بســم اللّـه الرّحمـن الرّحيــم

الله تبارك وتعالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، އަޅުގަނޑުމެން މިރޭ މިތަނަށް އެއްވެ މިތިބީ ދުނިޔޭގެ ޕޯސްޓްގެ ދުވަސް ފާހަގަކުރުމުގެ މަޤްޞަދުގައި. އެދުވަހަކީ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން މާދަމާ. އާދެ، 9 އޮކްޓޫބަރު. ދުވަހުގެ މުހިންމުކަމާއި އަދި އެދުވަސް ފާހަގަކުރަނީ ކީއްވެގެންކަމާ، މިހުރިހާ ކަމެއް ވަރަށް ތަފްޞީލުކޮށް އަޅުގަނޑުމެންނަށް މިޖަލްސާގައި އޮޅުންފިލައިފި. އާދެ، ރާއްޖޭގެ ތަންކޮޅެއް ކުރީގެ ޕޯސްޓުގެ ޚިދުމަތުގެ ދާއިރާގައި އެންމެ އިސްވެރިޔަކަށް ހުންނެވި އަދި މިހާރު އަޅުގަނޑުމެންގެ ބަންޑާރަ ނައިބު އޮނަރަބްލް އަލްފާޟިލް އަޙްމަދު ޒަކީ އަޅުގަނޑުމެންނަށް ވަރަށް އަގުހުރި މަޢުލޫމާތުކޮޅެއް ހަދިޔާކޮށްދެއްވައިފި. ހަމައެފަދައިން، މިހާރު އަޅުގަނޑުމެންގެ ޑިޕާޓްމަންޓް އޮފް ޕޯސްޓްސް އެންޑް ޓެލެކޮމިއުނިކޭޝަންސްގެ ޒުވާން ޑިރެކްޓަރ އަލްފާޟިލް ރިޟްވާން ޝަރީފްވެސް އަޅުގަނޑުމެންނަށް މި މުނާސަބަތާ ބެހޭގޮތުން ވަރަށް ބޭނުންތެރި މަޢުލޫމާތުތަކެއް އޮޅުންފިލުއްވައިދެއްވައިފި.

އާދެ، މި މުނާސަބަތުގައި އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއްކަމަށް ދެކެނީ، ޕޯސްޓުގެ ޚިދުމަތް ރާއްޖޭގައި އިންތިޒާމުކޮށް ރާވައި ރައްޔިތުންނަށް ފޯރުވައިދޭ ފަރާތް ކަމުގައިވާ ޑިޕާޓްމަންޓް އޮފް ޕޯސްޓްސް އެންޑް ޓެލެކޮމިއުނިކޭޝަންސްގެ ޑިރެކްޓަރަށާއި، އެ ޑިޕާޓްމަންޓްގެ ހުރިހާ މުވައްޒަފުންނަށް، އަދި ހަމައެއާއެކު ޕޯސްޓުގެ ޚިދުމަތްތައް ލިބިގަންނަ ފަރާތް ކަމުގައިވާ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދެންނެވުން.

އާދެ، ޕޯސްޓުގެ ޚިދުމަތަކީ، އަޅުގަނޑުމެންނަށް ދެންމެ ވަރަށް ސާފުކޮށް، ވަރަށް ޞަރީޙަކޮށް އިވިގެންދިޔަފަދައިން، މީހުންގެ މެދުގައި އަދި ޤައުމުތަކުގެ މެދުގައި ހިނގާ މުވާޞަލާތުގެ ވަރަށް މުހިންމު ޚިދުމަތެއް. މުވާޞަލާތު ތަރައްޤީވަމުން އައިސްފައިވާގޮތް އެއީ އެއްވެސް ޝައްކެއްނެތްގޮތުގައި، ދުނިޔެއަށް އަންނަމުންމިދާ ބަދަލުތަކާއި ތަރައްޤީ، ވަރަށް ފުރިހަމައަށް ހާމަކޮށްދޭ ކަމެއް.

