އޮޑިވެރިން ބޭންކުން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ދަތިތަކާ ދިމާވެފައިވާތީ، އޮޑިވެރިންނަށް ދޫކުރައްވާފައިވާ ލޯނުތައް އަދާކުރުން ލުއިކޮށްދެއްވުމުގެ ގޮތުން މަސްވެރިންގެ ޔުނިއަނުން އެދިވަޑައިގެންފައިވާ ގޮތަށް ލޯނުގެ މުއްދަތު، 6 އަހަރުގެ ބަދަލުގައި 10 އަހަރަށް އިތުރުކުރުމަށް ބޭންކްތަކާ ވާހަކަ ދެއްކެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް މިނިންމެވީ، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ރިޔާސަތު ބެލެހެއްޓެވި އެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރާއްޖޭގެ ކަޅުބިލަމަހުގެ ޞިނާޢަތު، އިތުރު އިންވެސްޓަރުންނަށް ހުޅުވާލުމާ ގުޅޭގޮތުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް އުފެއްދެވި ވަޒީރުންގެ ކޮމިޓީއިން ނިންމެވި ނިންމެވުންތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
މިކަމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށްފަހު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދޫކުރެއްވުމަށް ހަމަޖެހިފައިވާ އޭ.ޑީ.ބީ. ލޯނުގެ ވަކިމިންވަރެއް، މަސްވެރިކަމުގައި ޙަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރުމަށް ބޭންކާ ޙަވާލުކުރެއްވުމަށްވެސް ނިންމެވިއެވެ. އަދި މިހާރު މަސްވެރިކަމުގައި ބޭނުންކުރާ ދޯނިފަހަރުގެ ސައިޒް ބޮޑުވެ، މަހަށް ފުރުމުގެ ޚަރަދު ބޮޑުވެފައިވުމާއި، މިދުވަސްވަރު މަސްވެރިކަން ދަށަށް ގޮސްފައިވާތީ، މިފަދަ ބޮޑެތި ދޯނިފަހަރު ލޯންގް-ލައިން މަސްވެރިކަމަށް ތަޢާރުފު ކުރުމުގެ ފުރްޞަތު ހުޅުއްވާލެއްވުމުގެ ގޮތުން، ބޭރުން ތަޖުރިބާކާރުން ގެންނަވައިގެން، ލޯންގް-ލައިން މަސްވެރިކަމަށް ދިވެހި މަސްވެރިން ތަމްރީނު ކުރެއްވުމަށްވެސް ނިންމެވިއެވެ. އަދި މަސްވެރިކަމުގެ ޕްރޮސެސިންގ ސެކްޓަރުގައި ޙަރަކާތްތެރިވުމަށް ކުދި އަދި މެދުމިނުގެ ވިޔަފާރިއަށް އިތުރު ފުރްޞަތު ހޯއްދަވައިދެއްވުމަށްޓަކައި ޒޯންތަކުގައި މަސްވެރިންގެ އަތުން ކަޅުބިލަމަސް ގަތުމަށް އެގްރީމަންޓް ކޮށްފައިވާ ކުންފުނިތަކާ ވާހަކަ ދެއްކެވުމަށްވެސް ނިންމެވިއެވެ.
