بســم اللّـه الرّحمـن الرّحيــم
الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.
ބަނގްލާދޭޝްގެ ޢިއްޒަތްތެރި ވަޒީރުންގެ މަޖިލީހުގެ ރައީސް ޞާޙިބުއްދައުލާ ލެފްޓެނަންޓް ޖެނެރަލް ޙުސައިން މުޙަންމަދު އިރުޝާދު، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު، ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިން، މި ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި އަޚުންނާއި އުޚުތުން؛
السّلام عليكم ورحمة اللّـه وبركاته.
އާދެ، އަޅުގަނޑުމެންގެ މިނިވަންދުވަސް ފާހަގަކުރަމުންދާ ވަގުތެއްގައި، މިފަދަ ޖަލްސާއެއް ބޭއްވޭ ރެއެއްގައި، އަޅުގަނޑުމެންގެ މި ޖަލްސާ ޒީނަތްތެރިކޮށްދެއްވުމުގެ ގޮތުން، ވަރަށް އުޚުއްވަތްތެރި ގާތް މުސްލިމް ޤައުމެއްގެ ޒަޢީމް މިތަނަށް ވަޑައިގެން އިންނެވިކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް މަތިވެރި ޝަރަފަކާއި އުފަލެއް.
އާދެ، މިފަހަރުގެ މިނިވަންދުވަސް އަޅުގަނޑުމެންނާ މި ކުރިމަތިލަނީ، ވަރަށްގިނަ އުފާތަކަކާއެކު. އޭގެތެރެއިން އެންމެ މަތިވެރި އުފަލަކީ މިދެންނެވީ. އަޅުގަނޑުމެންނާ ވަރަށްގާތް ގޮތެއް ބަހައްޓަވާ، ވަރަށް އެކުވެރި ޤައުމެއްގެ ސަރުކާރުގެ އެންމެމަތީވެރިޔާ މި ފުރުޞަތުގައި އަޅުގަނޑުމެންނަށް ޒިޔާރަތްކުރައްވައި އަޅުގަނޑުމެންނާ ބައްދަލުކުރައްވައި އަދި މިފަދަ އުފާވެރި އިޙުތިފާލުތަކުގައި ބައިވެރިވެވަޑައިގެންދެއްވިކަން. އާދެ، އެމަނިކުފާނު ރާއްޖެއަށް މި ޒިޔާރަތްކުރެއްވީ، ވަރަށް އަވަދިނެތި ގޮތެއްގައި އުޅުއްވަމުން. އެމަނިކުފާނުގެ ޤައުމުގެ ކަންތައްތައް ހަމަޖެއްސެވުމުގައި މަސައްކަތް ކުރައްވަމުން ގެންދަވަން ޖެހިވަޑައިގެންފައިވާ މުހިންމު ދަނޑިވަޅެއްގައި. ހަމައެފަދައިން، ބައިނަލްއަޤްވާމީ ކަންތައްތަކުގައި ބަނގްލާދޭޝް އަދާކުރަމުންދާ ވަރުގަދަ ދައުރު ފުރިހަމަކުރުމަށްޓަކައި އެމަނިކުފާނު ކުރައްވާ ޚިދްމަތްތަކެއްވެސް ކުރައްވަމުން ގެންދަވާ ވަގުތެއްގައި، ބޭރުޤައުމުތަކަށް ޒިޔާރަތް ކުރައްވަމުން ގެންދަވަމުން.
މިހާ އަވަދިނެތިކޮށް އުޅުއްވަމުންވެސް އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަށް އެމަނިކުފާނު ވަޑައިގެންދެއްވިކަމީ، ޝައްކެއްނެތްގޮތުގައި އެމަނިކުފާނުގެ ހިތްޕުޅުގައި އަޅުގަނޑުމެންނާ ދޭތެރޭގައި އުފެދިފައިވާ ލޯތްބާއި އިޙްތިރާމުގެ ބޮޑުކަން. އެހެންކަމާއެކު، ދިވެހިރާއްޖޭގެ ރައްޔިތުންގެ ނަމުގައި އާދެ، ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންގެ ނަމުގައި، ދިވެހި ސަރުކާރުގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، މިރޭގެ އެންމެ ޝަރަފުވެރި، އެންމެ ޢިއްޒަތްތެރި މެހްމާން އާދެ! ބަނގްލާދޭޝްގެ ޒަޢީމު ލެފްޓެނަންޓް ޖެނެރަލް ޙުސައިން މުޙަންމަދު އިރުޝާދަށް މަރްޙަބާއާއި ޝުކުރު ދަންނަވަން.
އަޅުގަނޑުމެން މިފާހަގަކުރަނީ ދިވެހިރާއްޖޭގެ މިނިވަންދުވަސް. ރާއްޖޭގެ މިނިވަންކަމަށް އަށާރަ އަހަރުފުރޭ އޮނަވިހިވަނަ މިނިވަން ދުވަސް. މިނިވަންދުވަހުގެ މުނާސަބަތުގައި ދައްކާ ވާހަކައިގައި އެންމެބޮޑު އަހަންމިއްޔަތެއް އަބަދުވެސް ދޭންޖެހެނީ، ޤައުމީ މިނިވަންކަމުގެ މައްސަލައަށް. ޤައުމީ މިނިވަންކަމަކީ ޝައްކެއްނެތްގޮތުގައި، ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އެ ވިދާޅުވި ފަދައިން، އަޅުގަނޑުމެންނަށް ލބިފައިވާ ވަރަށް މަތިވެރި ނިޢުމަތެއް. އެ ނިޢުމަތް އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންވާނެ. އަޅުގަނޑުމެން ހަނދާންބަހައްޓަންވާނެ. މިނިވަންކަން ހޯދުމަށްވުރެ ބައެއްފަހަރަށް މިނިވަންކަން ދެމެހެއްޓުން އެއީ މާ ދަތިކަމަކަށް ވެދާނެކަން.
އާދެ، ވަރަށްގިނަ ޤައުމުތަކުން ތަޖުރިބާ ކޮށްފައިވާ ގޮތުގައި، މިނިވަންކަން ހޯދުމަކީ، ތަންކޮޅެއް ފަސޭހައިންވެސް ވެދާނެކަމެއް. ބައެއް ޤައުމުތަކުން ވަރަށްދިގު މުއްދަތަކަށް ޖިހާދުކޮށްގެން މިނިވަންކަން ލިބެނީ. އެހެންނަމަވެސް، އެހެން ބައެއް ޤައުމުތަކުން އެހާވަރުގަދަ ދިގު މުއްދަތެއްގެ ޖިހާދެއް ނުކޮށްވެސް މިނިވަންކަން އެބައިމީހުންނަށް ލިބިދާނެ. މިނިވަންކަން ލިބުމަށްފަހު ކަންތައްތައް ދިމާވާގޮތަކުން އަދި އެ ޤައުމެއްގެ ތެރޭގައި ކަންތައްތައް ހިނގަމުންދާ ގޮތަކުން އެ މިނިވަންކަމަށް ބުރޫއަރާގޮތް އޮންނަނީ ވަރަށް ފަސޭހައިން ދިމާވެފައި. އެހެންވީމާ، ބައެއް ސިޔާސީ ކާތިބުން އާދެ، ސިޔާސީ ކަންތައްތަކާ ދޭތެރޭގައި މަޒުމޫނާއި ބަޔާން ލިޔުއްވާ، ކަންތައްތައް ތަޙުލީލު ކުރައްވާ ބޭކަލުން، އެ ބޭކަލުން ބުނުއްވާގޮތުގައި މިނިވަންކަން ދެމެހެއްޓުން އެއީ، މިނިވަންކަން ލިބިގަތުމަށްވުރެ ދަތިކަމަކަށް ވެދާނެ.
މި ނުކުތާ އަޅުގަނޑުމެން ވަރަށްބޮޑަށް ފާހަގަކުރަންޖެހޭނެ. އެއީ، އަޅުގަނޑުމެންނަކީ، ދެންމެ އަލްއުސްތާޛު ޒާހިރު ޙުސައިން، އެ ވިދާޅުވި ފަދައިން، އެއްވެސްއިރެއްގައި މާދިގު މުއްދަތަކަށް ބައެއްގެ އަޅުވެތިކަމުގެ ދަށުގައި ތިބި ބައެއްނޫން. ޕޯޗްގީޒް މީހުންވެސް އަޅުގަނޑުމެންގެ ޤައުމު ހިފައިގެން ތިބީ. މި ޤައުމަށް ވެރިވެގެން ތިބީ، ފަނަރަ އަހަރު ދުވަހު، ނުވަތަ ސޯޅަ ސަތާރަ އަހަރު ދުވަހު. އޭގެފަހުން މަލާބާރު މީހުންވެސް އައިސްތިބީ. އަދި އެއަށްވުރެވެސް މާކުޑަދުވަސްކޮޅެއްގެ ތެރޭގައި، އެންމެފަހުން އިނގިރޭސީންގެ ޙިމާޔަތް އަޅުގަނޑުމެންގެ މައްޗަށް ހަމަޖެހުނު ވަގުތު، އެ ޙިމާޔަތް ދެމިއޮތީ ތަންކޮޅެއް ދިގުމުއްދަތެއްގައި ކަމުގައިވިޔަސް، އެ ޙިމާޔަތުގެ ސަބަބުން އަޅުގަނޑުމެންގެ ދާޚިލީ މިނިވަންކަމަށް މާބޮޑު ދަތިތަކެއް ނުލިބޭ. އެހެންކަމަށްވުމާއެކު، އަޅުގަނޑުމެންނަށް މިނިވަންކަމުގެ އަގު، ޤައުމީ މިނިވަންކަމުގެ އަގު ރަނގަޅަށް ވަޒަންނުކުރެވި އޮތުމަކީ އެކަށީގެންވާ ކަމެއް.
ވަރަށް ރީތި މިސާލެއް، ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އެ ޖައްސަވައިދެއްވީ. އެއީ، ޞިއްޙަތު. ފުރިހަމަ ޞިއްޙަތެއް ލިބިފައިހުރުން. އެކަންވެސް އެންމެބޮޑަށް ފާހަގަކުރެވެނީ، ބަލިމީހުންނަށް. ޞިއްޙަތު ސަލާމަތުން ހުންނަ މީހާ، ކޮންމެ ހިނދުކޮޅަކު، ތިމަންނާ މިހިރީ ގަދަވެ ސަލާމަތުންނޭ، އެހެން ހިތަކަށްނާރާނެ. އެހެންނަމަވެސް، ބަލިމީހަކުވިއްޔާ ޞިއްޙަތަކީ ވަރަށް މުހިންމު އެއްޗެއް ކަމުގައި ދެކިގެން އޭނާ އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ އޭނާގެ ބަލިން ސަލާމަތްވެވޭތޯ. ވަރަށްގިނަ ނިޢުމަތްތައް އެއީ، މިދެންނެވި އުސޫލުން ހަމަޖެހިފައި އޮންނަ ނިޢުމަތްތަކެއް. އެ ނިޢުމަތްތަކުން މަޙުރޫމްވިއްޔާ ނޫނީ، އެ ނިޢުމަތުގެ އަގު އޮންނަނީ ވަޒަންނުކުރެވިފައި.
އާދެ، ވަރަށް އާދައިގެ މިސާލެއްވެސް ދަންނަވާލަދީފާނަން. އަޅުގަނޑުމެން ނޭވާލަމުން މިގެންދާ ވައި. އެއްވެސް މީހަކު އަޅުގަނޑުމެން މިތާނގައި ތިބޭއިރުވެސް، ޙަޔާތުގެ އެކިކަންކަމުގައި އަވަދިނެތި އުޅޭއިރުވެސް، ވަޔާދޭތެރޭގައި ވިސްނާކަށް ނުޖެހޭނެ. ތިމަންނާ މިގެންދަނީ ނޭވާލަމުންނޭ، އެހެން ހިތަށްއަރުވާކަށް އެއްވެސްއިރެއްގައި ނުޖެހޭ. އެހެންނަމަވެސް، ވައި ނުލިބޭގޮތަކަށް ދިމާވެއްޖެއްޔާ، ތަން މުޅިން ބަންދުވެ އެތަނެއްގައި ހުރި އޮކްސިޖަންކޮޅު ހުސްވާގޮތް ދިމާވެއްޖެއްޔާ އަޅުގަނޑު ހިތުން ކޮންމެ މީހަކުވެސް ތެޅިފޮޅިގަންނާނެ. ވަރަށްއަވަހަށް އެމީހާ މަރުވެ ހިނގައިދާނެކަމުގެ ބިރު އެމީހާއަށް އޮންނާނީ އިޙްސާސް ކުރެވިފައި.
