަތުރުފުޅުގެ ބޭނުންފުޅަކީ ރާއްޖެ، އައި.އެލް.އޯ. މެންބަރަކަށްވުމުން ފުރިހަމަ ކުރައްވަންޖެހޭ ކަންތައްތައް ފުރިހަމަކުރެއްވުމުގައި ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކުރެއްވުމާއި، މި ދާއިރާތަކުން އެހީތެރިކަން ފޯރުއްވައިދެއްވޭނެ ގޮތްތައް ހޯއްދަވައިދެއްވުމެވެ.