السّلام عليكم ورحمـة اللّـه

މިކަހަލަ އުފާވެރި ޙަފްލާތަކުގައި ނުވަތަ އެއްވުންތަކުގައި، އެންމެ ފުރަތަމަ އަދާކުރަންޖެހޭ ވާޖިބަކީ ވަރަށްވެސް އުފާވެރި ވާޖިބެއް. އާދެ، އެއީ މިފާހަގަކުރެވޭ މުނާސަބަތާ ގުޅޭ ފަރާތަށް އަދި އެމުނާސަބަތާ ގުޅިގެން ތަހުނިޔާއާއި މުބާރިކުބާދީ ރައްދުވާ ފަރާތަށް، ނުވަތަ ފަރާތްތަކަށް އެތަހުނިޔާއާއި މުބާރިކުބާދީ އަދާކުރުން.

އާދެ، އެގޮތުން މިރޭގެ އަޅުގަނޑުގެ އެންމެބޮޑު އުފަލަކީ މިއަދަކީ، ސިފައިންގެ 36ވަނަ އަހަރީދުވަސް ކަމަށްވާތީ، މިދުވަހުގެ މުނާސަބަތުގައި ނޭޝަނަލް ސެކިއުރިޓީ ގާޑުންގެ އެންމެންނަށް، އާދެ، އެހެން ޢިބާރާތަކުން ދަންނަވަންޏާ، ސިފައިންގެ އެންމެންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރިކުބާދީ ރައްދުކުރުން.

ޝައްކެއްނެތް، މިއަދަކީ ވަރަށް މުހިންމު ދުވަހެއް. ކޮންމެ އަހަރަކުވެސް ސިފައިން ފާހަގަކުރާ އެންމެ މުހިންމު ދުވަސް. އެމީހުންގެ އަހަރީ ދުވަސް. އެހެންކަމަށްވުމާއެކު، ސިފައިންގެ ހިތްތަކުގައި މިއަދު އުފެދިފައިވާނީ ވަރަށްވެސް އުފާވެރި ޝުޢޫރުތަކެއް. އަޅުގަނޑުމެން އެންމެން މިރޭ މިތަނަށް އައިސް މިތިބީ އެ އުފަލުގައި ބައިވެރިވުމަށްޓަކައި. އާދެ، އެހެންކަމާއެކު، މިރޭ އަޅުގަނޑުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ޙައްޤުވާ ފަރާތަކީ، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ މީހުން. ދިވެހިރާއްޖޭގެ ސިފައިން. އަދި ސިފައިންގެ ކަންތައްތައް ބެލެހެއްޓެވުމާ ހަވާލުވެވަޑައިގެންވާ މިނިސްޓްރީ. އާދެ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ. އެ މިނިސްޓްރީ ހިންގަވާ ބޭފުޅުން. އެހެންވީމާ، އެހުރިހާ ފަރާތްތަކަށް އަޅުގަނޑުގެ ހެޔޮއެދުންތައް ރައްދުކުރުމަކީ ތިޔަބޭފުޅުންނަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ، ތަހުނިޔާއާއި މުބާރިކުބާދީ ޙައްޤުވާ ފަރާތްތަކަށް ތަހުނިޔާއާއި މުބާރިކުބާދީ އަދާކުރުމަށްފަހު، އެފަރާތްތަކާ ގުޅޭގޮތުން އިތުރު އެއްޗެއް ދަންނަވާލުމަކީވެސް މިފަދަ މުނާސަބަތުތަކުގައި އާދަވެފައި އޮންނަ ކަމެއް. އެހެންވުމާއެކު، ސިފައިންނާ ދޭތެރޭގައިވެސް ކޮންމެވެސް އެއްޗެއް މިރޭ އަޅުގަނޑު ދަންނަވާލަންޖެހޭ. އެހެންނަމަވެސް، އަޅުގަނޑަށް ހީވާގޮތުގައި ތިޔަހުރިހާ ބޭފުޅުންނަށްވެސް އިޙްސާސް ކުރެއްވޭނެ، ސިފައިންގެ ވެރިޔާގެ މަޤާމުގައި ހުންނަ މީހަކަށް ނުވަތަ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަޤާމުގައި ހުންނަ މީހަކަށް މިފަދަ ޢާންމު ޖަލްސާއެއްގައި ސާބަހާއި ތަޢުރީފު ރައްދުކުރުމަކީ މާފަސޭހަ ކަމަކަށް ނުވާނެކަން. އާދެ، އެކަންވާނީ އެހެން މީހުންގެ ކުރިމަތީގައި ތިމާގެ އަމިއްލަ ޢާއިލާގެ މެންބަރުންގެ ރަނގަޅު ވާހަކަ، ތިމާގެ އަޚުންގެ މޮޅުވާހަކަ ދެއްކުން ކަހަލަ ކަމަކަށް. އެހެންނަމަވެސް، ޙަޤީޤަތަށްޓަކައި ތާރީޚަށްޓަކައި، ރިކޯޑަށްޓަކައި، ސިފައިންނަށްވެސް ޙައްޤުވާ ތަޢުރީފާއި ސާބަސް، މިމުނާސަބަތުގައި ރައްދުކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި ކުރަންޖެހޭނެ ކަމެއް.

