بســم اللّـه الرّحمـن الرّحيــم

ފަލަސްޠީނު މިނިވަންކުރުމަށް މަސައްކަތްކުރާ ޖަމާޢަތުގެ ވެރިޔާ އަދި ފަލަސްޠީނުގެ އިންޤިލާބީ ސިފައިންގެ އެންމެމަތީވެރިޔާ، އަލްއަޚް އައްސައްޔިދު ޔާސިރު ޢަރަފާތު، އެމަނިކުފާނުގެ އަރިހުގައި މާލެ ވަޑައިގެންނެވި ފަލަސްޠީނުގެ ޢިއްޒަތްތެރި އަޚުން، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، މިތަނަށް ވަޑައިގެން ތިއްބެވި އެންމެހައި އަޚުންނާއި އުޚުތުން، އަދި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السّلام عليكم ورحمـة اللّـه وبركاته.

އާދެ، މިއަދަކީ ދެންނެވުމުގެ ބޭނުމެއްނެތްފަދައިން، ރާއްޖޭގެ ތާރީޚުގައި ވަރަށް ކުލަގަދަގޮތެއްގައި ފާހަގަކުރެވޭނެ ދުވަހެއް. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ޤައުމެއްގެ އެންމެމަތީ ވެރިޔަކު ނުވަތަ ޤައުމެއްގެ އެންމެމަތީ ވެރިއެއްގެ ޙައިޘިއްޔަތުން ބެލެވޭ ބޭފުޅަކު މީގެކުރިން ރާއްޖެއަށް ޒިޔާރަތްކުރައްވައި ރާއްޖޭގެ ރައްޔިތުންނަށް މިގޮތަށް ބައްދަލުކުރައްވާފައެއް ނެތް.

އާދެ، މިއަދު އަޅުގަނޑުމެންނާ، ދިވެހިރައްޔިތުންނާ މި އުފާވެރި އިޙްތިފާލުގައި މިބައްދަލުކުރައްވަނީ ހަމައެކަނި ޤައުމެއްގެ ރައީސްގެ ގޮތުން ބެލޭ ބޭފުޅެއް ނޫން. އެ ބޭފުޅަކީ މުޅި ދުނިޔެއަށް މަޝްހޫރު ބޭފުޅެއް. އޭނާ އެކުރައްވާ ޖިހާދުގެ މަތިވެރިކަމާއި، އޭނާގެ ރައްޔިތުން މިނިވަންކުރައްވައި، އެ ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤުތައް އެމީހުންނަށް އަނބުރާ ގެނެސްދެއްވުމަށްޓަކައި އެކުރައްވާ ޖިހާދަކީ، މުޅި ދުނިޔެ މިއަދު ތަޢުރީފުކޮށް، އެކަމަށް ހެކިވާ ޖިހާދެއް. އެހެންވީމާ، މިފަދަ ޢިއްޒަތްތެރިއަކު، މުޅި ދުނިޔެއަށް މަޝްހޫރުވެފައިވާ ބަޠަލަކު، އަޅުގަނޑުމެންގެ ރާއްޖެއަށް ވަޑައިގެން، އަޅުގަނޑުމެންގެ ރައްޔިތުންނާ ބައްދަލުކުރައްވާކަމީ، ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ރައްޔިތުން ވަރަށްބޮޑަށް އުފާކޮށް ފަޚުރުވެރިވާންޖެހޭނެ ކަމެއް.

އާދެ، ފަލަސްޠީނުގެ ރައްޔިތުން އެކުރަމުންދާ ޖިހާދަކީ، އަޅުގަނޑުމެން ދިވެހިންނަށް ފަހަރެއްގައިވެސް ވަންހަނާވެގެންވާނެ ޖިހާދެއް ނޫން. އެކަމުގެ ސިއްރުތަކާއި، ހިނގަމުންދާ ކަންތައްތަކާއި، ފަލަސްޠީނުގެ ރައްޔިތުން އުފުލަމުންދާ ވޭންތަކާއި، އެމީހުން އެވާ ޤުރުބާނީތަކާ، މި ހުރިހާ ކަންކަމަކީ އަޅުގަނޑުމެންނަށް ރޭޑިޔޯގެ ޒަރީޢާއިންނާއި، ނޫސްތަކުންނާއި އަދި އެނޫންވެސް ގޮތްގޮތުން އިވެމުންދާ، އަޅުގަނޑުމެންވެސް ހެކިވަމުންދާ ކަންތައްތަކެއް.

