”ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިލު“ އާއި، ”މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ބިލު“، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިލް ސަރުކާރުން މިހުށަހެޅުއްވީ، މަތީ ތަޢްލީމާބެހޭ ޙަރަކާތްތައް އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމަށްޓަކައި، ދިވެހިރާއްޖޭގައި ޔުނިވަރސިޓީއެއް ޤާއިމު ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީއެވެ. އަދި ރައްޔިތުންނަށް ޒިންމާވާ މުސްތަޤިއްލު ގިއުގަނޑެއްގެ ތެރެއިން ހިނގާ ތަނެއްގެ ގޮތުގައި ޔުނިވަރސިޓީ އޮތުމަކީ މުހިންމު ކަމެއްކަމާއި، ރައްޔިތުންނާއި ރައްޔިތުންގެ މުސްތަޤްބަލާ ގުޅުންހުރި މިފަދަ ތަޢްލީމީ މުއައްސަސާއެއްގެ މަޤްޞަދުތަކާއި މަސްއޫލިއްޔަތުތަކާއި ބާރުތައް އެކަށައަޅައި، އެކަންކަމާ ގުޅޭ އުޞޫލުތައް ޤާނޫނެއްގައި ބަޔާންވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ފެނިވަޑައިގަންނަވާތީއެވެ.

”މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ބިލު“ ސަރުކާރުން މި ހުށަހެޅުއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޒ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ޖިނާއީ ކުށްކުށުގައި ޙުކުމް ކޮށްފައިވާ އަދި އިސްތިޢުނާފު ކުރުމުގެ އިތުރު ފުރުޞަތެއް ނެތް މީހުންގެ ތެރެއިން ވަކިވަކި ފަރުދުންގެ ކުށް މަޢާފުކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ އުޞޫލުތައް ކަނޑައަޅައި ބަޔާންކުރުމުގެ ގާނޫނެއް އޮތުމަކީ މުހިންމު ކަމެއް ކަމުގައި ފެނިވަޑައިގަންނަވާތީއެވެ.