بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علٰـى خاتم الأنبياء والمرسلين، سيّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

އާދެ، މި އުފާވެރި ރޭގެ މި އުފާވެރި ޖަލްސާގައި، ނުވަތަ ޖަލްސާ ފެށުމުގެ ތަންކޮޅެއް ކުރިން، ހެންވޭރުގެ އަވަށުމަދަރުސާ ނުވަތަ ހެންވޭރުގެސްކޫލް ހުޅުވައިދިނުމުގެ އުފަލާއި ޝަރަފް، އަޅުގަނޑަށް ލިބުމަށްފަހުގައި މިތަނަށްއައިސް ހުއްޓިހުރެ އަޅުގަނޑު އަދާކުރަންޖެހޭ އެންމެފުރަތަމަ އަދި އެންމެ އުފާވެރި ވާޖިބަކީ، މި މަދަރުސާ ހުޅުވުމުގެ މުނާސަބަތުގައި ހެންވޭރުގެ ޢިއްޒަތްތެރި ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ތަހުނިޔާއާއި މުބާރިކްބާދީ ދެންނެވުން.

ހެންވޭރު އަވަށް ކުރިއަރުވާ ކޮމިޓީގެ ރައީސް ދެންމެ ވިދާޅުވިފަދައިން ހެންވޭރުގެ ސްކޫލް ނުވަތަ ހެންވޭރުގެ މަދަރުސާއަކީ، ހެންވޭރުގެ ރައްޔިތުންގެ ފުރިހަމަ އެކުވެރިކަމާއި އެއްބާރުލެއްވުމުގެ ރަމްޒޭ. ޝައްކެއްނެތް އަޅުގަނޑުމެންގެތެރޭގައި މިހާރު އުފެދިގެން ކުރިޔަށްދާ އިޖުތިމާޢީ ރޫޙުގެ ބިންގަލަކީ އާންމުންގެ މެދުގައި ނުވަތަ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ބިންގާ. އެހެންވުމާއެކު، މިރޭ މި ހުޅުވުނު ސްކޫލް އެއީ، ޝައްކެއްނެތްގޮތުގައި މާލޭގެ އެއް އަވަށެއްގެ ޢިއްޒަތްތެރި ރައްޔިތުން ކުރެއްވި ވަރަށްބޮޑެތި މަސައްކަތްތަކުގެ ފުރިހަމަ ނަތީޖާ. އާދެ، މަދަރުސާ ހުޅުވުމުގެ މުނާސަބަތުގައި، ހެންވޭރުގެ ރައްޔިތުންނަށް އަދި ހެންވޭރު އަވަށް ކުރިއަރުވާ ކޮމިޓީގެ ރައީސަށާއި އެކޮމިޓީގެ މެންބަރުންނަށް، އަޅުގަނޑު އިޚްލާޞްތެރިކަމާއެކު މުބާރަކްބާދީ ދަންނަވަން. ހަމައެއާއެކުގައި މި އުފާވެރި ފުރުޞަތު އަޅުގަނޑަށް ދެއްވިކަމަށްޓަކައި ހެންވޭރު އަވަށް ކުރިއަރުވާ ކޮމިޓީގެރައީސް އަލްއުސްތާޛް ޢަބްދުﷲ ޙަމީދަށާއި، އަވަށް ކުރިއަރުވާ ކޮމިޓީގެ މެމްބަރުންނަށާއި އަދި ހެންވޭރުގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ހެންވޭރަކީ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެފަދައިން، ތަޢުލީމުގެ ދާއިރާގައި ވަރަށް ފުރިހަމަ މާޒީއެއް ލިބިފައިވާ އަވަށެއް. މި އަވަށުގައި އަމިއްލަގޮތުން ހިނގާ މަދަރުސާތަކެއް އެބަހުރި. އަމިއްލަ މީސްމީހުން ހިންގާ މަދަރުސާތަކާއި، ކްލާސްތައް ކުރިޔަށްދާތާ އެތަކެއް އަހަރެއްވެއްޖެ. އޭގެތެރެއިން އެންމެ ޚާއްޞަ މަދަރުސާއެއް ކަމުގައި އަޅުގަނޑަށް ފާހަގަކުރެވެނީ މަދްރަސަތުލްޢާލިޔާ ނުވަތަ ޢާލިޔާ ސްކޫލް. އެ މަދަރުސާއަކީ އަޅުގަނޑަށް އެނގިފައިވާގޮތުގައި މިހާރު މެދުނުކެނޑި ހިނގަމުންދާތާ ފަނަރަވަރަކަށް އަހަރުވެފައިވާ ތަނެއް. އެ މަދަރުސާ ހިންގަވަނީ ދިވެހިރާއްޖޭގެ ތަޢުލީމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ހަރުދަނާ މުރައްބީއެއް. އާދެ، އެއީ މިހާރު އަޅުގަނޑުމެން އެމަދަރުސާއެއް ހުޅުވުމުގެ އުފަލުގައި މި ބައިވެރިވާ ހެންވޭރު ސްކޫލްގެ ނާޒިރުގެ ޢިއްޒަތްތެރި ބައްޕަ އަލްފާޟިލް ޢަލީ އަޙްމަދު.

އާދެ، އަލްފާޟިލް ޢަލީ އަޙްމަދަކީ ދިވެހިރާއްޖޭގެ ތަޢުލީމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާތީ އެކަން ދައުލަތުގެ ފަރާތުން ފާހަގަކޮށް، އޭނާއަށް ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތް ކުރުމުގެ ޝަރަފްވެރިކަމުގެ އިނާމު ދައުލަތުން ދީފައިވާ ބޭކަލެއް. އާދެ، އެހެންވީމާ، އެއިންވެސް އަޅުގަނޑުމެންނަށް އެބައެނގޭ ހެންވޭރުގެ ރައްޔިތުންނަކީ ތަޢުލީމަށް ލޯބިކުރާ ބައެއްކަން. އަދި ހެންވޭރުގެ ރައްޔިތުންގެ ތެރޭގައި ރާއްޖޭގެ ތަޢުލީމަށް އެކަށީގެންވާ މަތިވެރި ޚިދުމަތްތަކެއް ކުރައްވާފައި ތިއްބެވި ބޭފުޅުން އެބަތިއްބެވިކަން.

އާދެ، މަދްރަސަތުލްޢާލިޔާ ފިޔަވައި އެހެންވެސް އަމިއްލަ މަދަރުސާތަކާއި ކްލާސްތައް، ހެންވޭރުގައި ހިނގަމުންދޭ. އެއިން ކޮންމެ ތަނަކުން އެކަށީގެންވާ ޚިދުމަތެއް ދިވެހި ދަރިވަރުންނަށް ދެމުންދާކަން ކަށަވަރު. އެހެންވީމާ، މިރޭ މި މަދަރުސާ ހުޅުވުނު އަވަށަކީ، އަދި މި މަދަރުސާ މިހުޅުވުނީ ދެންމެ އަވަށް ކުރިއަރުވާ ކޮމިޓީގެ ރައީސް ވިދާޅުވިގޮތުން، މާލޭގެ އަވަށްތަކުގެ ތެރެއިން އެންމެފަހުން ހުޅުވޭ މަދަރުސާ ކަމަށްވިޔަސް، މިއަވަށަކީ ޒަމާނުއްސުރެ ތަޢުލީމަށް ލޯބިކުރާ، ތަޢުލީމުގެ ޚިދުމަތްތައް އަވަށުގެ ދަރިވަރުންނަށް، އަޅުގަނޑު ނުދަންނަވާނަން ހަމައެކަނި އަވަށުގެ ދަރިވަރުންނަކަށޭ، ތަޢުލީމު ޙާޞިލުކުރަން އެދޭ ދަރިވަރުންނަށް ޚިދުމަތްތަކެއް، ގިނަގުނަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެމުން ގޮސްފައިވާ އަވަށެއް.