އެހެންވީމާ، އެކަމާދޭތެރޭގައި އަޅުގަނޑު މިއަދު މި މަޤާމުގައި ހުރެ މިވާހަކަކޮޅުގައި މާތަފްޞީލުކޮށް ވާހަކަ ދެއްކުމުގެ ބޭނުމެއް އޮތް ކަމަކަށް ނުދެކެން. އެހެންނަމަވެސް، މިއަދު ދިވެހިރާއްޖެއަށް ޒިޔާރަތް ކުރެއްވުމުގެ ޝަރަފް އަޅުގަނޑުމެންނަށް ދެއްވިކަމަށްޓަކައި، އަދި ރާއްޖެއަށް ޒިޔާރަތް ކުރައްވައި ރާއްޖޭގެ ރައްޔިތުންނާ ބައްދަލުކުރެއްވިކަމަށްޓަކައި ދިވެހިސަރުކާރުގެ ނަމުގަޔާއި ތިޔަބޭފުޅުންގެ ނަމުގައި، އާދެ، ދިވެހި ރައްޔިތުންގެ ނަމުގައި އައްސައްޔިދު ޔާސިރު ޢަރަފާތަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އެމަނިކުފާނަށް އަޅުގަނޑުމެން މަރުޙަބާ ދަންނަވަނީ ހަމައެކަނި އިސްލާމީ ޤައުމެއްގެ ޙައިޘިއްޔަތަކުން ނޫން. އިސްލާމްދީނަށްޓަކައި ޖިހާދުކުރައްވާ މަތިވެރި ބަޠަލެއްގެ ގޮތުންވެސްމެ. ހަމައެއާއެކު، އޭނާގެ ރައްޔިތުންނާއި އަޅުގަނޑުމެންނާ ދެމެދުގައި އުފެދިފައިވާ އުޚުއްވަތްތެރިކަމާއި އެކުވެރިކަން ރަމްޒުކޮށްދޭ ޝަޚްޞިއްޔަތެއްގެ ގޮތުގައިވެސްމެ.

އާދެ، އަޅުގަނޑުގެ މިއަދުގެ ވާހަކަކޮޅުގެ ދެވަނަބައި އޮތީ ޢަރަބިބަހުން ދައްކާގޮތަށް. އެއީ އޭނާއަށްވެސް އަދި އޭނާގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށްވެސް އަޅުގަނޑުމެން މި ދަންނަވާ މަރުޙަބާ ރަނގަޅު ގޮތެއްގައި އިޙްސާސް ކުރެއްވޭނީ ޢަރަބިބަހުންވެސް ކޮންމެވެސް އެއްޗެއް ދަންނަވާލައިގެން ކަމަށް ފެންނާތީ. އެހެންނަމަވެސް، ޢަރަބިބަހުން އަޅުގަނޑު ދަންނަވަން ޤަޞްދުކުރާ ވާހަކަކޮޅު ދަންނަވާލުމުގެ ކުރިން އަދި އެއް ވާހަކައެއް ދަންނަވާލަން ބޭނުންވޭ. އެއީ މިފަދަ މަތިވެރި ޖިހާދެއް، މިހާ ގިނަ ދުވަސްވަންދެން ކުރައްވަމުން ގެންދަވާ ބޭފުޅަކީ، ނުވަތަ މީހަކީ ބައެއް މީހުންނަށް ހީވެދާނެ، އެ ބޭފުޅަކީ ވަރަށް ހަރުކަށި މިޒާޖެއްގެ ބޭފުޅެކޭ ނުވަތަ މީހެކޭ. އެބޭފުޅެއްގެ ހިތްޕުޅުގައި ހަމްދަރުދީއާއި ލޯބީގެ ޝުޢޫރުތައް އެއީ މާމަތީ ދަރަޖައަކަށް އޮންނާނެ ޝުޢޫރުތަކެއް ނޫނޭ. އެހެންނަމަވެސް، އަޅުގަނޑަށް ދަންނަވަންޖެހެނީ އެއީ އެއްގޮތަކަށްވެސް ތެދެއްނޫނޭ. ޔާސިރު ޢަރަފާތަކީ ވަރަށް އިޚްލާސްތެރި، މުޅި އިސްލާމީ އުންމަތުގެ އެންމެންދެކެ ވަރަށް ތެދުވެރިކަމާއެކު ލޯބިވެވަޑައިގަންނަވާ، އޭނާގެ ހިތްޕުޅު ހަމްދަރްދީގެ ޝުޢޫރުތަކުން ފުރިފައިވާ ބޭފުޅެކޭ. މިކަމުގެ މިސާލެއްގެގޮތުން އަޅުގަނޑު ދަންނަވާލާހިތްއޮތީ، އިއްޔެ މި ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށްޓަކައި އޭނާ އުފުއްލެވި ބުރައިގެ ވާހަކަ.