ހަމައެފަދައިން، ޞިއްޙަތާ ގުޅޭ އެހެން މިސާލަކީ ހޮސްޕިޓަލް. ހޮސްޕިޓަލެއް ހުންނަކަންވެސް، އެތާނގެ ޚިދުމަތްތައް ހަމަޖެހިފައިވާގޮތްވެސް އެއީ، އަޅުގަނޑުމެން އާދައިގެ ދިރިއުޅުމުގައި އެއްވެސް މީހެއްގެ ހިތަށްއަރާނެ އެއްޗެއްސެއް ނޫން. ހޮސްޕިޓަލުގެ ބޭނުންތެރިކަން އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭނީ، އަޅުގަނޑުމެން ބަލިވެގެން ނުވަތަ އަޅުގަނޑުމެންގެ ދަރިން ބަލިވެގެން ނުވަތަ ގާތްތިމާގެ މީހަކު ބަލިވެގެން ހޮސްޕިޓަލުގެ ޚިދްމަތަށް ބޭނުންވެއްޖެއްޔާ. އެނޫން ވަގުތެއްގައި ހޮސްޕިޓަލް އެއީ ހުރި ތަނެއްކަންވެސް އަޅުގަނޑުމެންގެ ގިނަމީހުން ހަނދާނެއް ނުހުންނާނެ.
މަދަރުސާގެ ބޭނުންޖެހެނީވެސް ކުއްޖަކު މަދަރުސާއަށް ވައްދަން ބޭނުންވީމާ. އެހެންނޫނީ އާދައިގެ ދިރިއުޅުމުގައި އަޅުގަނޑުމެން އުޅޭއިރު މަދަރުސާގެ މަތިން ހަނދާނެއް ނުހުރޭ.
މަގުތައް. އާދެ، އަޅުގަނޑުމެންގެ މާލޭގެ މަގުތައްވަނީ ވަރަށްބޮޑަށް ހަލާކުވެފައި. އެހެންވީމާ، އެ މަގުތައް ހަލާކުވުމުން އަޅުގަނޑުމެންނަށް މި ލިބޭ ދަތިކަން އިޙްސާސް ކުރެވެނީވެސް ހަލާކުވެފައި އޮންނަ ވަގުތު. މަގުތައް ރީތިކޮށް ހެދިފައި ހުންނަ ވަގުތުތަކުގައި، ސަރުކާރުން ހާދަ ބޮޑެތި މަސައްކަތްތަކެއް ކޮށްގެން، ހާދަ ރަނގަޅަށް މަގުތައް ހަދާފައި އެބައޮތެކޭ، އެއްވެސް މީހެއްގެ ހިތަކަށް އެހެން ނާރާނެ. އެހެން ނަމަވެސް، ވާރޭވެހިގެން ނުވަތަ މަގުމަތީގައި ދުއްވާ އެއްޗިހިތައް ގިނަވުމުގެ ސަބަބުން އެ ލިބޭ ގެއްލުންތަކުގެ ބޮޑުކަމުން ސަރުކާރަށް ފަސޭހައިން މަގުތައް ނުހެދި ގިނަދުވަސް ވެއްޖެއްޔާ އެއީ އެންމެންގެ ޝަކުވާއަކަށް އޮންނަނީވެފައި. އާދެ، އެއީ ތަބީޢީ ކަމެއް.
އެހެންވީމާ، މިނިވަންކަން އެއީވެސް އެ ބާވަތުގެ ނިޢުމަތެކޭ އަޅުގަނޑުވެސް މިދަންނަވަނީ. މިނިވަންކަމުގެ އަގު ރަނގަޅަށް އިޙްސާސް ކުރެވޭނީ، މިނިވަންކަމުން މަޙްރޫމުވެފައި ތިބޭ މީހުންނަށޭ. މިހާރު ދުނިޔޭގައި ވަރަށްގިނަ ޤައުމުތަކުގެ އަހުލުވެރިން އަދިވެސް މިނިވަންކަން ނުލިބިގެން މިނިވަންކަމަށް މަސައްކަތް ކުރަމުން އެބަގެންދޭ. އަޅުގަނޑުމެންގެ އުޚުއްވަތްތެރި ފަލަސްޠީނުގެ ރައްޔިތުންވެސް ދަނީ އެ ޖިހާދު ވަރަށް ވަރުގަދަޔަށް ކުރަމުން. އަދި ދެކުނު އެފްރިކާގައި ދިރިއުޅެމުންދާ ކަޅުމީހުންވެސް ގެންދަނީ މިނިވަންކަން ހޯދުމަށްޓަކައި މަސައްކަތް ކުރަމުން. އެމީހުން އެގެންދަނީ މިނިވަންކަން ހޯދުމަށްޓަކައި ޖިހާދުކުރަމުން. މިގޮތަށް ދުނިޔޭގައި އަދިވެސް ވަރަށްގިނަބަޔަކު އެބައިމީހުންގެ ޤައުމީ މިނިވަންކަން ހޯދުމަށް މަސައްކަތް ކުރަމުން އެބަގެންދޭ. އެމީހުންނަށް އެންމެބޮޑަށް އިޙްސާސް ކުރެވޭނީ މިނިވަންކަމުގެ ބޭނުމާއި، އޭގެ މުހިންމުކަމާއި، މިނިވަންކަމަކީ އެއާނުލައި އެއްގޮތަކަށްވެސް ޤައުމަކަށް ދުނިޔޭގައި ކުރިޔަށް ނުދެވޭނެ އެއްޗެއްކަން.
އަޅުގަނޑުމެންނަކީ، މިނިވަންކަމުގެ ނިޢުމަތް ތަންކޮޅެއް ކުރީއްސުރެ ލިބިފައިވާ ބަޔަކަށްވާތީ، މިހާރު އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންގެ ހަނދާނުގައި، މިނިވަންކަމުގެ ނިޢުމަތުގެ ބޮޑުކަން ނޯވެ ހިނގައިދާނެ. އެ ނުކުތާ އަޅުގަނޑުމެން ވަރަށްބޮޑަށް ފާހަގަކޮށް، މިނިވަންކަން ރައްކާތެރި ކުރުމަށްޓަކައި މަސައްކަތްކުރަން ޖެހޭނެޔޭ ދެންނެވުން އެއީ އަޅުގަނޑުހިތުން މި މަޤާމުގައި ހުންނަ މީހެއްގެ ވާޖިބަކަށްވާނެ. އެހެން ދަންނަވަންޖެހޭ ސަބަބަކީ، މިނިވަންކަން ރައްކާތެރިކުރުން އެއީ، ހަމައެކަނި ސަރުކާރުގެ ވާޖިބަކަށްނުވާތީ.
އާދެ، އަޅުގަނޑުވެސް އެއްބަސް. ސަރުކާރުން ކުރަންޖެހޭ ކިތަންމެ ކަމެއް ހުންނާނެ، ޤައުމުގެ މިނިވަންކަން ރައްކާތެރި ކުރުމަށްޓަކައި. ޤައުމު ދިފާޢު ކުރުމަށްޓަކައި ވާންޖެހޭ ތައްޔާރުތައް ސަރުކާރުން ވާންޖެހޭނެ. ކުރަންޖެހޭ ޚަރަދުތައް ކުރަންޖެހޭނެ. ތައްޔާރުކުރަންޖެހޭ މީހުން ތައްޔާރުކުރަންވާނެ. ހޯދަންޖެހޭ ހަތިޔާރުވެސް ހޯދަންވާނެ. އެހެންނަމަވެސް، އަޅުގަނޑުމެންފަދަ ޤައުމެއްގައި، އަދި މަދު އަދަދަކަށް މީހުން ދިރިއުޅޭ ތަނެއްގައި އަޅުގަނޑުމެންނާ އެކަށީގެންވާ އަދަދަކަށް ސިފައިންގެ މީހުން ތިއްބަސް، އެކަށީގެންވާވަރަށް ހަތިޔާރު ހުއްޓަސް، ހަމައެކަނި ސަރުކާރުން އެކަމަށް އަހަންމިއްޔަތުދީގެން، ޢާންމު ރައްޔިތުންގެ ފަރާތުން އެކަމަށް އެހީތެރިކަމެއް ނުވަތަ އެއްބާރުލުމެއް ނުލިބޭކަމަށްވަންޏާ، އަޅުގަނޑުމެންގެ މިނިވަންކަން އޮންނާނީ ވަރަށް ފަސޭހައިން ގެއްލިފައި.
އާދެ، ކޮންމެއަކަސް މިނިވަންކަމަކީ މިދެންނެވިފަދަ ނިޢުމަތެއް. އެ ނިޢުމަތް ހިފެހެއްޓުމަށް އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަންވާނެ. ރައްޔިތުން އަބަދުވެސް ތިބެންޖެހޭނީ އެކަމަށްހޭލާ. އެއްވެސް ޙާލެއްގައި އަޅުގަނޑުމެންގެ މިނިވަންކަމާ އެއްވެސް ބަޔަކު ތޮޅެއުޅުމަކީ، އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު ރުހޭނެ އަދި ރުހިގެންވާނެ ކަމަކަށްވެސް ވެގެންނުވާނެ.
މިނިވަންކަން، ޤައުމީ މިނިވަންކަން ރައްކާތެރިކުރުމަށްޓަކައި އެންމެބޮޑަށް ބޭނުންވާ ކަމެއްކަމަށް އަޅުގަނޑަށް ފެންނަނީ ތަނުގެ ހަމަޖެހުން. ތަނުގެ ދާޚިލީ ހަމަޖެހުން. ހަމަޖެހިގެން ކުރިޔަށްދާ ޤައުމެއްގެ މިނިވަންކަން ހިފެހެއްޓުމަކީ، އެމީހުންނަށް މާބޮޑު ދަތިކަމަކަށްނުވާނެ. އެއާޚިލާފަށް ތަނުގައި ސިޔާސީ ހަމަނުޖެހުންތަކެއް އުފެދިގެން ކުރިޔަށްދާ ކަމަށްވަންޏާ ވަރަށް ފަސޭހައިން އޮންނާނީ ބޭރުބައެއްގެ އަތްދަށުވާތަން އައިސްފައި. އާދެ، އަޅުގަނޑުމެންގެ ވަށައިގެންވާ ޤައުމުތަކަށް ވިސްނައިލިޔަސް އޭގެ ހެކިތައް އަޅުގަނޑުމެންނަށް ފެންނާނެ. ވަރަށްގިނަ ތަންތާނގައި އެކިބާވަތުގެ ހަމަނުޖެހުން އުފެދިގެން ހިނގަމުންދޭ. އޭގެ ނަތީޖާއަކަށްވަނީ ވަރަށް އަވަހަށް ކޮންމެވެސް ބޭރުބައެއްގެ ނުފޫޒުގެ ދަށަށް އެތަނެއްދިޔުން.
އެހެންވީމާ، އަޅުގަނޑުމެންގެ މިނިވަންކަން ރައްކާތެރި ކުރުމަށްޓަކައިވެސް އަޅުގަނޑުމެން އެންމެބޮޑަށް ވިސްނަންޖެހޭ ނުކުތާއަކީ އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުން އޮތުން. އުޚުއްވަތްތެރިކަމާއި އެއްބާރުލުން، އެންމެންގެ އެކުވެރިކަން، ޤައުމުގެ ތެރޭގައި ފެތުރިފައި އޮތުން.
އާދެ، އަޅުގަނޑުމެންގެ މިރޭގެ ޢިއްޒަތްތެރި މެހުމާނު އެ ވަޑައިގެންނެވި ޤައުމުގައިވެސް އޭނާ ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވަރަށްގިނަ ހަމަނުޖެހުންތަކެއްވަނީ އުފެދިފައި. އޭނާ ވެރިކަމާ ހަވާލުވެވަޑައިގަންނަވަން ޖެހުނީވެސް މިދެންނެވި ހަމަނުޖެހުންތައް އުފެދިފައި އޮތުމުގެ ސަބަބުން ތަނަށް ލިބެމުންދާ ގެއްލުންތަކެއްގެ ނަތީޖާއެއްގެގޮތުން.
ވެރިކަމާ ހަވާލުވެވަޑައިގަތްތާ ވަރަށް ކުރީކޮޅުގައި އަޅުގަނޑަށް އޭނާ ފޮނުއްވި ސިޓީއެއްގައި ވަރަށް ތަފުޞީލުކޮށް ލިޔުއްވާފައިވޭ. ކީއްވެގެންކަން އޭނާޔަކީ ސިފައިންގެ ވެރިޔަށްވީ ހިނދު، ސިފައިންގެ ބާރުގެ ބޭނުންކުރައްވައިގެން ތަނުގެ ވެރިކަން ހޯއްދަވަން ޖެހިވަޑައިގަތީ. އޭނާ ވިދާޅުވާގޮތުގައި، އަދި އެއީ ތެދު ޙަޤީޤަތެއްކަން ޚުދު އަޅުގަނޑަށްވެސް އެނގޭ. އަޅުގަނޑުވެސް މިދޭތެރެއިން އެމަނިކުފާނުގެ ޤައުމަށް ޒިޔާރަތްކުރިން. އެތާނގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ބޮޑުކަމުން އެފަދަ ފިޔަވަޅެއް ސިފައިން ނާޅައި އެތަން އެއްގޮތަކަށްވެސް ހަމަނުޖެހޭނެކަން ކަށަވަރު.
