بســم اللّـه الرّحمـن الرّحيــم

الله تبارك وتعالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތްނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، އަޅުގަނޑު މިއަދު ތުލުސްދުއަށް މިއައީ އެނގިވަޑައިގަންނަވާނެ ފަދައިން، މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން ދެއްވި ދަޢުވަތަކަށް. މިރަށުގައި މިއަދު މިހުޅުވޭ މާލެއަތޮޅުގެ އަތޮޅުއޮފީހުގެ އާ ޢިމާރާތް ހުޅުވައިދިނުމަށްޓަކައި. މިކަމަކީ މީގެ ދެތިން އަހަރު ކުރިއްސުރެ ސަރުކާރުން ކުރަމުން ގެންދާކަމެއް.

ހަނދުމަފުޅު ހުންނާނެފަދައިން، މީގެ ދެތިންހަތަރު އަހަރު ކުރިން އަޅުގަނޑު މިރަށަށް ކުރި ޒިޔާރަތެއްގައި. އާދެ، އެއީ ހަނދާންވާގޮތުގައި މިރަށުގައި މިހާރު ހިނގަމުންމިދާ އަތޮޅު ތަޢުލީމީ މަރުކަޒުގެ ބިންގާ އަޅައިދިނުމަށްޓަކައި ތުލުސްދުއަށް އައި ދުވަހު، އަޅުގަނޑު ދެންނެވިފަދައިން ސަރުކާރުން ޤަޞްދުކޮށްފައިވަނީ މާލެއަތޮޅުގެ އަތޮޅުއޮފީސް ތުލުސްދުއަށް ބަދަލުކުރަންކަން. އެހެންވީމާ، އެދުވަހުން ފެށިގެން މަސައްކަތް ހިނގަމުން އައިސް މިހާރު އަތޮޅުއޮފީހުގެ ޢިމާރާތް މުޅިންނިމި، އެ އޮފީސް ރަސްމީގޮތުން އިޙްތިފާލެއްގައި ހުޅުވާ ދުވަހަކީ މިއަދު ކަމުގައި ހަމަޖެހިގެން މިއަދު އަޅުގަނޑު ތުލުސްދުއަށް މިއައީ.

އާދެ، އަޅުގަނޑު ދެކޭގޮތުގައި، މާލެއަތޮޅުގެ އަތޮޅުއޮފީސް ތުލުސްދުއަށް ބަދަލުވުން އެއީ ކުޑަކަމެއް ނޫން. އެއީ ވަރަށް މުހިންމު ކަމެއް. މީގެކުރިން މާލެއަތޮޅުގެ އަތޮޅުއޮފީސް ހިނގަމުން އައިސްފައިވަނީ މާލޭގައި. ނުވަތަ މާލޭގެ ބައެއްކަމުގައި ހިމެނިފައި އޮތް ހުޅުލޭގައި. ކޮންމެވެސް ދުވަސްވަރެއްގައި ކާށިދޫގައިވެސް އަތޮޅުވެރިން ހުންނަވަމުން ގެންދެވި. އެހެންނަމަވެސް އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އެއީ ރަސްމީގޮތުން އަތޮޅުއޮފީސް ހިންގާ ރަށަކަށް ކާށިދޫ ވެގެންނެއްނޫން. އެހެންވީމާ، މިއަދު އެއްގޮތަކުން ބަލާއިރު މިއީ މާލެ ފިޔަވައި މާލެއަތޮޅުގައި މީހުން ދިރިއުޅޭ ރަށަކަށް އަތޮޅުއޮފީސް ބަދަލުވާ ފުރަތަމަފަހަރު.