އާދެ، ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މަދަރުސާއެއް ޢިމާރާތް ކުރުމަށްވުރެ އެމަދަރުސާއެއް އެކަށީގެންވާގޮތުގައި ހިންގުމުގެ މަސްއޫލިއްޔަތު އެއީ އަދި މާބޮޑުކަމެކޭ. އާދެ، ސަރުކާރުން ގޯތި ހަވާލުކުރީމާ ވަށާފާރުލައި، ކުލާސް ބަރިއެއް ޢިމާރާތްކޮށް، ހިޔާކޮށް، ތަޅުންއަޅައި، މި ކަންތައްތައް ކޮށްލުމަކީ މާދަތިކަމެއް ނޫން. އާދެ، އެކަށީގެންވާ އަދަދަކަށް ފައިސާ ޚަރަދުވާނެ. ފައިސާ ޚަރަދުވި ކަމުގައިވިޔަސް، ތިންހަތަރު މަސްދުވަހުގެ ތެރޭގައި އެއީ ކުރެވިދާނެ ކަމެއް. އޭގެފަހުން ދެންއޮތީ ތިންހަތަރު މަސްދުވަހުގެ ތެރޭގައި ނުވަތަ ތިންހަތަރު އަހަރު ދުވަހުގެތެރޭގައި ކުރެވޭނެ ކަމެއްނޫން. އެއީ އެކަށީގެންވާގޮތެއްގައި އެތަން ހިންގަމުން ގެންދިޔުން. އެހެންވީމާ، އެއީ އަޅުގަނޑު ހިތުން، މަދަރުސާ ހިންގަވާ ފަރާތުން އަދި ހެންވޭރުގެ ރައްޔިތުން އަދި ރާއްޖޭގައި ތަޢުލީމުގެ ކަންތައްތައް ކުރިޔަށްގެންދާ ހުރިހާ އަމިއްލަ ފަރާތްތަކުންވެސް ވިސްނަންވާނެކަމެއް. މަދަރުސާއެއް ނުވަތަ ކުލާހެއް އުފެއްދުމަކީ ދަތިކަމަކަށް ނުވިކަމުގައިވިޔަސް، އެކަށީގެންވާ ފައިދާއެއް ޤައުމަށާއި މުޖުތަމަޢަށް ލިބޭގޮތުގައި އެމަދަރުސާއެއް ނުވަތަ އެ ކުލާހެއް ހިންގަމުން ގެންދިއުމަކީ ވަރަށްބުރަ މަސްއޫލިއްޔަތެއްކަން. އެކަން މަދަރުސާތަކާއި ކުލާސްތައް އަދި މަކުތަބުތައް ހިންގަވަން ތިއްބެވި ފަރާތްތަކަށް އެކަށީގެންވާ ގޮތެއްގައި އިޙްސާސް ކުރެވިގެން ނޫނީ، އެމަދަރުސާތަކުންނާއި މަކުތަބުތަކުންނާއި ކުލާސްތަކުން އެދެވޭ ނަތީޖާއެއް ލިބެމުންނެއް ނުދާނެ.

އާދެ، އެހެންވީމާ އަޅުގަނޑުގެ އިލްތިމާސަކީ، މި މަދަރުސާ ހިންގަވަން ތިއްބެވި ބޭފުޅުން، މަދަރުސާގެ ނާޒިރު، އަދި އިދާރާގެ އެހެންބޭފުޅުން އަދި ހެންވޭރު އަވަށް ކުރިއަރުވާ ކޮމިޓީގެ ރައީސާއި ކޮމިޓީގެ މެންބަރުން އަދި އާންމުކޮށް ހެންވޭރުގެ ރައްޔިތުންވެސް މިނުކުތާއާ ދޭތެރޭގައި ވަރަށްބޮޑަށް ވިސްނަވައި މިތަނުގެ ޚިދުމަތް، ހެންވޭރުސްކޫލްގެ ޚިދުމަތް، މެދުނުކެނޑި ހެންވޭރުގެ ރައްޔިތުންނަށް ނުވަތަ ހެންވޭރުގައި ތިބޭ ކިޔަވާކުދިންނަށް ނުވަތަ ހެންވޭރުން ބޭރުނަމަވެސް މިމަދަރުސާއަށް ތަޢުލީމު ޙާޞިލުކުރަން އަންނަ ކުދިންނަށް ދިގުމުއްދަތަކަށް ލިބޭނޭގޮތެއް ރާއްވަވައި އެގޮތެއް ހަމަޖެއްސެވުން.

އާދެ، އަޅުގަނޑުމެންގެ ރާއްޖޭގައި މާގިނަދުވަސްވެފައިވާ ތަޢުލީމުދޭ ތަންތަނެއްނެތް. ފަންސާސް އަހަރުވީ ދެތަން އެބަހުރި. އެހެންނަމަވެސް ރާއްޖެނޫން އެހެން ބައެއް ޤައުމުތަކުގައި އާދެ، ތަޢުލީމީގޮތުން ރާއްޖެއަށްވުރެ ކުރިއަރާފައިވާ ތަންތާނގައި މާގިނަދުވަސް ވަންދެން މެދުނުކެނޑި ހިނގާފައިވާ އަދި މިހާރުވެސް ހިނގަމުންއަންނަ މަދަރުސާތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތައް ވަރަށް ގިނަ އަދަދަކަށް އެބަހުރި. ދުއިސައްތަ އަހަރު، ތިންސަތޭކަ އަހަރު ހިނގާފައިވާ މަދަރުސާތައް އެބަހުރި. އަދި ބައެއް ޔުނިވަރސިޓީތައް އެއީ އެއްހާސް އަހަރަށްވުރެ ދިގު މުއްދަތަކަށް ދުނިޔޭގައި ހިނގާފައިވާ ތަންތަންކަން ފާހަގަކުރެވޭ. އެހެންވީމާ، ތަޢުލީމަކީ އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ އެއްއަހަރަކުން ދެއަހަރަކުން ނުވަތަ ފަސްއަހަރަކުން، ދިހައަހަރަކުން، މުޖުތަމަޢަށް ފައިދާހުރި ގޮތެއްގައި ދެވޭނެ އެއްޗެއް ނޫނޭ. ތަޢުލީމަކީ ދިގު ޒަމާނަކަށް ދެމިގެންދާގޮތަކަށް ރޭވިގެންނޫނީ އޭގެ ފުރިހަމަ ނަތީޖާ ޤައުމަށް ލިބޭނެ އެއްޗެއްނޫނޭ. އެހެންވީމާ، މަދަރުސާއެއް ޢިމާރާތްކުރާ ބަޔަކު ނުވަތަ މަދަރުސާއެއް އުފައްދަން ޚަރަދުކޮށް އެތަނެއް ހުޅުވާބަޔަކު ވިސްނަންޖެހޭނީ މުސްތަޤުބަލަށް. އެއްގޮތަކަށްވެސް އެއީ މާ އަވަސް މުސްތަޤުބަލެއްގައި އެ ޚިދުމަތް ހުއްޓިގެންދާގޮތަކަށް ރޭވިފައި އޮވެގެން، އެތަނުން ލިބެންޖެހޭ ޚިދުމަތެއް ޤައުމަށް ނުލިބޭނެކަން ކަށަވަރު.