އާދެ، ނިކަން ވިސްނަވައިބައްލަވާ، މީގެ އެއްހާސް އަހަރު ކުރިން ނުވަތަ އެއަށްވުރެ ކުރިން ދުނިޔޭގައި ދަތުރުފަތުރު ކުރުމުގެ ކަންތައް އޮތްގޮތް. އޭރު އެއްގަމުގައިވިއްޔާ ދަތުރުފަތުރުކޮށް ހަދަނީ އަސްމައްޗަށް ސަވާރުވެގެން ނުވަތަ ޖަމަލެއްގެ މައްޗަށް ސަވާރުވެގެން. ކަނޑުގައިވިއްޔާ ބޮޑެތި ރިޔާނެގި ނައުފަހަރުގައި. ދަތުރުފަތުރުގެ ލަސްކަންހުރި މިންވަރަކީ، އެއް ޤައުމެއްގައި ހިނގާ ކަންތައްތަކުގެ ޚަބަރު، އަނެއް ޤައުމަކަށް ލިބެނީ އެތައް މަހެއް ފަހުން. ނުވަތަ އެތައް އަހަރެއް ފަހުން. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ތިލަދުންމަތީގައި ހިނގާ ކަމެއްގެ ޚަބަރު، އެތަނަށް ދިމާވާ ތަދުމަޑުކަމެއް ނުވަތަ ބަލިމަޑުކަމެއް ނުވަތަ ވިއްސާރައެއް، އެއިން ކަމެއްގެ ޚަބަރު މާލޭގައި ހުންނަވާ ރަސްކަލަކަށް ލިބިވަޑައިގަންނަވަނީ އެކަންތައްތައް ހިނގައިދާތާ އެތައް މަސްދުވަހެއް ފަހުން. ހުރިހާ ކަމެއް ނިމި ދައުލަތުން އެފަރާތްތަކަށް ވެދެންޖެހޭ އެހީ ވެދިނުމުގެ ފުރުޞަތު ފާއިތުވެ ގޮސްފައިވާ ފަހުން.

މިހާރު އެ ހުރިހާ ކަމެއް މިއޮތީ ވަރަށްބޮޑަށް ބަދަލުވެފައި. ދުނިޔޭގެ ނިސްބަތުގައިވެސް އަދި އަޅުގަނޑުމެންގެ ރާއްޖޭގެ ނިސްބަތުގައިވެސް ދަތުރުފަތުރުކުރުމުގެ ވަސީލަތްތަކަށް ވަރަށްބޮޑު ތަރައްޤީއެއް މިޒަމާނުގައި މިއޮތީ އައިސްފައި. ކިތަންމެ ދުރު ރަށަކަށް ނަމަވެސް، ހަމަ ދަންނަވާނީ ކުރީގެ ނިސްބަތުގައި، ވަރަށްކުޑައިރުކޮޅެއްގެތެރޭގައި ކޮންމެ އިންސާނަކަށްވެސް ދަތުރުކޮށްފައި ދިޔުމުގެ ފުރުޞަތުވަނީ ލިބިފައޭ. މިޒަމާނަކީ ޖެޓް މަތިންދާބޯޓުގެ ޒަމާން. އެހެންވީމާ، އެތަކެއްހާސް މޭލުގެ ދުރުގައި އޮންނަ ރަށަކަށްވެސް، ކުޑަ ގަޑިއިރުކޮޅެއްގެ ތެރޭގައި، ތިން ހަތަރު ގަޑިއިރުގެ ތެރޭގައި، ހައެއްކަ ގަޑިއިރުގެ ތެރޭގައި ނުވަތަ ބާރަގަޑިއިރުގެ ތެރޭގައި އެބަ ދެވޭ.

ހަމައެއާއެކު، މުވާޞަލާތުގެ އެހެނިހެން ވަސީލަތްތައްވެސް ވަނީ ވަރަށްބޮޑަށް ތަރައްޤީވެފައި. އެއީ މިހާރު ރޭޑިޔޯގެ ޒަރީޢާއިން ނުވަތަ ވައިރުލެސްގެ ޒަރީޢާއިން ނުވަތަ ޓެލެފޯނުގެ ޒަރީޢާއިން ދުނިޔޭގެ އެތަންމިތާނގައި ހިނގާ ޙާދިޘާތަކުގެ ޚަބަރު އަޅުގަނޑުމެންނަށް ވަގުތުން ވަގުތަށް ލިބޭގޮތްވަނީ ހަމަޖެހިފައި. އާދެ، ތަންކޮޅެއް ކުރީ ޒަމާނެއްގައިވިއްޔާ ކުރިންވެސް ދެންނެވިފަދައިން، އެކަމެއް ހިނގާތާ ފަހަރެއްގައި އަހަރުދުވަސް ފަހުން ނުވަތަ އެތައް އަހަރެއް ފަހުން އެކަމެއްގެ ޚަބަރު އެހެން މީހުންނަށް ލިބެނީ.