އާދެ، އެގޮތުން އަޅުގަނޑު މިރޭ އެއްޗެއް މިދަންނަވަނީ. އަޅުގަނޑު ދަންނަވާލަން ބޭނުންވާ އެއްޗަކީ ދިވެހިރާއްޖޭގެ ސިފައިންނަކީ، އާދެ، ސިފައިންގެ ތެރޭގައި ހިމެނޭ އެންމެންނަކީ، ސިފައިންގެ އޮފިޝަލުންނާއި، އެމް.ސީ.އޯ. އިންނާއި، ޕްރައިވެޓުންނަކީ އަޅުގަނޑު ދެކޭގޮތުގައި ޢާންމުކޮށް ބަލާއިރު ދައުލަތަށް ތެދުވެރި، ވަރަށް އިޚްލާޞްތެރި، އެމީހުންގެ މަސައްކަތަށް ޝައުޤުވެރިކަން ބަހައްޓާ، ކަމަށްކަމޭހިތާ ބައެކޭ. އާދެ، އަޅުގަނޑު މިހެން ދަންނަވާއިރު އަޅުގަނޑު ހަނދާނެއްނުނެތޭ، ސިފައިންނަކީވެސް އިންސާނުންކަން. އަދި ކޮންމެ އިންސާނީ ޖަމާޢަތެއްގައިވެސް އެންމެ ފުރިހަމަޔަށް ކަންތައް ނުކުރެވޭ މީހުން ތިބޭނެކަން. އެހެންކަމުގައިވިޔަސް، އަޅުގަނޑަށް ދަންނަވަން ކެރޭ، އަޅުގަނޑުމެންގެ ސިފައިންގެތެރޭގައި އެބައެއްގެ ޢަމަލުތަކާމެދު ހިތްހަމަނުޖެހޭފަދަ ގޮތެއް ހުންނަ މީސްމީހުންނަކީ ވަރަށްމަދު ބައެކޭ. ސިފައިންގެ ތެރޭގައި ގިނައީ، ސިފައިންގެ އަޣުލަބިއްޔަތަކީ، ގިނަ މީހުންނަކީ، އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، ވަރަށް ތެދުވެރި އިޚްލާޞްތެރި އަދި އެމީހުންގެ ޚިދުމަތަށް ޙުރުމަތްތެރިކޮށްހިތާ ބައެކޭ.