އާދެ، މިހެން ސަރުކާރުން ހަމަޖެއްސި އެންމެބޮޑު ބޭނުމަކީ މާލޭގައި އަތޮޅުއޮފީސް ހުރުމުން އެ އޮފީހުގެ ޚިދުމަތްތައް އެންމެ އެދެވޭ ފެންވަރަށް މާލެއަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް ލިބެމުންނުދާކަން. މާލެއަތޮޅުގައި މާލެ ފިޔަވައި އެހެން ރަށެއްގައި އަތޮޅުއޮފީސް ހިނގަމުންދާ ކަމަށްވަންޏާ، މިދެންނެވި ޚިދުމަތްތައް މިހާރަށްވުރެ ފުރިހަމަގޮތެއްގައި ލިބެމުންދާނެކަމަށް ސަރުކާރަށް ޔަޤީންކުރެވިގެން މިފިޔަވަޅު މި އެޅީ.

އާދެ، ތުލުސްދޫގެ ރައްޔިތުންނަށް ވަންހަނާވެގެން ނުވާނެފަދައިން، ތުލުސްދުއަކީ މިހާރު ސަރުކާރުން އެންމެ އިސްކަންދޭ ރަށްރަށުގެ ތެރެއިން ރަށެއް. ރާއްޖެތެރޭގައިވާ ރަށްރަށުގެ ތެރެއިން ތަރައްޤީގެ ރޮނގުން އިސްކަންދޭން ވަކި ރަށްތަކެއް ވަނީ ސަރުކާރުން ހޮވާފައި. އަދި އެރަށްތައް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުދަނީ ހިނގަމުން. އެގޮތުން ތުލުސްދޫ މިއީ ރާއްޖެތެރޭގައި މީހުން ދިރިއުޅޭ ރަށްރަށުގެތެރެއިން އެންމެ އިސްކަންދޭ އެއްރަށް. މިރަށުގައި މިހާރުވެސް ސަރުކާރުގެ ވަރަށްގިނަ ކަންތައްތައް ހިނގަމުން އެބަދޭ.

އާދެ، މާލެއަތޮޅުގެ އަތޮޅު ތަޢުލީމީ މަރުކަޒު ހިނގަމުންދަނީ ތުލުސްދޫގައި. އަދި މިރަށުގައި އެސް.ޓީ.އޯ.ގެ ފަރާތުންވެސް މިހާރު މުހިންމު މަސައްކަތްތައް އެބަ ހިންގަވާ. އޭގެއިތުރަށް މާލަސްތަކެއްނުވެ، ތައްޔާރީ ހެދުން އުފައްދާ ކާރުޚާނާއެއްވެސް ތުލުސްދޫގައި ހުޅުވުމަށްވަނީ ޤަޞްދުކުރެވިފައި. އަދި އެކަމަށް ވަރަށްބޮޑެތި މަސައްކަތްތައް ކުރެވި، މިހާރުވަނީ ނިމިފައި. މާލަހެއްނުވެ އެތަންވެސް ފެށޭނެކަމަށް ވަރަށްބޮޑަށް އުންމީދުކުރެވޭ.

ހަމައެއާއެކުގައި މިރަށަކީ ބޯޓުފަހަރު ޖައްސައި، މުދާ ބާލައި އަރުވާ ރަށަކަށްވެސް ހެދުމަށްވަނީ ޤަޞްދުކުރެވިފައި. އެގޮތުން ތުލުސްދޫގެ ނެރުގޮއްވުމުގެ މަސައްކަތް މިހާރު ހިނގަމުން އެބަދޭ. މިރަށަކީ ހުރިހާ ގޮތަކުން ބަލާއިރުވެސް ތަރައްޤީއަށް، މިއަތޮޅުގައި އޮތް ރަށްތަކުގެތެރެއިން އެންމެ އެކަށީގެންވާ އެއްރަށް ކަމުގައި ސަރުކާރަށް ފެނުނުހިނދު، މިފިޔަވަޅުތައް އަޅަމުން މިގެންދަނީ.