އާދެ، އޭނާ ދިވެހިރާއްޖެއަށް މި ޒިޔާރަތް ކުރެއްވީ ދިވެހި ސަރުކާރުގެ ފަރާތުން އަދި ދިވެހި ސަރުކާރު ހިންގުމާ ޙަވާލުވެހުރި މީހާގެ ގޮތުން އަޅުގަނޑު އެރުވި ދަޢުވަތަކަށް. މާލެއަށް އިއްޔެ ވަޑައިގަންނަވާނެކަން އަންގަވާފައި އޮތުމާއެކު، އޭނާ ވަރަށް ބުރަކޮށް، ވަރަށް އަވަދިނެތިކޮށް އުޅުއްވަމުންވެސް މަސައްކަތްޕުޅު ކުރެއްވީ އިއްޔެ މާލެ ވަޑައިގަތުމަށް. އެނގިވަޑައިގަންނަވާނެ ފަދއިން، ދާދި މިދާކަށްދުވަހު ޖިއްދާގައި ބޭއްވުނު ވަރަށް މުހިންމު އިސްލާމީ ކޮންފަރެންސެއްގެ ކޮމިޓީއެއްގައި އޭނާ ބައިވެރިވެވަޑައިގަތުމަށްފަހު، އޭނާގެ ޖަމުޢިއްޔާގެ އަސްކަރީ ކަންތައްތައް ބައްލަވައިލެއްވުމަށްޓަކައި، ޔަމަނަށް ވަޑައިގެން، އެތާނގައި ހުންނަވާފައި އެތަނުން ރާއްޖެއަށް މި ވަޑައިގަތީ. މިދަތުރުފުޅަށް ފެށްޓެވީ ރޭ ނޫން އިހަށްރޭ ފަތިހު ފަހެއް ޖެހިއިރު. އެވަގުތު ފެށްޓެވިގޮތަށް އަޅުގަނޑުމެންގެ ރާއްޖެއަށް އާދެ، އިއްޔެ އިރުއޮއްސުނުއިރު ވަޑައިގަތުމަށް ދާންދެން މުޅިންހެންވެސް ހޭދަކުރެއްވީ ދަތުރުފުޅުމަތީގައި. އެއްވެސް އަރާމެއްނެތި.