ދާދިފަހުން ހިނގައިދިޔަ ޙާދިޘާއެއް، މިސާލެއް ކަމުގައި އަޅުގަނޑު ދަންނަވާލާހިތްވޭ. އާދެ، މީގެ ދެއަހަރެއްހާ ދުވަސްކުރިން، މިޞްރުގެ ރައީސަކަށް ހުންނެވި އަންވަރުއްސާދާތު އަވަހާރަވި. ބަޔަކުމީހުން އެމަނިކުފާނަށް ދިން ޙަމަލައެއްގެ ސަބަބުން. މިޞްރުގެ ރައްޔިތުންނަށް އެޚަބަރު އެނގުމުގެ ކުރިން އަޅުގަނޑުމެންނަށް، ރާއްޖޭގެ ކިތަންމެ ބަޔަކަށް އެ ޚަބަރުވަނީ އޮޅުންފިލާފައި. އެއީ ދުނިޔޭގެ ބައެއް ތަންތާނގައި ރޭޑިޔޯއިން އެޚަބަރު ކިޔާފައި އޮތުމުގެ ސަބަބުން. އަދި ހަމަ އެރޭ ދިމާވިގޮތުން މިޞްރުގެ ރައްޔިތުންނަށް އެޚަބަރު ދެއްވީ މިހާރުގެ ރައީސްކަމުގައި ހުންނެވި ޙުސްނީ މުބާރަކް. އޭނާގެ އަޑުފުޅުން އެޚަބަރު މިޞްރުގެ ރައްޔިތުންނަށް ދެއްވި އަޑު، ދިވެހިރާއްޖޭގައި އަދި މާލޭގައި އަޅުގަނޑުވެސް އެރޭ އެހީ. އެހެންވީމާ، އެއިން އެދައްކާ އެއްޗަކީ އެއްވެސް ހާދިޘާއެއް ތަނެއްގައި މިހާރު ހިނގައިފިއްޔާ، ހަމަ އެވަގުތު ދުނިޔޭގެ އެހެން ތަންތަނަށް އޭގެ ފުރިހަމަ ޚަބަރު ލިބެމުންދެއޭ.

އާދެ، މިއީވެސް މުވާޞަލާތަށް މިޒަމާނުގައި އައިސްފައިވާ ތަރައްޤީއެއް. ކުރިން ދެންނެވީ ދަތުރުފަތުރު ކުރުމަށް އައިސްފައިވާ ތަރައްޤީ. ޕޯސްޓުގެ ޚިދުމަތަކީ، ދަތުރުފަތުރު ކުރުމުގެ ވަސީލަތާ ވަރަށްބޮޑަށް ގުޅިފައިވާ އެއްޗެއް. ދަތުރުފަތުރު ކުރުމުގެ ވަސީލަތް ތަރައްޤީވި މިންވަރަކުން ޕޯސްޓުގެ ޚިދުމަތްވެސް ތަރައްޤީވަމުންދާނެ. އެހެންވީމާ، މިޒަމާނުގައި އަޅުގަނޑުމެން މިހާރު އަޅުގަނޑުމެންގެ ރަޙްމަތްތެރިއަކަށް ނުވަތަ ތިމާގެ މީހަކަށް ނުވަތަ އެހެންވެސް ފަރާތަކަށް ސިޓީއެއް ފޮނުވަން ބޭނުންވެއްޖެއްޔާ މަތިންދާބޯޓުން، އާދެ، މަތިންދާބޯޓުގެ ޕޯސްޓުން އަޅުގަނޑުމެންނަށް އެސިޓީ އެބަ ފޮނުވާލެވޭ. ފޮނުވާތާ ތިންހަތަރު ދުވަހުގެތެރޭގައި ނުވަތަ ހަފްތާއެއްހާ ދުވަހުގެތެރޭގައި ލިބެންވާ ފަރާތަށް ލިބޭ.

އާދެ، އަލްފާޟިލް އަޙްމަދު ޒަކީގެ ވާހަކަފުޅުގައި، ޕޯސްޓުގެ ޚިދުމަތް ފެށިގެން އައިގޮތުގެ ވާހަކަ ވިދާޅުވި. އޭނާ ވިދާޅުވިގޮތުގައި، އެންމެ ފުރަތަމަ ޕޯސްޓުގެ ޚިދުމަތް ދުނިޔޭގައި ފެށިފައިވަނީ އިހުޒަމާނުގެ ސީނުކަރައިގައި. އަދި މިޞްރުގައި. އަދި ޔޫނާނުގައި. އަދި އޭގެފަހުން ރޫމުގައި. އާދެ، އެއީ ޝައްކެއްނެތްގޮތުގައި ތެދުފުޅެއް. އޭގެފަހުންވެސް ޕޯސްޓުގެ ކަންތައްތައް ތަރައްޤީވެގެންދިޔަގޮތާއި، އެކަމަށް އަޅުގަނޑުމެންގެ ނިސްބަތުގައި އެންމެ މުހިންމު ދައުލަތް ކަމުގައިވާ އިސްލާމީ ދައުލަތުގައި އެޚިދުމަތަށް ދެވުނު އަހަންމިއްޔަތު، އަޅުގަނޑުމެންނަށް އެކިއެކި ފޮތްފޮތުން ފެންނަން އެބަހުރި.