އާދެ، މިހާރު ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަންވެސް އެ ވިދާޅުވިފަދައިން، މާލޭގެ ހަތަރު އަވަށުގައި، ހަތަރު މަދަރުސާ އަވަށުގެ ފަރާތުން ހައްދަވައި ނިމިއްޖެ. އެކަމާ ދޭތެރޭގައި މިނިސްޓަރ ހަމަ އެ އިޝާރާތްކުރެއްވި ނުކުތާއަކަށް އަޅުގަނޑުވެސް އިޝާރަތްކޮށްލަން ބޭނުންވޭ. އެއީ މާލޭގެ އަވަށްތަކުގައި މަދަރުސާތައް ބިނާކޮށް، އަވަށްތަކުގެ ފަރާތުން މަދަރުސާތައް ހިންގެވުމުގެ ރޫޙު ފެށިގެން މިއައީ ސަރުކާރުން ރައްޔިތުންނަށް ނުވަތަ ރައްޔިތުންގެ ތެރެއިން ކުރިޔަށް ތިއްބެވި ބޭކަލުންނަށް ގޮވާލި ގޮވާލުމަކާ ގުޅިގެން. 1979ވަނަ އަހަރުގެ ތެރޭގައި ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެފަދައިން، މާލޭގެ އަވަށްއަވަށުގެ ކުރިޔަށް ތިއްބެވި ބޭފުޅުންނާ އަޅުގަނޑު ބައްދަލުކޮށްލިން. ބައްދަލުކޮށްލާފައި އިޖުތިމާޢީގޮތުން އާންމު ރައްޔިތުންގެ ފަރާތުން އެކިބާވަތުގެ ކަންތައްތައް ކުރުން އެއީ ވަރަށްބޮޑަށް އެދެވިގެންވާ ކަމެއް ކަމުގައި އަޅުގަނޑު އެބޭފުޅުންނަށް ދެންނެވިން. އެއީ، އެހެން ތަންތަނެކޭވެސް އެއްފަދައިން ދިވެހިރާއްޖޭގައިވެސް ރައްޔިތުންނަށް ބޭނުންވާ ހުރިހާ ޚިދުމަތްތައް ހަމައެކަނި ސަރުކާރުން ކޮށްދޭގޮތަކަށް އޮވެގެން، އެ ޚިދުމަތްތައް ލިބެންވާ ފެންވަރަށް މުޖުތަމަޢަށް ލިބެމުން ނުދާނެތީ.

އާދެ، އަޅުގަނޑު މި ދަންނަވާލި ދަންނަވާލުމަށް ނުވަތަ ކުރި އިލްތިމާސަށް ލިބިގެންއައީ ވަރަށްވެސް އުފާކުރުން ޙައްޤު އިޖާބައެކޭ އަޅުގަނޑު ދަންނަވާނީ. އާދެ، އޭގެ ނަތީޖާއަކީ ވަރަށްކުޑަ ދުވަސްކޮޅެއްގެތެރޭގައި މާލޭގެ ކޮންމެ އަވަށެއްގައިވެސް ވަރަށް އެކަށީގެންވާ ފެންވަރަކަށް މަދަރުސާއެއް ހެދި އެމަދަރުސާތައް މިހާރު އެދަނީ ހިނގަމުން. އެއީ އަވަށުގެ ރައްޔިތުން އަމިއްލައަށް ޚަރަދު ކުރައްވައިގެން ރައްޔިތުންގެ އަމިއްލަ މަސައްކަތުން ރައްޔިތުންގެ އަމިއްލަ ރޭއްވެވުމުގެ ދަށުން ކުރައްވަމުން ގެންދަވާ ވަރަށްބޮޑު ކަމެއް.

އާދެ، ވަރަށްގިނަ ފަހަރަށް އަޅުގަނޑުމެންނަށް އިވޭއަޑެއް، ސަރުކާރުން އެކިއެކި އިލްތިމާސްކުރިޔަސް، ރައްޔިތުން އެކަމަށް އިޖާބަނުދޭ ވާހަކަ. ނުވަތަ އެކަށީގެންވާ ވަރަކަށް ރައްޔިތުންގެ ފަރާތުން ސަރުކާރުން ގޮވާލާ ގޮވާލުންތަކަށް ޢަމަލީ ސިފަ ނުގެނެވޭ ވާހަކަ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާނީ އެއީކީ އެއްގޮތަކަށްވެސް ތެދެއް ނޫނޭ. ދިވެހިރާއްޖޭގެ ރައްޔިތުންނަށް ވިސްނާއިރު، ދިވެހިރާއްޖޭގެ ރައްޔިތުންނަކީ އަޅުގަނޑު ދަންނަވާނީ ދުނިޔޭގެ އެއްތަނެއްގައިވެސް ނެތްފަދަ ރައްޔިތުންނޭ. އެހެން މިދަންނަވަނީ ދެންމެ މިނިސްޓަރުވެސް އެވިދާޅުވި ހެތްކާ އެކީގައި. އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގައިވެސް ފަށާތަޢުލީމު ކުރިޔަށްދަނީ ޤާނޫނެއްގެ ބާރުން. ޤާނޫނެއް ފާސްކޮށްފައި އެ ޤާނޫނުގެ ދަށުން ވަކި އުމުރެއްގެ ކުދިންނަށް ތަޢުލީމު ދިނުމަކީ މަޖްބޫރުކަމެއް ކަމުގައި ހަދާފައި އޮތީމާ، އެތަންތާނގައި އެކަންތައް އެގޮތަށް ހިނގަމުންއެދަނީ. އަޅުގަނޑުމެންގެ ރާއްޖޭގައި އެކަހަލަ ޤާނޫނެއް ނެތް، އެހެންނަމަވެސް، ޤާނޫނެއް އޮތުމަށްވުރެ މާފުރިހަމަ ދަރަޖައަކަށް ރައްޔިތުންގެ އެއްބާރުލެއްވުން މިކަމުގައި ލިބެމުންއެބަދޭ. ހަމައެކަނި މާލޭގައެއް ނޫން. މާލޭގެ ހަތަރުއަވަށުގައި މިހާރު މަދަރުސާތައް މިއުފެދެނީ. ރާއްޖެތެރޭގައިވެސް މިނިސްޓަރވެސް އެ ވިދާޅުވީ މީގެ ހައެއްކަ އަހަރު ކުރިޔާއި މިހާރާ ހުރި ތަފާތު. ރާއްޖެތެރޭގެ މިހާރު ހުރިހާ ރަށެއްގައިވެސް ގާތްގަނޑަކަށް އެ ވިދާޅުވިފަދައިން ސަތޭކައަކުން ދެރަށް ނުވަތަ ތިންރަށް އިސްތިސްނާވެދާނެ ފަހަރެއްގައި. އެނޫން ހުރިހާ ތަނެއްގައި ކޮންމެވެސް އަމިއްލަ މަކުތަބެއް، މަދަރުސާއެއް ނުވަތަ ކިޔަވައިދޭތަނެއް ނެތްހަމަ އެންމެ ރަށެއްވެސް ނެތް. އެ ހުރިހާ ތަނެއް ހިންގަމުން ގެންދަނީ އެމީހުން އަމިއްލައަށް. ބައެއް ފަހަރަށް ރަށުގެ ކޮންމެވެސްސް އެކަށީގެންވާ ފަރާތަކުން. ނުވަތަ ރަށުގެ އޮފީހުން ނުވަތަ ރަށް ކުރިއަރުވާ ކޮމިޓީން ނުވަތަ އެހެންވެސް މީސްމީހުން އެއްވެގެން މިކަންތައްތައް ކުރަމުން މި ގެންދަނީ، ވަރަށްބޮޑެތި ޚަރަދުތަކެއް ކޮށްގެން. އެމީހުންގެ މަޤްޞަދަކީ އެ ތަޢުލީމުގެ ބޭނުން އެމީހުންނަށް އިޙްސާސްކުރެއްވުމާ އެކުގައި، ސަރުކާރުން ތަޢުލީމަށްދޭ އަހަންމިއްޔަތު އެމީހުންނަށްވެސް އިޙްސާސްކުރެވިގެން ސަރުކާރުން ގޮވައިލާ ގޮވައިލުންތަކަށް އިޖާބަދިނުން.