މިއަދުގެ ޖަލްސާގައި، އޯގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޮންފަރެންސް، އޯ.އައި.ސީ.ގެ މެންބަރު ޤައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރީގެ ޓެރިފްގެ ހުރަސްތައް ކުޑަކުރުމަށް އެކުލަވާލާފައިވާ އެގްރީމެންޓް (ޕްރޮޓޮކޯލް އޮން ދި ޕްރިފަރެންޝަލް ޓެރިފް ސްކީމް އެގްރީމެންޓް) ގައި ދިވެހިރާއްޖެއިން ސޮއިކުރުމާ ބެހޭގޮތުން ވާހަކަ ދެއްކެވުމަށްފަހު، މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ނިންމެވިއެވެ. މި އެގްރީމެންޓް ބިނާވެގެންވަނީ، އޯ.އައި.ސީ.ގެ ޤައުމުތަކުން އެއްޤައުމުން އަނެއް ޤައުމަށް އެތެރެކުރެވޭ މުދަލުން ނަގާ ޑިއުޓީ ކުޑަކުރުމުގެ މައްޗަށެވެ. މިކަމާ ގުޅޭގޮތުން މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މިފަދަ އެގްރީމެންޓެއްގައި ރާއްޖެއިން ސޮއިކުރުމުން، ބައެއް އިންވެސްޓަރުންގެ މެދުގައި ރާއްޖެއާމެދު އިތުބާރު އުފެދުން ބޮޑުވާނެކަން ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ޒުވާނުންގެ ޢުމުރުފުރައަކީ، 15 އަހަރާއި 35 އަހަރާ ދެމެދު ކަމުގައި ހަމަޖެއްސެވުމާ ބެހޭގޮތުން މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްއިން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށްވެސް މިއަދުގެ ޖަލްސާގައި މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ. މިކަމުގައި ނިންމެވީ، ޒުވާނުންގެ ޢުމުރުފުރާ ކަނޑައެޅުއްވުމާ ބެހޭގޮތުން ވަޒީރުންގެ ކޮމިޓީއެއްގައި އިތުރަށް މަޝްވަރާ ކުރެއްވުމަށެވެ. މިކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އަލްއުސްތާޛު ޙަސަން ލަޠީފާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ އިބްރާހީމްދީދީ އާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުޞްޠަފާ ލުޠުފީއެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން، މީގެކުރިން ރާއްޖޭގެ ޒުވާނުންގެ ސިޔާސަތުގައި ޒުވާނުންގެ ގޮތުގައި ހިމެނިފައިވަނީ، ޢުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރާއްޖޭގައި ޢާންމުކޮށް ދެއްކުން އެކަށީގެންނުވާ ޗެނަލްތައް އެއަރޓެލް ރިސީވަރުން ފެންނަމުންދާތީ، އެކަމާ ބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު، އެއަރޓެލްއާ ދިވެހި ސަރުކާރުން ވާހަކަ ދައްކަވައިގެން، ރާއްޖޭގައި ޢާންމުކޮށް ދެއްކުން އެކަށީގެންނުވާ ޗެނަލްތައް ބްލޮކް ކުރެވޭގޮތަކަށް ހެއްދެވުމާއި، ވަކި އޭޖެންސީއެއް މެދުވެރިވެގެން ރާއްޖެއަށް އެއަރޓެލް ވިއްކާގޮތަށް ހަމަޖެއްސުމާ ގުޅޭގޮތުން އެއަރޓެލްއާ ވާހަކަ ދެއްކެވުމަށް ނިންމެވިއެވެ. އަދި ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން މެދުވެރިކުރައްވައިގެން، މިވާހަކަތައް ކުރިއަށް ގެންދެވުމަށް ނިންމެވިއެވެ.
ށ. މަތިކޮމަންޑުއަކީ ކޮމަންޑޫގެ އަވަށެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ކޮމަންޑޫ ރައްޔިތުން އެދެމުންދާތީ، މިކަމާ ބެހޭގޮތުންވެސް މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވިއެވެ. މިކަމާ ގުޅޭގޮތުން ނިންމެވީ، ސަރުކާރުގެ ކަމާބެހޭ ދާއިރާތަކާ މަޝްވަރާ ކުރައްވައިގެން، ކޮމަންޑުއާއި މަތިކޮމަންޑޫގެ ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލެއްވުމަށްފަހު، މަތިކޮމަންޑުއަކީ ކޮމަންޑޫގެ އަވަށެއްގެ ގޮތުގައި ހަމަޖެއްސެވުމަށެވެ.