ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ޢާންމު ޚިދްމަތްތައް ދިނުމާބެހޭ މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވަވައިފިއެވެ. މިއަދު މެންދުރުފަހު އާރަށުގައި މިބޭއްވެވި ބައްދަލުވުމަކީ، ސަރުކާރުން އުފައްދަވާފައިވާ ޕްރައިވަޓައިޒޭޝަން ކޮމިޓީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓާ ގުޅިގެން ބޭއްވެވި ބައްދަލުވުމެކެވެ.

އަމިއްލަ ވިޔަފާރި ޖަމްޢިއްޔާތަކުގެ އިސްވެރިންނާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ބޭފުޅުންނާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ބައެއް އިސްބޭފުޅުންނާއި، ރާއްޖޭގައި މަސައްކަތްކުރައްވާ ބޭރުގެ ޖަމާޢަތްތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި މިބައްދަލުވުން އިފްތިތާޙުކޮށްދެއްވަމުން، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ރަޝީދު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ބޭނުންފުޅަކީ، ރައްޔިތުންނަށް ދެވޭ ޚިދްމަތްތައް ވީހާވެސް ހަލުވިކަމާއެކު ދެއްވުން ކަމަށާއި، މިކަމުގައި އަމިއްލަ ފަރާތްތަކުގެ ދައުރުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނުގެ މިނިސްޓްރީން ކުރައްވާ މައިގަނޑު މަސައްކަތްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި އިންވެސްޓް މޯލްޑިވްސްއަކީ، ރާއްޖޭގައި އިންވެސްޓް ކުރަން އަންނަ މީހުންނަށް އެކަން އޮޅުންފިލުއްވައި ދެއްވުމަށް ގެންގުޅުއްވާ ޓްރޭޑް މާކެއް ކަމަށާއި، މިހެން މިކަން އޮތްކަމަށްވިޔަސް ދިވެހިންނަށްވެސް އިންވެސްޓް ކުރުމުގެ ފުރުޞަތު އެބައޮތްކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި، ޕްރައިވަޓައިޒޭޝަން ކޮމިޓީގެ ޗެއަރމަން މަޙްމޫދު ރާޒީ ދެއްކެވި ވާހަކަފުޅުގައި، ޕްރައިވަޓައިޒޭޝަންގެ މަސައްކަތް ތަންކޮޅެއް ހަލުވިކަމާއެކު ގެންދަވަން ބޭނުންފުޅުވާ ކަމަށާއި، ސަރުކާރުގެ ވިސްނުންފުޅަކީ، ރައްޔިތުންނަކީ، އަޅުގަނޑުމެންނާއެކު އަދި އަމިއްލަ ފަރާތްތަކާވެސްއެކު މަސައްކަތްކުރާ ބަޔަކަށްވުން ކަމުގައި ވިދާޅުވިއެވެ. އަޅުގަނޑުމެންގެ ވިސްނުމަކީ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދްމަތްތަކުގެ ފެންވަރު އެއްވެސް ހާލެއްގައި ދަށްވުމެއް ނޫން ކަމަށާއި، އަޅުގަނޑުމެންގެ ވިސްނުމަކީ، ޚިދްމަތްތައް އަގުބޮޑުވުމެއް ނޫން ކަމުގައި މަޙްމޫދު ރާޒީ ވިދާޅުވިއެވެ. އަދި ބޭނުންފުޅަކީ، އަތްފޯރާފަށުގައި ރަނގަޅު ޚިދްމަތްތަކެއް ލިބޭނެގޮތް ހަމަޖައްސަވައިދެއްވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަންތައްތައް ގެންދަވާނީ ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ރައްޔިތުންގެ ބައިވރިވުމާއެކީގައިކަން ބައްދަލުވުމުގެ ބައިވެރިންނަށް އެމަނިކުފާނު ޔަޤީންކޮށްދެއްވިއެވެ.

މިބައްދަލުވުން ނިންމަވާލެއްވުމުގެ ގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު އަސްޢަދު ދެއްކެވި ވާހަކަފުޅުގައި، ޕްރައިވަޓައިޒޭޝަންގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވައި، ރައްޔިތުންނަށް ލިބޭނެ ފައިދާއާއި މަންފާގެ މައްޗަށް ބައްލަވާލެއްވިއެވެ.

މިއަދު މިބޭއްވެވީ މިގޮތުން ބޭއްވެވި ދެވަނަ ބައްދަލުވުމެވެ. ފުރަތަމަ ބައްދަލުވުން ބޭއްވެވީ، ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ ސިޔާސީ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ސިވިލް ސަރވިސްގެ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ސަރުކާރު ކުންފުނިތަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ދިވެހިރާއްޖޭގައި ހިނގަމުންދާ ބޭންކްތަކުގެ އިސްބޭފުޅުންނަށެވެ.