އާދެ، އެހެންވީމާ، އަޅުގަނޑު ދަންނަވާނީ ދިވެހިރާއްޖޭގައި ޤާނޫނެއްނެތިވެސް މިކަން ހިނގަމުންމިދަނީ ވަރަށް ފުރިހަމަކޮށޭ. އެހެންވީމާ، މިކަމުން ދޭހަވާ އެއްޗަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ވަރަށް ކިޔަމަންތެރި، އިރުޝާދު ޤަބޫލުކުރާ، ހުރިހާ ކަމެއްގައިވެސް ވަރަށް އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރަމުންދާ ބައެކޭ.

އާދެ، މިހާރު މާލެއާއި ރާއްޖެތެރޭގައި ކިޔަވައިދޭ ތަންތަން ވަރަށްގިނަ އަދަދަކަށް އުފެދެމުން އެބަދޭ. ދާދިފަހުން އަޅުގަނޑު ބަލައިލި ހިސާބަކުންވެސް އެނގޭގޮތުގައި ގާތްގަނޑަކަށް ދުއިސައްތަ ހަތްދިހަވަރަކަށް ތަން އެބަހުރި ރަޖިސްޓަރީ ކުރެވިފައި، ހިނގަމުންދާ. އޭގެތެރޭގައި ސަރުކާރުގެ މަދަރުސާތަކާއި އަމިއްލަ މަދަރުސާތަކާއި މަކުތަބުތައް ހިމެނޭ. އެހެންވީމާ، މިހާރު މާލޭގަޔާއި ރާއްޖެތެރޭގައި އެކަށީގެންވާ އަދަދަކަށް މަދަރުސާ، މަކުތަބު މިފަދަ ތަންތަން ހެދެމުންދާކަމަށް ބުނެވިދާނެ. އެހެންވީމާ، އަޅުގަނޑަށް ހީވާގޮތުގައި މިހާރު އެންމެބޮޑަށް ސަމާލުކަންދޭންވީ ކަމަކީ، މި ދެންނެވި މަދަރުސާތަކާއި، މަކުތަބުތަކާއި، ކިޔަވައިދޭ ތަންތާނގައި ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުން. ޝައްކެއްނެތް، ހަމައެކަނި ކިޔަވައިދިނުމުގެ ނަމުގައި މަދަރުސާއެއް ހުޅުވައިގެން މަސައްކަތްކުރަމުން ގެންދިޔަ ކަމުގައިވިޔަސް އެތަނުން އެ ދެވޭ ތަޢުލީމަކީ އެކަށީގެންވާ ފެންވަރުގެ ތަޢުލީމެއް ކަމުގައިނުވަންޏާ، އެ ތަޢުލީމަކުން ދަރިވަރުންނަށް ކުރާނެ އެއްވެސް ފައިދާއެއްވެސް ނޯންނާނެ. އަދި މުޖުތަމަޢަށް ކުރާނެ ފައިދާއެއްވެސް ނޯންނާނެ.

އާދެ، ތަޢުލީމަކީ ވަރަށްބުރަ މަސައްކަތެއް. ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުން ލިބިގެންނޫނީ ކުރިޔަށް ނުގެންދެވޭނެ ކަމެއް. އަދި ވަރަށް ޚާއްޞަ ފަންނެއް. އެހެންވީމާ، ތަޢުލީމުގެ ފެންވަރު މައްޗަށް ގެންދިޔުމަށްޓަކައިވެސް ވަރަށްގިނަ ފަރާތްތަކެއްގެ އެއްބާރުލުންވެސް ބޭނުންވޭ. ވަރަށްގިނަ މަސައްކަތްތަކެއްވެސް ކުރެވެންޖެހޭ. އާދެ، ކުރިންވެސް މިފަދަ އެހެން މުނާސަބަތެއްގައި އަޅުގަނޑު ދެންނެވިފަދައިން، ތަޢުލީމުގެ ކަންތައްތައް ކުރިޔަށް ގެންދާއިރު އޭގައި، ތަޢުލީމުގެ ކަންތައްތައް ސަރުކާރުން ރާވައި އިންތިޒާމުކޮށް ހަދާ ފަރާތާއި، މަދަރުސާތައް ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކާއި، ކިޔަވާކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންނާއި އަދި އެ މަކުތަބުތަކާއި މަދަރުސާތަކުގައި ކިޔަވައިދޭ މުދައްރިސުންނާއި އަދި އެތަންތަނަށް ތަޢުލީމު ޙާޞިލުކުރުމަށްޓަކައި ދާ ކުދިންނާ، މިހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލުން ތަޢުލީމަށް ލިބެންޖެހޭ. އެއިން އެއްވެސް ފަރާތެއްގެ ފުރިހަމަ އެއްބާރުލުން ނުލިބޭކަމަށްވަންޏާ، ތަޢުލީމުގެ ވަރަށްބޮޑު ބައެއް އުނިވެގެންދާނެކަމާމެދަކު ޝައްކެއްނެތް.

އެހެންވީމާ، ތަޢުލީމުގެ ފެންވަރު މަތިކުރާއިރުވެސް، އަޅުގަނޑު މިދެންނެވި ފަރާތްތަކުގެ އެއްބާރުލެއްވުން ވަރަށްބޮޑަށް ބޭނުންވޭ. ހުރިހާ ފަރާތެއްގެ އެއްބާރުލެއްވުން ބޭނުންވަނީ އެއްދަރަޖައަކަށޭ ދެންނެވޭކަށް ނެތް. އެއީ ތަޢުލީމުގެ ފެންވަރު ކުރިޔަށް ގެންދިޔުމުގައި، ޝައްކެއްނެތްގޮތުގައި ދައުލަތުގެ ތަޢުލީމާބެހޭ ވުޒާރާގެ ވަރަށްބުރަ މަސްއޫލިއްޔަތެއް، ވަރަށްބޮޑު މަސްއޫލިއްޔަތެއް އެކަމުގައި ހިމެނިފައިވޭ. ހަމައެފަދައިން މަދަރުސާތައް ހިންގާ ފަރާތްތަކުގެ މަސްއޫލިއްޔަތުވެސް އެކަމުގައި ވަރަށްބޮޑު. އަދި ތަޢުލީމު ދޭންތިބޭ މީހުން، އާދެ، މުދައްރިސުން، އެމީހުންގެ މަސްއޫލިއްޔަތު އެކަމުގައި އަދި ވަކިން ބޮޑު.

އެހެންވީމާ، މިހުރިހާ ފަރާތްތަކަކުން މިހާރު އެންމެބޮޑަށް ވިސްނަވަންވީ ނުކުތާއަކީ، ރާއްޖޭގައި ދެވޭ ތަޢުލީމުގެ ފެންވަރު މައްޗަށް ގެންދާނީ ކިހިނެއްތޯ؟ އާދެ، ތަފާތު ރޮނގުރޮނގުގައި މިހާރު ތަޢުލީމު ދެވެމުން އެބަދޭ. މާލޭގައި ހުންނަ މަދަރުސާތަކުގައި ދިވެހިބަހާއި އިސްލާމާއި، އަޅުގަނޑުމެންގެ ތިމާވެށްޓަށް ނުވަތަ މުޖުތަމަޢަށް ބޭނުންވާ އެކިއެކި ޢިލްމުތަކާއި ހުނަރުތަކުގެ އިތުރަށް، މިޒަމާނުގެ މާއްދާތައް ކިޔަވައިދެމުންގެންދޭ. އިނގިރޭސިބަސް ކިޔަވައިދޭ. ޢަރަބިބަސް ކިޔަވައިދޭ. އަދި އޭގެ އިތުރަށް، ޔުނިވަރސިޓީ ތަޢުލީމަށް ކުދިން ތައްޔާރުކުރުމުގެ ގޮތުން ކޮންމެހެން ކިޔަވަންޖެހޭ މާއްދާތައްވެސް ކިޔަވައިދެމުން ގެންދޭ. ސަރުކާރުގެ މަދަރުސާތަކުގައިވެސް، އަދި އަމިއްލަ ބައެއް ތަންތާނގައިވެސް. އެހެންވީމާ، ތަފާތު މާއްދާތައް އަޅުގަނޑުމެންގެ ދަރިންނަށް މިހާރު މިދަނީ ކިޔަވައިދެމުން. ކިޔަވައިދެމުންދާއިރު، ކޮންމެ މާއްދާއަކުންވެސް އެކަށީގެންވާ ފެންވަރަށް އެ މާއްދާއަކާބެހޭ މަޢުލޫމާތު ދަރިވަރުންނަށް ޙާޞިލުކޮށްދެވޭނީ ކިހިނަކުންތޯ އަޅުގަނޑުމެން ވަރަށްބޮޑަށް ވިސްނަންވެއްޖެ. އަދި އެގޮތަށް ވިސްނައިގެން އެކުދިންނަށް އެ ލިބޭ މަޢުލޫމާތު މުއްސަނދިކޮށް، އެ ލިބޭ މަޢުލޫމާތަކީ ޙަޤީޤަތުގައިވެސް އެކުދިން ޤައުމަށްޓަކައި ބޭނުންވާނެ މަޢުލޫމާތު ކަމުގައި ހެދުމަށްޓަކައި ވަރަށްބޮޑެތި މަސައްކަތްތަކެއް މިހާރު ކުރަންވެއްޖެކަމަށް އަޅުގަނޑު ދެކެން. އާދެ، އޭގެތެރެއިން ޝައްކެއްނެތްގޮތުގައި، އެއްކަމަކަށްވާނެ މުދައްރިސުންގެ ފެންވަރު މަތިކުރުން.

