بســم اللّـه الرّحمـن الرّحيــم
الحمـدللّه رَبِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، وعلى آلـه وصحبـه أجمعـين.
މިއަދު ހިޖުރީ އައު އަހަރެއް ފެށޭ ދުވަހެއްގެ މެންދުރުކުރީގެ ވަގުތުކޮޅެއް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ހޭދަކުރުން ފާހަގަކުރަނީ، ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ޚާއްޞަ މުނާސަބަތެއްކަމާމެދު ޝައްކެއްނެތް. މުޙައްރަމް މަހުގެ 1 ވަނަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމުގައިވެފައި، މިދުވަސް ދިމާވީ ހުކުރު ދުވަހަކަށްވުމުން، އެއީ ބަރަކާތްތެރި އަހަރެއްގެ ފެށުން ކަމުގައި އަޅުގަނޑުމެން އުންމީދު ކުރަން.
ގާތްގަނޑަކަށް މީގެ 35 އަހަރު ކުރިން، 1367 ވަނަ އަހަރު ޛުލްޤަޢިދާ މަހުގެ 1 ވަނަދުވަހު އޭރުގެ އާދަކާދައިގެމަތިން، މާލޭގެ މުހިންމު މަގުތަކުގައި ލެވޭ ކޮލީގެ ޛަރީޢާއިން އިޢުލާނުކުރެވޭ ގޮތުގެމަތިން، އެދުވަހު ހެނދުނު 6 ޖެހިއިރު އިޢުލާނު ކުރެވުނީ ދިވެހިރާއްޖޭގައި އެދުވަސްވަރު ގެންގުޅޭ ފައިސާގެ އިތުރަށް، އެދުވަހުން ފެށިގެން ރާއްޖޭގެ ނޫޓު ހިންގަން ފެށޭނެކަން.
7 ޖެހިއިރު ބޮޑުބަނޑޭރިގޭގައި އޮތް ޚާއްޞަ ޖަލްސާއެއްގައި، އޭރުގެ މަޙުކަމަތުލް މާލިއްޔާގެ ވެރިޔާ އަލްއަމީރު މުޙައްމަދު އަމީން، ކޮންމެ ވައްތަރަކުން ނޫޓެއް، ޤާޟީ ފަޟީލަތުއްޝައިޚް ޢަބްދުﷲ ފަހުމީދީދީއަށް ހަދިޔާ ކުރެއްވުމުން، ދިވެހިރާއްޖޭގެ ފުރަތަމަ ނޫޓު ހިންގަން ފަށައިގަނެވުނު.
ރާއްޖޭގެ ސަރަޙައްދުގައި ދިވެހިނޫޓު ހިންގުމަށް ބާރުލިބިދިނީ، 24 ރަމަޟާން 1366ގައި ރައްޔިތުންގެ މަޖިލީހުން ފާސްވި ބިލް ނަންބަރު 66/2 ން. މިއީ ދިވެހިރާއްޖޭގެ ނޫޓުގެ ޤާނޫނު. ފައިސާގެ ބަދަލުގައި ދިވެހި ދައުލަތުގެ ނަމުގައި ޗާޕުކޮށްފައިވާ، ކަރުދާހު ނޫޓު ގެންގުޅުން ހުއްދަކޮށް، ޗާޕުކުރަންވީ ނޫޓުގެ އަގުތައް ބަޔާންކޮށް، އެއީ ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި އާންމުގޮތެއްގައި އަގުހުރި އެއްޗެއްކަމާއި، ނޫޓު ފެތުރުމުގެ މަސްއޫލިއްޔަތު، މަޙުކަމަތުލް މާލިއްޔާގެ ވެރިޔާގެ ކޮނޑުގައި އެޅޭކަން، މި ޤާނޫނުން އެނގޭ. އަދި ނޫޓާބެހޭ ބޮޑެތި ކަންތައްތަކުގައި މަޝްވަރާ ކުޅައުމަށް ކޮމިޓީއެއް އެ ޤާނޫނުން އުފައްދާފައިވާކަން ޚާއްޞަގޮތެއްގައި ފާހަގަކުރެވޭ. އެ ކޮމިޓީގައި ހިމެނެނީ މަޙުކަމަތުލް މާލިއްޔާގެ ވެރިޔާ (ރައީސް)، މަޙުކަމަތުލް މާލިއްޔާ ހިންގުމަށް ހުރި ވެރިޔާ، މަޙުކަމަތުލް ތިޖާރާ ހިންގުމަށް ހުރި ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުން އިންތިޚާބުކުރެވޭ ދެ މެންބަރުން.