އާދެ، އެހެންކަމާއެކު ސިފައިންގެ އޮފިޝަލުންނަށާއި، އެމް.ސީ.އޯ. އިންނަށާއި، އަދި ޕްރައިވެޓުންނަށް، މި މުނާސަބަތުގައި ތަޢުރީފާއި ޝުކުރު އަދާކުރުމަކީ އަޅުގަނޑުގެ ވާޖިބެއްކަމަށް ދެކެން. އަޅުގަނޑު ހިތުން ތިޔަހުރިހާ ބޭފުޅުންވެސް ހެކިވެވަޑައިގަންނަވާނެ، ސިފައިންނަށް މިދިޔަ ދެތިން ހަތަރު އަހަރު ދުވަހުގެ ތެރޭގައި ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެކަން. އާދެ، ރާއްޖެއަށް، މިހިނގާ ފަސް އަހަރު ދުވަހުގެ ތެރޭގައި އައިނަމަ އައި ތަރައްޤީއެއްގެ ވާހަކަ ދެއްކުން އެންމެ އެކަށީގެންވާ މީހަކީ އަޅުގަނޑު ނޫންކަން އަޅުގަނޑުވެސް ގަބޫލުކުރަން. އެހެންނަމަވެސް، ރާއްޖެއަށް ތަރައްޤީއެއް އައިސްފައިވާނަމަ ނުވަތަ ކުރިއެރުމެއް އައިސްފައިވާނަމަ، އެކަން އެއީ ޝައްކެއްނެތްގޮތުގައި، ރާއްޖޭގެ ރައްޔިތުން ފާހަގަކުރައްވާނެ ކަމެއް. އެގޮތުން އަޅުގަނޑު މިދަންނަވަނީ މިދިޔަ ނުވަތަ މި ހިނގާ އަހަރުތަކުގެ ތެރޭގައި ސިފައިންނަށްވެސް ވަރަށްބޮޑެތި ބަދަލުތަކެއް އަތުވެއްޖެއޭ. އެމީހުންގެ ޚިދުމަތް ކުރިޔަށްވުރެ ވަރަށް ބޮޑުތަން ރަނގަޅުވެއްޖެއޭ.

އާދެ، އޭގެ ހެތްކެއްގެ ގޮތުގައި ދަންނަވަން އޮތީ މިހާރު ވައްކަންތައް ގާތްގަނޑަކަށް ކުރިޔާ އަޅައިބަލާއިރު މަދުވެއްޖެ ވާހަކަ. ތަޅާފޮޅުމާއި މާރާމާރީގެ ޙާދިޘާތައް ކުރިޔަށްވުރެ މާބޮޑުތަން މަދުވެއްޖެ. އެހެންވީމާ، އެއިންދައްކާ އެއްޗަކީ ސިފައިން އެމީހުންގެ ވާޖިބު އަދާކުރުމުގައި ކުރިޔަށްވުރެ މިހާރު މާ ހީވާގިކަން ބޮޑުކަން. އެމީހުންގެ ވާޖިބު އަދާކުރުމުގައި ބަހައްޓާ ފަރުވާތެރިކަން ކުރިޔަށްވުރެ ބޮޑުކަން. އެމީހުންގެ ޚިދުމަތަށް އިތުރު ތަރައްޤީއެއް ލިބިއްޖެކަން. ޝައްކެއްނެތް، އެއީ ދުނިޔޭގެ އުޞޫލު. ކޮންމެ ޤައުމެއްވެސް ތަރައްޤީގެ މަގުގައި ކުރިއަރަމުންދާ ދިޔުމުގައި ހިމެނޭ ހުރިހާ ދާއިރާތަކެއްގެ މަސައްކަތް ތަރައްޤީވަމުންދާނެ. އަޅުގަނޑުމެންގެ ރާއްޖެ މިހާރު ތަރައްޤީގެ މަގުގައި ކުރިޔަށްދާކަމާމެދު ޝައްކެއްނެތް. އިޤްތިޞާދީގޮތުން އެއްދުވަހުން އަނެއް ދުވަހަށް ދަނީ ކުރިއަށް. އިޖުތިމާޢީގޮތުންވެސް ދަނީ ކުރިއަށް. ސިޔާސީގޮތުންވެސް އަޅުގަނޑު ދަންނަވާނީ ދަނީ ކުރިޔަށޭ. ޤައުމީގޮތުންވެސް އަޅުގަނޑުމެންގެ މެދުގައި ޤައުމީ ހޭލުންތެރިކަމެއް އުފެދި، އަޅުގަނޑުމެންގެ ޤައުމަށް އަޅުގަނޑުމެންގެ ހިތްތަކުގައި އިތުރު ލޯތްބެއް އުފެދި، ޤައުމީ ކަންތައްތަކަށް ޤައުމުގެ ހުރިހާ އެންމެން ސަމާލުކަން ދެމުން އެބަގެންދޭ. އެހެންވީމާ، އެގޮތުންވެސް ދިވެހިރާއްޖެ ދަނީ ކުރިޔަށޭ ދެންނެވުމަކީ، އަޅުގަނޑު ހިތުން ޙަޤީޤަތާ ޚިލާފުކަމެއް ނޫން.

