ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، ސްރީލަންކާގެ ހުޅަނގު ޕްރޮވިންސްގެ ގަވަރނަރ އައްސައްޔިދު އަލާވީ މައުލާނާ، މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު 11 ޖެހިއިރު މުލީއާގޭގައި ބޭއްވުނު މިބައްދަލުކުރެއްވުމުގައި، ސްރީލަންކާގައި ލާމަރްކަޒީ ނިޒާމު ރޭވިފައިވާގޮތާ ބެހޭގޮތުން އައްސައްޔިދު އަލާވީ މައުލާނާ މަޢްލޫމާތު ދެއްވައި، ލާމަރްކަޒީ އުޞޫލުން ސަރުކާރު ހިންގެވުމުން، އެކަމުން ރައްޔިތުންނަށް ލިބިދޭ ފައިދާތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ އަތޮޅުތައް ހިންގެވުމަކީ، ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމަށާއި، އެކަމުގެ ބިލް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ބަޙުޘް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މިބައްދަލުކުރެއްވުމުގައި، ދެގައުމުން އަހަންމިއްޔަތުކަންދޭ އެހެން ބައެއް ކަންކަމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.