ޑިމޮކްރަސީގެ ޅަފަތުގައި ހުރިހާ ފަރާތަކުންވެސް ރައްޔިތުންގެ މަސްލަޙަތު އިސްކުރައްވައިގެން، އެކުވެރިކަމާއި އެއްބާރުލުމާއެކު މަސައްކަތް ކުރެއްވުމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ. ނައިބު ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުކުރައްވައި ދެއްވި ބަޔާނެއްގައެވެ.

ނައިބު ރައީސްގެ ބަޔާނުގައި، ބޭންކް އޮފް މޯލްޑިވްސްގެ މައްސަލައަކީ ދިވެހި ރައްޔިތުންނާ ގުޅުންހުރި ރައްޔިތުންގެ މަޞްލަޙަތު ހިމެނޭ، އަދި ޤައުމުގެ އިޤްތިޞާދަށް ވަރަށް މުހިންމު މައްސަލައެއްކަން ފާހަގަކުރެއްވިއެވެ. އަދި، ބޭންކް އޮފް މޯލްޑިވްސްގެ 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ގުޅިގެން ފުލުހުން ކުރައްވާ ތަޙުޤީޤަށް ޖިނާއީ ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް ޢަބްދުﷲ މުޙަންމަދު ހުރަސް އަޅުއްވާ މައްސަލައަކީ، ބެލެންޖެހޭ މައްސަލައެއް ކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވިގޮތުގައި، ދައުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ފުލުހުން ހިންގަވާ ތަހްޤީގަށް އެއްވެސް ފަރާތަކުން ހުރަސް އަޅާނަމަ، އެކަމެއް އެވީގޮތެއް ބެއްލެވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ކުރައްވަންޖެހޭ ކަމެކެވެ. އަދި އެފަދަ ކަންތައްތައް ރަނގަޅު ކުރެއްވުމަށް ފިޔަވަޅު އެޅުއްވުމަކީ، އެމަނިކުފާނުގެ ވާޖިބެކެވެ. ނައިބު ރައީސްގެ ބަޔާނުގައި، އަލްއުސްތާޛު ޢަބްދުﷲ މުޙަންމަދުގެ މައްސަލަ ބައްލަވައި ދެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހުށަހަޅުއްވައިފިކަންވެސް ހާމަކުރެއްވިއެވެ.

އެމަނިކުފާނުގެ ބަޔާން ނިންމަވާލެއްވީ، ހުރިހާ ފަރާތްތަކުންވެސް ޤައުމުގެ މަސްލަހަތު އިސްކުރައްވައި، ކޮންމެކަމަކީ ސިޔާސީ ވާދަވެރިކަމަކަށް ނުހައްދަވައި، އެކުވެރިކަމާއި އެއްބާރުލެއްވުން ދެއްވުމަށް ގޮވާލައްވަމުންނެވެ.