ސިފައިންނަކީ ޤައުމުގެ ވަރަށް މުހިންމު ބަޔަކަށްވުމާއެކު، ވަރަށް ޚާއްޞަ ވާޖިބުތަކެއް އަދާކުރާ ބަޔަކަށްވުމާއެކު، އެމީހުންގެ މަސައްކަތަށްވެސް އެދެވޭ ތަރައްޤީއެއް އައުމަކީ އަޅުގަނޑު ހިތުން މިދެންނެވި ޙަޤީޤަތާ ޚިލާފުވާކަމެއް ނޫން. އާދެ، ކޮންމެއަކަސް ސިފައިންގެތެރޭގައި މިހާރު ކުރިޔާ ޚިލާފަށް، ތަޢުލީމީ ފެންވަރުވެސް ވަރަށް ރަނގަޅު ހަރުދަނާ ބޭކަލުން އެބަތިއްބެވި، މިހާރު ސިފައިންގެ މަތީ މަޤާމުތަކުގައި، އާދެ، ކެޕްޓަނުންގެ ފެންވަރުން ފެށިގެން އޮފިސަރުންގެ ހުރިހާ ރޭންކްތަކެއްގައިވެސް ތިއްބެވީ ތަޢުލީމީ ޒުވާނުން. ކަމަށް އެކަށީގެންވާ ލަޔާޤަތްތެރި ބޭކަލުން. އެހެންވުމާއެކު، ސިފައިންގެ ޚިދުމަތަށް، އެބޭކަލުންގެ ޚިދުމަތް އެހާ ފުރިހަމަގޮތަކަށް ލިބެމުންދާއިރު ސިފައިންގެ ޚިދުމަތް އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީވަމުންދާކަމީ، އެކަކުވެސް ޙައިރާންވާންވީ ކަމެއްނޫން. ހަމައެއާއެކު، އޭގެ ދަށުގައިވެސް މިދެންނެވި ރޭންކުތަކުގެ ދަށުންވެސް ތަޢުލީމީ ޒުވާނުން މިހާރު ސިފައިންގެ ތެރޭގައި އެބަތިބި. ތަޢުލީމީ ފެންވަރު ރަނގަޅު ކުދިން. އެހެންވީމާ، މުސްތަޤްބަލުގައި ސިފައިންގެ ހުރިހާ ކަމެއްވެސް މިހާރަށްވުރެ ރަނގަޅުވަމުންދާނެކަމާމެދަކު ޝައްކެއްނެތް.

އާދެ، ސިފައިންގެ ވާހަކަ މިމޭރުމުން ދައްކާއިރު އަޅުގަނޑު އެކަން މިފާހަގަކޮށްލަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުރި މީހެއްގެ ޙައިޘިއްޔަތަކުން ނޫން. އަދި ސިފައިންގެ ވެރިޔާގެ މަޤާމުގައި ހުރި މީހެއްގެ ޙައިޘިއްޔަތަކުންވެސް ނޫން. ދިވެހި ރައްޔިތެއްގެ ޙައިޘިއްޔަތުން. އަޅުގަނޑަކީ މިހާރު ކޮންމެ މަޤާމެއްގައި ހުރި މީހަކު ކަމުގައިވިޔަސް އަޅުގަނޑަކީވެސް ދިވެއްސެއް. ދިވެހި ރައްޔިތުންގެ ފަރުދެއް. އެހެންވީމާ، ދިވެހި ރައްޔިތުންގެ ފަރުދެއްގެ ޙައިޘިއްޔަތުން އަޅުގަނޑުމެން ރައްޔިތުންނަށް ސިފައިންކޮށްދޭ ޚިދުމަތް އަޅުގަނޑަށް ވަޒަންކުރެވޭ ވާހަކަ އަޅުގަނޑު މިދަންނަވަނީ.