މިދެންނެވި ޤާނޫނުން ރާއްޖޭގެ ނޫޓު ހިންގުމަށްޓަކައި ވަރަށް ފުރިހަމައަށް ރޭވިފައިވާކަމާއި، ހަރުދަނާ އުސޫލެއްގެ ބިންގަލެއްގެ މައްޗަށް، ރާއްޖޭގެ ފުރަތަމަ ނޫޓު ނެރެވިފައިވާކަން އަޅުގަނޑަށް ފާހަގަކުރަންޖެހެނީ ވަރަށްމަތީ ދަރަޖައަކަށް، އޭރު ދައުލަތް ހިންގަވަން ތިއްބެވި ވެރިންނަށް އަޅުގަނޑުގެ ހިތުގައި ތަޢުރީފު އުފެދޭ ހާލުގައި.
އެދުވަހުގެ ޖަލްސާގައި މަޙުކަމަތުލް މާލިއްޔާގެ ވެރިޔާ އަލްއަމީރު މުޙައްމަދު އަމީން، އެތާރީޚީ ދުވަހުގެ މައްޗަށް ވާހަކަފުޅު ދެއްކެވި. އެދުވަހަށްޓަކައި ދިވެހި ދައުލަތް ފަޚުރުވެރިވުން ޙައްޤު ދުވަހެއް ކަމުގައި ވިދާޅުވި. އެމަނިކުފާނުގެ ވާހަކަފުޅުގައި، އެދުވަހު ދިވެހި ސަރުކާރުން އެޅުއްވި ފިޔަވަޅަކީ އައު ފިޔަވަޅެއް ކަމުގައި ހީކުޅައުމަކީ ޙަޤީޤަތެއް ނޫން ކަމަށާއި، ދިވެހިރާއްޖޭގެ އަމިއްލަ ފައިސާ އޭގެ މާކުރިއްސުރެ ގެންގުޅެމުން އަންނަކަމަށް ވިދާޅުވި. އެކިއެކި ރަސްރަސްކަލުންގެ ނަންފުޅުގައި ޖަހާފައިވާ ދިގުލާރިއާއި، ރަނާއި ރިހީގެ ލާރިއާއި، އަދި މަޢުދަނުގެ ލާރިއަށް އިޝާރާތް ކުރެއްވީ، އެފަޚުރުވެރިންނަކީ، އަޅުގަނޑުމެންގެ ކާބަފައިންކަން ހަނދާންކޮށްދެއްވަމުން. ދިވެހި ދައުލަތުން ނޫޓު ޗާޕުކުރުމުގެ ޚިޔާލު އެންމެ ފުރަތަމަ އުފެދުނު ސިކުނޑިތަކެއްގެ ވެރިންނަށް އެމަނިކުފާނު ޝުކުރުގެ ޖިޒީއެއް އަދާކުރެއްވި. އެމަނިކުފާނުގެ ޝުކުރުގައި ސުމުއްވުލްއަމީރު އަބުދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު، އަލްއަމީރު އަޙްމަދު ދޮށިމޭނާ ކިލެގެފާނު، އަލްއަމީރު ޙަސަން ފަރީދުދީދީ ހިމެނުއްވި. އަޅުގަނޑުވެސް އެފަރާތްތަކަށް ޝުކުރުވެރިވަނީ އެއީ މިއަދު އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެމުން. އަޅުގަނޑުގެ ޝުކުރުގައި، އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަށް އެންމެމަތީ ވަނައެއް ދެވެނީ، މިފަދަ ކޮންމެ ކަމެއްގައި ޢަމަލީގޮތުން އެމަނިކުފާނު ކުޅުއްވާފައިވާ ބައިގެ ބޮޑުކަމުން.