އާދެ، ދަތުރުފުޅުގެ ކަންތައް ދިމާވިގޮތަކީ، ދަތުރުފުޅު ކުރައްވާފައި ވަޑައިގެންނެވި މަތިންދާބޯޓަށް ދިމާވި މައްސަލައެއްގެ ސަބަބުން އެބޯޓު ދޫކޮށްލައްވާފައި ވަގުތުން އެހެން ބޯޓެއްގައި ވަޑައިގަންނަވަން ޖެހިވަޑައިގަތީ. އެހެންނަމަވެސް، އިއްޔެ އަޅުގަނޑުމެންގެ ރާއްޖެއަށް ވަޑައިގަންނަވަން ވަޢުދުވެވަޑައިގެންފައި އޮތުމާއެކު، އެވަޢުދު ފުއްދެވުމަށްޓަކައި އެވަގުތު ލިބިވަޑައިގެންނެވި ވަރަށް ކުޑަކުޑަ މަތިންދާބޯޓެއްގައި އެމަނިކުފާނު ވަޑައިގަތީ. އާދެ، އެތައް ސަތޭކަ މޭލެއް ނުވަތަ އެތައްހާސް މޭލެއް ކަޑައްތު ކުރައްވާފައި އެ ވަޑައިގަތީ، ތިޔަބޭފުޅުން ތިޔަ ދެކެވަޑައިގެންނެވި ކުޑަކުޑަ ބޯޓުގައި. އެބޯޓުގެ ކަންތައްތައް ހުރިގޮތުން ވަރަށް ދަތިފުޅު ގޮތްތަކެއް ދަތުރުފުޅުމަތީގައި ދިމާވިކަންވެސް އަޅުގަނޑަށްވަނީ އެނގިފައި. އޭގެތެރެއިން އެއްކަމަކީ ބޯޓުގެ އެތެރޭގެ ވައި ހޫނުކުރާ މެޝިން ހަލާކުވީ. އެނގިވަޑައިގަންނަވާނެފަދައިން، އެތަކެއްހާސް ފޫޓު މަތީގައި ދަތުރުކުރަމުންދާއިރު، ބޭރު ޖައްވު ވަރަށްބޮޑަށް ފިނިވާނެ. އެހެންވީމާ، މިދެންނެވި ވައިހޫނުކުރާ މެޝީން ހަލާކުވުމުގެ ސަބަބުން ބޯޓަށް ފެތުރިގެންދިޔައީ ވަރަށްގަދަ ފިންޏެއް. އެބޭފުޅުން ވިދާޅުވާގޮތުގައި، ސުން ޑިގްރީއަށްވުރެ ދަށު ދަރަޖައެއްގައި ބޯޓުގެ ތެރޭގައި ފިނިކަންހުރީ. އެހާ ފިނި ޖައްވެއްގެ ތެރޭގައި ދަތުރުފުޅު ކުރައްވާފައި، ދޮޅުގަޑިއިރު އޭނާ ހޭދަކުރެއްވި. އޭނާ އެހެން ރަށަކަށް ޖައްސަވަން ބޭނުންފުޅުވި ނަމަވެސް އެގޮތަށް ހަމަޖެއްސެވިދާނެ. އަދި ބޯޓު ބަދަލުކުރައްވައިގެން އެހެން ބޯޓަކުންވެސް މާލެ ވަޑައިގެންނެވިދާނެ. އަދި އޭނާ އަރިހުގައި އެ ވަޑައިގަންނަވަން ތިއްބެވި ހުރިހާ ބޭފުޅުން ގޮވައިގެންވެސް ވަޑައިގެންނެވިދާނެ. އެހެންނަމަވެސް އެހެން ހެއްދެވުމުންވެސް އަޅުގަނޑުމެންނަށް ވަގުތު އިންތިޒާރުގައި ގިނަވެގެން ހިނގައިދާނެތީ، އޭނާ އެއްވެސްގޮތަކަށް ޢަމަލު ނުކުރައްވައި ހަމަ އެ ވަޑައިގެންނެވި މަތިންދާބޯޓުގައި ވަޑައިގެންނެވީ. އެއީ އަޅުގަނޑު ދަންނަވާނީ ހަމައެކަނި އޭނާގެ ޞިއްޙަތަކަށް ނޫނޭ އޭނާގެ ފުރާނަފުޅަށްވެސް ނުރައްކަލެއް ދިމާވެދާނެކަހަލަ ގޮތަކަށޭ މާލެ އެ ވަޑައިގެންނެވީ. އެހެންވީމާ، އަޅުގަނޑުމެން އިއްޔެގައި ހިސާބަކަށް މަގުމައްޗަށް ނުކުމެ އަވީގައި ތިބެލަންޖެހުނު ޖެހުމަކީ، ނުވަތަ ހުޅުލޭގައި މަޑުކޮށްލަން ޖެހުނު ޖެހުމަކީ އަޅުގަނޑު ދަންނަވާނީ، އޭނާ އެ އުފުއްލެވި ބުރައިގެ ނިސްބަތުން އެއްވެސް އެއްޗެއް ނޫނޭ.

އާދެ، ދެން އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، ޢަރަބިބަހުން އެއްޗެއް ދަންނަވާލަން ޤަޞްދުކުރަނީ. އޭގެފަހުގައި އަޅުގަނޑު އިށީނުމުގެ ކުރިން ތިޔަބޭފުޅުންގެ އަރިހުން ޔާސިރު ޢަރަފާތަށް މަރުޙަބާ ވިދާޅުވުމުގެގޮތުން އަތްތިލަބަޑިއަކަށް ދަންނަވާނަން. އެހެންވީމާ، އެ ދަންނަވާ ވަގުތުގައި ހުރިހާ ބޭފުޅުން، ތިޔަބޭފުޅުންގެ ހިތްޕުޅުގެ އިޚްލާޞްތެރިކަމާއެކުގައި އެއަތްތިލަބަޑީގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އާދެ، މިވާހަކަކޮޅަށްފަހުގައި، އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، މިއަދު ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވާ މަތިވެރި އިސްލާމީ ބަޠަލު، އަދި ފަލަސްޠީނުގެ ރައްޔިތުންގެ ވެރިޔާ އަލްއަޚް އަލްމުނާޟިލް އައްސައްޔިދު ޔާސިރު ޢަރަފާތަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ހުރިހާ ބޭފުޅުން އަޅުގަނޑާ އެކުގައި ވަރަށްހޫނު އަތްތިލަބަޑިއެއްގައި ބައިވެރިވެވަޑައިގެން ދެއްވުން އެދެން.