އާދެ، ސިފައިންގެ ވާޖިބަކީ ނުވަތަ މަސްއޫލިއްޔަތަކީ ހަމައެކަނި ވަކިބައެއް ޙިމާޔަތް ކުރުމެއްނޫން. ހަމައެކަނި ޤައުމެއްގެ، ހިންގަން ތިބޭ ބަޔަކު ރައްކާކޮށްދިނުމެއް ނޫން. އެމީހުންގެ މަސްއޫލިއްޔަތަކީ، ދައުލަތް ރައްކާތެރިކޮށްދިނުމާއި، ތަނުގައި އަމްނުއަމާންކަން ރައްކާތެރިކޮށްދިނުމާއި، ޞުލްޙަ މަޞްލަޙަތު ޤާއިމުކުރުމާއި، އަދި ރައްޔިތުން ރައްކާތެރިކޮށްދިނުން. ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުން. އެހެންވީމާ، ރައްޔިތެއްގެ ޙައިޘިއްޔަތުން އަޅުގަނޑު މިދަންނަވަނީ މިއަދު އަޅުގަނޑަށް އިޙްސާސްކުރެވެޔޭ. މިއަދުގެ ސިފައިން އަޅުގަނޑުމެން ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދޭކަން. އަޅުގަނޑު ހިތުން، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މިކަމަށް ހެކިވެވަޑައިގަންނަވާނެ. އަޅުގަނޑުމެންގެ ފުރާނަޔަށް އެއްވެސްކަހަލަ ނުރައްކަލެއް ދިމާވެއްޖެނަމަ، އަޅުގަނޑުމެންގެ ގެދޮރަށް އެއްވެސްކަހަލަ ނުރައްކަލެއް ދިމާވެއްޖެނަމަ، އަޅުގަނޑުމެންގެ މުދާތަކަށް އެއްވެސްކަހަލަ ގެއްލުމެއް ވެއްޖެނަމަ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ ދަނީ ސިފައިންނާ ދިމާއަށް. އަޅުގަނޑުމެން ދަނީ ސިފައިންގެޔަށް. ނުވަތަ ސިފައިންނަށް ރިޕޯޓުކުރަނީ. އޭގެފަހުގައި އަޅުގަނޑުމެންގެ ޙައްޤު ރައްކާތެރިކޮށްދިނުން، އަޅުގަނޑުމެން ދޫކޮށްލަނީ އެމީހުންގެ އަތްމައްޗަށް. އަޅުގަނޑުމެންގެ މިދެންނެވި ކަންތައްތައް ސިފައިންނަށް ދޫކޮށްލާކަމީ އެއިން ވަރަށްބޮޑު މާނައެއް ދޭހަވާކަމެއް. އެއީ އަޅުގަނޑުމެންގެ ޔަޤީންކަން، އެމީހުން އެ ހުރިހާ ކަމެއްވެސް ގެންދާނީ ރަނގަޅަށްކަން އަޅުގަނޑުމެންގެ ހިތުގައިވާލެއް ވަރުގަދަކަން. އެހެންވުމާއެކު، ދިވެހިރައްޔިތެއްގެ ޙައިޘިއްޔަތުން އަޅުގަނޑު ސިފައިންނާ ދޭތެރޭގައި މިރޭ މި ވާހަކަ މިދަންނަވަނީ.

