ރާއްޖޭގެ ތަރައްޤީގައި ސްރީލަންކާގެ ރައްޔިތުންގެ ޙިއްޞާ ވަރަށް ބޮޑުކަން ފާހަގަކުރައްވައި، ރާއްޖޭގައި މަސައްކަތްކުރައްވާ ސްރީލަންކާގެ ރައްޔިތުން ކުރައްވާ މަސައްކަތްތަކަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޝުކުރު އަދާކުރައްވައިފިއެވެ. ސްރީލަންކާގެ ރައްޔިތުންނަށް ނައިބު ރައީސް ޝުކުރުއަދާކުރެއްވީ، އެ ޤައުމުގެ ދާޚިލީ ހަނގުރާމައިގެ ބަޠަލުންނަށް އިޙްތިރާމް އަދާކުރެއްވުމުގެ ގޮތުން، ރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައިކޮމިޝަނާއި ރާއްޖޭގައި މަސައްކަތް ކުރައްވާ ސްރީލަންކާގެ ރައްޔިތުންގެ ފަރާތުން މިއަދު ހަވީރު ދަރުބާރުގޭގައި ބޭއްވެވި ޚާއްޞަ ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން ސްރީލަންކާގެ ވަރަށްގިނަ ރައްޔިތުންނަށާއި، އެ ޤައުމުގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި، މި މުނާސަބަތުގައި، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައަށާއި، ސްރީލަންކާ ސަރުކާރަށާއި އެޤައުމުގެ ސިފައިންނަށާއި ރައްޔިތުންނަށް ނައިބު ރައީސް ތަހުނިޔާ ވިދާޅުވިއެވެ.
ދާޚިލީ ހަނގުރާމަ ނިމުމާއެކު ސްރީލަންކާގައި މިހާރު ފެށިފައިމިވަނީ ޞުލްޙަ ޤާއިމުކޮށް، ޤައުމު އަލުން ބިނާކުރުމުގެ މަރުޙަލާ ކަމަށާއި، ސްރީލަންކާ ސަރުކާރާއި މަދަނީ ޖަމާޢަތްތަކާއި ރައްޔިތުން ގުޅިވަޑައިގެން އެ ޤައުމަށް ދާއިމީ ޞުލްޙައާއި ތަރައްޤީ ހޯއްދަވައިދެއްވުމަށް މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ރާއްޖެއިން ފާހަގަކުރާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ސްރީލަންކާއަށް ލިބިފައިވާ ގިނަ ޤުދުރަތީ އަދި މާއްދީ ވަސީލަތްތަކުގެ ބޭނުންހިފައިގެން އިތުރު ތަރައްޤީ ހޯދުމުގެ މަގު މިހާރު ފަހިވެފައިވާކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.
މި ޙަފްލާގައި، ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގައި އެކިއެކި ޖިސްމާނީ ގެއްލުން ލިބިފައިވާ ސިފައިންގެ މައްޗަށް އެކުލެވޭ ޢަސްކަރިއްޔާގެ މިއުޒިކަލް ޓްރޫޕްގެ ލީޑަރ ކާނަލް އަމްޕީމޮހޮއްޓިއަށް ޚާއްޞަ ހަނދާނީ ފިލައެއް އެރުވުން އޮތެވެ. މި ހަނދާނީފިލާ ކާނަލް އަމްޕީމޮހޮއްޓިއަށް އެރުއްވީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ. މިޙަފްލާގައި މި މިއުޒިކަލް ޓްރޫޕްގެ ހުށަހެޅުމެއް ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީއާއި، އަދި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ބައްލަވާލެއްވިއެވެ.