އާދެ، އިސްލާމީ ޙަޟާރަތުގެ، އިސްލާމީ ތަހުޒީބުގެ އެންމެ ފުރިހަމަ ރަންޒަމާން ކަމުގައިވާ ޢައްބާސީންގެ ޚިލާފަތުގެ ކުރީކޮޅުގައި، އެކިއެކި ޚަލީފާއިން ކުރެއްވި ކަންތައްތައް ބަޔާންކޮށްފައި ހުންނަ ތާރީޚު ފޮތްފޮތުގައި ލިޔެފައި ހުންނަ ގޮތުގައި، އެޚަލީފާއިން ރަސްކަމާ ޙަވާލުވެވަޑައިގަތުމާ ގުޅިގެން ނުވަތަ ޚިލާފަތާ ޙަވާލުވެވަޑައިގަތުމާ ގުޅިގެން ރާއްވަވައި އިންތިޒާމު ކުރައްވާ ކަންތައްތައް އެފޮތްފޮތުގައި ބަޔާން ކުރައްވާފައި ހުރޭ. އޭގެތެރޭގައި މިސްކިތްތައް ޢިމާރާތްކުރެއްވުމާއި، ޤައުމުގެ ދިފާޢުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ލަޝްކަރު ތައްޔާރުކުރުމާ، މިބާވަތުގެ ކަންތައްތައް ކުރެއްވުމާއެކުގައި، ޤައުމުގައި ޕޯސްޓުގެ ޚިދުމަތް ޤާއިމުކުރައްވާ ވާހަކަވެސް އޮވޭ. އެހެންވީމާ، ޕޯސްޓުގެ ޚިދުމަތަކީ އަޅުގަނޑުމެންގެ އިސްލާމީ ދައުލަތުގައިވެސް ވަރަށްބޮޑު އަހަންމިއްޔަތެއް، އެހާ ކުރިއްސުރެ ދެވެމުން އަންނަ ޚިދުމަތެއްކަން ޔަޤީން.

އާދެ، މިޖަލްސާ ފެށުމުގެ ކުރިން، އަޅުގަނޑުމެންނަށް އިވިގެންދިޔަ ކީރިތި ޤުރްއާނުގެ އާޔަތްތަކުން އެނގޭގޮތުގައި، ޕޯސްޓަކީ، ޕޯސްޓުގެ ޚިދުމަތަކީ ނުވަތަ އެއްބަޔަކު އަނެއްބަޔަކަށް އެކިއެކި ޚަބަރާއި، މަޢުލޫމާތާއި އެންގުންތައް ފޮނުވުމަށް ބޭނުންކުރާ ވަސީލަތަކީ، ވަރަށް ކުރިއްސުރެ އިންސާނުން އީޖާދުކޮށްގެން ހިންގަމުން އައިސްފައިވާ ކަމެއް. އާދެ، އެ އާޔަތްކޮޅުގައި އެވާފަދައިން، ސުލައިމާނުގެފާނު ސަބަޢްގެ ތަޚްތުގައި އޭރު އިންނެވި ރަނިކަމަނާގެ ޚަބަރުތައް އޮޅުންފިލުއްވައި ހެއްދެވީ އޭނާ ގެންގުޅުއްވި ހުދުހުދެއްގެ، އާދެ، ދޫންޏެއްގެ ވާސިޠާއިން. އެދޫނި އައިސް ސުލައިމާނުގެފާނަށް ޚަބަރުދެނީ، މިވެނި ތަނެއްގައި އަންހެން ބޭފުޅަކު ވެރިކަމުގައި އެބަ އިންނެވިއޭ. ރަނިކަން ކުރައްވަމުން ގެންދަވަނީއޭ. އޭނާގެ ކަންތައްތައް ހުރީ މިވެނިގޮތަކަށޭ. އޭނާގެ ޤައުމުގެ މީހުންގެ ކަންތައްތައް ހުރީ މިވެނިގޮތަކަށޭ. އެއާއެކުގައި ސުލައިމާނުގެފާނު އެކަމަނާ އިސްލާމްވެވަޑައިގަތުމަށް އަންގަވަނީ. އިސްލާމްވެވަޑައިގަތުމަށް އަންގަވައި އެކަމަނާއަށް ފޮނުއްވި މެސެޖް ނުވަތަ އެންގެވުން ނުވަތަ އަމުރު ފޮނުއްވީ އެއްކަލަ ހުދުހުދުގެ ވާސިޠާއިން. އެހެންވީމާ، އެއީވެސް ކުރީޒަމާނުގައި އެކިއެކި މެސެޖް ނުވަތަ ޚަބަރު ނުވަތަ މަޢުލޫމާތު އެންގުންތައް އެއްފަރާތަކުން އަނެއްފަރާތަކަށް ރައްދުކުރަން ވަރަށް ހަމަޖެހޭ އިންތިޒާމެއް ރޭވިފައި އޮތް ޒަމާނެއްކަން އެނގޭ. އޭގެފަހުންވެސް އެކިއެކި ދޫނީގެ ބޭނުންކުރުން އެއީވެސް ޕޯސްޓުގެ ޚިދުމަތް ތަރައްޤީވުމުގައި ދުނިޔެ ދެކެފައިވާ މަންޒަރެއް.

