ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަރަށްދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ގަލޮޅު ޓޮޕާޒް މުޙައްމަދު ޤާސިމް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން،
އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މުޙައްމަދު ޤާސިމްގެ ލޮބުވެތި އަނބިކަނބަލުން ނަފީސާ މުޙައްމަދަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ ސިޓީފުޅުގައި، މި ހިތާމައިގައި ބައިވެރިވެވަޑައިގެން ނަފީސާއަށާއި ޢާއިލާގެ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، އަލްމަރްޙޫމް މުޙައްމަދު ޤާސިމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 39 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވާފައިވެއެވެ. 14 ނޮވެންބަރު 1968ން ފެށިގެން ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން 65 އަހަރުވެގެން 1 މޭ 2008 ގައި ރިޓަޔަރ ކުރެއްވުމާ ހަމަޔަށް މުޙައްމަދު ޤާސިމް ޚިދުމަތް ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފައިސާއާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމުގައެވެ.

އަލްމަރްޙޫމް މުޙައްމަދު ޤާސިމަކީ ވަރަށް ތެދުވެރިކަމާއި ވަފާތެރިކަމާއެކީ ޒިންމާ އަދާކުރައްވަމުން ގެންދެވި ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، މިކަމުގައި މުޙައްމަދު ޤާސިމް ދައްކަވާފައިވަނީ މިއަދުގެ ޖީލަށްވެސް ރީތި ނަމޫނާއެއް ކަމަށް ވިދާޅުވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބަޖެޓް އެންޑް ޕްރޮޕަޓީ މެނޭޖްމަންޓް ސެކްޝަންގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމާ ހަމައަށް ވަޑައިގަތީ މުޙައްމަދު ޤާސިމްގެ އަމާނާތްތެރިކަމާއި އިޚްލާޞްތެރިކަމުގެ ސަބަބުން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.

އަލްމަރްޙޫމް މުޙައްމަދު ޤާސިމް ސަރުކާރަށް ޚިދުމަތް ކުރައްވަން ފަށްޓަވާފައިވަނީ 15 ޖޫން 1964 ގައެވެ. ދެވަނަ ޕެންޝަން ލިބިވަޑައިގެންފައިވަނީ 15 ޖޫން 2004 ގައެވެ. ފުރަތަމަ އަދާކުރެއްވީ ވުޒާރަތުލް މަޢާރިފުގެ ކާތިބުކަމުގެ ވަޒީފާއެވެ. 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރެއްވިއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބަޖެޓް އެންޑް އެކައުންޓްސް ބަލަހައްޓާ ކަމާއި، ފައިނޭންޝަލް ކޮންޓްރޯލަރ ކަމާއި، ޑެޕިޔުޓީ ޑިރެކްޓަރ ކަމާއި، ޑިރެކްޓަރ ކަމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމުވެސް ފުރުއްވާފައިވެއެވެ.

މުޙައްމަދު ޤާސިމް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއްވުމަށްފަހު އިއްޔެރޭގެ ވަގުތެއްގައެވެ. އަވަހާރަވިއިރު ޢުމުރަކީ 78 އަހަރެވެ.