މިއަދުގެ ޖަލްސާއަކީ ރާއްޖޭގައި މިދެންނެވި ތާރީޚީ ދުވަހު އެޅުނު ބިންގަލުގެ މައްޗަށް ބިނާވެފައިވާ އިޤްތިޞާދީ ޢިމާރާތެއް، އަލުން ރީތިކުރެވޭ ޙަފްލާއެއް. 35 އަހަރު ދުވަސްވަންދެން ހިނގަމުން އައިސްފައިވާ ނޫޓުތަކަކީ މިހާރު ވަރަށް ބައުވެފައިވާ ނޫޓުތަކެއް. އަދި ނޫޓުގެ ސައިޒްތަކަކީ މިޒަމާނާ އެކަށީގެންނުވާކަހަލަ ސައިޒްތަކެއް. ނޫޓު ޗާޕުކުރުމުގެ ސަލާމަތީބައި ހިފެހެއްޓުމަށްޓަކައި މާގިނަދުވަހު އެއް ވައްތަރެއްގެ ނޫޓު ގެންގުޅުމަކީ ބުއްދިވެރި ކަމެއްވެސް ނޫން. އެހެންކަމުން މިހާރު ހިނގަމުންދާ ނޫޓުތަކަށްވުރެ ރަނގަޅު ކަރުދާހުގައި، ނޫޓުގެ ސަލާމަތީ ކަންތައްތައް، ކުރިއަށްވުރެ ވަރުގަދަގޮތަކަށް ނޫޓު ތައްޔާރުކުރަން ޖެހިފައިވަނީ އަޅުގަނޑުމެންގެ ވިޔަފާރި ފުޅާވަމުންދިޔުމާއި، އާންމުކޮށް ފައިސާ ގެންގުޅެވޭލެއް ގިނަވަމުން ދިއުމުން އަޅަންޖެހޭ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި.
ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ވަރަށް އަގުހުރި މަޢުދަނަކުން ހެދިފައިވާ ފައިސާމެނުވީ، އެކެއްގެ އަތުން އަނެކެއްގެ އަތަށް ބަދަލުވަމުންމިދާ ފައިސާއަކީ އޭގެޒާތުގައި އެއްވެސް އަގެއްހުރި އެއްޗެއް ނޫން. ނޫޓަކީ ކަރުދާސްކޮޅެއް. ފައިސާ ފޮއްޗަކީ މަޢުދަނެއްގެ އެތިކޮޅެއް. ނަމަވެސް އެއަށް ޤާނޫނީގޮތުން ލިބިފައިވާ ބާރުގެ ސަބަބުން އާންމުގޮތެއްގައި ގަބޫލުކުރަން މަޖުބޫރުވޭ. މިގޮތުން ފައިސާ ގެންގުޅެވެމުން ދިޔުމުން، ޢާއްމުކޮށް ވިޔަފާރިއަށް ލިބުނު ފައިދާތަކާއި، ވިޔަފާރި ފުޅާވަމުން ދިޔުމުގެ ބާރުމިނަށް އައި އިތުރު ހަލުވިކަމަކީ، އަދި މުދާ އެކަތި އަނެކައްޗަށް ބަދަލުކުރުމުގައި ހުރި އުނދަގޫތައް ފިލުމުން ލިބުނު ފަސޭހަތަކަކީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނޭ ކަންތައް.