އާދެ، ހުދުހުދު ނުވަތަ ކޮތަރު ނުވަތަ އެނޫންވެސް އެބާވަތުގެ ދޫނި ނުވަތަ އެހެން ޖަނަވާރު ބޭނުންކޮށްގެން، އިންސާނުން އެއްބަޔަކު އަނެއްބަޔަކަށް ސިޓީ ފޮނުވައި މަޢުލޫމާތު ފޮނުވައި ހަދާފައިހުރިކަން އަޅުގަނޑުމެންނަށް ފޮތްފޮތުން ފެންނަން އެބަހުރި. އާދެ، ކޮންމެއަކަސް އަޅުގަނޑުމެން ތާރީޚުގެ އެހާކުރީގެ ޞަފްޙާތަކެއް އުކާލާކަށެއްނުޖެހޭ. މިހާރު ދުނިޔޭގެ ތަރައްޤީގައި ޕޯސްޓުގެ ޚިދުމަތާއި، އާންމުކޮށް ދަންނަވަންޏާ މުވާޞަލާތުގެ ޚިދުމަތް އެ ކުޅޭ މުހިންމުބައި އެއީ އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ވަންހަނާވާނެ އެއްޗެއްނޫން. އަޅުގަނޑުމެންގެ ރާއްޖޭގައި ޕޯސްޓުގެ ޚިދުމަތް ފެށުނީ، މީގެ ހަތްދިހަ އަށް އަހަރު ކުރިންކަން، ދެންމެ މިތާނގައި ހާމަވެގެން ހިނގައްޖެ.

ޝައްކެއްނެތް. އެއީ އެ ހާމަކުރެއްވި ފަރާތުން ވިދާޅުވިގޮތުގައި، އަޅުގަނޑުމެންގެ ރާއްޖޭގައި ލިޔެވިފައިވާ ޤާނޫނުއަސާސީއެއްވެސް ލިޔެވުމުގެ ކުރިން. އޭގެ ސައްބީހަކަށް އަހަރު ކުރިން. އެހެންވީމާ، އެއިންވެސް ދައްކާއެއްޗަކީ ރާއްޖެވެސްވަނީ ޕޯސްޓުގެ މުހިންމުކަމަށް ވަރަށްބޮޑު އަހަންމިއްޔަތެއް، ވަރަށް ކުރިއްސުރެ ދީފައިކަން. އަދި މިފަހަރު އެޖަމުޢިއްޔާއެއްގެ އަހަރީދުވަސް، އެދުވަހުގެ ނަން މިހާރު ދުނިޔޭގެ ޕޯސްޓުގެ ދުވަހަށް ބަދަލުވެފައިވީ ކަމުގައިވިޔަސް، އެދުވަސް އަޅުގަނޑުމެން މިފާހަގަކުރާ އެޖަމުޢިއްޔާ އެއީވެސް ދުނިޔޭގައި އުފެދިފައިވާ ޖަމުޢިއްޔާތަކުގެތެރެއިން ވަރަށް ޤަދީމީ، ވަރަށް ކުރީގެ ޖަމުޢިއްޔާއެއް. އާދެ، އެ ޖަމުޢިއްޔާގެ ޢުމުރުންވެސް މިހާރު ސަތޭކަ ދިހަ އަހަރު ވެއްޖެކަމަށް އަޅުގަނޑުމެންނަށް އިވިގެން ހިނގައްޖެ. އެހެންވީމާ، އެއިން ދައްކާ އެއްޗަކީވެސް ދުނިޔޭގެ ނިސްބަތުގައިވެސް، ދުނިޔޭގެ މުޖުތަމަޢު ނުވަތަ ދުނިޔޭގެ ހުރިހާ ޤައުމުތަކުން ގަބޫލުކުރާ ގޮތުގައިވެސް ޕޯސްޓުގެ ޚިދުމަތަކީ ވަރަށް މުހިންމު، ވަރަށް ބޭނުންތެރި ޚިދުމަތެއްކަން. އެއާއެކުގައި އަޅުގަނޑުމެންގެ ރާއްޖޭގައިވެސް، މި ޚިދުމަތް އުފެދުނީ މީގެ ހަތްދިހަ އަށް އަހަރު ކުރިން ކަމުގައިވީކަން. އެއީވެސް ރާއްޖޭގެ ރައްޔިތުންނަށާއި، ރާއްޖޭގެ ވެރިންނަށް ޕޯސްޓުގެ ޚިދުމަތުގެ މުހިންމުކަން އިޙްސާސް ކުރެއްވުނުކަމުގެ ވަރުގަދަ ހެތްކެއް.