އާދެ، ހަމައެއާއެކު އަޅުގަނޑަށް ދަންނަވާލަންޖެހޭ، ރާއްޖޭގެ އެންމެހާ ރައްޔިތުން މިއަދުގެ ސިފައިންނަށް ޤަދަރުކުރައްވާކަން އަޅުގަނޑަށް އެނގެއޭ. ސިފައިން އެ ކުރާ ޚިދުމަތް ވަޒަންކުރައްވާކަން އަޅުގަނޑަށް ރަނގަޅަށް ވިސްނެއޭ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ތެރެއިން އަދިވެސް ބައެއް މީހުންނަށް ސިފައިންގެ ޚިދުމަތުގެ މުހިންމުކަން އެންމެ ފުރިހަމައަށް ވަޒަން ނުކުރެވި އޮތުމަކީ އެކަށީގެންވާ ކަމެކޭ. އާދެ، އަޅުގަނޑު މިހެން މިދަންނަވަނީ ސިފައިންގެ ތެރެއަށް ތަޢުލީމީ ޒުވާނުން ވައްދަން ބޭނުންވެފައިވާއިރުވެސް، އެކަމަށް ކުރިމަތިލާ ޒުވާނުންގެ ޢަދަދު އަދި މާގިނަ ނޫންކަމުން. ކޮންމެ ޤައުމެއްގައިވެސް ސިފައިންގެ ޚިދުމަތަކީ އެޤައުމުގެ ރައްޔިތުންގެ ކުރިމަތީގައި ވަރަށް އަގުހުރި ޚިދުމަތެއް.

އަޅުގަނޑަށް ފެނިފައި އޮތް ތާނގައި އެންމެ ބޮޑަށް ދަންނަވަންޏާ މިޞްރުގައި ސިފައިންގެތެރެއަށް ވަނުމަކީ ވަރަށް މަތިވެރި ޝަރަފެއް ކަމުގައި އެތާނގެ ރައްޔިތުން ދެކޭކަމެއް. ސިފައިންނަށް ނުވަތަ ސިފައިންގެ އޮފިސަރުންނަށް ރައްޔިތުންގެ ހިތުގައި ދެވިފައި އޮންނަނީ ވަރަށް މަތިވެރި ޤަދަރެއް. ވަރަށް އަގުހުރި އިޙުތިރާމެއް. އެހެންކަމާއެކު ބޮޑެތިވަމުން އަންނަ ޒުވާނުންގެ އަދި މަދަރުސާތަކުގައި ތަޢުލީމު ޙާޞިލުކުރާ ކިޔަވާކުދިންގެ ތެރެއިން ވަރަށް ގިނަބައެއްގެ އެންމެބޮޑު އުއްމީދަކަށް އޮންނަނީ، އެކުދިންގެ ކިޔެވުން ނިންމާފައި ވަކި ހިސާބަކަށް ދެވުނީމާ ސިފައިންގެތެރެއަށް ވަނުން. އަދި ސިފައިންގެތެރެއަށް ވަނުމަކީ އެހާމަތިވެރި ޝަރަފެއް ކަމަށްވާތީ، އެތާނގައި ސިފައިންނަށް ބޭނުންވާ ޢަދަދަށްވުރެ މާގިނަ ޢަދަދަކަށް ޒުވާނުން ސިފައިންގެތެރެއަށް ވަންނަން ބޭނުންވޭ. އެހެންވުމުގެ ސަބަބުން އެކިގޮތްގޮތުން އެވަންނަން ބޭނުންވާ ކުދިން އިމްތިޙާނުކޮށްގެން އެކުދިންގެ ލަޔާޤަތާއި ޤާބިލިއްޔަތު ހުރި މިންވަރު ބަލައިގެން މާކްސްދީގެން އެންމެ މަތީ ވަނަތައް ހޯދާކުދިން ވައްދާގޮތަށްވެސް އޮންނަނީ ހަމަޖެހިފައި. ނުވަތަ މިދެންނެވި ގޮތާ ޚިލާފަށް ކޮންމެވެސް އެހެންގޮތަކުންވެސް ސިފައިންގެތެރެއަށް ވަދެވޭތޯ ވަރަށްގިނަ މީހުން މަސައްކަތް ކުރަމުން އެބަގެންދޭ.