އާދެ، މިހާރު ތުލުސްދޫގައި، ތުލުސްދޫގެ ރައްޔިތުންނަށް ބޭނުންވާ އިލެކްޓްރިކް ކަރަންޓްވެސް ލިބެން އެބަހުރި. އަޅުގަނޑު ހިތުން މާލެ ފިޔަވައި މީހުން އުޅޭ ރަށެއްގައި ސަރުކާރުގެ ފަރާތުން އެންމެ ފުރަތަމަ ކަރަންޓުގެ ފައިދާ، ޚިދުމަތް ލިބޭގޮތަށް ހަމަޖެހުނު ރަށަކީ ތުލުސްދޫ. އެހެންވީމާ އެގޮތުންވެސް ތުލުސްދުއަށް ސަރުކާރުންދޭ އަހަންމިއްޔަތާއި އެކަމުގެ ބޭނުން ތިޔަބޭފުޅުންނަށް ވަރަށްރަނގަޅަށް އިޙްޞާސް ކުރެއްވޭނެ.

އާދެ، އަޅުގަނޑު ކުރިންވެސް އިޝާރާތްކުރިފަދައިން، މިރަށުގައި ތައްޔާރީހެދުން އުފައްދާ ކާރުޚާނާއެއް ހެދުމުގެ މަސައްކަތް ވަރަށްބޮޑަށް މިހާރު ކުރެވެމުން އެބަދޭ. އަދި މާލަސްތަކެއްނުވެ އެކަން ފެށޭނެކަމަށްވެސް އުންމީދުކުރެވޭ. އެހެންވީމާ، މިކަމާ ގުޅޭގޮތުން ތުލުސްދޫގެ ރައްޔިތުން އަދި މާލެއަތޮޅުގެ ރައްޔިތުން އަދި ޢާއްމުކޮށް، ރާއްޖޭގެ ރައްޔިތުން ވިސްނަވަންޖެހޭ ވަރަށް މުހިންމު ނުކުތާއެއް އެބައޮތް ކަމަށް އަޅުގަނޑު ދެކެން. އާދެ، އެނުކުތާއަކީ އިޤްތިޞާދީގޮތުން ކަމެއް ކުރިޔަށް ގެންދާއިރު، ހުރިހާ ފަރާތެއްގެވެސް ވަރަށް ފުރިހަމަ އެއްބާރުލުމަކަށް ބޭނުންވާކަމެއް. އެކަހަލަ މަސައްކަތެއް ފެށޭނީ ވަރަށްބޮޑެތި ޚަރަދުތަކެއް ކޮށްގެން. އަދި އަޅުގަނޑުމެންގެ ފެންވަރު ހުރިގޮތުން ސަރުކާރުން އެކަނި ޚަރަދުކޮށްގެން މިކަހަލަކަމެއް ފެށޭކަށްނެތް. އެހެންވީމާ، ބޭރުގެ ބައެއް ފަރާތްތަކާ ގުޅިގެން އެފަރާތްތަކުގެ އެހީގައި މިކަހަލަ މަސައްކަތްތައް ފަށައިގެން ކުރިޔަށް ގެންދަން އަޅުގަނޑުމެންނަށް ޖެހިފައި އޮންނަނީ.

މިހާރުވެސް ރާއްޖޭގެ އެއް ރަށެއްގައި އާދެ، އައްޑުއަތޮޅު ގަމުގައި ތައްޔާރީ ހެދުން އުފައްދާ ދެ ކާރުޚާނާ ހިންގަމުން އެބަދޭ. އެ ކާރުޚާނާގެ މަސައްކަތަށް ދަތިވާ ވަރަށްބޮޑު ދެކަމެއް އެބައޮތް. އޭގެތެރެއިން އެއްކަމަކީ، އަޅުގަނޑުމެން އުފައްދާ ތައްޔާރީ ހެދުން ބޭރުކުރާ ޤައުމުތަކުން އެކަމަށް ހުރަސްއަޅާ ހުރަސްއެޅުން. އާދެ، ރާއްޖޭގައި އުފައްދާ ވަކި ވައްތަރެއްގެ ތައްޔާރީ ހެދުން، ވަކި އަދަދަކަށް ނޫނީ އެމެރިކާއަށް އެތެރެނުކުރެވޭ ގޮތަށް، އެމެރިކާ ސަރުކާރުގެ ފަރާތުން މިދޭތެރެއިން ހަމަޖެއްސުމާ ގުޅިގެން، އެކަންވީ އަޅުގަނޑުމެންގެ އިޤްތިޞާދީ މަސައްކަތަށް ކުރިމަތިވި ވަރަށްބޮޑު ބުރައަކަށް، ވަރަށްބޮޑު ދަތިކަމަކަށް.