އާދެ، ޕޯސްޓުގެ ޚިދުމަތް އެކަށީގެންވާ ރަނގަޅުގޮތެއްގައި ހަމަޖެހިގެން ދިއުމާ ގުޅިގެން، އާދެ، ހަމަ މިޖަލްސާގައި، އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބުނުފަދައިން، އަށާރަސަތޭކަ ސާޅީސްވަނަ އަހަރު އިނގިރޭސިވިލާތުގައި ޕޯސްޓުގެ އިންތިޒާމުތައް ރަސްމީގޮތުން ހަމަޖެހުމާ ގުޅިގެން، ސްޓޭމްޕް ނެރޭގޮތަށްވެސް ހަމަޖެހުނު. އާދެ، ސްޓޭމްޕަކީ މިހާރަކަށްއައިސް ވަރަށް މުހިންމު އެއްޗަކަށްވެއްޖެ. އެއީ ޕޯސްޓުގެ ބޭނުންކުރެވެނީ ސްޓޭމްޕްގެ ބޭނުންކޮށްގެން. މިހާރު ސްޓޭމްޕް ހިމެނިފައިވަނީ ދުނިޔޭގެ އެކި ޤައުމުތަކުގެ ތަރައްޤީއާއި، އެޤައުމުތަކުގެ ޘަޤާފަތާއި، އެޤައުމުތަކުގެ ޤައުމީ ކަންތައްތައް ދައްކައިދޭ އެއްޗަކަށް. އެހެންވީމާ، ސްޓޭމްޕާބެހޭ މަޢުރަޟްތައް ދުނިޔޭގައި ޤާއިމުކުރެވެމުންދޭ. ބޭއްވެމުންދޭ. އެކިއެކި މުބާރާތްތައް ބޭއްވެމުންދޭ. އެމުބާރާތްތަކުގައި މަތީވަނަތައް ހޯދާ ފަރާތްތަކަށް ދުނިޔޭގެ ފެންވަރުގައިވެސް އިނާމު ހުށަހެޅެމުންދޭ. އިނާމުތައް ހާސިލު ކުރަމުންދޭ. އެހެންވީމާ، އެއީވެސް އަޅުގަނޑުހިތުން ޕޯސްޓާ ގުޅިގެން މިހާރު ތަރައްޤީވެފައިވާ ވަރަށްމޮޅު ފަންނެއް. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިހާރު އެފަންނު އެކަށީގެންވާ ދަރަޖައަކަށް ކުރިއަށް ހިނގައްޖެއޭ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ، މީގެ ހައެއްކަ އަހަރު ކުރިން އަޅުގަނޑުމެންގެ ރާއްޖޭގައި އަޅުގަނޑުމެންގެ ފަންނާނުން، އަޅުގަނޑުމެންގެ ކުރެހުންތެރިން ރާއްޖޭގެ ސްޓޭމްޕް ކުރަހާފައެއްނުވޭ. އެހެންނަމަވެސް، ކުރިންވެސް އަޅުގަނޑު ދެންނެވިފަދައިން، ސްޓޭމްޕަކީ އެ ޤައުމެއްގެ ޤައުމިއްޔަތު ދައްކައިދޭ އެއްޗެއް. އެ ޤައުމެއްގެ ޘަޤާފަތު ދައްކައިދޭ އެއްޗެއް. އެ ޤައުމެއްގެ ތާރީޚު ދައްކައިދޭ އެއްޗެއް. އެ ޤައުމެއްގެ މުހިންމު މުނާސަބަތުތަކާއި، އެޤައުމުގެ އަބްޠާލުންގެ ޛިކުރާ އާކުރުމަށް ބޭނުންކުރެވޭ އެއްޗެއް. އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ރާއްޖޭގެ ޤައުމިއްޔަތާއި، ރާއްޖޭގެ ޘަޤާފަތާއި، ރާއްޖޭގެ މުހިންމު އަބްޠާލުންގެ ޛިކްރާ އާކުރުމާ، މިކަންތައްތައް ކުރުމަށް އަޅުގަނޑުމެންގެ ސްޓޭމްޕް ބޭނުންކުރަންޖެހޭނެކަން ކަށަވަރު. އެކަން އޮތީ އެހެންކަމަށްވުމާއެކު، މީގެ ދަންނަވާނީ ހަތަރުފަސް އަހަރެއްހާ ދުވަސް ކުރިން އެކަމަށް ސަރުކާރުން އަހަންމިއްޔަތުކަންދީގެން، އެކިއެކި ޤައުމީ މުނާސަބަތާ ގުޅޭ ޕޯސްޓޭޖް ސްޓޭމްޕް ރާއްޖޭގައި ކުރަހަން ފެށުނު.

