ދަތުރުފަތުރު ކުރުމުގެ ނިޒާމުގެ ބިޑް ކާމިޔާބުކުރި ފަރާތްތަކާ އެކުގައި އިރާދަކުރެއްވިއްޔާ، އޯގަސްޓް މަހުގެ ތެރޭގައި ކޮންޓްރެކްޓާ ހަމައަށް ދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، މިއަދު ހެނދުނު އެމަނިކުފާނު ދެއްވި ރޭޑިއޯ ޚިޠާބުގައި، ސަރުކާރުން ޤާއިމު ކުރައްވަން ނިންމަވާފައިވާ ދަތުރުފަތުރު ކުރުމުގެ ނިޒާމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މި ނިޒާމު ހިންގާނެ ބަޔަކު ހޯއްދެވުމަށް އިއްލާނު ކުރެއްވުމާ ގުޅިގެން، ފަސްފަރާތަކުން ބިޑްކޮށްފައިވާ ކަމަށް ވިދާޅުވެ، ސަރުކާރުގެ ފަރާތްތަކުން މިހާރު އެ ބިޑްތައް ބައްލަވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި އެކަމާ ގުޅޭ ކޮންޓްރެކްޓް، އިރާދަކުރެއްވިއްޔާ އޯގަސްޓް މަހުގެ ތެރޭގައި އެކުލަވާލެވި، މިކަމުގެ ޢަމަލީ ސިފަތަކެއް ރޯދަ ފެށޭހާ ތާނގައި ކޮންމެވެސްވަރަކަށް ފެނިގެންދާނެ ކަމަށް ވިދާޅުވިއެވެ. ސަރުކާރުން ރާއްވަވާފައިވާ ގޮތަށް ރާއްޖޭގެ ދަތުރުފަތުރުކުރުމުގެ ނިޒާމެއް ޤާއިމު ކުރެވޭނެ ކަމަށާއި، އިރާދަކުރެއްވިއްޔާ މިކަން ކާމިޔާބުގެ އައްސޭރިއަކަށް ގެންދެވޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިއޯ ޚިޠާބުގައި، ރައްޔިތުންގެ މަޖިލީހުގައި މިހާރު ހޫނުކަމާއެކު ބަޙުޘް ކުރެވެމުންދާ ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބިލްގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ސަރުކާރުން ހުށަހަޅުއްވާފައިމިވާ ބިލަށް، ވާދަވެރި ސިޔާސީ ޕާޓީތަކުންވެސް އިޞްލާޙެއް ގެންނަވަން ބޭނުންފުޅުވާނަމަ، އެ އިޞްލާޙެއް ބަލައިގަތުމަށް މިތިއްބެވީ ތައްޔާރަށް ކަމަށާއި، އެބޭފުޅުންނާ މަޝްވަރާ ކުރައްވައިގެން، އެބޭފުޅުންނަށްވެސް ފެނިވަޑައިގަންނަވާ ގޮތް ނޫންގޮތަކަށް މިކަން ކުރެއްވުމަކަށް ފިކުރެއް ނެތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ލާމަރްކަޒީ އުޞޫލުން ހިންގައިގެންމެނުވީ، ރައްޔިތުންނާ ގާތުން ރައްޔިތުންގެ ވެރިކަމެއް ނުހިންގޭނެ ކަމަށާއި، އެނޫން ގޮތަކަށް ވެރިކަން ކުރަނީނަމަ، އެ ވެރިކަމަކީ އިންޞާފުވެރި ވެރިކަމަކަށް ވެގެންނުދާނެ ކަމުގައި ވިދާޅުވިއެވެ. މާލޭގައި އަޅުގަނޑުމެން ތިބެގެން ބޭނުންހާ ގޮތަކަށް ކަންކަން ނިންމަމުން ގެންދިޔައީމާ، އެއީ ޑިމޮކްރެޓިކް ވެރިކަމެއްގެ ގޮތުގައެއް އެއްވެސް ބަޔަކު ދެކޭނެހެން ހީފުޅުނުވާ ކަމަށާއި، އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ، ސީދާ ރައްޔިތުންގެ ބައިވެރިވުން ހިމެނިގެން ވެރިކަން ކުރެވޭނެ އުޞޫލެއް ހޯދުމަށް ކަމުގައި ވިދާޅުވިއެވެ. އަދި ބައެއް ބޭފުޅުން މިކަމުގައި އިންކާރު ކުރައްވަނީ، ޕްރޮވިންސް އުފައްދާފައިވާތީ ކަމުގައި ވިދާޅުވިއެވެ. ޕްރޮވިންސް އުފެއްދުމަށް ސަރުކާރުން މިހުށަހަޅުއްވާ އެންމެ މުހިންމު އެއްސަބަބަކީ، ލާމަރްކަޒީ ކުރާއިރުގައި، ވަކި ކައުންސިލެއް ނުވަތަ ވަކި އިދާރީ ހިންގުމެއްގެ މައްޗަށް ބިނާވެފައި އޮންނަ އަތޮޅެއް އެއީ މާ ކުޑަކުޑަ މިންވަރަކަށްވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، މިބިލާ ގުޅޭގޮތުން އެހާބޮޑު ސިޔާސީ ވާދަވެރިކަމެއް ނުނެރުއްވުމަށް ސިޔާސީ ފަރާތްތަކުގެ ކިބައިން، ޚާއްޞަކޮށް، ޑީ.އާރު.ޕީ.ގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އަދި މިބިލާ ގުޅޭގޮތުން ދެފަރާތުން ވާހަކަ ދައްކައިގެން، ގޮތް ހޯދައިގެން ރަނގަޅު އަވަސް ޙައްލެއް ގެނެސްދެއްވުމަށް ސަރުކާރާ އެކީގައި މަސައްކަތް ކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ އެޑްރެހުގައި، އެމަނިކުފާނު އިނގިރޭސިވިލާތަށް މިކުރެއްވި ދަތުރުފުޅާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ. އެދަތުރުފުޅުގެ އިތުރު ތަފްޞީލު ދެއްވަމުން، ސަރުކާރުގެ ފަރާތުން އެމަނިކުފާނު އިނގިރޭސިވިލާތުގައި އެކިއެކި މުހިންމު ތަންތަނުގައި ވާހަކަފުޅު ދައްކަވައި ހެއްދެވީމާ، އެކަމާ ގުޅިގެން މުޅި އިނގިރޭސިވިލާތުގައި ރާއްޖޭގެ ޚަބަރުތައް ފެތުރިގެންދާ ކަމަށާއި، އަދި އެކަމާ ގުޅިގެން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ޢަދަދުވެސް އިތުރުވެގެންދާ ކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ، ރާއްޖެއަށް އިންވެސްޓް ކުރުމަށް އަންނަ ފަރާތްތަކުގެ ޢަދަދުވެސް އިތުރުވެގެންދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.