އެކަމަކީ އެނގިވަޑައިގަންނަވާނޭ ފަދައިން، ދުނިޔޭގައި މިހާރު ވަރަށްބޮޑަށް ފެތުރިފައިވާ ކަމެއް. ޞިނާޢީގޮތުން ކުރިއަރާފައިވާ ޤައުމުތަކުން އެމީހުންގެ އަމިއްލަ ޞިނާޢަތްތައް ރައްކާތެރިކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް. ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި އުފައްދާ ތަކެތި އެތަންތަނަށް އެތެރެކުރުމުގައި ވަކި އަދަދެއް ކަނޑައަޅާފައި އޮތުން. ޞިނާއީގޮތުން ތަރައްޤީވެފައިވާ ޤައުމުތަކަށް، އެއަށްވުރެ ގިނަ އަދަދަކަށް އެތެރެނުކުރެވޭ ގޮތަށް ހަމަޖައްސާފައި އޮތީ.

އެހެންވީމާ، އެއީ ތަރައްޤީވަމުން އަންނަ ޤައުމުތަކުން އެކަން ފިލުވައިލެވޭތޯ ވަރަށް ބޮޑަށް މިހާރު މަސައްކަތް ކުރާ ކަމެއް. ދުނިޔޭގެ އެކިއެކި ބައިނަލްއަޤްވާމީ ޖަލްސާތަކުގައިވެސް، ތަރައްޤީވަމުން އަންނަ ޤައުމުތަކުން ނުވަތަ ތިންވަނަ ދުނިޔޭގެ ޤައުމުތަކުން މިކަމާ ދޭތެރޭގައި ވަރަށްބޮޑަށް ވަކާލާތުކޮށް މަސައްކަތް ކުރަމުން އެބަގެންދޭ. މިއީ އަޅުގަނޑުމެންނަށް ދިމާވެފައިވާ ދަތި އެއްކަންތައް. އެހެންނަމަވެސް، ވަރަށްގިނަ ދުވަސް ވަންދެން އެމެރިކާ ސަރުކާރާއި ދިވެހި ސަރުކާރާ ވާހަކަދައްކައިގެން، ނަތީޖާއެއްގެ ގޮތުން ވަކި އަދަދަކަށް، އެމީހުން ގަބޫލުކުރާ އަދި ދިވެހި ސަރުކާރުންވެސް އެވަރު އެންމެ ރަނގަޅު ކަމަށް އެންމެފަހުން ގަބޫލުކުރި ވަކި އަދަދަކަށް، ކުރިޔަށް އޮތް އަހަރުތަކުގައި ދިވެހިރާއްޖޭގައި އުފައްދާ ތައްޔާރީ ހެދުން އެމެރިކާއަށް ފޮނުވުމުގެ އިންތިޒާމު މިހާރުވަނީ ހަމަޖެހިފައި.

