ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ޢިމާދުއްދީން ސްކޫލްގައި ހިންގަވާ ޕްރޮގްރާމް ހިންގެވުމުގާ ކުރިމަތިވާ ދަތިތަކާބެހޭގޮތުން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް، އެސްކޫލުގެ އިސްފަރާތްތަކުން މަޢްލޫމާތު އަރުވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، މިޕްރޮގްރާމްގެ މުހިންމުކަމާއި އެސްކޫލްގައި މިޕްރޮގްރާމް ހިންގަމުންގެންދާ ގޮތާބެހޭގޮތުން ރައީސް ނަޝީދަށް އެބޭފުޅުން މަޢްލޫމާތު ދެއްވިއެވެ. އަދި، މިކަމުގައި ސަރުކާރުގެ އެކިއެކި ފަރާތްތަކުގެ އެހީތެރިކަން ވަރަށްބޮޑަށް ބޭނުންފުޅުވާކަމުގައި އެބޭފުޅުން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަކީވެސް މުޖްތަމަޢުގައި މުހިންމު ދައުރެއް އަދާކުރެވޭ ކުދިންނަށް ހެދުމަކީ، ވަރަށް މުހިންމުކަމެއް ކަމަށް ވިދާޅުވެ، މިކަމުގައި ޢިމާދުއްދީން ސްކޫލުން މިކުރައްވަނީ ވަރަށް އަގުހުރި މަސައްކަތްތަކެއްކަން ފާހަގަކުރެއްވިއެވެ. އަދި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށްޓަކައި ސަރުކާރުން ވެދެއްވެން އޮތް ހުރިހާ އެހީއެއް ވެދެއްވާނެކަމުގައި ވިދާޅުވިއެވެ. މިގޮތުން، ޢިމާދުއްދީން ސްކޫލަށް ކޮންސަލްޓަންޓަކާއި ތެރަޕިސްޓެއް ހޯއްދެވުމުގެ މަސައްކަތުގައި ސަރުކާރުން އެހީތެރިވެދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާ ބެހޭގޮތުން ހޭލުންތެރިކަން އުފެއްދުމަށްޓަކައި މީޑިއާ މެދުވެރިކުރައްވައި ޕްރޮގްރާމްތަކެއް އުފެއްދެވުމުގެ މުހިންމުކަމާބެހޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

މިބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު އަލްފާޟިލާ ޝިފާ މުޙަންމަދު ބައިވެރިވެވަޑައިގެންނެވިއެވެ.