އާދެ، އަޅުގަނޑުމެންގެ ރާއްޖެއަކީވެސް ކުރިއަރަމުން އަންނަ ޤައުމަކަށް ވުމާއެކު، މިދެންނެވިފަދަ ގޮތެއް ވަމުންދިޔުމަކީ، އެދެވޭ ކަމެއް. މިދެންނެވީ ސިފައިންގެ ޚިދުމަތަށް ކުރިމަތިލާ ޒުވާނުންގެ ޢަދަދު ގިނަވުން. އަޅުގަނޑުމެންގެ ސްކޫލްތަކުގައި ކިޔަވާކުދިން، ތަޢުލީމީ ޒުވާނުން މިފަދަ ޚިދުމަތަށް ކުރިމަތިލުމަކީ ޝައްކެއްނެތްގޮތުގައި ވަރަށް މަތިވެރި ޤައުމީ ޚިދުމަތެއް. ސިފައިންގެތެރެއަށް ވަންނަނީ ފަހަރެއްގައިވެސް އަމިއްލަ ބޭނުމެއް ފުއްދާކަށް ނޫން. ސިފައިންގެ ތެރެއަށް ވަންނަނީ ޤައުމު ދިފާޢުކުރުމަށްޓަކައި. ޤައުމު ދިފާޢުކުރާ ޤާޢިދުންގެ ގޮތުގައި ތިބުމަށްޓަކައި. ޤައުމަށް ދިމާވެދާނެ ނުރައްކަލަކަށް ތައްޔާރަށް ތިބުމަށްޓަކައި. އެނުރައްކަލަކީ ބޭރުން އަންނަ ނުރައްކަލެއް ކަމުގައިވިޔަސް، އެތެރެއިން އަންނަ ނުރައްކަލެއް ކަމުގައިވިޔަސް، އެނުރައްކަލުން ދައުލަތާއި ރައްޔިތުން ދިފާޢުކޮށްދިނުމުގެ މަތިވެރި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި. އެހެންވީމާ، އެކަންކަމަށް އަޅުގަނޑުމެންގެ ތެރެއިން ތަޢުލީމީ ޒުވާނުން ކުރިމަތިނުލުމަކީ އަޅުގަނޑު ހިތުން މާ އެދެވޭ ކަމެއްނޫން. އެއީ އެ ކުދިންނަށް އަދި ސިފައިންގެ ޚިދުމަތުގެ މުހިންމުކަން ރަނގަޅަށް ވަޒަންނުކުރެވޭ ކަމުގެ ހެތްކެއް.

ކޮންމެއަކަސް ކުރިންވެސް އަޅުގަނޑު ދެންނެވިފަދައިން، ސިފައިންގެ ތެރޭގައި މިހާރު އެބަތިބި ތަޢުލީމީ ޒުވާނުން. އެކުދިންނަށް ކުރިއެރުމުގެ މަގު މިހާރުވަނީ ތަނަވަސްވެފައި. އާދައިގެ ސިފައިންގެ މީހުންނަށްވުރެ ތަޢުލީމީ ޒުވާނުންނަށް ކުރިޔަށްދެވޭލެއް އަވަސްވާނެ. އަދި އެކުދިންގެ ކުރިމަތީގައި އެހެނިހެން ދާއިރާތަކެކޭ އެއްފަދައިން، ބޭރު ޤައުމުތަކަށްގޮސް އިތުރު ތަމްރީނު ހޯދުމުގެ ފުރުޞަތު، އިތުރު ޓްރޭނިންގ ދިނުމުގެ ފުރުޞަތު، އިތުރު ކޯސްތައް ދިނުމުގެ ފުރުޞަތު މިހާރުއޮތީ ވަރަށްބޮޑަށް ހުޅުވިފައި. އެހެންވީމާ، އެއްވެސް ކުއްޖަކު ޝައްކުކޮށްގެންނުވާނެ، ތަޢުލީމީ ޒުވާނަކު ސިފައިންގެތެރެއަށް ވަންނައިރު އެއީ މިހިސާބުން އޭނާގެ ކަންތައް ނިމުނީކަމަކަށް. އެއީ އާދިރުމެއް ފެށުނީކަމަށް އޭނާ ބަލަންވާނީ. ކުރިމަތީގައި ވަރަށް ތަނަވަސް ފުރުޞަތުތަކެއް ކުރިއަށް ދިޔުމަށްޓަކައި އޭނާގެ އަމިއްލަ ފެންވަރުވެސް އަދި އޭނާގެ ތަނަވަސްކަންވެސް އަދި އޭނާއަށް ރައްޔިތުންގެ ފަރާތުން ލިބޭ ޤަދަރާއި، އިޙްތިރާމްވެސް މައްޗަށް ގެންދިޔުމުގެ ވަރަށްބޮޑު ފުރުޞަތެއް ލިބުނީކަމަށް އެކުއްޖަކު ބަލަންވާނީ.