އާދެ، ތަނުގައި އޮތީ ވަރަށްގިނަ ސިޔާސީ ޕާޓީތަކެއް އުފެދިފައި. ގާތްގަނޑަކަށް ހަތްދިހަވަރަކަށް ޕާޓީ އެތާނގައި އޮތް. ކޮންމެ ޕާޓީއެއްވެސް މަސައްކަތް ކުރަނީ، އެބައިމީހުންނަށް ވެރިކަމަށް އާދެވޭތޯ. ވެރިކަމަށް އަންނަން ބޭނުންވަނީ ރައްޔިތުންނަށް ޚިދުމަތެއްކޮށްދޭކަށެއް ނޫން. އެމީހުންނަށް ހުރިހާ ބާރަކާއި އާރެއް ލިބޭނެތީ. އެމީހުންގެ އަތްދަށުގައި ތަނުގެ މުއްސަނދިކަން އޮންނާނެތީ. ބޭނުންގޮތަކަށް ކޮންމެ ކަމެއްވެސް ކުރެވޭނެތީ. އެހެންވީމާ، ކޮންމެ ސިޔާސީ ޕާޓީއެއްވެސް މަސައްކަތް ކުރަމުން ގެންދިޔައީ ތަނުގެ ވެރިކަން ހޯދޭތޯ. ނަތީޖާއަކަށްވީ އެއްވެސް މީހަކު އެތަނާ އަޅާލާގޮތެއްނެތް. އެއްވެސް މީހެއްގެ ހިތުގައި ޤައުމަށް ޚިދްމަތް ކުރުމުގެ ރޫޙެއް އުފެދިފައެއްނެތް. ހުރިހާ އެންމެންވެސް ބޭނުންވަނީ ވެރިކަން.
ނަތީޖާއަކަށްވީ އެ މަނިކުފާނު، އެ މަނިކުފާނުގެ މަސްއޫލިއްޔަތު އިޙްސާސް ކުރައްވައިގެން، ސަރުކާރުގެ ބާރު ހޯއްދެވުން. ސަރުކާރުގެ ބާރު ހޯއްދަވާފައި، ވަގުތީގޮތުން އެތާނގެ ޤާނޫނުއަސާސީ ހުއްޓުވައިލެއްވީ. ހުއްޓުވައިލައްވާފައި މިހާރު ވަރަށް ހަމަޖެހޭ އުސޫލެއްގެ މަތިން ތަން ހިންގަވަމުން ގެންދަވަނީ. ހުރިހާ ވަގުތުތަކެއް ހޭދަކުރައްވަނީ ތަނުގެ ތަރައްޤީއަށް ވިސްނަވައި ޚިޔާލުކުރައްވައި، އެކިއެކި ޖަލްސާތައް ބާއްވަވައި، އެކިއެކި މަޝްރޫޢުތައް ރާއްވަވައި، މިބާވަތުގެ މުހިންމު މަސައްކަތްޕުޅުތަކުގައި.
އާދެ، އަޅުގަނޑަށް އެނގިފައި އޮތް ޙަޤީޤަތެއް ދަންނަވާލަން. ރެޔަކާ ދުވާލުގެ ތެރޭގައި މިއޮންނަ ސައުވީސް ގަޑިއިރުގެ ތެރެއިން ވިހި ގަޑިއިރު އެމަނިކުފާނު ހޭދަކުރައްވަނީ މަސައްކަތްޕުޅުގައި. ހަމައެކަނި އަވަހާރަފުޅު ލައްޕަވަނީ އެންމެ ހަތަރު ގަޑިއިރު. ނުވަތަ ފަސްގަޑިއިރު. ކޮންމެ ދުވަހަކުވެސް އެފަދައިން. އެހެންވީމާ، މިހާރު އެމަނިކުފާނު އެކުރައްވާ ޚިދުމަތްތައް އަޅުގަނޑުހިތުން އަޅުގަނޑުމެންނަށް ވަޒަންކުރެވޭނެ.
އަޅުގަނޑުގެ ވާހަކަޔަކީ، އެތާނގައި ހަމަނުޖެހުން އުފެދިގެން އެދިޔަ ސަބަބަކީ، ނުވަތަ އެންމެ މުހިންމު އެއް ސަބަބަކީ ތަނުގައި އޮތް ސިޔާސީ ނިޒާމޭ. އެއީ، ސިޔާސީ ޕާޓީތަކެއް އޮވެގެން، އެ ޕާޓީތަކުގެ މެދުގައި މިދެންނެވި ކަހަލަ ސިޔާސީ ނޭދެވޭ ވާދަތަކެއް އުފެދިގެން އެކަންތައްތަކުގެ ސަބަބުން ތަނަށް ހަމަނުޖެހުން އައުން.
އާދެ، މި ނުކުތާއާ ދޭތެރޭގައި އަޅުގަނޑުމެންވެސް ވިސްނާލަންޖެހޭނެ ކަމަށް އަޅުގަނޑަށް ފެނޭ. އެއީ، ބޭރުގެ ބައެއް ނޫސްވެރިންވެސް އަޅުގަނޑާ ކުރާ ސުވާލުތަކުގައި، ކުރާ ސުވާލެއް، ކީއްވެހޭ ރާއްޖޭގައި ސިޔާސީ ޕާޓީތަކެއް ނޯންނަނީ. ކަލޭމެން ތިޔަ ބުނަނީއޭ ތިޔައީ ޑިމޮކްރެޓިކް ތަނެކޭ. ދިމިޤްރާޠީ އުސޫލު ހިންގާ ތަނެކޭ. އެހެންނަމަވެސް ސިޔާސީ ޕާޓީތަކެއް ނޯވެއޭ. އެހެންވީމާ، ކޮބައިހޭ ތިޔަބުނާ ޑިމޮކްރަސީއަކީ؟ މިއީ، އެމީހުން ކުރާ ސުވާލެއް. އަދި އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ތެރެއިން ބައެއް ޒުވާނުންގެ ހިތަށްވެސް އެ ސުވާލު އަންނާނެ. އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ މީހުންނަކީ، ވަރަށްގިނަ ޒުވާނުންނަކީ ބޭރު ޤައުމުތަކަށް ގޮސްގެން އެތަންތާނގައި ދިރިއުޅެ، އެތަންތާނގެ މަދަރުސާތަކުންނާއި ޔުނިވަރސިޓީތަކުން ތަޢުލީމު ހާސިލުކޮށްގެން ތިބި ބައެއް. އެމީހުންނަށް ފެންނާނެ އެތަންތާނގެ ކަންތައްތައް ހުރިނެތްގޮތް. އެތަންތާނގައި ސިޔާސީ ޕާޓީތައް އޮންނާތީ އެމީހުންގެ ހިތަށްވެސް ފަހަރުގައި ވަދެދާނެ، ކީއްވެހޭ ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް ނޯންނަނީ.
އާދެ، އޭގެ ޖަވާބުގައި އަޅުގަނޑު ދަންނަވަން އޮތީ، ސިޔާސީ ޕާޓީ އުފެދުމުގެ ބޭނުމަކީ ކޮބައިތޯއޭ. ޝައްކެއްނެތް، ސިޔާސީ ޕާޓީއެއް ތަނެއްގައި އުފެދޭނީ ކޮންމެވެސް މަޤްޞަދެއް ހާސިލުކުރުމަށްޓަކައި ކޮންމެވެސް ބޭނުމެއް ފުއްދަން. ބޭނުމެއްނެތްގޮތުގައި ބަޔަކުމީހުންގެ ވަގުތުތަކާއި އެމީހުންގެ ފައިސާތަކެއް ނަގައެއްނުލާނެ. ސިޔާސީ ޕާޓީތައް އުފައްދަނީ ކޮންމެވެސް ޖަމާޢަތެއްގެ ޙައްޤުތައް ރައްކާތެރި ކުރުމަށްޓަކައި. އެމީހުން ދެކޭގޮތުގައި، އެމީހުންނަށް ލިބެންވާ ޙައްޤުތައް ނުލިބި އޮންނާތީ، އެ ޙައްޤުތަކާ ދޭތެރޭގައި ވަކާލާތުކޮށް، އެ ޙައްޤުތައް ހޯދައި، އަދި ހޯދުމަށްފަހުގައި، އެ ޖަމާޢަތުގެ މީހުންނަށް އެ ޙައްޤުތައް އަބަދުވެސް އޮންނާނެ ގޮތެއްގެމަތިން މަސައްކަތް ކުރުމަށްޓަކައި.
ހުޅަނގު ޔޫރަޕުގެ ތާރީޚް، މިދިޔަ ދެތިން ޤަރުނެއްގެ ތެރޭގައި ކުރިޔަށްދިޔަގޮތާ ދޭތެރޭގައި ވިސްނަވާލައްވައިފިއްޔާ، އަޅުގަނޑު މިދެންނެވީ ތެދެއްކަން އެނގިވަޑައިގަންނަވާނެ. އެންމެ ފުރަތަމަ އެތާނގެ އިޤްތިޞާދީ ނިޒާމް އޮތްގޮތުން އެތާނގައި އޮތީ ރައުސްމާލީ ނިޒާމު. ނުވަތަ ކެޕިޓަލިޒަމް. އޭރު މުއްސަނދިން ހުރިހާ ކަމެއްވެސް ކުރަމުން ގެންދަނީ. ކާރުޚާނާތައް އުފައްދައިގެން ލިބޭ ހުރިހާ ފައިދާއެއް އެއީ އެމީހުންނަށް ލިބޭ އެއްޗެއް. އެމީހުންގެ އަޅުންގެ ގޮތުގައި އެނޫން މީހުން ތިބީ. އެއީ، ކާރުޚާނާތަކުގައި މަސައްކަތްކުރާ މީހުންވެސް އަދި ދަނޑުދަނޑުގައި މަސައްކަތްކުރާ މީހުންވެސް ތިބީ އެ ދަނޑުތަކުގެ ވެރިންގެ އަޅުންތަކެއްގެ ގޮތުގައި. މިދެންނެވި މަސައްކަތްތެރިންނަށް އެއްވެސް ޙައްޤެއް ނޯވޭ. އެހެންވީމާ، އެ ޒަމާނުގައި މަސައްކަތު މީހުންގެ ޙައްޤުތައް ރައްކާތެރިކޮށްދޭ ޖަމާޢަތެއްނޯވޭ. މަސައްކަތްތެރިންގެ ތެރޭގައިވެސް ވިސްނުންހުރި މީހުންނާއި ޚިޔާލު ތަނަވަސް މީހުން ތިބުމާއެކު، އެމީހުން މަސައްކަތް ކުރަމުން ގެންދިޔައީ އެމީހުންގެ ޕާޓީއެއް އުފައްދަން. އޭގެ ސަބަބުން މިދެންނެވި ހުޅަނގުގެ ވަރަށްގިނަ ޤައުމުތަކެއްގައި ލޭބަރ ޕާޓީތަކެއް، ނުވަތަ މަސައްކަތާ ގުޅޭ ޕާޓީތަކެއް، މަސައްކަތުމީހުން އެއީ އެ ޕާޓީގެ މެންބަރުން ކަމުގައި ހަމަޖެހުނު ޕާޓީތަކެއް އުފެދިގެންދިޔަ. އެ ޕާޓީތަކުގެ ބޭނުމަކީ މަސައްކަތު މީހުންގެ ޙައްޤުތައް އެމީހުންނަށް ހޯދައިދިނުން. އެއީ، އޭގެކުރިން އެމީހުންނަށް އެއްވެސް ޙައްޤެއް ލިބިފައިނުވާތީ.
ހަމައެފަދައިން ބައެއް ތަންތާނގައި އޮވެދާނެ، ޤައުމެއްގެ ތެރޭގައި ތިބެދާނެ، ތަފާތު ޖިންސުތަކުން އައިސްތިބި މީހުން. މިހާރު އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމެއް ކަމުގައިވާ އޮޅުދޫކަރައިގައި އެ އޮންނަނީ އެކަހަލަގޮތެއް ދިމާވެފައި. އެތާނގައި ދިރިއުޅެނީ އެއްޖިންސަކުން އައިސްތިބި މީހުންނެއް ނޫން. އެތާނގައި އެބައުޅޭ އަޅުގަނޑުމެންނަށް އެނގޭފަދައިން ދެ ޖިންސަކުން އައިސްތިބި މީހުން. ސާދަ މިލިޔަން މީހުން ތިބޭ ތަނެއްގައި ގާތްގަނޑަކަށް ބާރަ މިލިޔަން އެއީ، އެތާނގެ އަޣްލަބިއްޔަތު. އެއީ އެއްޖިންސަކުން އައިސްތިބި ބައެއް. އަނެއްބަޔަކީ ގާތްގަނޑަކަށް ދެ މިލިޔަން މީހުން. އެއީ، އެހެން ޖިންސަކުން އައިސްތިބި ބައެއް. އެހެން އަސްލަކުން، އެހެން ނަސްލަކުން އައިސްތިބި ބައެއް. ވާހަކަ ދައްކަނީ ތަފާތު ބަހަކުން.