ދިވެހިރާއްޖޭގައި އައު ނޫޓެއް ނެރުމުގެ ޖަލްސާއެއްގައި، ދިވެހިފައިސާގެ މައްޗަށް ކުޑަކޮށްނަމަވެސް އެއްޗެއް ދަންނަވައިލުމަކީ ބޭނުންކަމެއް ކަމުގައި ދެކެން. އެންމެ ފުރަތަމަ ރާއްޖޭގައި ހިންގި ފައިސާއަކީ ކޮބައިކަން ޔަޤީންކަމާއެކު ބުނެވޭނޭ ލިޔުމެއް ފެންނާކަށް ނެތް. ނަމަވެސް ރާއްޖޭގެ ތާރީޚުން އެނގޭގޮތުގައި ބޮއްޔަކީ ވަރަށް ކުރިއްސުރެ ރާއްޖޭގައި ފައިސާގެ ގޮތުގައި ގެންގުޅެވުނު އެއްޗެއް. އާދެ، ފައިސާގެ ގޮތުގައި ބޮލި ގެންގުޅެފައިވަނީ މިރާއްޖޭގައި އެކަންޏެއް ނޫން. ޤަދީމީ ޒަމާނުގައި، ދުނިޔޭގެ އެހެން ތަންތާނގައިވެސް ފައިސާގެ ގޮތުގައި ބޮލި ގެންގުޅެފައިވޭ. މުއައްރިޚުން ލިއުއްވާ ގޮތުގައި ރާއްޖެއިން، ހަމައެކަނި ބޮލިން ބަރާކޮށްގެން އަހަރަކު 40 ނައު ބޭރަށް ގޮސްފައި އެބަހުރި. އެދުވަސްވަރު ސޫދާނުގައި އެފްރިކާގެ ރަން ދީނާރެއް 1150 ބޮއްޔަށް ލިބޭ ކަމަށްވޭ. ކޮންމެއަކަސް، ފައިސާގެ ގޮތުގައި ބޮލި ބޭނުންކުރުން ހުއްޓުނު ކަމުގައިވިޔަސް، ރާއްޖޭގެ މުހިންމު އެކްސްޕޯޓް ކުރާ މުދަލެއްގެ ގޮތުގައި ވަރަށްފަހަކާ ޖެހެންދެން ރާއްޖެއިން ބޮލި ބޭރުކުރަމުން ގެންދެވުނު.
އާދެ، ފައިސާގެ ގޮތުގައި ބޮލި ގެންގުޅުނުއިރުވެސް، އެހެން ޤައުމުތަކުގެ ފައިސާ އަޅުގަނޑުމެންގެ ތެރޭގައި ގެންގުޅެފައިވާކަމީ އެއްވެސް ޝައްކެއްހުރި ކަމެއްނޫން. ރަން، ރިހިފަދަ އަގުހުރި މަޢުދަނުން ހެދިފައިވާ ފައިސާ، ފުރަތަމަ ގެންގުޅެފައިވަނީ އެ މަޢުދަނުގެ ހަމަ އަގުގައި. އެފަދަ ފައިސާއަކީ ދުނިޔޭގެ ޤައުމުތަކުގައި މިނިވަންގޮތެއްގައި ހިނގަމުންދިޔަ ފައިސާ.
ދިވެހި ލާރި އެންމެ ފުރަތަމަ ޖެއްސެވި ރަސްކަލަކާމެދު ތާރީޚުގެ އަހުލުވެރިންގެ މެދުގައި މާ ޔަޤީންކަމެއް އޮތް ކަމަކަށް ނުފެނޭ. އެންމެ ފުރަތަމަ ދިގުލާރި ޖެއްސެވިކަމަށް ބުނެވެނީ އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޡަމް ކަމުގައި. އާދެ، ބޮޑުތަކުރުފާނުން ޕޯޗުގީޒުންގެ އަތްދަށުން ސޯޅަވަނަ ޤަރުނުގެ ތެރޭގައި ރާއްޖެ ސަލާމަތްކުރެއްވުމަށްފަހު، ސަރުކާރު ހިންގެވުމަށާއި، ޢަދުލު އިންޞާފު ޤާއިމުކުރެއްވުމުގެ ގޮތުންނާއި، މާލީގޮތުން ގެންނެވި މުހިންމު ބަދަލުތަކާއި، އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ތެރޭގައި، ފުރަތަމަފަހަރަށް ދިވެހިރާއްޖޭގައި ލާރި ޖެއްސެވުމަކީ ވަރަށް އެކަށީގެންވާ ކަމެއް.
ރާއްޖޭގައި ވައްލާރި އެންމެ ފުރަތަމަ ޖެއްސެވި ކަމަށް ބުނެވެނީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު (1 ވަނަ) ކަމުގައި. ކުރީ ޒަމާނުގެ ލާރިތައް، ވަރަށްގިނަ ރަސްރަސްކަލުންގެ ރަސްނަމުގައި ރިހިން ޖަހާފައިވޭ. އަދި ތަފާތު އަގުތަކުގައި ލާރި ޖަހާފައިހުރި. 1913 ވަނަ އަހަރާ ޖެހެންދެން ލާރި ޖަހަމުން ގެންގޮސްފައިވަނީ ރާއްޖޭގައި. ނަމަވެސް އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނުގެ ރަސްކަމުގައި މި ދެންނެވި އަހަރު ލާރި ޖައްސަވާފައިވަނީ އިނގިރޭސިވިލާތުގައި. އޭގެފަހުން ދައުލަތުގެ ނަމުގައި ޖަހަމުން ގެނެސްފައިވާ ލާރި ޖަހާފައިވަނީ ބޭރުން.
