ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ވަރަށް މަތިވެރި މަޤްޞަދެއްގައި ސަރުކާރުން ހިންގަވާ މުބާރާތެއް ކަމަށާއި، ރާއްޖޭގައި ކީރިތި ޤުރްއާނަށް ދެވޭ ޝައުޤުވެރިކަން އެއްދުވަހުން އަނެއް ދުވަހަށް އިތުރުކުރެއްވުމަކީ، މި ސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއް ދެއްވަމުން ގެންދަވާ ކަމެއް ކަމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ ދަރުބާރުގޭގައި ބޭއްވެވި ކީރިތި ޤުރްއާން ކިޔެވުމުގެ 24 ވަނަ މުބާރާތުގެ އިނާމު ދެއްވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ޑޮކްޓަރ ވަޙީދުގެ ވާހަކަފުޅުގައި، ރާއްޖޭގެ މަދަރުސާތަކުންނާއި، ޤުރްއާން ކްލާސްތަކުންނާއި، އަމިއްލަ ޖަމްޢިއްޔާތަކުންނާއި، ބެލެނިވެރިންނާއި ކިޔަވާ ކުދިން، ކީރިތި ޤުރްއާނަށް ދެއްވަމުން ގެންދަވާ އަހަންމިއްޔަތު ފާހަގަކުރައްވަމުން، އެބޭފުޅުން އެކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި އެބޭފުޅުން އެކުރައްވަމުން ގެންދަވާ މަސައްކަތުގައި، ވެދެއްވެން އޮތް ހުރިހާ އެއްބާރުލެއްވުމެއް ސަރުކާރުން ވެދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ކީރިތި ޤުރްއާނަކީ، އިލާހީ ޤާނޫނު ކަމަށާއި، އަޅުގަނޑުމެންގެ އެންމެ މަތިވެރި ދުސްތޫރު ކަމަށްވުމާއެކު، ޤުރްއާނަށް އަޅުގަނޑުމެން ދޭންޖެހޭ އަހަންމިއްޔަތު ވަރަށްބޮޑުވެފައި ވަރަށް މަތިވެރި ކަމުގައި ވިދާޅުވިއެވެ. ރާއްޖޭގެ ސްކޫލްތަކުގައި މިކަމަށް ޚާއްޞަ އަހަންމިއްޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ސްކޫލްތަކުގައި ވަކި މާއްދާއެއްގެ ގޮތުގައި ކީރިތި ޤުރްއާން ކިޔަވައިދޭން މިހާރު ފެށިފައިވާކަން ބަޔާން ކުރެއްވިއެވެ. އެހެން ނަމަވެސް، ދިމާވެފައިވާ އެންމެބޮޑު އެއްމައްސަލައަކީ، މުދައްރިސުން ލިބުން ދަތިވުމުގެ މައްސަލަ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި ޤުރްއާން ކިޔަވައިދޭނެ ޓީޗަރުން މިހާރުވެސް ނެތްކަން ހިތާމައާއެކު ފާހަގަކުރެއްވިއެވެ. އަދި މިއަދުގެ ސަރުކާރުން މިކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވައިގެން، ޤުރްއާން މުދައްރިސުން އުފެއްދުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިފަހަރުގެ މިމުބާރާތުގައި ބައިވެރިވުމުގެ ފުރްޞަތު، އަތޮޅުތަކުގެ ދަރިވަރުންނަށް ކުރިއަށްވުރެ ބޮޑަށް ތަނަވަސްކޮށްދެއްވާފައިވާ ކަމާއި، މިއީ ވަރަށް އުފަލާއެކު ފާހަގަކުރައްވާ ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މިރޮނގުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރާއްޖޭގެ އާބާދީގެ ގިނަބަޔަކު ދިރިއުޅެމުންދަނީ އަތޮޅުތަކުގައި ކަމަށްވުމާއެކު، އަތޮޅުތަކުގެ ދަރިވަރުންނަށް މިފުރްޞަތު، ކުރިއަށްވުރެ ބޮޑަށް ހުޅުއްވާލެއްވިކަން އެއީ، މިމުބާރާތަށްވެސް ލިބުނު ވަރަށް ރަނގަޅު ކުރިއެރުމެއްކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، އެހެން އަހަރުތަކާ ޚިލާފަށް މިމުބާރާތުގައި އަންހެން ބައިވެރިންނަށް ފުރްޞަތު ވަރަށް ބޮޑަށް ތަނަވަސްވެގެން ގޮސްފައިވާ ކަމަށާއި، އަންހެން ބައިވެރިންނަށް ވަކިން ވާދަކޮށް، ވަނަ ހޯދުމުގެ ފުރްޞަތު ހުޅުއްވާލެއްވިކަން އެއީވެސް މުބާރާތަށް ލިބުނު ވަރަށްބޮޑު ފުރިހަމަކަމެއް ކަމަށް ވިދާޅުވިއެވެ.
ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދުގެ ވާހަކަފުޅު ނިންމަވާލެއްވީ، ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ ފުރިހަމަ ޗާޕަކުން ޗާޕް ކުރައްވައިގެން ނެރުއްވައި ދެއްވުން އެދި މިނިސްޓްރީ އޮފް އިސްލަމިކް އެފެއާޒަށް އިލްތިމާސް ކުރައްވަމުންނެވެ.
މިޖަލްސާގައި 24 ވަނަ ޤުރްއާން މުބާރާތުގެ ބައެއް ވަނަތަކަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު އިނާމު ދެއްވިއެވެ. އަދި ކީރިތި ޤުރްއާން ހިތުދަސްކުރި ޢުމުރުން 10 އަހަރުގެ އަލްޙާފިޡާ އީނާސް ފުރްސާނަށް ޙާފިޡްކަމުގެ ސެޓްފިކެޓާއި އިނާމު ދެއްވީވެސް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.