އެހެންވީމާ، މިދެންނެވި ދެ މިލިޔަން މީހުންނަށް ހީވެފައި އޮތީ ނުވަތަ އެމީހުންނަށް އިޙްސާސް ކުރެވުނީ އެމީހުންނަށް އެރަށުގައި ލިބެންވާ ޙައްޤުތަކެއް އެމީހުންނަކަށް ނުލިބެޔޭ. އެހެންވީމާ، އެ ޙައްޤުތައް ހޯދައިގަތުމަށްޓަކައި، އެ ޙަޢްޤުތައް ލިބުނީމާ އެ ރައްކާތެރި ކުރުމަށްޓަކައި އެމީހުން ޕާޓީއެއް އުފައްދައިގެން ޕާޓީ ކުރިޔަށް ގެންދަނީ. މިފަދައިން މުޖުތަމަޢުގައި ތަފާތު ޖަމާޢަތްތައް ދިރިއުޅެމުންދާ ކަމަށްވަންޏާ ކޮންމެ ޖަމާޢަތަކަށްވެސް ބޭނުންވާނެ، އެ ޖަމާޢަތެއްގެ ޙައްޤުތައް ރައްކާތެރިކުރުމަށް، އެ ހޯދަން. އެހެންވީމާ، ސިޔާސީ ޕާޓީތައް އުފެދެމުންދަނީ.
ދެން އަޅުގަނޑުމެންގެ ރާއްޖެއާ ދޭތެރޭގައި ވިސްނާލާއިރު، ދުނިޔޭގެ އެހެން ގިނަ ތަންތަނާ ވަރަށް ތަފާތުގޮތަކަށް، اللّه سبحانه وتعالىގެ رحمةން އަޅުގަނޑުމެންގެ ރާއްޖޭގައި ކަންތައްތައް އޮތީ. އާދެ، އަޅުގަނޑުމެންގެ ތެރޭގައި މުސްލިމުނޫން އެހެން އެއްވެސް މީހަކު ނޫޅޭ. އެންމެންނަކީ މުސްލިމުން. ދިވެހިރާއްޖެއަކީ ސަތޭކައިންސަތޭކަ މުސްލިމް ޤައުމެއް. އަޅުގަނޑުމެންގެ ތެރޭގައި ތަފާތު ބަހަކުން ވާހަކަ ދައްކާ މީހަކު ނޫޅޭ. އެންމެންވެސް ވާހަކަ ދައްކަނީ ހަމަ އަޅުގަނޑު މިހާރު މިވާހަކަ ދައްކާ ދިވެހިބަހުން. އަޅުގަނޑުމެންގެ ތެރޭގައި ތަފާތު އަސްލުތަކުން އައިސްތިބި ބައެއްނެތް. އެންމެންނަކީ ދިވެހިން. ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި ވަކިބަޔަކަށްވީތީ، އެބައެއްގެ ޙައްޤުތަކުން މަޙްރޫމްވެފައި ތިބި ބައެއްނެތް. އެއީ، ވަކި ޖަމާޢަތެކޭ އަޅުގަނޑުމެން ހީކޮށްގެން އެ ޖަމާޢަތަށް އެމީހުންގެ ޙައްޤުތައް ނުދީ، އެބަޔަކާ ދޭތެރޭގައި ބޭއިންސާފު ޢަމަލުތަކެއް ސަރުކާރުން ހިންގާ އެއްވެސް ޖަމާޢަތެއް ނެތް. އެހެންވީމާ، ދެން ޕާޓީއެއް އުފެދެންވީ ކީއްވެގެންތޯ؟ ހަމައެކަނި އެއްކަލަ ހުޅަނގުގެ މީހުން ކަންތައްކުރާގޮތަށް އަޅުގަނޑުމެން ކަންތައް ކުރުމަށްތޯ ޕާޓީތަކެއް އުފައްދަންވީ؟ އެއީ ސުވާލަކީ.
ދެންއޮތީ އެހެންވިއްޔާ ކިހިނެއްހޭ ޑިމޮކްރަސީއެއް ތިޔަ ހިންގަނީ. ކީއްވެހޭ ތިޔަބުނަނީ ކަލޭމެންގެ ސަރުކާރަކީވެސް ދިމިޤްރާޠީ އުސޫލުން ހިނގާ ސަރުކާރެކޭ. އަޅުގަނޑުގެ ޖަވާބަކީ އަދި އަޅުގަނޑު އަބަދުވެސް އެމީހުންނަށްދޭ ޖަވާބަކީ. ޑިމޮކްރަސީއަކީ ތަފާތު ގޮތްގޮތަށް ތަރުޖަމާ ކުރެވިދާނެ ބަހެކޭ. އަދި ތަފާތު ގޮތްގޮތަށް ހިންގިދާނެ ނިޒާމެކޭ. ދުނިޔޭގައިވާ ޑިމޮކްރެޓިކް ޤައުމުތަކަށް ވިސްނައިލިޔަސް މިއީ، ތެދެއްކަން އެނގޭނެއޭ. އެއްވެސް ދެތަނެއްގައި އެއް ނިޒާމެއް ނެތް. އިނގިރޭސިވިލާތް އެއީވެސް ދިމިޤްރާޠީ އުސޫލުން ހިންގާ ތަނެއް ކަމަށް އެމީހުން ބުނޭ. އަދި ދުނިޔޭގެ ގިނަ ޤައުމުތަކުން ގަބޫލުކުރޭ. އެމެރިކާވެސް. އެކަމަކު އިނގިރޭސިވިލާތާއި އެމެރިކާއާ ދޭތެރޭގައި އޮތް ތަފާތު ތިޔަބޭފުޅުންނަށް ވިސްނިވަޑައިގަންނަވާނެ. އެއްތަނެއްގައި ހުންނަވަނީ ރާނީއެއް. އަނެއް ތަނެއްގައި ހުންނަވަނީ ރައީސެއް. އަދި ރާނީގެ ބާރުތަކާއި ރާނީ ހިންގަން ޖެހިވަޑައިގަންނަވާ ކަންތައްތަކާއި އެމެރިކާގެ ރައީސް ހިންގަވަންޖެހޭ ކަންތައްތަކާ ވަރަށް ތަފާތު.
އިނގިރޭސިވިލާތުގައި އޮންނަ، ރައްޔިތުންގެ މަޖިލިސް ނުވަތަ ޕާލަމެންޓް، އޭގެ ދެބައެއްއޮވޭ. ތަންކޮޅެއް މަތީދަރަޖައިގެ ބޭފުޅުން ތިއްބަވާ، އެމީހުން ދެކޭގޮތުގައި ލޯޑުން ތިއްބަވާ މަޖިލީހެއް އޮވޭ. އަދި ރައްޔިތުންގެ އާދައިގެ މީހުންގެ ތެރެއިން އިންތިޚާބު ކުރެވޭ ބަޔަކު ތިބޭ މަޖިލީހެއް އޮވޭ. އެމެރިކާގައި އެގޮތަކަށްނޫން އޮންނަނީ. ފަރަންސޭސިވިލާތަށް ބަލާއިރު އަދި ތަފާތު ތިންވަނަ ގޮތަކަށް އޮންނަނީ. އިޓަލީ، ތަފާތު ހަތަރުވަނަ ގޮތަކަށް އޮންނަނީ. އެއީ، ހައްތާވެސް ޑިމޮކްރެކްޓިކް ތަންތަން.
އެހެންވީމާ، ޑިމޮކްރެސީ އެއީ، އެއްގޮތަކަށް ހުރިހާ ތަނެއްގައިވެސް އެއްއުސޫލަކުން ހިންގަންޖެހޭ ކަމެއްނޫން. ބަލަންވީ ދިމިޤްރާޠީ އުސޫލުތަކަކީ ކޮބައިތޯ. އެ އުސޫލުތައް އަޅުގަނޑުމެންނަށް އެނގިއްޖިއްޔާ، އެ އުސޫލަށް ތަބަޢަވެވޭގޮތަށް އަޅުގަނޑުމެންނަށް ކަންތައްތައް ގެންދެވިއްޖިއްޔާ އެވާނީ ޑިމޮކްރެޓިކް ތަނަކަށް. އަދި ދިމިޤްރާޠީ އުސޫލުތަކަށް ތަބަޢަވެގެން ސަރުކާރު ހިންގާ ތަނަކަށް. ދިމިޤްރާޠީ އުސޫލުތަކުގެ ތެރެއިން އެންމެ މުހިންމު އުސޫލަކީ ރައްޔިތުން ވެރިކަން ކުރުން. ވެރިކަން ކުރުމުގެ ބާރު އެއީ ރައްޔިތުންގެ އެއްޗަކަށްވުން.
އާދެ، އެހެންވީމާ، އެ އުސޫލު ފުރިހަމަކުރުމަށްޓަކައި، ރައްޔިތުން ބޭނުން މީހަކު އިންތިޚާބު ކުރުން އޮންނަނީ. އެއީ ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އެތައް މިލިޔަން ބައެއް ތަނުގެ ރައްޔިތުންގެ ގޮތުގައި ހަމަޖެހިފައި ތިބޭއިރު، އެ ހުރިހާ އެންމެން އެއްތަނަކަށް އެއްވެގެން ކަންތައްތަކެއް ނުހިންގޭނެކަން. އެހެންވީމާ، އެ ހުރިހާ އެންމެން އެއްބަސްވަނީ ކޮންމެވެސް މީހަކު ވެރިޔަކަށްލާން. އެމީހުންގެ ފަރާތުން އެމީހުން އެ އިޚްތިޔާރުދޭތީ، އެ އިޚްތިޔާރުގެމަތިން ތަން ހިންގައިދޭން، އެމީހުން ބޭނުންވާގޮތަށް. އެމީހުން ބޭނުންވާގޮތަށޭ، މިދަންނަވަނީ ތަނުގެ ޤާނޫނުތައް އެއީ އެމީހުން ބޭނުންވާގޮތަށް ހަމަޖެހިފައި އޮންނަންވާ އެއްޗެއް. ޤާނޫނުތައް ހަދާ މީހުންވެސް ރައްޔިތުން އިންތިޚާބު ކުރަނީ. ރައްޔިތުން އިންތިޚާބުކުރާ ޤާނޫނު ހަދާ މަޖިލީހުން ހަދާ ޤާނޫނުތައް ހިންގަނީ ރައްޔިތުން އިންތިޚާބުކުރާ ވެރިއެއް. ސަރުކާރެއް. އެހެންވީމާ، އެއޮތީ ދިމިޤްރާޠީ އުސޫލުގެ އެންމެ މުހިންމުބައި ފުރިހަމަވެފައި.
ރާއްޖޭގައިވެސް މި އޮންނަނީ އެހެން. ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބުކުރަނީ ރައްޔިތުން އަމިއްލަޔަށް. އެމީހަކަށް ފެންނަގޮތަކަށް، އެއްވެސްކަހަލަ ބާރުދެއްކުމެއް ނުވަތަ ނޭދެވޭގޮތަކަށް ނޫން. ރައްޔިތުން ބޭނުންވާ މީހަކު އިންތިޚާބުކުރަނީ. ހަމައެފަދައިން، ރައީސަކަށް އިންތިޚާބު ކުރަނީވެސް ރައްޔިތުން ބޭނުންވާ މީހަކު. އެންމެފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ސިއްރު ވޯޓުން ކޮންމެވެސް މީހަކު ހޮވަނީ. ދެން އެމީހާގެ ނަން ޢާންމު ރައްޔިތުންނަށް ހުށަހެޅެނީ. އެމީހަކަށް އަޣްލަބިއްޔަތު ލިބިއްޖެއްޔާ އެމީހަކު ރައީސްކަމަށް ހޮވެނީ. ރައީސްކަމުގެ މަގާމާ ހަވާލުވާންޖެހެނީ.
ޤާނޫނުއަސާސީއާ ޚިލާފަށް ކަމެއްކޮށްފީވިއްޔާ އެމީހަކު ރައީސްކަމުގެ މަގާމުން ދުރުކުރުން އެއީވެސް އަޅުގަނޑުމެންގެ ޤާނޫނުގައި ހަމަޖެހިފައި އޮންނަ ވަރަށް މަތިވެރި އުސޫލެއް. ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް، ޤާނޫނުއަސާސީއާ ޚިލާފު ޢަމަލެއް ކޮށްފިއްޔާ އެމީހަކު ވެރިކަމުން ދުރުކުރެވިދާނެ.