ރާއްޖޭގެ ނޫޓުގެ ގަތުމުގެ ބާރު އެކި ދުވަސްވަރު އެކި އަގަށް ހުރި ކަމުގައިވިޔަސް، ނޫޓުގެ ރަސްމީ އަގަށް ގިނަ ބަދަލުތަކެއް އަންނަމުން ގޮސްފައެއްނުވޭ. ދެވަނަ ބޮޑުހަނގުރާމަ ހުއްޓުނުއިރު ރާއްޖޭގައި އިންޑިއާއާއި ސިލޯނުގެ ފައިސާ ގެންގުޅެމުންދިޔަ. އަދި ރާއްޖޭގެ ނޫޓު ނެރެވުނުއިރު ރާއްޖޭގެ ރުފިޔާއާއި އިންޑިޔާއާއި ސިލޯނުގެ ފައިސާ ހުރީ ރަސްމީގޮތުން އެއް އަގެއްގައި. ރާއްޖޭގެ މައިގަނޑު އެކްސްޕޯޓް މުދަލެއް ކަމުގައިވާ މަސް އެކްސްޕޯޓް ކުރެވެނީ ސިލޯނަށް ކަމަށްވެފައި، މުދާ އެތެރެކުރަމުންދިޔައީ ސިލޯނުން ކަމަށްވުމުން، އަޅުގަނޑުމެންގެ ފައިސާގެ އަގު ދަމަހައްޓަމުން ގެންދެވިފައި ވަނީ ސިލޯނު ފައިސާއާ އެއް އަގެއްގައި.
ރާއްޖޭގައި ހުޅުވިފައިވާ ބޭންކެއް ނެތުމާއެކު، ބޭންކާބެހޭ ވިޔަފާރީގެ ބައި ހިންގިފައިވަނީ ސްރީލަންކާގައި ހިނގަމުންދާ ބޭންކް މެދުވެރިކޮށް. ވަރަށްގިނަ ދުވަސްތަކެއް ވަންދެން އިނގިރޭސި ޕައުންޑަކަށްޖެހޭ ދިވެހިރުފިޔާ ކަމުގައި ހަމަޖައްސާފައިވަނީ 33/13ރުފިޔާ. މިއީ އަވަށްޓެރި ޤައުމުތަކުގެ ފައިސާވެސް ހަމަޖެހިފައިވާގޮތް. ނަމަވެސް، 1969 ގައި އިނގިރޭސި ޕައުންޑުގެ އަގު ދަށްކުރުމުން، އަޅުގަނޑުމެންގެ ފައިސާގެ އަގު އެބަދަލުގެ ނިސްބަތުން ހަމަޖެއްސީ. އޭގެ މާނައަކީ ދިވެހިފައިސާގެ އަގަކަށް ބަދަލެއް ނުގެނެއޭ. ޕައުންޑެއްގެ އަގަކީ 40/11 ރުފިޔާ. މީގެފަހުންވެސް ދިވެހިފައިސާގެ އަގަށް ބަދަލުނުގެނެސް، އެހެން ފައިސާއަށް ގެންނަ ބަދަލު ނިސްބަތުން ހަމަޖެއްސުނު. ފަހަކަށްއައިސް ރާއްޖެއަށް ލިބޭ ބޭރުގެ ފައިސާ މައިގަނޑު ގޮތެއްގައި ލިބެނީ އެމެރިކާގެ ޑޮލަރުން ކަމަށްވުމާއެކު، ދިވެހިފައިސާގެ އަގު ހަމަޖެއްސިފައިވަނީ އެމެރިކާ ޑޮލަރުގެ ނިސްބަތުން. ވަރަށްގިނަ ދުވަސްތަކެއް ވަންދެން. އާދެ، މިހާރުގެ ސަރުކާރާ ޖެހެންދެން އެމެރިކާ ޑޮލަރެއްގެ އަގު ހަމަޖައްސާފައިވަނީ 93/3 ރުފިޔާ ކަމުގައި.