އަޅުގަނޑުމެންގެ ފަންނާނުންގެ ތެރެއިން ޒުވާން ހީވާގި ޙަރަކާތްތެރި ކުޅަދާނަ ފަންނާނުންގެ ތެރެއިން ވަރަށްގިނަ ބޭފުޅުން، ވަރަށްގިނަ ބަޔަކު މިކަމުގައި ބައިވެރިވި. އާދެ، އަޅުގަނޑުގެ ހަނދާން ބަލިކަމަށްނުވަންޏާ، އަޅުގަނޑުމެންގެ ޒުވާން ފަންނާނުންގެ ތެރެއިން އަޙްމަދު ޢައްބާސް، މައިޒާން ޙަސަންމަނިކު، އިބްރާހީމް ޢަބްދުލްޢަޒީޒު، ނަޖާޙު އަދި މި ނޫންވެސް ބައެއް ކުރެހުންތެރިންނާއި ފަންނާނުން މިކަމުގައި ވަރަށް އެކަށީގެންވާ ގޮތެއްގައި ބައިވެރިވި. އަދި އެމީހުންގެ އެ އުފެއްދުންތެރިކަން، ދުނިޔޭގެ އެކިއެކި ފަރާތްތަކުން އޭގެ އަގުވަޒަންކޮށް އަޅުގަނޑުމެންނަށް ތަޢުރީފުކޮށް ހަދާފައިވެސްވޭ. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ މިއީވެސް އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ އެހެން ކަންތައްތަކަށް އަންނަ ތަރައްޤީއާ އެއްގޮތަށް ލިބެމުންދާ ތަރައްޤީއެކޭ.

އާދެ، ކޮންމެއަކަސް، ޕޯސްޓްގެ މުހިންމުކަމަކީ އެއްގޮތަކަށްވެސް އެއާދޭތެރޭގައި މާގިނަ ވާހަކަތަކެއް ދައްކަންޖެހޭ ކަމެއް ނޫން. މިހާރު ކިތަންމެ ހަލުވިގޮތެއްގައި ރޭޑިޔޯ މެސެޖުގެ ޒަރީޢާއިން ނުވަތަ ޓެލެކްސްގެ ޒަރީޢާއިން ނުވަތަ ޓެލެފޯނުގެ ޒަރީޢާއިން އެއްޤައުމަކުން އަނެއް ޤައުމަކަށް ޚަބަރާއި މަޢުލޫމާތު ފޮނުވޭ ކަމުގައިވިޔަސް، އަދިވެސް ޕޯސްޓުގެ ޚިދުމަތަކީ އެއާނުލައި އިންސާނުންނަށް ދިރިއުޅެވެން ނެތް އެއްޗެއް. މިއަހަރުގެ ޝިޢާރެއް ކަމުގައި އާދެ، މިއަހަރުގެ މޮޓޯއެއް ކަމުގައި ދުނިޔޭގެ ޕޯސްޓާބެހޭ ޖަމުޢިއްޔާއިން ކަނޑައަޅާފައިވާ ޢިބާރާތް، އެއިންވެސް ދައްކައިދޭ އެއްޗަކީ ޕޯސްޓުގެ ޚިދުމަތަކީ އެއަށް އޭގެ ބަދަލުގައި އެހެން ޚިދުމަތެއް ބޭނުންކުރެއްވޭނެ އެއްޗެއް ނޫންކަން. އާދެ، ދެންމެ ޑިރެކްޓަރ އެ ވިދާޅުވިފަދައިން، ޕޯސްޓުގެ ޒަރީޢާއިން އެއްޗެއް ފޮނުވަން ވެއްޖެއްޔާ އަޅުގަނޑުމެންގެ އަތުންދާ ޚަރަދުވެސް މާކުޑަ. އަނެއްކާ އެއީ ވަރަށް ސިއްރުގޮތެއްގައި އެކަކު އަނެކަކަށް ފޮނުވައިލެވިދާނެ އެއްޗެއް. ސިޓީގައި ލިޔެފައިވަނީ ކޮން އެއްޗެއްކަން އެހެން މީހުންނަށް ނޭނގޭގޮތަކަށް. އެހެންވީމާ، އަނެއްކާ އެއީ ވަރަށް އަމިއްލަ ޒާތީ އެއްޗެއް ކަމުގައިވެސް ބެލޭ އެއްޗެއް. އެހެންވީމާ، ކުރިން މިދެންނެވި ވަސީލަތްތަކުން ޓެލެކްސުން ނުވަތަ މެސެޖުން ނުވަތަ ޓެލެފޯނުގެ ޒަރީޢާއިން އަޅުގަނޑުމެން އަންގަން ބޭނުންވާ ކަމެއް އެހެން މީހަކަށް އެނގުނު ކަމުގައިވިޔަސް، އެހުރިހާ ކަމަކަށްވުރެ، މިދެންނެވި ސަބަބުތަކަށްޓަކައި ޕޯސްޓުގެ ޚިދުމަތުގެ އަގު މާބޮޑު.