އެހެންވީމާ، ރައްޔިތުންގެ އަތުގައި ބާރުއޮތީ. ރައްޔިތުން ބޭނުން މީހަކު އިންތިޚާބު ކުރަނީ ވެރިޔަކަށް. އަދި ރައްޔިތުން ބޭނުންވެއްޖެ ހިނދެއްގައި އެމީހަކު ވެރިކަމުން ދުރުވެސްކުރެވިދާނެ. ރައްޔިތުން ބޭނުންވާ ބަޔަކު ޤާނޫނުތައް ހަދައި ފާސްކުރަނީ. އެހެންވީމާ، ދެން ކޮބައިތޯ ދިމިޤްރާޠީ އުސޫލުން ބޭނުންވާ އިތުރުކަމަކީ. ދެން ބޭނުންވާ އިތުރުކަމެއް ނެތް. ދިމިޤްރާޠީ އުސޫލުގެ އެންމެ މުހިންމު މައިގަނޑު ދެބައި ރާއްޖޭގައި މިއޮތީ ހަމަޖެހިފައި. އެހެންވީމާ، ހަމައެކަނި އިނގިރޭސިވިލާތުގައި ނުވަތަ އެމެރިކާ ނުވަތަ ފަރަންސޭސިވިލާތުގައި ނުވަތަ އިޓަލީވިލާތުގައި އެކިއެކި ސިޔާސީ ޕާޓީތައް ހުއްޓޭކިޔާފައި، އެގޮތަށް އަޅުގަނޑުމެން އެކަން ނަކަލުކޮށްގެން ރާއްޖެއަށް ގެންނާކަށް ނުޖެހޭނެ.
ކޮންމެ ޤައުމެއްގައިވެސް އެ ޤައުމަކާ އެންމެގުޅޭ ސިޔާސަތެއް އޮންނަންވާނީ. އެ ޤައުމަކާ އެންމެގުޅޭ ސިޔާސީ ނިޒާމެއް އޮންނަންވާނީ. އަޅުގަނޑުމެންގެ މެދުގައި ސިޔާސީ ޕާޓީތަކެއް އުފެދިއްޖިއްޔާ ދެންވާނެގޮތް، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އެހެންތަންތާނގައިވެސް ވާގޮތް ވާނީ. ހަމަ އެ ޕާޓީތަކުގެ ދޭތެރޭގައި ވާދަ އުފެދެނީ. ކޮންމެ ބަޔަކުވެސް ބޭނުންވާނީ ވެރިކަން. ވެރިކަން ހޯދުމަށްޓަކައި ކުރާ މަސައްކަތުގައި ރައްޔިތުންގެ މަޞްލަޙަތު އޮންނާނީ އެންމެފަހަތުގައި. އެއްވެސް މީހަކު ރައްޔިތުންގެ މަޞްލަޙަތާ ދޭތެރޭގައި، ރައްޔިތުންގެ ޙައްޤުތަކާ ދޭތެރޭގައި ނުވިސްނާނެ.
އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ އަޅުގަނޑުމެން ކަހަލަ ސަތޭކައިންސަތޭކަ އިސްލާމީ ޤައުމެއްގައި، އެއްބަހަކުން ވާހަކަ ދައްކާ، އެއް އަސްލަކުން އައިސްތިބި، މިހާ އެކުވެރި އުޚުވަތްތެރި ބައެއްގެ ތެރޭގައި ސިޔާސީ ޕާޓީތަކެއް އުފެއްދުމުގެ ބޭނުމަކީ ކޮބައިތޯއޭ؟ ހަމަގައިމުވެސް އަޅުގަނޑުގެ ސިކުނޑިޔަށް އެއްވެސް މަޤްބޫލު ސަބަބެއް ނުވިސްނޭ.
އާދެ، ރައްޔިތުން އިންތިޚާބުކުރާ ސަރުކާރެއްގެ އެންމެ މުހިންމު ބޭނުމަކަށްވާނީ، ރައްޔިތުންނަށް ޚިދުމަތްކުރުން. ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުން. ރައްޔިތުންގެ ޙައްޤުތައް ރައްކާކޮށްދިނުން. އަދި ތަރައްޤީއާއި ތަހުޒީބު އެތަނަކަށް ގެނެސްދެވޭތޯ މަސައްކަތްކުރުން. މިގޮތުން މަސައްކަތް ނުކުރާ ސަރުކާރެއްނަމަ، އަޅުގަނޑުހިތުން އެއީ ނުވާނެ، އެ ސަރުކާރުގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކުރާ ސަރުކާރަކަށް.
އާދެ، ވަރަށް ގިނައިން އަޅުގަނޑުމެންނަށް އިވެމުންދާ އަޑުތަކެއް، ސަރުކާރުގެ ކަންތައްތައް ހިނގާލެއް ލަސްކަމުގެ ވާހަކަ. އޮފީހަކަށް މައްސަލައެއް ހުށަހަޅައިފިއްޔާ ނިމެނީ ވަރަށް ލަހުންނޭ. އަދި އަމުދުން ކޯޓަކަށް މައްސަލައެއް ހުށަހަޅައިފީވިއްޔާ ނިމެނީ މާލަހުންނޭ. މުވައްޒަފުންގެ ފަރުވާކުޑަކަމުގެ ވާހަކަ އެންމެން ދައްކާ. ފައިސާއަށް ޚިޔާނަތްތެރިވާ ވާހަކަ ދައްކާ. މަގުތައް ހަލާކުވެފައި އޮންނަ ވާހަކަ ދައްކާ. ހޮސްޕިޓަލަށް ގޮސްގެން ބަލިމީހުންނަށް ބޭސް ނުލިބިގެން އެތައް ގަޑިއިރެއްވަންދެން އެތާނގައި މަޑުކުރަންޖެހޭ ވާހަކަ ދައްކާ. މިހެންގޮސް އަޅުގަނޑުމެންގެ ރާއްޖޭގައި އަދި އެންމެ ފުރިހަމަ ދަރަޖަޔަށް ހަމަޖެހިފައި ނެތް ކަންތައްތަކުގެ ވާހަކަ، ވަރަށްގިނަ މީހުން ދައްކާ.
އާދެ، އެއީ ހަމަ ވާނެވެސްގޮތް. އޭގެތެރެއިން ވަރަށްގިނަ ކަންތައްތައް ހުރީވެސް ހަމައެހެން. އަޅުގަނޑުވެސް ގަބޫލުކުރަން. އެހެންނަމަވެސް އެހެން ކަންތައްތައް ހުރުމުގެ މާނަޔަކީ، ސަރުކާރުން އެއްވެސް ކަމެއް ނުކުރެއޭތޯ؟ އަޅުގަނޑުހިތުން އަޅުގަނޑުމެން ގެންގުޅެން ޖެހޭނީ، އިންޞާފުވެރި ޚިޔާލެއް. އިންޞާފުވެރި ނަޒަރަކުން ހުރިހާ ކަމަކާ ދޭތެރޭވެސް ބަލަންޖެހޭނީ. ކަންތައް ކުރެވިފައި އެބަހުރިތޯވެސް ބަލަންޖެހޭނެ. ނޫނީ އެއްވެސް ކަމެއް ނުކުރެވިހުރީތޯ ބަލަންޖެހޭނެ. އެކަންތައްތައް ނުކުރެވިހުރީ ކީއްވެގެންތޯވެސް ބަލަންޖެހޭނެ. ހަމައެކަނި މިވެނިކަމެއް އަދިވެސް އޮތީ ނުކުރެވިއޭ. އެހެން ބުނެލުމަކުން އަޅުގަނޑުހިތުން އަޅުގަނޑުމެން ރައްޔިތުންގެ ގޮތުން އަޅުގަނޑުމެން އަދާކުރަންޖެހޭ ވާޖިބެއް އަދާކުރެވުނީ ކަމުގައެއްނުވާނެ. ކުރެވުނު ކަންތައްތަކާ ދޭތެރޭގައި ވިސްނާއިރު، އަޅުގަނޑުހިތުން މިފަދަ ޖަލްސާއެއްގައި ދަންނަވާލުން އެކަށީގެންނުވާހާ ގިނަ ކަންތައްތައް އެބަހުރި ކުރެވިފައި، މިދިޔަ ގާތްގަނޑަކަށް ހަތަރު އަހަރު ދުވަހުގެ ތެރޭގައިވެސް.
ބައެއް އަދަދުތައް ހަމައެކަނި ދަންނަވާލާނަން. އޭރުންވެސް ކޮންމެވެސްވަރަކަށް، ސަރުކާރުން ކުރަމުންގެންދިޔަ މަސައްކަތްތައް އިޙްސާސް ކުރެވޭނެ ކަމަށް އަޅުގަނޑަށް ހީވޭ. ތަނުގެ އުފެއްދުމުގެ މިންވަރު ރާއްޖޭގައި ހުރި ތަކެއްޗާއި ޚިދުމަތްތަކުގެ އަގު. ތަނުގެ އުފެއްދުމަށް ވިސްނާއިރު 1978 ވަނަ އަހަރު 271 މިލިޔަން ރުފިޔާ، ތަނުގެ އުފެއްދުމުގެ މިންވަރެއް ކަމުގައި ބެލިފައި އޮތީ. 1982 ވަނަ އަހަރު 418 މިލިޔަން ރުފިޔާ. އެހެންވީމާ، ގާތްގަނޑަކަށް މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި، ތަނުގެ އުފެއްދުންތެރިކަން ދެ ގުނައަށް އިތުރުވެގެން ހިނގައްޖެ. ބޮލަކަށްޖެހޭ އާމްދަނީ. މިއީވެސް މިދެންނެވީ އިޤްތިޞާދީގޮތުން ތަން ކުރިޔަށްދާ މިންވަރު ބެލުމަށްޓަކައި ބައިނަލްއަޤްވާމީ ގޮތުން އެއްބަސްވެފައިވާ މިންގަނޑުތަކެއް. އޭގެތެރެއިން އެއްމިންގަނޑަކީ، ކުރިން މިދެންނެވީ. ތަނުގެ އުފެއްދުންތެރިކަން. އަނެއް މިންގަނޑަކަށް މިދެންނެވީ ބޮލަކަށްޖެހޭވަރު. ތަނުގެ އާމްދަނީ އެންމެންގެ މައްޗަށް ބަހާލީމާ ބޮލަކަށްޖެހޭވަރު. އެގޮތުން ބަލާއިރުވެސް 1978 ގައި ބޮލަކަށްޖެހޭ ކަމަށްވަނީ -/1850 ރުފިޔާ. އަހަރަކު މީހަކަށް އާމްދަނީގެ ގޮތުގައި، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކޮންމެ މީހަކަށް އެވްރެޖްކޮށް ލިބެނީ -/1850 ރުފިޔާ މިހާރު. މިހާރޭ މިދެންނެވީ، 1982 ވަނަ އަހަރުގެ އަދަދުތައް އަދި އަޅުގަނޑުމެންނަށް ލިބިފައި އޮތީ. 1983 ވަނަ އަހަރު އަދި މި ހިނގަނީ. 1982 ވަނަ އަހަރު ބޮލަކަށްޖެހޭ -/2610 ރުފިޔާ. އެހެންވީމާ، އެބައިވެސް އެއޮތީ ވަރަށްބޮޑަށް އިތުރުވެފައި.
އެކިއެކި ޚިދުމަތްތަކަށް ވިސްނާލާއިރުވެސް، މިދެންނެވި ޙަޤީޤަތް ފާހަގަކުރަންޖެހޭ. ތަޢުލީމާ ދޭތެރޭ ވިސްނައިލާއިރު، 1978 ވަނަ އަހަރު ސަރުކާރުގެ ޚަރަދުގައި ހިނގާ ހުރީ ހަތަރު މަދަރުސާ. އޭގެތެރެއިން ތިން މަދަރުސާ ހުރީ މާލޭގައި. ރާއްޖެތެރޭގައި ހުރީ އެންމެ ތަނެއް. 1982 ވަނަ އަހަރު، އެހަތަރު މަދަރުސާ، 37 މަދަރުސާއަށް ބަދަލުވެގެން ހިނގައްޖެ. އޭގެތެރެއިން މާލޭގައި ހުރީ ހަމައެކަނި ފަސްތަނެއް. އަނެއް 32 ތަންހުރީ ރާއްޖެތެރޭގައި. ކުރިން ރާއްޖެތެރޭގައި ހުރީ އެންމެ ތަނެއް. މިހާރު ރާއްޖެތެރޭގައި ސަރުކާރުގެ ޚަރަދުގައި ހިންގާ 32 މަދަރުސާ އެބަހުރި.
ސަރުކާރުން އެހީ ލިބޭ މަދަރުސާތައް އެއީ، އަމިއްލަ މަދަރުސާތަކުގެ ތެރެއިން ސަރުކާރުން އެހީވެދޭ ތަންތަން. 1978 ވަނަ އަހަރާއި އަދި އޭގެކުރިންވެސް އެއްވެސް ތަނެއް ނެތް. ސަރުކާރުގެ ޚަރަދުގައި ހިނގާ ހަތަރު މަދަރުސާ ފިޔަވައި އެހެން އެއްވެސް ތަނަކަށް ސަރުކާރުން އެންމެ ލޯލާރިއެއްވެސް ނުދޭ. އެކަމަކު މިހާރު 1982 ވަނަ އަހަރު ނިމުނުއިރު، ކުރިން މިދެންނެވި 37 މަދަރުސާގެ އިތުރަށް، އަމިއްލަ މަކްތަބުތަކާއި މަދަރުސާތަކުގެ ތެރެއިން 83 ތަނަށް ސަރުކާރުން ފައިސާގެ އެހީދޭ. މަހަކު އެއްފަހަރުދޭ އެހީއެއް، ފައިސާގެ ދާއިމީ އެހީއެއް އެބަދޭ.