ނަމަވެސް މިހާހިސާބަށް އައިއިރު، ކުރީގައި ނުނިކުންނަ މައްސަލަތަކެއް މެދުވެރިވި. ރާއްޖެއަށް ވަންނަ ބޭރުގެފައިސާގެ ބައެއް، އަމިއްލަ ވިޔަފާރިވެރިން ބާޒާރުގެ އަގުން ގަނެ ވިޔަފާރި ހިންގުމުގެ މިނިވަންކަން ލިބުމުން، ދެ އަގެއްގައި ބޭރު ފައިސާގެ އަގު ރާއްޖޭގައި ގެންގުޅެމުންދިޔަ. އާދެ! ރަސްމީ އަގާއި ބާޒާރުގެ އަގު. ރަސްމީގޮތުން ބޭރުފައިސާގެ އަގު، ޑޮލަރުގެ ނިސްބަތުން އެއްއަގެއްގައި ދެމެހެއްޓިއިރު، ބާޒާރުގައި ޑޮލަރުގެ އަގު ދިޔައީ ތަފާތުވަމުން. އެކި ދުވަސްވަރު އެކި އަގުގައި. ރާއްޖޭގެ ވިޔަފާރީގެ ދާއިރާ، ހުޅުވައިލެވިފައިވާ އިޤްތިޞާދިއްޔަތެއްގެ ދަށުން ބޮޑުވަމުން ދިޔުމުން، މިދެންނެވި މައްސަލަވެސް ބޮޑުވަމުންދިޔަ. މިކަމަށް ހައްލެއް ގެނައުމަށްޓަކައި ފިޔަވަޅު އެޅުނީ މަނިޓަރީ އޮތޯރިޓީ އުފެދުނުފަހުން، މި ހުސްވި އަހަރުގެ ކުރީކޮޅުގައި.
ފައިސާގެ ވާހަކަ ދައްކަމުންދާއިރު، ރާއްޖޭގެ އިޤްތިޞާދިއްޔަތަށް މިހާރު އަންނަ ބަދަލާމެދުވެސް އެއްޗެއް ދަންނަވާލަންޖެހޭ. ރާއްޖޭގެ މިއަދުގެ އިޤްތިޞާދިއްޔަތަށް ނަޒަރެއް ހިންގާއިރު ދަންނަވަންޖެހެނީ، ރާއްޖޭގެ އިޤްތިޞާދިއްޔަތު، މިދިޔަ އަހަރުތަކުގެ ތެރޭގައި ވަރަށްބޮޑަށް ކުރިއަށްދިޔަދިޔުން 1983 ގައިވެސް ހިފަހައްޓާ ކަމުގައި.
މަސްވެރިކަމުގެ ދާއިރާއަށް ބަލާއިރު، މަސްދޯނިފަހަރުގައި އިތުރަށް އިންޖީނު ބެހެއްޓި، މަސްގަތުމާއި މަސް ރައްކާކުރުމުގެ ވަސީލަތް އިތުރުކުރުމުން، އެ ދާއިރާއަށް ފައިދާ ލިބޭ. ނަމަވެސް މަސް ބޭރުވަމުންދާވަރު މިހާރު އިތުރުވަމުންދާ ކަމަކަށް ނުދައްކާ. މިހާރު ހިނގަމުންދާ ޕްރޮޖެކްޓްތަކުގެ ސަބަބުން މަސްވެރިކަމަށް އިތުރު ކުރިއެރުމެއް އަންނާނޭ ކަމަށް އުންމީދުކުރެވޭ.
މާލޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ހެދުމުގެ ސަބަބުން ޓޫރިޒަމުގެ ދާއިރާއަށް ނުހަނު ފައިދާ ލިބޭ. ޓުއަރިސްޓުން ސީދާ ދަތުރުކުރާ ޤައުމުތަކުން، އާދެ، ޔޫރަޕުން ރާއްޖެއަށް ބޮޑެތި މަތިންދާބޯޓުފަހަރުގައި ދަތުރުކުރުމުގެ ދޮރު މިހާރުވަނީ ހުޅުވިފައި. އިތުރު ސަރަޙައްދެއްގައި ރިޒޯޓުތައް ހުޅުވުމުން މިދާއިރާއިން މިހާރު ލިބޭ އެއްޗެއް ވަރަށް ބޮޑުތަން އިތުރުވެގެންދާނޭ ކަމަށް ލަފާކުރެވޭ.
ދުނިޔޭގެ ވިޔަފާރިއަށް އައި ހީނަރުކަމެއްގެ ސަބަބުން މޯލްޑިވްސް ޝިޕިންގ ލިމިޓެޑުގެ ފައިދާ ދައްކަނީ އެކުންފުންޏަށް ފަހިކޮށެއްނޫން. ނަމަވެސް އެފަދަ ދަތި ދުވަސްވަރެއްގައިވެސް ބޯޓުތަކުންވާ ގެއްލުން ކުޑަކުރެވޭތޯ އެކުންފުނިން ދަނީ ވަރަށްމަތީ ދަރަޖައަކަށް މަސައްކަތް ކުރަމުން.
އުފެއްދުންތެރިކަމާއި ބޭރުކުރެވޭ މުދަލަށް ލިބޭ އެއްޗަކަށް ބަލާއިރު، ޢާންމު މަހުގެ ބާވަތްތައް ބޭރުކޮށްގެން ލިބޭ އެއްޗެއް މަދުވިނަމަވެސް، ތައްޔާރީ ހެދުން ބޭރުކޮށްގެން ލިބުނު އެއްޗެއް ގިނަވި. ނަމަވެސް ހިތާމަޔަކީ ތައްޔާރީ ހެދުން މައިގަނޑު ގޮތެއްގައި އިމްޕޯޓުކުރާ ޤައުމުން އެތެރެކުރާ އަދަދު މަދުކޮށް، ވަކި އަދަދެއް ހަމަޖެއްސިކަން.
އަތޮޅުތަކުގެ މެދުގައި ދަތުރުފަތުރާއި މުވާޞަލާތުގެ ކަންތައް މިހާރު ރޭވެމުންދާގޮތަށް ކުރިއަށް ދިޔުމުން، އަތޮޅުތަކަށް އަވަސް ކުރިއެރުމެއް ގެނެސްދިނުމުގައި އެހީވެދޭނެ. އަދި އެކަމުގެ ސަބަބުން ރާއްޖެތެރޭގައި އިތުރު މަސައްކަތް ހިނގުމުން، ގިނަމީހުންނަށް މަސައްކަތް ލިބޭނެ. ތަޢުލީމީ، ޞިއްޙީ، އިޖުތިމާޢީ ޕްރޮގްރާމްތައް ހިންގުމުގައި މިކަމުގެ ސަބަބުން ވަރަށްބޮޑު ފައިދާ ލިބެންވާނެ.
ތަރައްޤީގެ މަޝްރޫޢުތަކަކާ ކުރިމަތިލައިގެން ކުރިއަށް ހިންގަމުންދާއިރު ހުރިހާ ކަމެއް އެއްވެސް ދައްޗެއްނެތި ކާމިޔާބުވަމުން ދިޔުމަކީ އެއްވެސް ޤައުމެއްގައި އެކަންވާގޮތެއް ނޫން. ދަތިތަކާއި، ހުރަސްތަކާއި، ވޭންތަކާ ކުރިމަތިލާންޖެހޭ. ހުރިހާ ޕްރޮގްރާމްތަކެއް ހިންގުމަށް ފުދޭވަރުގެ މާލިއްޔަތެއް ލިބިފައިނުވާތީ ޕްރޮގްރާމްތައް ފަށަންޖެހެނީ އެކިއެކި މަޝްރޫޢަށް އިސްކަންދެވޭ ނިސްބަތަކުން. މިގޮތަށް ކަންތައް ހިންގިޔަސް ލިބޭ އާމްދަނީއަކަށްވުރެ، ކުރަންވެފައި ހުންނަ ކަންތައް މާގިނަ. ނަމަވެސް ވޭތުވެދިޔަތަނަށް ބަލާއިރު، ސަރުކާރަށް ލިބޭ އާމްދަނީއާއި ބޭރުން ހިލޭ ލިބޭ އެހީއާއި، ބޭރުން ލިބޭ ލޯނުން ޚަރަދު ދެކޮޅުޖެއްސިފައި އެބަހުރި. ނެގިފައިވާ ޕްރޮޖެކްޓް ލޯނުތަކަކީ އެއަރޕޯޓަށާއި މަސްވެރިކަމަށް އާންމުކޮށް ޚަރަދުކުރެވޭ ދިގު މުއްދަތުގެ ލޯނު. މިކަމުގެ ސަބަބުން ދިގު މުއްދަތެއްގެ ތެރޭގައި ލިބޭ އެއްޗެއް އިތުރުކުރުމަށް އެހީވެދޭނެ.
