ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ދިގު މުއްދަތެއްވަންދެން ކުރައްވާފައިވާ އަދި ރާއްޖޭގެ މީޑިއާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ޙުސައިން މުޙައްމަދު އަވަހާރަވުމާ ގުޅިގެން އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ޙުސައިން މުޙައްމަދު އަވަހާރަވީ ރޭ މެންދަމު ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 71 އަހަރެވެ.

ޙުސައިން މުޙައްމަދުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވަމުން، މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވިއެވެ. އަދި ގެއްލިގެން އެ ދިޔައީ އެމަނިކުފާނުގެވެސް ވަރަށް ގާތް އެކުވެރިއެއްކަން ފާހަގަކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރެއްވިއިރުގެ ހަނދާންތައް އާކުރެއްވިއެވެ. އަދި ޙުސައިން މުޙައްމަދަކީ، ދިވެހި ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް ވިދާޅުވެ، ޢާއިލާއަށް މި ލިބިވަޑައިގެންނެވި ފުން ހިތާމައިގައި ބައިވެރިވެވަޑައިގެން، މަރްޙޫމުގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދިވަޑައިގެން ދުޢާ ކުރެއްވިއެވެ.

ޙުސައިން މުޙައްމަދަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވިދިވިދިގެން 3 ދައުރެއްގައި ކުރެއްވި ބޭފުޅެކެވެ. މިގޮތުން އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން 2005ން 2009 އަށް އަދި މަތިވެރީ ދާއިރާގެ މެންބަރުކަން 2009ން 2019 އަށް ވަނީ ކުރައްވާފައެވެ.

ޙުސައިން މުޙައްމަދަކީ، ސަރުކާރަށް 28 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި އަދި ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އެ މަގާމުތަކުގެ ތެރޭގައި ޓެލެވިޜަން މޯލްޑިވެސްގެ ޑެޕިޔުޓީ ޑިރެކްޓަރ ކަމާއި، ޑިރެކްޓަރ ކަމާއި، ޑިރެކްޓަރ ޖެނެރަލްކަމާއި، އެގްޒެކެޓިވް ޑިރެކްޓަރކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލްކަމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ ކަމާއި، އެގްޒެކެޓިވް ޑިރެކްޓަރކަމާއި، ޓެލެވިޜަން މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރ ކަން ހިމެނެއެވެ. 6 އޮގަސްޓް 2008 ގައި ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނާއިބުކަމުގެ މަގާމުގައެވެ.

ސަރުކާރުގެ ޚިދުމަތް ޙުސައިން މުހައްމަދު ފުރަތަމަ ފެށްޓެވީ 11 ސެޕްޓެންބަރު 1972 ގައި އެއަރޕޯޓު އޮފީހުގެ މިޓިއޮރޮލޮޖިކަލް އޮބްޒަރވަރގެ މަގާމުންނެވެ. އޭގެފަހުން ބޭރުގެ ޚަބަރުތައް ތަރުޖަމާ ކުރެއްވުމާއި، ބޭރުގެ ޚަބަރުތައް ދިރާސާ ކުރައްވަިއ އެ މަޢުލޫމާތުތައް ޢާންމުންނާ ހަމައަށް ގެނެސްދެއްވުމަށް ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި ގިނަ މަސައްކަތްޕުޅުތަކެއް ވަނީ ކޮށްދެއްވާފައެވެ. މިގޮތުން ޑިޕާޓްމަންޓް އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ ނިއުސްރޫމުގައްޔާއި ދިވެހިރާއްޖޭގެ އަޑުގެ ޚަބަރު ނަގާ ތަރުޖަމާކުރާ މަގާމުގައި ހުންނަވައިގެން ކޮށްދެއްވި ޚިދުމަތްތައް ފާހަގަކޮށްލަންޖެހެއެވެ. އަދި އޭގެފަހުން ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ އެސިސްޓެންޓް ޑިރެކްޓަރަކަށް ހުންނަވައިގެން ތަޢުލީމީ އެކިއެކި ޕްރޮގުރާމްތައް އުފެއްދެވުމަށް ގިނަ މަސައްކަތްޕުޅުތަކެއްވަނީ ކުރައްވާފައެވެ.

ރާއްޖޭގެ ނޫސްވެރިކަމަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ މުނާސަބަތުގަިއ ޙުސައިން މުޙައްމަދަށް ވަނީ ނޫސްވެރިކަމުގެ އަލިމަސް ގަލަން ލިބިވަޑައިގެންފައެވެ.