ދެވަނަ ދަތިކަމަކީ މަސައްކަތު މީހުންގެ ދަތިކަން. އެއީ އެނގިވަޑައިގަންނަވާނެފަދައިން، މިކަހަލަ މަސައްކަތެއް ހިންގާއިރު ވަރަށްގިނަ އަދަދެއްގެ މަސައްކަތު މީހުންނަށް އޮންނަނީ ބޭނުންވެފައި. އަދި ރާއްޖޭގައި މިކަހަލަކަމެއް ބޭރުބަޔަކު ހިންގާނީ، އިޤްތިޞާދީގޮތުން އެކަމުން ފައިދާތަކެއް ލިބޭ ކަމުގައިވަންޏާ. މަސައްކަތު މީހުން ނުލިބޭ ކަމަށްވަންޏާ، އެއީ ޝައްކެއްނެތްގޮތުގައި، މަސައްކަތް މުޅިން ހުއްޓިގެންދާނެ ކަމެއް. ގަމުގައި ހިނގަމުންދާ ދެ ކާރުޚަނާއަށްވެސް މިހާރު ދިމާވެފައި އޮތް އެންމެބޮޑު ދަތިކަމަކީ، އަޅުގަނޑު ދަންނަވާނީ މަސައްކަތު މީހުންގެ ދަތިކަމޭ. އެއީ މަސައްކަތު މީހުން ނުތިބެނީކީ ނޫން. ފުދޭވަރަށް ތިބޭ. އެހެންނަމަވެސް، އެމީހުން ޤަވާޢިދުން މަސައްކަތަށް ނުނިކުތުން. އެއީ އަޅުގަނޑުމެންގެތެރޭގައި ވަރަށްބޮޑަށް އާދަވެފައިވާ ކަމެއް. ވަރަށްދެރަ އާދައެއް. އެހެންނަމަވެސް، ކިތަންމެ ކުޑަ ސަބަބެއް ދިމާވިޔަސް، ކޮންމެވެސް ކަހަލަ އުޒުރެއް ދައްކާފައި މަސައްކަތަށް ނުނިކުމެ ވަރަށްގިނަ މީހުން ގޭގައި ތިބޭ. ހަމައެފަދައިން، ވަރަށް ގިނަގިނައިން ވަޒީފާއިން ކެނޑޭގޮތްވެސް ދިމާވޭ.

އެހެންވީމާ، އަޅުގަނޑު ހިތުން އެމަސައްކަތުގައި އުޅޭ މީހުން އެއްފަހަރަށްވުރެ ގިނަފަހަރު ވަޒީފާ ހޯދާފައި ދުވަސްކޮޅަކު އުޅެލާފައި، ކެނޑިގެން ގޮސްފައި، އަނެއްކާ ދެތިން ހަތަރު މަސްދުވަސްފަހުން އަނެއްކާ އެނބުރި ވަޒީފާއަށް އައިސްފައި، މިކަހަލަ ގޮތަކަށް ޢަމަލުކުރަމުން ގެންދޭ. މިއީ އެއްވެސް ހާލެއްގައި އެއްވެސްކަހަލަ އިންޑަސްޓްރީއެއް، ޞިނާޢަތެއް، ޞިނާޢީ މަސައްކަތެއް، ކާރުޚާނާއެއް ހިނގާއިރު އެކަށީގެންވާ ގޮތެއްނޫން. އަދި އެގޮތަށް ކަންތައްވަމުން ދާކަމަށްވަންޏާ އެތަނަށް ވަރަށްބޮޑެތި ގެއްލުންތައްވެސް ލިބެމުންދާނެ.

އެހެންވެސްވުމާއެކު، އަޅުގަނޑު ކުރިން ދެންނެވި ދަތިކަމާއި އަދި މިހާރު މިދަންނަވާ މަސައްކަތު މީހުންގެ ދަތިކަމާ، މިކަންތައްތައް ހުރިގޮތުން ދިވެހި ސަރުކާރާއި ބޭރުގެ ފަރާތަކާ ގުޅިގެން ހިންގަމުން މިގެންދާ ތައްޔާރީހެދުން އުފެއްދުމުގެ މަސައްކަތް، އައްޑުއަތޮޅު ގަމުގައި މިހާރު ހިނގަމުންމިދާ މަސައްކަތް، އެ މަސައްކަތްވެސް ވަނީ ވަރަށް ނާޒުކު ފައްތަރަކަށް ކުރިމަތިވެފައި. މިރަށުގައި އަލުން މިފަދަ ކާރުޚާނާއެއް އުފައްދާއިރު އަޅުގަނޑުމެން ވިސްނަންޖެހޭ އެންމެ މުހިންމު ނުކުތާއަކީ މިއީ.