އާދެ، އަޅުގަނޑުމެން ބޭރުން ވަޒީފާދީގެން މިގެންނަ މުދައްރިސުންނަކީ އެކަންކަމުގެ ސަނަދު، ތަޢުލީމު ދިނުމުގެ ނުވަތަ އެމީހުން އެކިޔަވައިދޭ މާއްދާތަކެއް ކިޔަވައިދިނުމުގެ ސަނަދު ހޯދާފައިވާ މީހުން. އަދި އޭގެ އިތުރުން ތަޢުލީމު ދިނުމުގެ ޚާއްޞަ ފަންނުގެ އެކިއެކި ސަނަދުވެސް ހޯދާފައި ތިބޭ މީހުން. އެމީހުންގެ ފެންވަރު އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ރާއްޖެއަށް އެކަށީގެންވާވަރުވާނެ. އެހެންވީމާ، އަޅުގަނޑުމެން ބޮޑަށް ސަމާލުކަންދޭންވީ އަޅުގަނޑުމެންގެ ރާއްޖޭގައި މިއުފައްދާ މުދައްރިސުންގެ ފެންވަރު މަތިކުރުމާ ދޭތެރޭގައި.

ޝައްކެއްނެތްގޮތުގައި، ކުރިންވެސް އަޅުގަނޑު ދެންނެވިފަދައިން، ރާއްޖޭގެ ތަޢުލީމު އެކަށީގެންވާގޮތެއްގައި ކުރިޔަށްދާނީ ރާއްޖޭގެ މުދައްރިސުންވެސް އެއީ ދިވެހިންކަމުގައި ވެގެން. ބޭރުބައެއްގެ މަސައްކަތަށް އިންތިޒާރުކޮށްގެން އެމީހުންކުރާ މަސައްކަތެއްގެ ނަތީޖާއަށް ބަލަބަލައި ތިބުމުގެ ބަދަލުގައި، އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ފައިދާއަށްޓަކައި މަސައްކަތްކުރުމުގެ ބޭނުންތެރިކަން މާބޮޑުކަން އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް އެނގޭނެ. އެހެންވީމާ، މުސްތަޤުބަލުގައިވެސް އަޅުގަނޑުމެންގެ އަމާޒުފަތްގަނޑަކަށް ވާންޖެހޭނީ ހުރިހާ މާއްދާތަކެއްވެސް ދިވެހިންނަށް ކިޔަވައިދެވޭ ދުވަހެއް އާދޭތޯ، އެދުވަސް އަވަސް ކުރުމަށް މަސައްކަތްކުރުމުގައި. ކޮންމެއަކަސް އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު އެކަށީގެންވާ އަދަދަކަށް ދިވެހި މުދައްރިސުން އެބަތިއްބޭ.

އެހެންނަމަވެސް، އެ މުދައްރިސުންގެ ފެންވަރު އެއީ އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ނުވެ ހިނގައިދާނޭ. އެހެންވީމާ، އެ ފެންވަރު މަތިކުރުމަށްޓަކައި އަޅުގަނޑުމެން އެންމެން އެއްބާރުލައިގެން މަސައްކަތް ކުރަންވެއްޖެއޭ. ހަމައެއާއެކުގައި މުދައްރިސުންގެ ފެންވަރު މަތިކުރުމާއެކުގައި މުދައްރިސުން އެ އަދާކުރަންޖެހޭ ވާޖިބު، އެމީހުންގެ މަސްއޫލިއްޔަތު ފުރިހަމަގޮތުގައި އަދާކުރުމަށްވެސް އަޅުގަނޑު ވަރަށްބޮޑަށް ބާރުއަޅަން. އެއީ އެކަށީގެންވާ ވަރަކަށް އެމީހެއްގެ މާއްދާ ދަންނަ އަދި ކިޔަވައިދިނުމުގެ އުޞޫލުތައްވެސް ފުދޭވަރަކަށް ދަސްކޮށްފައިވާ މުދައްރިސަކު ނަމަވެސް، އޭނާގެ ވާޖިބު ފުރިހަމަގޮތުގައި އަދާކުރަމުން ނުދާކަމަށްވަންޏާ އޭނާގެ ފަރާތުން އޭނާ އެ ކިޔަވައިދޭ ކުލާހަކަށް ލިބެންވާ މަޢުލޫމާތު ނުލިބޭނެކަން ކަށަވަރު. އާދެ، މިކަމުގެ ހެކިތައް އަޅުގަނޑުމެންނަށް ވަރަށްގިނައިން ފެންނަމުން އެބަދޭ. އެކަށީގެންވާ މުދައްރިސުން ބައެއް ތަންތާނގައި ކިޔަވައިދެމުން ގެންދޭ. އެހެންނަމަވެސް، އެމީހުން އެމީހުންގެ ވާޖިބަށް އެކަށީގެންވާ ގޮތެއްގައި ޙުރުމަތްތެރިކޮށްނުހިތާތީ ނުވަތަ ބޭނުންވާވަރަށް ފަރުވާތެރިކަން ނުބަހައްޓާތީ، އެމީހުންގެ ފަރާތުން ކުދިންނަށް ލިބޭ ޚިދުމަތް އެއްގޮތަކަށްވެސް އެއީ އެކަށީގެންވާ ޚިދުމަތެކޭ ދެންނެވޭކަށް ނެތް. ބައެއްފަހަރަށް އިމްތިޙާނު ކައިރިވެގެން އަންނައިރު ސުވާލުތަކެއް ދީފާނެ. އެސުވާލުތައް ދަސްކޮށްލައިގެން ޖަވާބުތައް ދަސްކޮށްގެން އިމްތިޙާނަށް ދިޔައިމާ ފާސްވާނެއޭ ބުނެފާނެ. އަދި ކުދިންލައްވައި އަހަރުގެތެރޭގައި ހައްދާ އެކިއެކި އިމްތިޙާނުގައި އެކުދިން ޖަވާބު ދިނީމާ މާބޮޑު ބަލައިލުމެއްނެތި، ރަނގަޅު ފާހަގަޖަހާފައި، ދިހައަކުން ދިހައެއް، ސަތޭކައަކުން ސަތޭކަވެސް ދީފައި އެބަހުރި. އަޅުގަނޑަށްވެސް މިތަން ފެނިފައި އެބަހުރި. ވަރަށްގިނަ ކުށްތައް ފޮތުގައި އޮއްވައި، އެކުށްތައް އިޞްލާޙުނުކޮށް، ކުދިންނަށް އެމީހުން އެދިން މަޢުލޫމާތުގެ ޙަޤީޤަތް ބަޔާންކޮށްނުދީ، އެކަށީގެންވާ އިރުޝާދުނުދީ، ހަމަ ފަރުވާކުޑަކޮށްލުމުގެ ގޮތުންނޭ އަޅުގަނޑަށް ދެންނެވޭނީ. ވަރަށް ހިތާމަކުރަން އެކަހަލަ ބަހެއް ބޭނުންކުރަންޖެހޭތީވެސް. އެހެންނަމަވެސް އެއީ ޙަޤީޤަތް. ފަރުވާކުޑަކުރުމުގެ ގޮތުން އެމީހުން ބަލައިލާފައި ރަނގަޅު ފާހަގަޖަހާފައި، ސަތޭކައަކުން ސަތޭކަދީފައި ދޫކޮށްލަނީ. އެކަމަކު އެއިން އެކުއްޖާއަށް ލިބެންވާ ޙަޤީޤީ އުފަލެއް ނުލިބޭނެކަން ކަށަވަރު. އޭނާއަށްވެސް ކޮންމެވެސް ދުވަހަކުން އެނގޭނެ، ތިމަންނާ ޖަވާބުތައް ދީފައި މިހިރީ ރަނގަޅަކަށް ނޫންކަން. އެހެންވީމާ، މިކަހަލަ ކަންތައްތައް މަދަރުސާތަކުން ނައްތާލެވިގެންނޫނީ، އަޅުގަނޑުހިތުން އެކަށީގެންވާގޮތަކަށް އަޅުގަނޑުމެންނަކަށް ތަޢުލީމު ކުރިޔަކަށް ނުގެންދެވޭނެ.

