ސަރުކާރުގެ އޮފީސްތަކުން ނެރުއްވާ އިޢްލާނާއި، ނޫސްބަޔާނާއި، ދެންނެވުމާއި، އެންގެވުން، ރާއްޖޭގައި ނުކުންނަ ދުވަހު ނޫސްތަކުގައި ޝާއިޢު ކުރެއްވުން، 1 ސެޕްޓެމްބަރ 2009ން ފެށިގެން ހުއްޓަވާލައްވައި، އިޢްލާނާއި، ނޫސްބަޔާނާއި، ދެންނެވުމާއި، އެންގެވުން، ހަމައެކަނި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާ ގޮތަށް ހަމަޖައްސަވައި، އެކަމުގެ މަޢްލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސަރުކާރުގެ އޮފީސްތަކަށް މިއަދު އަންގަވައިފިއެވެ. މިކަން އަންގަވައި އެއޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައި، މިކަން މިގޮތަށް މިހަމަޖެއްސެވީ، ސަރުކާރުގެ އިޢްލާނާއި، ނޫސްބަޔާނާއި، ދެންނެވުމާއި، އެންގެވުން، ދުވަހު ނޫސްތަކުގައި ޝާއިޢު ކުރެއްވުމަކީ، ސަރުކާރުގެ ބަޖެޓުން ވަރަށްބޮޑު ޚަރަދެއް ހިނގާ ކަމަކަށްވާތީއާއި، ސަރުކާރުގެ ޚަރަދުތައް މިހާރު ވަރަށް ކުޑަކުރައްވަން ޖެހިވަޑައިގެންފައިވާތީ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ހަމައެކަނި ދިވެހި ސަރުކާރުގެ ގެޒެޓްގައި މިފަދަ ލިޔުންތައް ޝާއިޢު ކުރެއްވުމަކީ، ޢާންމު ރައްޔިތުންނަށްވެސް އެކަމުން ވަރަށްގިނަ ފަސޭހަތަކެއް ލިބޭނެ ކަމެއް ކަމަށް ފެނިވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

ދިވެހި ސަރުކާރުގެ ގެޒެޓް މިހާރު ޢާންމުކޮށް ނެރުއްވަމުން ގެންދަވަނީ، ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހު ނަމަވެސް، 1 ސެޕްޓެމްބަރ 2009ން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހާއި، ބުރާސްފަތި ދުވަހު ގެޒެޓް ނެރުއްވާ ގޮތަށްވަނީ ހަމަޖައްސަވާފައެވެ.

މިކަމުގައި ސަރުކާރުގެ ހުރިހާ ދާއިރާތަކުގެ ފުރިހަމަ އެއްބާރުލެއްވުން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ކަމަށްވެސް މިދެންނެވުމުގައި ވިދާޅުވެފައިވެއެވެ. އަދި ގެޒެޓާ ބެހޭގޮތުން ސަރުކާރުގެ ދާއިރާތަކަށް މަޢްލޫމާތު ދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބައްދަލުވުންތަކެއް އިންތިޒާމު ކުރައްވަމުން އެބަގެންދަވާ ކަމަށާއި، މި ޖުލައި މަހުގެ ތެރޭގައި މިބައްދަލުވުންތައް ފަށްޓަވާނެ ކަމަށްވެސް އޮފީސްތަކަށް އަންގަވާފައިވެއެވެ.

އިޢްލާނާއި ނޫސްބަޔާނާއި ދެންނެވުން، އަދި އެންގެވުން، ދުވަހު ނޫސްތަކަށް ފޮނުއްވުން ހުއްޓާލެއްވި ކަމުގައިވިޔަސް، މުޅި ރާއްޖެއަށް ޢާންމުކޮށް އެނގެންޖެހޭނެ ކަމަށް ފެނިވަޑައިގަންނަވާ އިޢްލާނުތަކާއި، ނޫސްބަޔާންތަކާއި، ދެންނެވުންތައް، އެތަނަކުން ކަނޑައަޅުއްވާ އުޞޫލަކުން ދިވެހިރާއްޖޭގެ އަޑަށާއި ޓެލެވިޜަން މޯލްޑިވްސްއަށް ފޮނުއްވަމުން ގެންދެވުމަށާއި، މިގޮތުގެ މަތިން ކޮންމެހެން ފޮނުއްވަންޖެހޭ މިފަދަ ތަކެތިވެސް، ވީހާވެސް ޚަރަދު ކުޑަވާނެ ގޮތަކަށް ވިސްނާވަޑައިގެން ފޮނުއްވަމުން ގެންދެވުމަށްވެސް އަންގަވާފައިވެއެވެ.