ކޮމިއުނިކޭޝަން އޮފިސަރުންގެ މަސައްކަތަކީ، ވަރަށް އުފެއްދުންތެރި މަސައްކަތެއް ކަމަށާއި، ރައްޔިތުންނަށް މަޢްލޫމާތު ދިނުމުގައި އެމީހުންގެ ދައުރު ވަރަށް މުހިންމު ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރުގެ އޮފީސްތަކުގެ ކޮމިއުނިކޭޝަން އޮފިސަރުން ތަމްރީނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ބާއްވަވަމުން ގެންދަވާ މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނާ މިއަދު ހެނދުނު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮމިއުނިކޭޝަން އޮފިސަރުންގެ މަސައްކަތުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވަމުން، ކޮންމެ އޮފީހަކީވެސް ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރަންޖެހޭ އޮފީހަކަށްވާއިރު، އެ އޮފީހަކުންދޭ ޚިދްމަތަކީ ރައްޔިތުންނަށް ފައިދާހުރި ޚިދްމަތަކަށް ވާންޖެހޭނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެހެންވީމާ، މިމަސައްކަތަކީ ވަރަށް ޢަމަލީ ސިފައެއްގައި އިސްނަގައިގެން ކުރަންޖެހޭ މަސައްކަތެއް ކަމަށާއި، އެއީ، ކަމެއް ޖެހުމުން އެކަމާ ބެހޭގޮތުން އެއްޗެއް ބުނުމަށްވުރެ ބޮޑަށް ކަންކަން ރާވައި އިސްނަގައިގެން، އަންގަންޖެހޭ ފަރާތްތަކަށް އެކަންކަން ރަނގަޅަށް އޮޅުން ފިލުވައި ދިނުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއޮފީހަކުން ހިންގާ އެކިޕްރޮގްރާމްތައް ރަނގަޅަށް ރާވައި ހިންގުމުގައިވެސް ކޮމިއުނިކޭޝަން އޮފިސަރުންގެ ދައުރު ވަރަށް މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ކޮމިއުނިކޭޝަން އޮފިސަރުންގެ ދައުރު މިހާރަށްވުރެ ހަރުދަނާކޮށް، ކޮމިއުނިކޭޝަން އޮފިސަރުންނަކީ ސަރުކާރު އޮފީސްތަކުގެ މަޢްލޫމާތު ފެތުރުމުގެ ދާއިރާ ވަރުގަދަ ކުރުމަށްޓަކައި މަސައްކަތް ކުރާ ބާރަކަށް ވާންޖެހޭ ކަމުގައިވެސް ވިދާޅުވިއެވެ. އަދި އެއޮފީހަކުން ރައްޔިތުންނަށް ދެއްވަންޖެހޭ މެސެޖްތަކާ ބެހޭގޮތުން އޮފީހުގެ އިސްބޭފުޅުންނާ ވާހަކަދައްކަވައި އެއްބަސްވުމަކަށް އާދެވުމަކީވެސް، އޮފީހުގެ މަސައްކަތްތައް ކާމިޔާބު ކުރުމުގެ ވަރަށް މުހިންމު ބައެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.