އާދެ، ޝައްކެއްނެތް، މިކަން އޮތީ މިހެން ކަމަށްވުމާއެކު، ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތްތައްވެސް އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީވަމުންދިއުމަކީ އަޅުގަނޑުމެންގެ ޤައުމުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ވަރަށްބޮޑަށް ބޭނުންވެފައިވާ ކަމެއް. އެހެންކަމަށްވުމާއެކު ސަރުކާރުގެ ފަރާތުން ޕޯސްޓުގެ ޚިދުމަތާއި އަދި އާންމުކޮށް ދަންނަވަންޏާ، ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތައް ތަރައްޤީކުރުމަށްޓަކައި ވަރަށްބޮޑު އަހަންމިއްޔަތެއްދޭ. އެކަމަށްޓަކައި ތަފާތު މަޝްރޫޢުތައް ރޭވިފައިވޭ. އޭގެތެރެއިން އެއް މަޝްރޫޢެއް، ރާއްޖޭގެ ހުރިހާ ރަށްރަށަށް ޓެލެފޯނުގެ ޒަރީޢާއިން ވާހަކަދެކެވޭގޮތް ހަމަޖެހުން. ރާއްޖެތެރެއަށް، އަޅުގަނޑުމެން މާލޭގައި މިދެކޭ ޓެލެވިޜަން ޕްރޮގްރާމްތައް ފެންނަގޮތް ހަމަޖެހުން. އާދެ، ޕޯސްޓުގެ ހުރިހާ ޚިދުމަތްތައްވެސް ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުން. މިކަންތައްތަކާބެހޭ ހޯދުންތައް ހޯދައި، އެކަމާބެހޭ މަސައްކަތްތައް މިހާރުދަނީ ކުރެވެމުން. އަދި މީގެ އިތުރަށްވެސް މުވާޞަލާތާބެހޭ އެކިއެކި ކަންތައްތަކާއި، ޕޯސްޓާބެހޭ އެކިއެކި ކަންތައްތަކާ ދޭތެރޭގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ވިސްނައި، އެކަމަށް އެޅެންހުރި ފިޔަވަޅުތައް ދަނީ އަޅަމުން.

ޝައްކެއްނެތްގޮތުގައި، ދެންމެ އެ ޑިރެކްޓަރ އެވިދާޅުވިފަދައިން، އަދި އޭގެ ކުރިން އޮނަރަބްލް އަޙްމަދު ޒަކީވެސް އެވިދާޅުވިފަދައިން، ޕޯސްޓުގެ ޒަރީޢާއިން މާލެއިން ރާއްޖެތެރެއަށް ނުވަތަ ރާއްޖެތެރޭގެ އެއްރަށުން އަނެއްރަށަށް ނުވަތަ ރާއްޖެތެރޭގެ ރަށްރަށުން މާލެއަށް ފައިސާ ފޮނުވޭނެގޮތް ހަމަޖެހުމަކީވެސް ޝައްކެއްނެތްގޮތުގައި ވަރަށް ބޭނުންތެރި ކަމެއް. މިހާރު އެއްރަށުން އަނެއް ރަށަށް ފައިސާ ފޮނުވުމަކީ ވަރަށްދަތި އުނދަގޫ ގޮތަކަށް އޮންނަކަމެއް. ވަރަށްގިނަ ނުރައްކާތަކާވެސް ކުރިމަތިލާންޖެހޭކަހަލަ ކަމެއް. މިދެންނެވީ ފައިސާ ގެއްލުމާ، މިކަހަލަ ގޮތްގޮތް ވަމުންދާތީ. އެހެންވީމާ، ޝައްކެއްނެތްގޮތުގައި، އެވިދާޅުވި ޚިދުމަތް، މާލެއާއި ރާއްޖެތެރެއާ ދެމެދުގައި އުފެދިއްޖެނަމަ، އެއީވެސް ވާނީ އަޅުގަނޑުމެންގެ ތަރައްޤީއަށް ލިބޭ ވަރަށްބޮޑު ބާރެއް ކަމުގައި.

އާދެ، މިރޭ އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް އިތުރު ތަރައްޤީއަށް އެދެމުން. އަދި ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތްތައް ތަރައްޤީ ކުރައްވަން މަސައްކަތް ކުރައްވާ ފަރާތްތަކަށް الله سبحانه وتعالى ތައުފީޤު ދެއްވުން އެދި ދުޢާކުރަމުން. ހުރިހާ ރޮނގަކުންވެސް ދިވެހިރާއްޖެއަށް މިއަދަށްވުރެ އުފާވެރި ތަނަވަސް މާދަމާއެއް ދެއްކެވުން އެދި ﷲގެ ޙަޟްރަތަށް ދުޢާ ކުރަމުން.

والسّلام عليكم ورحمـة اللّـه وبركاته.