ސްކޫލްތަކުގައި ކިޔަވާކުދިންގެ އަދަދު، 1978 ވަނަ އަހަރު ސްކޫލްތަކުގައި ތިބީ 2788 ކުދިން. 1982 ގައި 11775 ކުދިން އެބަތިބި. ގާތްގަނޑަކަށް ފަސްގުނަ އެއޮތީ އިތުރުވެފައި.
ޞިއްޙީ ދާއިރާއަށް ބަލައިލާއިރުވެސް، ޞިއްޙީ ދާއިރާގައި ޚިދުމަތްކުރާ މުވައްޒަފުންގެ އަދަދަށް ވިސްނައިލާއިރު، އެއީ ޑޮކްޓަރުންނާއި، ސްޓާފް ނަރުހުންނާއި، ސީނިއަރ ނަރުހުންނާއި، ދެން ޖަމާޢަތުގެ ޞިއްޙީ އެހީތެރިންނާއި، ޢާއިލާގެ އެހީތެރިންނާއި، ފޫޅުމައިންނާ މިހެންގޮސް ޞިއްޙީ ޚިދުމަތް އަދާކުރާ މީހުންގެ އަދަދަށް ވިސްނައިލާއިރު، 1978 ވަނަ އަހަރުގައި ތިބީ 224 މީހުން. 1982 ވަނަ އަހަރުގައި އެބަތިބި 528 މީހުން. އެހެންވީމާ، ދެގުނަ އިތުރުވެއްޖެ.
ޤާނޫނީ ދާއިރާއަށް ވިސްނައިލާއިރުވެސް، މިދެންނެވީ މީހުން ކުށްކުރުމާއި، މައްސަލަތައް ޝަރީޢަތަށް ހުށަހެޅުމާއި، އަދަބު ލިބުމާ، މިގޮތުން ވިސްނާލާއިރުވެސް އޮތީ ރަނގަޅު ބަދަލުތަކެއް އައިސްފައޭ ދެންނެވޭނީ. އެއީ، 1979 ވަނަ އަހަރު އާދައިގެ ވައްކަމުގެ ޤަޟިއްޔާ ކޯޓުތަކަށް ހުށަހެޅިފައި އޮތީ 396، 1982 ވަނަ އަހަރު ހުށަހެޅިފައި އޮތީ 293 ޤަޟިއްޔާ. އެހެންވިއްޔާ ސަތޭކައަށްވުރެ ގިނައިން ގާތްގަނޑަކަށް ހަތަރުބައިކުޅައެއްބައި ދަށަށް ޖެހިއްޖެ، ހަތަރު އަހަރު ދުވަހުގެ ތެރޭގައި. އެހެން ތަންތާނގައި ދަނީ އިތުރުވަމުން. އެއީ މީހުންވެސް އިތުރުވީވީހެން. އަނެއްކާ ކަންތައްތައްވެސް އިތުރުވީވީހެން، މައްސަލަތަކުގެ އަދަދު ދުނިޔޭގެ ކޮންމެ ޤައުމެއްގައިވެސް ދަނީ އިތުރުވަމުން. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އިތުރުވަމުންދިޔަޔަސް އެއީ، މާބޮޑު ކަމަކަށް ނުވާނެ. އެހެންނަމަވެސް، އިތުރުވުމުގެ ބަދަލުގައި މިއޮތީ ދަށަށް ގޮސްފައި.
1978 ވަނަ އަހަރުގައި، ބޮޑެތި ވައްކަމުގެގޮތުން 40 ޤަޟިއްޔާ ކޯޓުތަކުން ބަލާފައިވޭ. 1982 ވަނަ އަހަރުގައި ބޮޑެތި ވައްކަމުގެ ގޮތުން އޮތީ 15 ޤަޟިއްޔާ. ގާތްގަނޑަކަށް ތިންބައިކުޅައެއްބައި ކުޑަވެފައި. ޚިޔާނާތުގެ ޤަޟިއްޔާތަކަށް ބަލާއިރު، 1980 ވަނަ އަހަރު މީގެ ދެއަހަރު ކުރިން 129 ޤަޟިއްޔާ ބެލިފައި އެބައޮތް. 1982 ވަނަ އަހަރުގައި އޮތީ ހަމައެކަނި 50 ޤަޟިއްޔާ.
މާރާމާރީގެ ކަންތައްތައްވެސް އޮތީ ދަށަށް ގޮސްފައި. 1980 ވަނަ އަހަރު 275، 1982 ގައި 249، ބަދުއަޚުލާޤީ ޢަމަލުތައް ހިންގުން އެއީ ރާއްޖޭގައި ވަރަށް ޢާންމުކަމެއް. އެކަންތައް 1980 ވަނަ އަހަރުގައި އޮތީ 123، 1982 ވަނަ އަހަރުގައި އެންމެ 38، ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބަޔަށް ދަށަށް ގޮސްފައި.
އިޤްތިޞާދީ ކަންތައްތަކަށް ބަލާއިރުވެސް، އަޅުގަނޑުމެންގެ އެންމެ މުހިންމު އިޤްތިޞާދީ ކަމަކީ މަސްވެރިކަން. މަސްވެރިކަމަށް ބަލާއިރުވެސް، އިންޖީނު ބެހެއްޓުނު ދޯނީގެ އަދަދަށް ބަލާއިރު 1978 ގައި 548، 1982 ވަނަ އަހަރުގައި 1166 ދޯނި. އެހެންވީމާ، އެއޮތީ ދެގުނަޔަށްވުރެވެސް އިތުރުވެފައި. އޭރު ނެތް ވައްތަރު ވައްތަރުގެ ދޯނި މިހާރު ބަންނަމުން އެބަގެންދެވޭ. ދެވަނަ ޖީލުގެ ދޯނިތައް، އޭގެ ތިން ދޯނި 1980 ވަނަ އަހަރު ނިމިފައި. އޭގެ ސަތޭކަ ދޯނި ބަނުމުގެ މަސައްކަތް މިހާރު ފެށިގެން ހިނގަމުންދަނީ.
ތެޔޮ ތާނގީތައް ބެހެއްޓުން އެއީ ރާއްޖޭގައި މީގެކުރިން ދުވަހަކުވެސް ވެފައިއޮތް ކަމެއްނޫން. އެކަމަކު މިހާރު ސަރުކާރުގެ ޚަރަދުގައި ރާއްޖޭގައި 150 ތާނގީ ބެހެއްޓިފައި އެބަހުރި. އަދި ފަންސަވީސް ހާސް ގެލަނުގެ ތެޔޮ އުފުލާ ތެޔޮ ބޯޓެއްވެސް، އާދެ، ތެޔޮ ގުރާބެއްވެސް އުފެއްދިފައި އެބައޮތް.
ސަރުކާރުގެ އެހެން ޚިދުމަތްތަކަށް ބަލާއިރު، އިޖުތިމާޢީ ޚިދުމަތްތަކަށް ބަލާއިރު، އަޅުގަނޑުމެންގެ ތެރޭގައި އެންމެބޮޑަށް ބޭނުންވެފައިވާ އިޖުތިމާޢީ ޚިދުމަތަކީ މީހުންނަށް ބޭސްފަރުވާ ކޮށްދިނުން. އަޅުގަނޑުމެންގެ ރާއްޖޭގައި ޞިއްޙީ ކަންތައްތައް ހުރިގޮތުން، ޞިއްޙީ ފެންވަރު އޮންނަނީ ވަރަށް ދަށުގައި. ރާއްޖެތެރޭގައި އަމުދުން ހޮސްޕިޓަލްތައްވެސް ނެތުމާއެކު އަދި އެކަށީގެންވާ ބޭސްފަރުވާ ލިބެން ނެތުމާއެކު، ބަލިމީހުން ތިބެނީ ވަރަށްގިނަ އަދަދަކަށް. އަދި އޭގެ ތެރެއިން ގިނަމީހުންގެ ބައްޔަކީ، ކަންތައްތައް ދިމާވެފައި އޮންނަގޮތުން ވަނީ ވަރަށް ދިގު ބައްޔަކަށް. ފަސޭހައިން ފަސޭހަވާކަހަލަ ބައްޔަކަށްވެސްނުވޭ. އެހެންވީމާ، ބޭސްކޮށްދިނުން އެއީ، ހިމެނެނީ އިޖުތިމާޢީ ޚިދުމަތްތަކުގެ ތެރެއިން ސަރުކާރުން ކޮށްދޭންޖެހޭ ވަރަށްބޮޑު ޚިދުމަތަކަށް.
1978 ވަނަ އަހަރު ސަރުކާރުގެ ޚަރަދުގައި ބޭސްކޮށްދެވުނު މީހުންނަށް، ސަރުކާރުން ކޮށްފައިވާ ޚަރަދަކީ، -/1099 ރުފިޔާ. އެއީ، ގާތްގަނޑަކަށް ދެން ވިދާޅުވޭ، އެއްހާސް އެއްސަތޭކަ ރުފިޔާއޭ. 1982 ވަނަ އަހަރު މި އަދަދު ސަތޭކައިން ބަލާއިރު އަޅުގަނޑަކަށް ނޭނގެ ކިހާވަރަކަށްކަން އަރާނީ. އޭގެ ޖުމުލަޔަކީ ނުވަލައްކަ. ނުވަލައްކަ ރުފިޔާ އެބައޮތް ސަރުކާރުން ޚަރަދުކޮށްފައި، 1982 ވަނަ އަހަރު ޢާންމުންގެ ތެރެއިން ނިކަމެތިންނާއި ފަޤީރުން ބަލިވެގެން އެމީހުންނަށް ބޭސްކޮށްދިނުމަށް. އެއީ، ސަރުކާރުގެ ޚަރަދުގައި މާލޭގައި ބޭސްކޮށްދިނުމާއި، ސަރުކާރުގެ ޚަރަދުގައި ބޭރަށް ފޮނުވައިގެން، އަޅުގަނޑުމެންގެ ކައިރީގައިވާ އަވަށްޓެރި ޤައުމަތަކަށް ފޮނުވައިގެން ބޭސްކޮށްދިނުމާ، މި ހުރިހާ ކަމެއްލީމާ 1982 ވަނަ އަހަރު އެބައޮތް ނުވަލައްކަ ރުފިޔާއަށް ބަދަލުވެފައި. އެއްކަލަ 1978 ވަނަ އަހަރުގައި އެއްހާސް އެއްސަތޭކަ ރުފިޔާގައި އުޅުނު ޚަރަދު.
އެހެންވީމާ، މިގޮތުން ދެންނެވޭއިރު، ދަންނަވަންޖެހޭ ވަރަށްގިނަ ކަންތައްތަކެއް އެބަހުރި. މަޝްރޫޢުތަކަށް ވިސްނާލާއިރުވެސް 1979 ވަނަ އަހަރުގައި ރާއްޖެ ތަރައްޤީ ކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން، ކުރިޔަށް ދަމުން ގޮސްފައިވަނީ 13 މަޝްރޫޢު. އެކިކަންކަމުގެ މަޝްރޫޢު، އިޤްތިޞާދީ މަޝްރޫޢުތައް. އޭގެ އަގެއް ކަމުގައި މި އޮންނަނީ، ފަންސަވީސް މިލިޔަން އެމެރިކާ ޑޮލަރު. 1983 ވަނަ އަހަރުގެ މިހާރަށް ވިސްނާލާއިރު، ކުރިއަށް އޮތް މަޝްރޫޢުތަކުގެ އަދަދަކީ 52 މަޝްރޫޢު. އެއަށް ޚަރަދުކުރެވޭ ފައިސާގެ އަދަދަކީ، 93 މިލިޔަން ޑޮލަރު. އެއްކަލަ ފަންސަވީސް މިލިޔަން، ގާތްގަނޑަކަށް ހަތަރުގުނަޔަށް އެއޮތީ ބަދަލުވެފައި. 1979 ވަނަ އަހަރާއި، 1983 ވަނަ އަހަރާ ދޭތެރޭގައި 22 މަޝްރޫޢު ފުރިހަމަވެ ނިމިފައިވަނީ. 1983 އާއި، 1986 އާ ދެމެދު ކުރިއަށް އޮތް ތިންއަހަރު ދުވަހުގެ ތެރޭގައި ހިންގުމަށް މިހާރު ސަރުކާރުން ކަނޑައަޅާފައިވާ މަޝްރޫޢުތަކުގެ އަދަދަކީ 53 މަޝްރޫޢު. އެ މަޝްރޫޢުތައް ހިންގުމަށް 114 މިލިޔަން ޑޮލަރު ބޭނުންވޭ.
އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ، ނުކުރެވިހުރި ކަންތައް އެބަހުއްޓޭ ބައިވަރު. އެހެންނަމަވެސް އޭގެބަދަލުގައި ކުރެވިފައި ހުރި ކަންތައްތައް އެއަށްވުރެ މާގިނައޭ. އެހެންވީމާ، އިންޞާފުވެރި ނަޒަރަކުން އަޅުގަނޑުމެން ބަލާކަމަށްވަންޏާ ދެބަޔަށްވެސް ޖެހޭނެޔޭ ބަލަން. ދެން ނުކުރެވިހުރި ކަންތައްތައް ކުރުމާ ދޭތެރޭގައި އަޅުގަނޑު ދަންނަވަން ބޭނުންވާ ނުކުތާއެއް އެބައޮތް. އެއީ، އެ ހުރިހާ ކަމެއް އަޅުގަނޑުމެންފަދަ ނިކަމެތި ފަޤީރު ޤައުމެއްގައި މި ހުރިހާ ކަމެއް އެއްފަހަރާ ނުކުރެވި ހުރީމާ، އެ ހުރިހާ ކަމެއް ކިހިނެއްތޯއޭ ސަރުކާރުން އެއްފަހަރާ ކުރާނީ.
ކިތަންމެ ބަދަލުތަކެއް އަންނަން އެބަ ބޭނުންވޭ. އަޚްލާޤީގޮތުން ވިސްނައިލިޔަސް އަޅުގަނޑުމެންގެ ތެރޭގައި އަޚްލާޤީ ފެންވަރު ވަރަށް ދަށަށް ގޮސްފައިވާ ކަމަށް އެންމެންވެސް ފާހަގަކުރޭ. ޚިޔާނާތްތެރިވުމުގެ މައްސަލަތައް ގިނަވެފައި، ވައްކަމުގެ މައްސަލަތައް ގިނަވެފައި، ދޮގުހެދުމާއި، ޓެކުމުގެ ކަންތައް ވަރަށްގިނައިން އެބަހުރި. ކުރިން މިދެންނެވި އަދަދުތަކަށްވުރެ މަދުވިކަމުގައިވިޔަސް އަޅުގަނޑުމެން ހިތްހަމަޖެހޭވަރަށްވުރެ މާގިނައިން އެބަހުރި. އަދި ސަރުކާރުގެ ދާއިރާގައިވެސް ޚިޔާނާތްތެރިވުމާ، މިކަހަލަ ކިތަންމެ ކަންތައްތަކެއް އެބަހުރި. އެހެންވީމާ، ކޮބައިތޯއޭ ޙައްލަކީ؟ ކިހިނެއްތޯއޭ މި ހުރިހާ ކަމެއް ރަނގަޅުކުރާނީ؟
އާދެ، އެކަމާ ދޭތެރޭގައި ވިސްނާއިރު އަޅުގަނޑަށް ފެނުނީ ދާދިފަހުން ބޭރުގެ ވަރަށް މަޝްހޫރު ވިސްނުންތެރިޔަކު ލިޔުއްވާފައިވާ ލިޔުމެއް. އޭގައި އޭނާ ވިދާޅުވަނީ، ކޮންމެ އިޞްލާޙެއްވެސް ފެށެންޖެހޭނީ ތިމާގެ އަމިއްލަ ނަފުސުންނޭ. ކަލޭމެން ބޭނުންވަނީއޭ، ތަނުގައި އިސްލާމީ ޙުކުމް ޤާއިމުކުރަން. އެންމެ ރަނގަޅޭ. ވަރަށް ރަނގަޅު ޚިޔާލެކޭ. އިސްލާމީ ޙުކުމް ޤާއިމުކުރެވެންވާނެއޭ. އެކަމަކު އެ ޙުކުމްވެސް ޤާއިމުކުރެވެންވާނީ، ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ނަފްސު ފުރަތަމަ އިސްލާމްދީނަށް ތަބަޢަކޮށްގެންނޭ.
އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭގައިވެސް އަދި އެހެން ތަންތާނގައިވެސް އިސްލާމީ ޙުކުމް ޤާއިމުކުރަން. ރަނގަޅު. ވަރަށް ރަނގަޅު މަތިވެރި ޚިޔާލެއް. ކުރަންވެސްޖެހޭނެ ކަމެއް. އެކަމަކު ކޮންމެ މީހަކު އަމިއްލަޔަށް ވިސްނައިލާއިރު، އެމީހެއްގެ ޢަމަލު ހުންނަނީ އިސްލާމްދީނާ އެއްވެސް ގުޅުމެއް ނުހުންނަ ކަހަލަ ގޮތަކަށް. އަމިއްލަ މައްސަލައެއް ޖެހިއްޖެއްޔާ، ޤާނޫނެއް ޤަވާޢިދެއްނޯވޭ. ޝަރުޢީ އުސޫލުތަކެއް ނޯވޭ. ތިމާގެ އަމިއްލަ ފައިދާއަށް ކަންތައް ކުރަމުން ގެންދަނީ. އެހެން މީހުން ކަންތައްކުރާގޮތާ ދޭތެރޭގައި ވިސްނާއިރު، އެންމެ ފުރަތަމަވެސް ބުނާނެ، ބަލާބަލާށޭ، މިވެނިމީހަކު ޤާނޫނާ ޚިލާފަށޭ އެ ޢަމަލުކުރީ. ޝަރުޢީ އުސޫލުތަކާ ޚިލާފަށޭ އެ ޢަމަލުކުރީ. އެކަމަކު އަމިއްލަ ނަފްސާ ދޭތެރޭ ވިސްނާއިރު، އެބައި އޮންނަނީ މުޅިން ހަނދާންނެތިފައި.
އެހެންވީމާ، އެންމެ ފުރަތަމަ އިޞްލާޙު ކުރަންވީ ތިމާގެ އަމިއްލަ ނަފްސު. އަޅުގަނޑުމެން ބޭނުންވާ އިންޤިލާބަކީ މުޅި ރަށަށް އަންނަ އިންޤިލާބެއް. ސިޔާސީ އިންޤިލާބެއް ނޫން. އޭނާ ވިދާޅުވަނީ އެ އިންޤިލާބަކީ ޒާތީ އިންޤިލާބަކަށޭ ވާންޖެހޭނީ. ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ޙަޔާތް އިންޤިލާބު ކޮށްލަންވީޔޭ. މިހާރު އުޅޭގޮތް މުޅިން ހުއްޓާލާފައި، އިސްލާމީ އުސޫލުތަކަށް ތަބަޢަވާންވީޔޭ. ތިމާގެ އަމިއްލަ ޢަމަލުތައް، އެންމެ ފުރަތަމަ ތިމާގެ ޢަމަލުތައް. ތިމާގެ ސުލޫކް، ތިމާގެ އަޚްލާޤު، ތިމާގެ ވިސްނުން، ތިމާގެ ޢާއިލާގެ ކަންތައްތައް، ތިމާގެ އަވަށްޓެރިންނާ ދޭތެރޭގައި ތިމާ ބަހައްޓާ ގޮތްތައް، މި ހުރިހާ ކަމެއް ކޮންމެ މީހަކުވެސް އަމިއްލަޔަށްވީ އިސްލާމްދީނުގެ އުސޫލުތަކަށް ބަދަލުކޮށްލާށޭ. އޭރުން އޮންނާނީ މުޅި މުޖުތަމަޢުގައި އިސްލާމީ އުސޫލުތައް ފެތުރިފައޭ. އެހެންނޫންގޮތެއްގައި އެއްވެސް ފަރާތަކުން ގަދަކަމުން މަސައްކަތްކޮށްގެން ތިބުނާ އިސްލާމީ އުސޫލުތަކެއް ޤާއިމެއްނުކުރެވޭނޭ. އޭނާ ވިދާޅުވަނީ.
އެކަމަށް ދަލީލެއްވެސް ދައްކަވާ ކީރިތި ޤުރްއާނުގައި އެބައޮތް. "إِنَّ اللَّـه لاَ يُغَيِّرُ مَابِقَوْمٍ حَتَّى يُغَيِّرُواْ مَابِأَنْفُسِهِمْ" އެއީ، އަޅުގަނޑުމެންނަށްވުރެ މާމަތިން އައިސްއޮތް ޙައްޤުބަހެއް. އެއާ ޚިލާފެއްނުވެވޭނެ. "އެއްވެސް ބައެއްގެ ކަންތައްތަކެއް اللّه ބަދަލެއް ނުކުރައްވަޔޭ، އެބައިމީހުން އަމިއްލަޔަށް އެބައިމީހުންގެ ކަންތައްތައް ބަދަލުކޮށްފުމަށް ދާންދެން".
އެހެންވީމާ، އަޅުގަނޑުމެން ބޭނުންވަނީ ރަނގަޅުވާން. ރާއްޖޭގެ ހުރިހާ ކަމެއްވެސް އިޞްލާޙު ވަމުންދާން. ޚިޔާނާތްތެރިކަން ނެތިގެންދާން. އެއްވެސް މީހަކު ވައްކަން ނުކުރަން. އެއްވެސްކަހަލަ ކުށެއް ނުކުރަން. ފާފަތައް މުޅިން ފޮހެވިގެންދާން. އެއީ، އެންމެންގެވެސް އުންމީދަކީ، އެންމެންގެވެސް ބޭނުމަކީ.
އެހެންވެއްޖެއްޔާ ކޮންމެ މީހަކުވެސް އެމީހާގެ އަމިއްލަ ނަފްސު އެގޮތަށް ބަހައްޓާށޭ. އެއްވެސް ކުށެއް ނުކުރާށޭ. އިސްލާމްދީނުގެ އުސޫލާ ޚިލާފު އެއްވެސްކަމެއް އެއްވެސް މީހަކު ނުކުރާށޭ. އެހެން ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ނަފްސާ ދޭތެރޭގައި އެގޮތަށްބަލައި، އެގޮތަށް ޢަމަލުތައް ހިފަހައްޓައިފިއްޔާ މުޅި މުޖުތަމަޢުގައިވެސް އޮންނާނީ، އިސްލާމީ އުސޫލުތަކޭ.
ދެން އޭގެފަހުން މި ހުރިހާ ކަމެއް ކުރުން އެއީ ސަރުކާރުގެ ކަމެކޭ. އެހެން ބުނުމަކީ، އެއްގޮތަކަށްވެސް ޙަޤީޤަތާ އެއްގޮތްވާކަހަލަ ކަމެއްނޫނޭ. އެއީ، އަޅުގަނޑުމެންގެ އަމިއްލަ މަސްއޫލިއްޔަތުން ރެކެވެނީޔޭ އޭނާ ވިދާޅުވަނީ.
އަޅުގަނޑުހިތުންވެސް އެއީ ތެދެއް. އެހެންބަޔަކު ހުރިހާ ކަމެއްވެސް ކުރަންވީ. ރާއްޖެ އިޞްލާޙު ކުރަންވީވެސް އެހެންބަޔަކު. ކާބޯތަކެތި ހޯދަންވީވެސް އެހެންބަޔަކު. ކުރިޔަށް ގެންދަންވީވެސް އެހެންބަޔަކު. މަގުތައް ހަދަންވީވެސް އެހެންބަޔަކު. ސްކޫލްތައް ހަދަންވީވެސް އެހެންބަޔަކު. އަޅުގަނޑުމެން ތިބެންވީ ތިބެންވީގޮތަށް. އެއްވެސް މަސައްކަތެއް ނުކޮށް ގޭގައި އަރާމުގައި. އެކަމަކު އެއީކީ ވާނެގޮތެއްނޫނޭ، އޭނާ ވިދާޅުވަނީ. އެހެން އޮވެގެން އެއްވެސް ތަނެއް ކުރިޔަކަށް ނުދާނެއޭ. ހުރިހާ އެންމެން ބައިވެރިވެގެން ކަންތައްތައް ކުރިއްޔާ ނޫނީ އެއްވެސް ޤައުމެއް ކުރިޔަކަށް ނުދާނޭ.
