ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިރޭ ބޮޑުތަކުރުފާނު މަގުގައި އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް ޒިޔާރަތްކުރައްވާ، އެ ހާދިސާގައި ލިބިފައިވާ ގެއްލުންތައް ބައްލަވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އެ ސަރަޙައްދަށް ވަޑައިގެން މި ހާދިސާގެ ސަބަބުން އަސަރުކޮށްފައިވާ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާގުޅޭ އިދާރާތަކުން ކުރަމުންދާ ތައްޔާރީތަކުގެ މަޢުލޫމާތު ސާފު ކުރެއްވިއެވެ.
 
އަލިފާން ރޯވި ސަރަޙައްދަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި، އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދިޔަ ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި، މާތްﷲގެ ވާގިފުޅާއެކު މި ހާދިސާގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައިނުވާކަން ފާހަގަކުރައްވާ، އެކަމަށްޓަކައި ޙަމްދުކުރެއްވިއެވެ. މީގެ އިތުރުން، މި ހާދިސާގެ ސަބަބުން އަސަރުކޮށްފައިވާ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާގުޅޭ އިދާރާތަކުން ކުރައްވާފައިވާ ތައްޔާރީތަކުގެ މަޢުލޫމާތު ނޫސްވެރިންނާއި ޙިއްޞާ ކުރެއްވިއެވެ. ހަމަމިއާއެކު، މި ހާދިސާގައި މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ އިތުރުން މި ހާދިސާގެ ސަބަބުން އަސަރުކޮށްފައިވާ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި އެންމެހައި ފަރާތްތަކަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
 
ކޯވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެ.ޗް.ޕީ.އޭ) އިން ދެމުންގެންދާ އިރުޝާދުތަކަށް ބޯލެނބުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ. އަދި، އެޗް.ޕީ.އޭ.ގެ އެންގުންތަކާއި ޚިލާފަށް މި ހާލަތުގައި ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅުމަށް ވެސް އެ މަނިކުފާނު ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. 
 
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެސް މިރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް ޒިޔާރަތް ކުރައްވައި، އެ ސަރަޙައްދުގެ ހާލަތު ބައްލަވާލެއްވިއެވެ. އަދި، އެ މަނިކުފާނު ވަނީ މި ހާދިސާގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާގުޅޭ އިދާރާތަކުން ވެފައިވާ ތައްޔާރީތައް ބައްލަވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާއާއި އެ މަނިކުފާނުގެ ނައިބާއިއެކު، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީއާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ ވެސް އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް ޒިޔާރަތްކުރެއްވިއެވެ.