މިކަންތައްތައް ރަނގަޅު ކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފިޔަވަޅު އަޅުއްވަމުން ގެންދަވާކަން އަޅުގަނޑަށް އެނގޭ. އެހެންނަމަވެސް، އެ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާއިރު، މިނިސްޓްރީން ކިތަންމެ ރަނގަޅަށް ފިޔަވަޅުތަކެއް އެޅުއްވިޔަސް، އެކަން ޢަމަލީގޮތުން ހިންގަންތިބޭ ފަރާތްތަކުގެ އެއްބާރުލުން ނުލިބޭ ކަމަށްވަންޏާ، އެ ފިޔަވަޅުތަކުން ކުރެވޭނެ މާބޮޑު ފައިދާއެއްވެސް ނޯންނާނެ.

އާދެ، އިތުރު ފިޔަވަޅެއްގެ ގޮތުގައި، ދުނިޔޭގެ އެހެން ތަންތާނގައިވެސް ޢަމަލު ކުރެވެމުންދާ އުޞޫލަކަށް މިހާރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޢަމަލުކުރައްވަން ފަށްޓަވައިފި. އެއީ އެކި މާއްދާތައް ކިޔަވައިދޭ ކުލާސްތަކަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން އިނިސްޕެކްޓަރުން ނުވަތަ އެކަންތައްތައް ބަލައި މީހުން ފޮނުއްވައިގެން ބައްލަވަމުން ގެންދެވުން. މުޤައްރަރުގައިވާ މަޢުލޫމާތުތޯ ކުދިންނަށް ކިޔަވައިދެނީ. އެކުދިންނަށް ކިޔަވައިދިނުމުގައި މުދައްރިސް ޢަމަލުކުރަމުން ގެންދަނީ، ރަނގަޅު އުޞޫލަކަށްތޯ، އެކުދިންނަށް އެމަޢުލޫމާތުތައް ޙާޞިލުކޮށްދިނުމަށް މުދައްރިސުން ބޭނުންކުރަންޖެހޭ ވަސީލަތްތައް ފުރިހަމައަށް ބޭނުންކުރަމުން ގެންދޭތޯ، ކުދިންނަށް މުދައްރިސުންގެ ފަރާތުން އެކަށީގެންވާގޮތަކަށް އެމީހުންގެ ޚިދުމަތް ލިބެމުންދޭތޯ، އެމީހުންގެ ތަޢުލީމުދިނުމުގެ ފެންވަރަކީ ކޮބައިތޯ، މިކަންކަން ބެލުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިހާރު އެ އިންތިޒާމު ހަމަޖައްސަވައިގެން، ބައެއް މާއްދާތައް ކިޔަވައިދޭ މުދައްރިސުންގެ މަސައްކަތް ހުރިނެތްގޮތް ބައްލަވަން މީހުން އެބަ ފޮނުއްވާ. އަޅުގަނޑަށް އެނގިފައިވާގޮތުގައި ވަރަށް އަވަހަށް މިކަންތައް އާންމުވެގެންދާނެ. ފުރަތަމަކޮޅުގައި އެއްމަދަރުސާއެއްކަން، ދެމަދަރުސާއެއްކަންނޭނގެ ބެއްލެވޭނީ. އަދި ފުރަތަމަކޮޅުގައި ބެއްލެވޭނީ. މަދު މާއްދާތަކެއް އެއީ. މިކަމަށްވެސް އެކަށީގެންވާ މީހުން ބޭނުންވޭ. މިކަމުގެ ތަޖުރިބާހުރި، މަޢުލޫމާތުހުރި މީހުން، އެތަންތަނަށް ގޮސްގެންނޫނީ، އެތަޢުލީމުދެނީ ރަނގަޅު ފެންވަރަކަށްތޯ، އެ ތަޢުލީމު ދެމުންގެންދަނީ ރަނގަޅު އުޞޫލެއްގެ މަތިންތޯ، މި ކަންކަން ނުބެލޭނެކަން ކަށަވަރު. ކޮންމެއަކަސް، މިއީ ދުނިޔޭގެ އެހެން ތަންތާނގައިވެސް ޢަމަލު ކުރެވެމުންދާ އުޞޫލެއް. އެތަންތާނގައި އޮންނަ ނިޒާމެއް. އެހެންވީމާ، ރާއްޖޭގެ ތަޢުލީމު ކުރިޔަށް ގެންދާއިރުވެސް މިއީ ބޭނުންތެރި ކަމެއްކަމުގައި ފެނިގެން، މިހާރު އެކަމަށް ޢަމަލުކުރަމުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެބަގެންދެވާ.