1983 ގައި ފައިސާ ހޭދަކުރުމާއި، އެތެރެކުރާ އެއްޗަކާއި، ބޭރުކުރާ އެއްޗެއްގެ ބާކީއަށް އާދެ، ބެލެންސް އޮފް ޕޭމަންޓްސްއަށް ބަލާއިރު، ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރިއަށް ގޮސްފައިވޭ.
ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް އެއީ ލިބޭ ބޭރުފައިސާއާއި، ހޭދަކުރެވޭ ބޭރުފައިސާގެ ބާކީ ދައްކަނީ ތަނުގެ ކަންތައްތައް ހަމަޖެހިފައިވާ ގޮތުން އެތެރެކުރުމާއި ބޭރުކުރުމުގެ ވިޔަފާރީގެ ވަރަށްބޮޑު ޑެފިސިޓެއް (ދެކޮޅުނުޖެހުމެއް) އޮންނަކަމުގައި. ރާއްޖޭގައި ބޭރުކުރެވެނީ ވަރަށް މަދު އެއްޗެއް. މަހުގެ ބާވަތް، މިހާރަކަށްއައިސް ތައްޔާރީ ހެދުން. އިމްޕޯޓުކުރަން ބޭނުންވާ މުދަލުގެ އަގު، މިދެންނެވި މުދަލަށް ލިބޭ އެއްޗަކާއި، ޓޫރިޒަމުން ލިބޭ އެއްޗަކަށްވުރެވެސް މައްޗަށްދޭ.
މި މައްސަލަ ދަތިވަމުންދަނީ ރޯމަހުގެ އަގުވެސް ދަށަށް ގޮސްފައިވާކަމުގެ ސަބަބުން.
ބެލެންސް އޮފް ޕޭމަންޓްސްގައި އަރާ ދަތިތައް ފިލުވޭނީ އުފެއްދުންތެރިކަން އިތުރުކުރުމާއި، އެކްސްޕޯޓް މަތިކޮށްގެން. ހަމައެއާއެކު އިމްޕޯޓް ދަށަށް ޖައްސައިގެން. ފައިސާއާބެހޭ ސިޔާސަތު ވަރުގަދަކޮށް، ނުކުންނަ ފައިސާ މަޑުޖައްސައިގެން.
ރާއްޖޭގެ އައު ނޫޓު ނެރުމުގެ ޖަލްސާގައި، ރާއްޖެއަށް ލިބޭ ބޭރު ފައިސާއާއި ހޭދަކުރެވޭ ފައިސާގެ ބާކީއާމެދު އަޅުގަނޑު ވާހަކަ ދައްކަނީ، މިނޫޓުގެ އަގު ދެމެހެއްޓުމުގައި އެކަމާ ސީދާގުޅުން އޮތީމާ. މިދެންނެވި ބާކީ އަޅުގަނޑުމެންނަށް ފަހިވާގޮތަށް އަންނަނަމަ، ފައިސާގެ އަގު ދެމެހެއްޓުމުގައި އެއްވެސް މައްސަލައެއް މެދުވެރިއެއްނުވާނެ. ނަމަވެސް އިދިކޮޅަށްދާނަމަ އަޅުގަނޑުމެންގެ ފައިސާގެ އަގު މަޑުމަޑުންނަމަވެސް ދަށަށްދާނެ.
والسّلام عليكم ورحمـة اللّـه وبركاته.