އެހެންވީމާ، މިރަށުން އެކަށީގެންވާ އަދަދަކަށް މަސައްކަތު މީހުން ލިބުމަކީ އެމަސައްކަތް ކާމިޔާބުވުމުގެ އެންމެބޮޑު ސިއްރު ކަމުގައި ހިމެނިދާނެ. މިރަށުން ނުލިބުނު ކަމަށްވަންޏާ، މިއަތޮޅުން ނޫނީ މިތާ ކައިރި ހިސާބުގަނޑުން މަސައްކަތު މީހުން ފުދޭވަރަށް ލިބިގެން ނޫނީ ފައިދާހުރި ގޮތެއްގައި ނުހިނގާނެ. އެމަސައްކަތް މިތާ އުފެދުމުން މިރަށަށް ލިބޭނެ ތަރައްޤީ އަޅުގަނޑު ހިތުން މިރަށުގެ ރައްޔިތުންނަށް ވަޒަންކުރެއްވޭނެ. މިރަށުން ވަރަށްގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާ ލިބުމާއި، އެމީހުންގެ ދިރިއުޅުން އެކަށީގެންވާ ގޮތަކަށް ކުރިޔަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެހުމާއި، އެކަށީގެންވާ އާމްދަނީއެއް ލިބެމުން ދިއުން. ހަމައެފަދައިން މުޅި ޤައުމަށްވެސް އެކަމުން ލިބޭނީ ފައިދާ. އެއީ މިދަންނަވާގޮތަށް ތައްޔާރުކުރެވޭ ހެދުން، ބޭރުގެ ޤައުމުތަކަށް ބޭރުކުރުމުން ސަރުކާރަށް ލިބޭ އާމްދަނީ އަދި ޤައުމަށް ލިބޭ އިޤްތިޞާދީ ފައިދާތައް. އެގޮތުން މަސައްކަތު މީހުން އެކަށީގެންވާ ގޮތަކަށް ނުލިބޭ ކަމަށްވަންޏާ، އަޅުގަނޑު ހިތުން އެންމެފަހުން އަޅަންޖެހޭނީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ނުރުހޭނެ ފިޔަވަޅެއް. އެއީ ބޭރުން މަސައްކަތު މީހުން ގެނައުން. ޝައްކެއްނެތް، އެއީކީ އަދި އަޅުގަނޑުމެންގެ ރާއްޖޭގައި އާންމުކޮށް ވެފައި އޮތް ގޮތެއްނޫން. އެހެންނަމަވެސް، އެންމެފަހުން އެކަހަލަ ހައްލަކަށްވެސް ދާން މަޖުބޫރުވުމަކީ މިހާރު ކަންތައްތައް މިދާގޮތުން އެކަށީގެންނުވާ ކަމެކޭ ދެންނެވޭކަށް ނެތް.

އާދެ، މިދޭތެރެއިން އަޅުގަނޑުމެން އިސްލާމީ މަރުކަޒުގެ މަސައްކަތާ ގުޅޭގޮތުންވެސް އެކަށީގެންވާ މަސައްކަތު މީހުން ނުލިބުމުގެ ސަބަބުން ބޭރުން މީހުން ގެންނަންޖެހުނު. އެހެންނަމަވެސް އެއީ ވަރަށް ކުޑަކުޑަ ޚާއްޞަ ޕްރޮޖެކްޓަކަށް. ޚާއްޞަ މަޝްރޫޢަކަށް. އެއާޚިލާފަށް އާންމުގޮތެއްގައި ރާއްޖޭގެ އެކިއެކި އިޤްތިޞާދީ މަސައްކަތްތައް ހިންގުމަށް ބޭނުންވާ އާދައިގެ މަސައްކަތު މީހުން ބޭރުތަނަކުން ގެންނަންޖެހުމަކީ އަޅުގަނޑު ހިތުން އެއީ ވަރަށްދެރަ ކަމެއް. އެހެނެއްނޫން، ކަންކަމުގެ ތަމްރީނު ލިބިފައިވާ ތަޖުރިބާކާރު މީހުން އަބަދުވެސް ބޭރުން ގެންނަންޖެހޭނެ. އެއާޚިލާފަށް އާދައިގެ މަސައްކަތު މީހުން އެއީ އަބަދުވެސް ރާއްޖެއިން ލިބެންޖެހޭނެ ބަޔަކަށް ވާންޖެހޭނެ.

އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، މިރަށުގައި މިކަހަލަ ބޮޑު މަސައްކަތެއް ފެށުމަށް ތައްޔާރުވާ ވަގުތުގައި، މިރަށުގެ ރައްޔިތުން މިކަމާ ދޭތެރޭގައި ވަރަށްބޮޑަށް ވިސްނަވައި، ރައްޔިތުންގެ އެއްބާރުލެއްވުން މިކަމުގައި ސަރުކާރަށް ލިބޭގޮތެއްވުން. ހަމައެއާއެކުގައި ތުލުސްދޫ ފިޔަވައި މާލެއަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންވެސް އެކަމަށް އެކަށީގެންވާ ތަރުޙީބެއް ދެއްވުން.

އާދެ، މިއަދުގެ ޕްރޮގުރާމް ހަމޖެހިފައިވާ ގޮތުން މާގިނައިރު މިތާނގައި ވާހަކަދައްކަން ހުރުމަކީ ޚިޔާލުކުރެވިފައި އޮތް ގޮތެއްނޫން. އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ. މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނަށާއި، އެމިނިސްޓްރީގެ ވެރިންނަށް ޝުކުރު ދަންނަވަން، މިއަދު މިރަށަށް އައިސް އަތޮޅުއޮފީހުގެ އާ ޢިމާރާތް ހުޅުވައިދިނުމުގެ އުފާ އަޅުގަނޑަށް ދެއްވީތީ. ހަމައެއާއެކުގައި މާލެއަތޮޅުގެ އަތޮޅުވެރިންނަށާއި، ތުލުސްދޫގެ ވެރިންނަށާއި، ތުލުސްދޫގެ ރައްޔިތުންނަށާއި، އަދި މާލެއަތޮޅުގެ އެހެން ރަށްރަށުގެ ވެރިންނަށާއި، މިތަނަށް ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އެއީ އެ ހުރިހާ ބޭފުޅުންގެ ފަރާތްޕުޅުން އަޅުގަނޑަށް ލިބުނު ހޫނު ތަރުޙީބަށްޓަކައި.

އާދެ، އަޅުގަނޑުގެ ދުޢާއަކީ الله سبحانه وتعالى ސަރުކާރާއި ރައްޔިތުން އެކުވެގެން ރާއްޖެ ތަރައްޤީ ކުރުމުގެ މަގުގައި މިކުރަމުންދާ މަސައްކަތްތަކުގައި ހެޔޮތައުފީޤު ލެއްވުން. އަދި މިމަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެއްދުވަހުން އަނެއްދުވަހަށް ރާއްޖެ ތަރައްޤީވަމުން ދިއުން. އަދި ޚާއްޞަކޮށް، ރާއްޖެތެރެއަކީ މާލެއަށްވުރެ ވަރަށް ގިނަގޮތްގޮތުން އެކަށީގެންނުވާ ފެންވަރެއްގައި އޮތް ތަނަކަށްވާތީ، ރާއްޖެތެރެ ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުން ކުރަމުން މިގެންދާ މަސައްކަތްތަކުގެ ހެޔޮނަތީޖާ އަޅުގަނޑުމެންނަށް ދެއްކެވުން.

والسّلام عليكم ورحمـة اللّـه وبركاته.