އެހެންވީމާ، އަޅުގަނޑު ޔަޤީންކުރަނީ ކުރިޔަށް އޮތްތާނގައި މިނުކުތާއަށް އަޅުގަނޑުމެންގެ ޒުވާނުން ވަރަށްބޮޑަށް ވިސްނާނެކަމަށް. އެއީ، ޤައުމަށް ޒުވާނުން ބޭނުންވަނީ ހަމައެކަނި ވަކިކަހަލަ ކަންތައްތަކެއްގައެއް ނޫން. ހުރިހާ ކަމެއްގައިވެސް ބޭނުންވޭ. އަޅުގަނޑުމެން، ޑަކްޓަރުންނާއި، އިންޖިނޭރުންނާއި، އަދި ޤާނޫނީ ވަކީލުންނާއި، މިނޫންވެސް އެކިއެކި ފަންނުތަކުގެ މާހިރުން ބޭނުންވާފަދައިން، ސިފައިންގެތެރެއަށް ވަންނާނެ މީހުންވެސް ބޭނުންވޭ. އެއީ، ސިފައިންނަކީ ޤައުމުގެ އެހާ މުހިންމު މަސްއޫލިއްޔަތުތަކެއް އަދާކުރާ ބަޔަކަށްވާތީ. އެހެންވީމާ، މިނުކުތާ އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންވާނެ. އަޅުގަނޑުމެންގެ ތެރޭގައި ތިބި ސިފައިންގެ ޚިދުމަތަށް އެކަށީގެންވާ ލަޔާޤަތްތެރި ޒުވާނުން މިކަމަށް ކުރިމަތިލުމަކީ އަޅުގަނޑުގެ ވަރަށް ޚާއްޞަ އެދުމެއް. އަޅުގަނޑު ހިތުން، އޭރުން އޭގެ ފައިދާ ލިބޭނީ ހަމަ އެކުދިންނަށް. އެކުދިންނަށް ލިބޭ ފައިދާގެ އިތުރަށް ސިފައިންގެ ފެންވަރު މައްޗަށް ދިޔުމުން ޤައުމަށްވެސް ލިބޭ ފައިދާ ވަރަށް މަތިވެރިވާނެ.

އާދެ، ދެންމެ ސިފައިންގެ ވެރިޔާގެ ނައިބު އެ ވިދާޅުވި ފަދައިން، މިރޭގެ ޖަލްސާއަކީ ނުވަތަ މި އިޙްތިފާލަކީ މާދިގު ވަގުތުތަކެއް ހޭދަކުރާގޮތަށް ހަމަޖެހިފައިވާ އިޙްތިފާލެއް ނޫން. އެހެންވުމާއެކު، އަޅުގަނޑުގެ ވާހަކަކޮޅުވެސް މިހިސާބަށް ކުރުކޮށްލަނީ. މިތަނަށް ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންނަށް، ޢިއްޒަތްތެރިންނަށް، އަޅުގަނޑުމެންގެ ރާއްޖޭގެ ޢިއްޒަތްތެރިންނަށް ބޭރުގެ ޢިއްޒަތްތެރިންނަށް އަޅުގަނޑުވެސް ޝުކުރު ދަންނަވަން.