ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސޭޝަލްސްގެ ކުރީގެ ރައީސް ސަރ ޖޭމްސް މަންޗަމްއާ، މިއަދު މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުމުގައި، ސޭޝަލްސްގެ ކުރީގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް މިކުރެއްވި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްލެއްވުމުގެ ފުރްޞަތު ދެއްވީތީ، ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޒަޢާމަތުގައި ދިވެހިރާއްޖެއަށް ކުރިއެރުމާއި ތަރައްޤީ ލިބިގެންދާނެކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވީތީ ސަރ ޖޭމްސް މަންޗަމްއަށް މަރްޙަބާ ވިދާޅުވިއެވެ. ރާއްޖޭގެ ބޭންކިންގ ދާއިރާ އިތުރަށް ކުރިއެރުވުމާ ބެހޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.

ސަރ ޖޭމްސް މަންޗަމްވަނީ މީގެ ކުރިންވެސް ރާއްޖެއަށް ޒިޔާރަތެއް ކުރައްވާފައެވެ. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރެވުނު ސިޔާސީ ޕާޓީ ކަމުގައިވާ އެމް.ޑީ.ޕީ.ގެ ފުރަތަމަ ކޮންގްރެސްގެ ޝަރަފުވެރި މެހްމާނުކަން އެދަތުރުފުޅުގައި ކުރައްވާފައިވަނީވެސް ސަރ ޖޭމްސް މަންޗަމްއެވެ.