އާދެ، ހަމައެއާއެކު ދަންނަވަންޖެހެނީ، ތަޢުލީމު ކުރިޔަށް ގެންދިޔުމަށްޓަކައި ދައުލަތުގެ ފަރާތުންކުރާ މަސައްކަތްތަކުގެ ތެރޭގައި، މީގެ ދެތިން މަސް ދުވަސް ކުރިން ގަލޮޅުމަދަރުސާ ހުޅުވުނުރޭ، އަޅުގަނޑު އެތާނގައި ދެއްކި ވާހަކައިގައިވެސް ބުނިފަދައިން، ބެލެނިވެރިންގެ މަޖިލިސްތަކެއް އެމިނިސްޓްރީން އުފައްދަވާގޮތަށް މިހާރުވަނީ ހަމަޖެހިފައި. އޭގެބޭނުމަކީވެސް ތަޢުލީމު ދިނުމުގައި ބެލެނިވެރިންގެ ލަފަޔާއި އިރުޝާދު ހޯދުން. އަދި އެމީހުންގެ އެއްބާރުލުން ހޯދުން. އެއީ ކުރިންވެސް އަޅުގަނޑު ދެންނެވިފަދައިން، ބެލެނިވެރިންގެވެސް ފުރިހަމަ އެއްބާރުލުން ތަޢުލީމަށް ކޮންމެހެން ލިބެންޖެހޭ. އެއީ ދަރިވަރު ނުވަތަ ކިޔަވާކުއްޖާ މަދަރުސާގައި އުޅޭ ވަގުތަށްވުރެ މާގިނަވަގުތު ހޭދަކުރަނީ އޭނާގެ ގޭގައި. އެހެންވީމާ، އެކުއްޖަކު ރަނގަޅު އުޞޫލެއްގެމަތިން ތަރުބިއްޔަތު ކުރުމުގައި، އޭނާއަށް ރަނގަޅު އަޚްލާޤެއް ދަސްކޮށްދިނުމުގައި، ރަނގަޅު ގޮތްތަކަކަށް ކުއްޖާ ހޭނުވުމުގައި، މަދަރުސާއިން ކުޅެންޖެހޭ ބަޔަށްވުރެ ބެލެނިވެރިން ނުވަތަ މައިންބަފައިން ކުޅެންޖެހޭ ބައި ވަކި ކުޑައެއްނޫން. އެހެންވީމާ، ކޮންމެ މަންމަޔަކުވެސް ނުވަތަ ބައްޕަޔަކުވެސް އޭނާގެ ކުދިން، ދަރިން، މަދަރުސާތަކަށް ފޮނުވުމުގެ އިތުރަށް، އެކުދިން ފިލާވަޅު ދަސްކުރޭތޯ ނުވަތަ ފިލާވަޅު ދަހެއްނުކުރޭތޯ، އެކުދިން އަޚްލާޤީގޮތުން ކުރިޔަށްދޭތޯ، އެކުދިންގައި އުނިސިފަތަކެއް ހުރޭތޯ، މިކަންކަން މައިންބަފައިންނާއި ބެލެނިވެރިން ބަލަންޖެހޭނެ. އަދި އެކުދިން އިޞްލާހު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަންޖެހޭނެ.

އާދެ، ކުރީރޭގައި މިދެންނެވި ގަލޮޅު މަދަރުސާ ހުޅުވުނުރޭގައި ވަރަށް ތަފްޞީލުކޮށް އެކަމާ ދޭތެރޭގައި އަޅުގަނޑު ވާހަކަ ދެއްކިން. އެހެންވީމާ، އެވާހަކަ އަލުން ތަކުރާރުކުރާކަށް އަޅުގަނޑު ޤަޞްދެއް ނުވެސްކުރަން. މިރޭ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ހަމަ މިނިސްޓަރ އޮފް އެޑިޔުކޭޝަންވެސް ވިދާޅުވި ވާހަކައެއް. އެއީ ތަޢުލީމު ދިނުމުގައިވެސް އެންމެ ފައިދާހުރި ގޮތަކަށްވަނީ ރަނގަޅު ނަމޫނާއެއް ދެއްކުމޭ. މުދައްރިސުންވެސް އަދި މައިންބަފައިންވެސް، ބެލެނިވެރިންވެސް، އެންމެންވެސް ކިޔަވާކުދިންނަށް ރަނގަޅު ނަމޫނާއެއް ދެއްކީމާ، އެމީހުންނަށް އެންމެ ފައިދާކުރާގޮތެއްގައި، އެންމެ އަސަރުކުރާގޮތެއްގައި، އެކުދިން ތަރުބިއްޔަތު ކުރަމުން ގެންދެވޭނީ.

އާދެ، ތެދުބުނަން ނަޞޭހަތްތެރިވާއިރު، އެދަރިފުޅުގެ ކުރިމަތީގައި ބައްޕަ ނުވަތަ މަންމަ ދޮގުހަދާކަމަށްވަންޏާ ޝައްކެއްނެތްގޮތުގައި، އެ ކުއްޖަކު އެއީ ތެދުބުނާ ކުއްޖަކަށްނުވާނެ. އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ފަސޭހައިން ވެދާނެކަމެއް މި ދެންނެވީ. އެއީ އަޅުގަނޑުމެން އުޅޭ މުޖުތަމަޢުގެގޮތުން ވަރަށް ކުޑަކުޑަ ތަންކޮޅެއްގައި އެންމެންވެސް ދިރިއުޅެނީ. އެންމެ ކޮޓަރިއެއްގައި ނުވަތަ މުޅި ގޭގައި ދެތިން ހަތަރު ކޮޓަރި ހުންނައިރު، ވިހި ތިރީސް މީހުން އުޅޭގޮތަށް ގިނަފަހަރަށް ހަމަޖެހިފައި އޮންނަނީ، އަޅުގަނޑުމެންގެ ކަންތައްތައް ހުންނަގޮތުން. އެހެންވީމާ، އެހެން މީހުންނާއި ބައްޕަ ނުވަތަ މަންމަ ވާހަކަ ދައްކާއިރު، އެދައްކާތާނގައި ދަރިފުޅު ހުންނަގޮތްވުމަކީ ވަރަށް އެކަށީގެންވާ ކަމެއް. އެހެން ހުންނަ ހުރުމުގައި ދަރިފުޅަށް އިވިދާނެ، ބައްޕަ ކަނޑައެޅިގެން ދޮގެއް ބުނާއަޑު. ނުވަތަ މަންމަ ދޮގެއް ބުނާއަޑު. އެހެން އިވުނީމާ އެކުއްޖާއަށް ކުރާނެ އަސަރު ތިޔަބޭފުޅުން ވިސްނަވާލަބައްލަވާ. ޝައްކެއްނެތްގޮތުގައި ވަރަށްބޮޑު އަސަރެއް ކުރާނެ. އެ ކުއްޖާގެ ހިތުގައި ތެދުބުނުމަށް އެއްވެސްކަހަލަ ޙުރުމަތްތެރިކަމެއް ނުވަތަ އަހަންމިއްޔަތެއް ނޯންނާނެ. އަދި އަޅުގަނޑުމެންގެތެރެއިން ވަރަށްގިނަ މީހުންނަކީ މަސައްކަތްތެރިން. ރާއްޖޭގެ މަސައްކަތްތެރިންނަކީ ކިތަންމެ ހީވާގި މުރާލި ބައެއްކަމުގައިވިޔަސް، އަޅުގަނޑަށް ހީވަނީ ބުނާދުވަހަށް ކަންތައްތައް ނިންމުމުގައި މާފަރުވާ ބަހައްޓާ ބައެއް ނޫނޭ.

އެހެންވީމާ، ވަރަށްގިނަފަހަރަށް ކުދިންނަށް ދިމާވެދާނެ މަންޒަރެއް މި ދަންނަވަނީ. ބައްޕަ އެއީ ކޮންމެވެސް މަސައްކަތެއް ކުރާ މީހަކަށްވެގެން، ވަކިދުވަހަކަށް މަސައްކަތް ނިންމާނެކަމަށް ބުނެފައި އޮންނަނީ. އެދުވަހަށް އެ ކަންތައް ނިމިދާނެކަމަށް، އެމީހަކު އަންނައިރު އޮންނަނީ ނުނިމި. ދެން ކޮންމެވެސް ދޮގެއްހަދަނީ، ކުއްޖާ ކުރިމަތީގައި. އެހެންހަދާއިރު އެކުއްޖާއަށް އެބަ އެނގޭ ދޮގުހެދުމާއި، މަކަރުހެދުމާއި، ދެން ކޮންމެގޮތަކުންނަމަވެސް އެކަންތައް ބޮލުން ނައްޓާލުން އެއީކީ ގޯސްގޮތެއްނޫންކަން. އެގޮތަށް ކުއްޖާ ތަރުބިއްޔަތުވަމުންދަނީ. އަޅުގަނޑު މިދެންނެވީ ހަމައެކަނި ވަރަށްގިނައިން ދިމާވެދާނެކަހަލަ މިސާލެއް. މިކަހަލަ ކިތަންމެ ކަމެއް. އެހެންވީމާ، އެންމެބޮޑު ސަމާލުކަމެއް އަޅުގަނޑުމެން ދޭންޖެހޭނީ އަޅުގަނޑުމެން އެކިގޮތްގޮތަށް ވާހަކަ ދައްކައި ޢަމަލުކޮށް ހަދާއިރު، ކުދިންނަށް އެއިން ކުރާނެ އަސަރާ ދޭތެރޭގައި ވިސްނަންޖެހޭނެ. އަޅުގަނޑުމެން ބުނާ ބަހަކުންވެސް ކުއްޖާއަށް ކުރާނެ އަސަރު، އޭނާއަށް ލިބޭނެ ޚިޔާލު. ޢަމަލުކުރާގޮތުންވެސް އެކުއްޖާއަށް އެއްޗެއް ދޭހަވާނެހެން އަޅުގަނޑުމެން ވިސްނަންޖެހޭނެ. ޅަކުދިންނަކީ ވަރަށް ތޫނުބައެއް. ވަރަށް ފަސޭހައިން ކަންތައްތައް ދަމައިގަންނާނެ. ކިރިޔާބުނެވޭ އެއްޗަކުންވެސް މާނަ ދޭހަވެގެން ހިނގައިދާނެ. ނުވަތަ ޢަމަލުކުރާ ގޮތަކުންވެސް އޭނާއަށް އެއްޗެއް އެނގިދާނެ. އެހެންވީމާ، ވަރަށް ބޮޑަށް ކުޑަކުދިންގެ ކުރިމަތީގައި، ކިޔަވާކުދިންގެ ކުރިމަތީގައި މައިންބަފައިންނާއި ބެލެނިވެރިން ވަރަށްބޮޑަށް ވިސްނަންޖެހޭނެ. އެމީހުން ބުނާބަސް ބުނާއިރުގައިވެސް، ކަންތައްތައްކުރާ ކުރުމުގައިވެސް.