އާދެ، މިހެން ދަންނަވާއިރު، އަޅުގަނޑުމެންގެ ރާއްޖޭގައި އަދިވެސް ހިސާބަކަށް މިދެންނެވި އުސޫލުން ކަންތައްތައްހުރީ. އަބަދުވެސް ކަންތައްތައް ކުރުން އެއީ އެހެން މީހެއްގެ މަސްއޫލިއްޔަތެއް ކަމަށް ތިމާ ދެކެނީ. އޮފީހަކުން ކަމެއް ގޯސްކޮށް ހިނގިކަމުގައިވިޔަސް، ކޮންމެ މީހަކުވެސް އެ މަސްއޫލިއްޔަތު އެޅުވޭތޯ ބަލަނީ އެހެން މީހެއްގެ ގައިގައި. ތިމާ، އެހެންނޫނީ ތިމަންނާ ގާތު މިވެނި ބޭފުޅަކު ވިދާޅުވީމައޭ މިކަން މިހެން މިކުރީ. ދެން ސެކްރެޓަރީ، ކާތިބު ބޮލުގައި، ކާތިބު، ސެކްރެޓަރީ ބޮލުގައި. ދެން އެހެންގޮސް ވަކީލާ ހަމަޔަށްވެސްދާނެ. އެއަށްވުރެ މައްޗަށްވެސް ހިނގައިދާނެ. އެއީ، އަޅުގަނޑުމެންގެ ތެރޭގައި ފެތުރިފައި އޮންނަ އާދަޔަކީ. ދެން ކަންތައްތައް ރަނގަޅުކުރަން ވެއްޖެއްޔާ އެހެން މީހަކު. އޭނާ މިހެން ކަންތައް ކުރަންޏާ ކިހިނެއްހޭ ރަނގަޅުވާނީ. އެހެން މީހުން އުޅެނީ މިވެނިގޮތަކަށޭ. އެހެންވީމާ، ކިހިނެއްހޭ ތިމަންނާޔަށް އުޅެވޭނީ. އެކަމަކު ތިމާޔަށް ތިމާގެ އަމިއްލަ ޟަމީރު ގަބޫލުކުރާގޮތަށް ކީއްވެތޯ ނޫޅެވޭންވީ. އެހެން މީހަކު މަޖުބޫރެއް ނުކުރޭ، މިސާލަކަށް، އަޅުގަނޑު ކުށްކުރާކަށް. އަޅުގަނޑު ކޮންމެރެޔަކު ބައިސްކޯފަށްދާކަށް، ނޫނީ ނުބައި ކަންތައް ކުރާކަށް އެއްވެސް މީހަކު އައިސް މަޖުބޫރެއްނުކުރޭ. އަމިއްލަޔަށޭ ދަނީ. ވައްކަން ކުރާކަށް އެހެން މީހަކު އައިސް މަޖުބޫރެއް ނުކުރޭ. އަމިއްލަޔަށޭ ވައްކަން ކުރަނީ. ޚިޔާނާތްތެރިވާކަށް އެހެން މީހަކު މަޖުބޫރެއް ނުކުރޭ. އަމިއްލަޔަށް ޚިޔާނާތްތެރިވަނީ. އެހެންވީމާ، އެއީ އަޅުގަނޑުމެންގެ އަތުގައި އޮތް ބާރެއް. އަމިއްލަޔަށް އެކަން އިޞްލާޙު ވެގެންނޫނީ، ކިހިނެއްތޯ މުޖުތަމަޢު އިޞްލާޙުވާނީ. އެއީ ވާނެ ކަމެއްނޫން.
އަޅުގަނޑުމެން އަދި ސަރުކާރުން މިކުރާ މަސައްކަތްތަކުގައިވެސް ރައްޔިތުންގެ އެއްބާރުލެއްވުން އެދެވިގެންވާ މިންވަރަށް ނުލިބޭތީ މިހާރުވެސް ވަރަށްގިނަ ކަންތައްތައް އެކަށީގެންވާ ގޮތަކަށް ނުހިނގާ. މިސާލެއް ދަންނަވައިދީފާނަން. މިއުޅޭ ރޯގާގެ މައްސަލަ. އެނގިވަޑައިގަންނަވާނެ، މިހާރުވެސް ވަރަށްގިނަ އަދަދަކަށް ބަލިމީހުން ހޮސްޕިޓަލުގައިވެސް އެބަތިބި. އޭގެތެރޭގައި އަޅުގަނޑުމެން މި ބިރުގަންނަ ވައްތަރުގެ [ޝިގެއްލާ]އޭ ކިޔާ ރޯގާގެ މީހުންވެސް އެބަތިބި. ދިހަވަރަކަށް މީހުން، ނޫނީ ބާރަވަރަކަށް މީހުން ތިބޭނެ މިއަދުވެސް. ކޮންމެ ދުވަހަކު އަދަދުތައްވެސް އަޅުގަނޑު ގެންދަނީ ބަލަމުން. އަދި ރާއްޖެތެރޭގައިވެސް އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންވެސް އެބަދޭ.
އެކަން ހުއްޓުވުމަށް ސަރުކާރުން ކުރާހާ މަސައްކަތް ވިސްނަވަބައްލަވާ! ހުރިހާ ވަޅުވަޅަށް ފުދޭވަރަށް ސަރުކާރުން ބޭސް އެބަގެނޭ ބޭރުން. ވަޅަށް އަޅާ ބޭސް. އަނެއްކާ އެބޭސް މީހުން އަޅައިތޯ ބަލަން ޓީމުތައްވެސް އެބަ ފޮނުވާ. ރާއްޖެތެރެއަށްވެސް ފޮނުވާ. ބަލިވެއްޖެއްޔާ ޑޮކްޓަރުން ރާއްޖެތެރެއަށް ފޮނުވާ. ރާއްޖެއިން ބޭރުން ޑޮކްޓަރުން އެބަގެނޭ. ނަރުހުންވެސް އެބަގެނޭ. އެތައްހާސް، އެތައްލައްކަ ރުފިޔާއެއް އެކަމުގައި ޚަރަދުކުރޭ.
އެކަމަކު ބައެއް ޢާންމުންގެ ތަރުޙީބު އެކަމަށް އޮންނަވަރު، ހަމަ ހިތާމަކުރަންޖެހޭ. މި ދޭތެރެއިން ކޮންމެވެސް އެއް ރަށެއްގައި، އެރަށުގެ ނަން ނުދެންނެވިޔަސް އެންމެ ރަނގަޅުވާނެ. ތަންކޮޅެއް ބޮޑަށް ރޯގާ ފެތުރޭތީ އެތަނަށް ފޮނުވީ ޓީމެއް. އެރަށުގައި ގާތްގަނޑަކަށް ދޮޅުހާސް މީހުން ތިބޭ. ނުވަތަ އެއަށްވުރެވެސް ތަންކޮޅެއް ގިނަ އަދަދަކަށް މީހުން ތިބޭ. އެމީހުންނާ މި ޓީމުގެ މީހުން ވާހަކަ ދައްކަން އެއްކުރަންވެގެން މުޅި ރަށުގައި އެތަނަށް އެއްވާން ގޮވީމާ، އައީ 46 މީހުން. ޖުމުލަ 50 މީހުންވެސް ހަމައެއްނުވި. ދެން ކިހިނެއްތޯ ސަރުކާރުން ކަމެއްކުރާނީ. ވަޅުވަޅަށް ބޭސް އެޅުމުގެ ކަންތައް، ހުރިހާ ވަޅުވަޅަށް ބޭސްއަޅަން ޖެހޭނެއޭ. އެހެން ބުނީމާ އެމީހުން ރަށުގެ ވަޅުވަޅަށް ބޭސް އަޅާފައި، ދެން ކައިރީ ރަށްރަށަށް ގޮސްގެން ބޭސްނާޅާ ވަޅުވަޅުން ގެނެސްގެން ފެންބޮނީ. އެހެންވީމާ، ތިމާގެ އަމިއްލަ ޞިއްޙަތުވެސް ރައްކާކޮށްދޭންޖެހެނީ ސަރުކާރުން. ތިމާ ބަލިނުވެ ބަހައްޓަން ޖެހެނީ ސަރުކާރުން. އަމިއްލައަށް ތިމާ އެއްވެސް ކަމެއް ކޮށްގެންވާކަށްނެތް، ސަލާމަތުން ހުންނާކަށް.
ދެން ކުރީރޭ އަޅުގަނޑު ދެންނެވި ފަދައިން، އަތޮޅުވެރިންގެ ޖަލްސާ ހުޅުވައިދެމުންވެސް އަޅުގަނޑު އަނެއް މިސާލު ދަންނަވައިލިން. އޮއިވާލި ކަނދުފަތިތަކަށް ވެގެންދިޔަ ގޮތުގެ ވާހަކަވެސް. އަޅުގަނޑުމެންގެ އަމިއްލަ ފައިދާއަށް އެތައް ޚަރަދުތަކެއް ސަރުކާރުން ކޮށްގެން ކުރިކަމެއް. އަނެއްކާ އޭގެ ނަތީޖާވެސް ދިޔައީ ފެންނަމުން. އެކަމަކު އެވެސް ބަހައްޓައިގެން ވާކަށްނެތް. ހަލާކުކޮށްލައި ނަގައިހެދީ.
ގަސް އިންދުމާއި، ދަނޑުވެރިކަމުގެ އަހަރު ކަމަށްވާތީ، އެތަންމިތާނގައި ގަސް އިންދަމުންދަނީ. ރުއް އިންދަމުން ގެންދަނީ. އެކަމަކު ރޭވެފައި އަލިވާއިރު، އެއްކަލަ ރުއްތަކެއް ނުހުރޭ. ގަސްތަކެއް ނުހުރޭ. އަމިއްލަޔަށް އޮންނަނީ ބަޔަކުމީހުން ހަލާކުކޮށްފައި. މިގޮތަށް ކަންތައް ހުރެގެން، ސަރުކާރުން ކިތަންމެވަރަކަށް މަސައްކަތް ކުރިޔަސް، ކިހިނެއްތޯއޭ ކަންތައް ކުރިޔަށްދާނީ؟ އެއީ، އަޅުގަނޑުގެ ސުވާލަކީ. އޭގެ ޖަވާބު ދެއްވައިފިއްޔާ އަޅުގަނޑު ގަބޫލު ކުރާނަން، ހަމަޖެހޭ ޖަވާބެއް ކަމަށްވަންޏާ.
އާދެ، މިރޭ މިހާރުވެސް އަޅުގަނޑުގެ ވާހަކަ ވަރަށް ދިގުވެގެން ހިނގައްޖެ. އެހެން ނަމަވެސް، މިނިވަންކަމުގެ މުނާސަބަތަކީ، ވަރަށް ޚާއްޞަ މުނާސަބަތެއް. މިނިވަންކަން ރައްކާތެރިކުރުމާ ދޭތެރޭގައިވެސް ވާހަކަދައްކަންޖެހޭ. އަދި ޤައުމުގެ ތަފާތު މައްސަލަތަކާ ދޭތެރޭގައިވެސް މި މަޤާމުގައި ހުންނަ މީހަކު، ކޮންމެވެސްވަރަކަށް ވާހަކަ ދައްކައި، ރައްޔިތުންނަށް އިރުޝާދުދީ ނަސޭހަތްތެރިވާންޖެހޭ. އެހެންވީމާ، އެގޮތުން އަޅުގަނޑު މިރޭ ވާހަކަ ދައްކަމުން މިގެންދިޔައީ. މިރޭގެ ޖަލްސާގައި އަދިވެސް ވަރަށް ގިނަ އައިޓަމްތައް އެބައޮތް ކުރިޔަށް. އެހެންވީމާ، އެ އައިޓަމްތަކަށް ތަންދޭން އެބަޖެހޭ. އޭގެތެރެއިން އެއްކަމަކީ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންވާނެ ފަދައިން، ޢާންމު ޚިދުމަތުގެ އިނާމު ދިނުން.
ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އެ ވިދާޅުވިފަދައިން، އެއީ ވަރަށް ބޭނުންތެރިކަމެއް. މީހުންގައި ޢާންމު ޚިދުމަތް ކުރުމުގެ ރޫޙު އުފެއްދުމަށްޓަކައި ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅެއް އެއީ. އޭރުން އަޅުގަނޑުމެންގެ ބަސް ތަރައްޤީ ކުރުމަށާއި، އަޅުގަނޑުމެންގެ ތަޢުލީމު ތަރައްޤީ ކުރުމަށާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އެކިއެކި މަސައްކަތްތެރިކަމާއި، އިޤްތިޞާދީ މަސައްކަތްތަކާ. ވާހަކައަކީ، ތަނުގެ ތަރައްޤީއަށްޓަކައި ބޭނުންވާ ހުރިހާ ކަމެއް ތަރައްޤީ ކުރުމުގައި، ރައްޔިތުންގެ އެއްބާރުލުމާއި އާންމު ޚިދުމަތް ބޭނުންވާތީ، އެކަމަށް ވާގިދިނުމުގެ ގޮތުން، ސަރުކާރުން މި އިނާމުތައް ކަނޑައެޅިގެން ކޮންމެ އަހަރަކު ދެމުން މިގެންދަނީ. އިނާމުތައް ދިނުން މި ޖަލްސާގައި އެބައޮތް. މި ޖަލްސާގައި އިނާމުތައް ލިބިވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ތަހުނިޔާ ދަންނަވަން. އެ ބޭފުޅުން އެކުރެއްވި މަސައްކަތަށް ޝުކުރާއި ތަޢުރީފު ރައްދުކުރަން. އިރާދަކުރެއްވިއްޔާ، މުސްތަޤްބަލުގައި އަދި އެއަށްވުރެވެސް ގިނަ އަދަދަކަށް ގިނަ ކަންކަމުގައި ފާހަގަކުރެވޭ ބޭފުޅުންނަށް އިނާމު ދެވޭނެކަމުގެ އުންމީދުވެސް އަޅުގަނޑު ފާޅުކުރަން.
އާދެ، ދެން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން ނުވަތަ ނިންމާލަމުން، އަޅުގަނޑުމެންގެ މި ޖަލްސާއަށް ވަޑައިގެންދެއްވި ޢިއްޒަތްތެރި މެހުމާނު އާދެ، ބަނގްލާދޭޝްގެ ޒަޢީމު ހިޒްއެކްސަލަންސީ ލެފްޓެނަންޓް ޖެނެރަލް ޙުސައިން މުޙަންމަދު އިރުޝާދަށް އަޅުގަނޑުމެން އެންމެންގެ ފަރާތުން، މަރުޙަބާގެ އަތްތިލަބަޑިޔަކަށް ދަންނަވާލަން.