ހަމައެފަދައިން މުދައްރިސުންވެސް، މުދައްރިސް ކިޔަވައިދޭން އަންނައިރު އޭނާ އެމަސައްކަތަށް ފަރުވާތެރިކަން ނުބަހައްޓާ ކަމަށްވަންޏާ، ކުދިންނަށް ދުވަހަކުވެސް ކަންކަމަށް ފަރުވާތެރިކަން ބަހައްޓާކަށް ދަހެއްނުވާނެ. މުދައްރިސް އަންނަނީ މިސާލަކަށް، ފިލާވަޅު ތައްޔާރުވެސްނުކޮށް، ވަރަށް ކަންފަސޭހަގޮތަކަށް އެއްޗެއް ބޯޑުގައި ލިޔެލާފައި ހިނގައިދާނެ. ކުދިންލައްވައި އެ ނަކަލުކުރުވަނީ. ކުދިން ނަކަލުކުރީމާ އެނަކަލުކުރީ ރަނގަޅަށްތޯއެއް ނުބަލާ. ކުދިން ސުވާލުތަކަށް ނުބައިކޮށް ޖަވާބުދިނީމާ އެ ރަނގަޅުކޮށެއްނުދޭ. މިކަހަލަ ގޮތްގޮތަށް މުދައްރިސުން ކުދިންގެ ކުރިމަތީގައި ކަންތައް ކުރަމުންދާ ކަމަށްވަންޏާ އެކުދިންނަށް އެކަމުންވެސް ލިބޭނީ ވަރަށް ނުބައި ފިލާވަޅެއް. އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅެނީ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ވާހަކަފުޅަށް ތާއީދުކުރުމުގެ ގޮތުން، އަޅުގަނޑުމެން ބޭނުންވަނީ ރަނގަޅު ނަމޫނާތަކެއް ކުދިންނަށް ދެއްކުމޭ. އެ ނަމޫނާ ދައްކާ ބަޔަކީ މުދައްރިސުން ކަމުގައިވެސް ވާންޖެހޭނެ. އަދި އެނަމޫނާ ދައްކާ ބަޔަކީ މައިންބަފައިން ކަމުގައިވެސް ވާންޖެހޭނެ. މިހުރިހާ ފަރާތެއްގެ އެއްބާރުލުން ލިބިގެންނޫނީ، އަޅުގަނޑުމެން ބޭނުންވާކަހަލަ ޖީލެއް ނުއުފެއްދޭނެކަން ކަށަވަރު.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު މިހިސާބުން ކުރުކޮށްލަން ޤަޞްދުކުރަނީ. އެހެންނަމަވެސް، މުޅިން ނިންމާލުމުގެ ކުރިން، އަޅުގަނޑު ކުރިން ދެންނެވި ވާހަކަޔަކަށް ނިސްބަތްވާގޮތުން ހެންވޭރު އަވަށް ކުރިއަރުވާ ކޮމިޓީގެ ބޭފުޅުންނަށް އެއްޗެއް ދަންނަވާލަން ބޭނުންވޭ. އެއީ އަޅުގަނޑު ހެންވޭރާ ދޭތެރޭގައި ވާހަކަ ދައްކަމުން، އަދި ހެންވޭރަކީ ތަޢުލީމީގޮތުން ފާހަގަކުރެވޭ އަވަށެއް ކަމުގައި ދަންނަވަމުން އަޅުގަނޑު ދެންނެވިން، މިއަވަށުގައި ވަރަށްގިނަ ދުވަސް ވަންދެން ހިންގާފައިވާ އަމިއްލަ މަދަރުސާއެއް އެބަހުއްޓޭ. އަދި އެ މަދަރުސާ ހިންގަވާ ފަރާތަކީ ދިވެހިރާއްޖޭގެ ތަޢުލީމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި އެކަން ދައުލަތުން ފާހަގަކޮށް އޭނާއަށް ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތް ކުރެއްވުމުގެ ޝަރަފުވެރިކަމުގެ އިނާމު ލިބިފައިވާ ބޭކަލެކޭ. އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ ހެންވޭރު ސްކޫލްގެ ކޮންމެވެސް މަޝްވަރާގެ މަޤާމެއް އަލްފާޟިލް ޢަލީ އަޙްމަދަށް ހަމަޖައްސަވާފައި ބޭއްވެވުން. އާދެ، މަޤާމުގެ ނަން އެއީ މާ މުހިންމު އެއްޗެއް ނޫން. އެހެންނަމަވެސް، އަޅުގަނޑުގެ މަޤްޞަދަކީ އެފަދަ ތަޖުރިބާކާރު މުރައްބީއަކު މިއަވަށުގައި ހުންނެވީމާ، އޭނާގެ ތަޖުރިބާގެ ފައިދާ މި މަދަރުސާއަށް ލިބެމުންދިޔުން. އެހެންވީމާ، އެގޮތަށް އެކަން ހަމަޖައްސަވައިފިއްޔާ، އަޅުގަނޑަށް ހީވަނީ އެއިން، ވަރަށް އެކަށީގެންވާ ރަނގަޅު ނަތީޖާއެއް މަދަރުސާއަށް ލިބެމުންދާނެހެން. އާދެ، އެގޮތަށް ދަންނަވާލުމާ އެކުގައި އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ.

އަޅުގަނޑުގެ ދުޢާއަކީ الله تَبَارَكَ وَتَعَالَىٰ ދިވެހިރާއްޖެއަށް އަދަށްވުރެ ހުރިހާ ގޮތަކުންވެސް ރަނގަޅު މާދަމައެއް ދެއްކެވުން. ރާއްޖެ ކުރިޔަށް ގެންދިޔުމަށްޓަކައި ސަރުކާރުގެ ފަރާތުންނާއި، އަމިއްލަ ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތަކުގައި، އެކަލާނގެ ތައުފީޤު ލެއްވުން. އަދި އެ މަސައްކަތްތަކުގެ ފޮނި ނަތީޖާ އަޅުގަނޑުމެންނަށް ދެއްކެވުން. ދިވެހިރާއްޖޭގެ ތަޢުލީމަށާއި، ދިވެހިރާއްޖޭގެ ކުރިއެރުވުމަށް ހުރިހާ ރޮނގަކުންވެސް މަގު ފަހިކޮށްދެއްވުން.

والسّلام عليكم ورحمـة اللّـه