ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ހިޒް ރޯޔަލް ހައިނަސް ދަ ޑިއުކް އޮފް ޔޯކް ޕްރިންސް އެންޑްރޫއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އިނގިރޭސި ޝާހީ ގަނޑުވަރު ބަކިންގހަމް ޕެލެސްގައެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމާ ބެހޭގޮތުންނާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.
ޕްރިންސް އެންޑްރޫގެ ވާހަކަފުޅުގައި، ދިވެހި ސަރުކާރުން އަމިއްލަ ފަރާތްތަކަށް ވިޔަފާރީގެ ފުރުސަތުތައް ހުޅުވާލެއްވުމަށް ގެންގުޅުއްވާ ސިޔާސަތަކީ، ރާއްޖެއަށް އިތުރު ފާގަތިކަމާއި ތިޔާގިކަން ފަހިކޮށްދޭނެ ސިޔާސަތެއްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި އިންވެސްޓްކުރާނެ ފަރާތްތައް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގެ ބައިނަލްއަޤްވާމީ ޓްރޭޑް ރެޕްރެޒެންޓެޓިވް ކަމުގެ މަޤާމުގައި ހުންނަވަނީވެސް ޕްރިންސް އެންޑްރޫއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާ ދޭތެރޭ ބަހައްޓަވާ ގާތްކަމަށާއި ރާއްޖެއަށް އިންވެސްޓަރުން ހޯއްދަވައި ދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށްޓަކައި ޕްރިންސް އެންޑްރޫއަށް ޝުކުރު އަދާކުރެއްވިއެވެ.
އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންނާވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްދަލުކުރެއްވިއެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވި މެންބަރުންގެ ތެރޭގައި، ރޮބަރޓް ކީ، ރިޗަރޑް ސްޕްރިންގ، ޑޭވިޑް ކެމެރަން އަދި ގެރީ ސްޓްރީޓަރ ހިމެނިވަޑައިގަންނަވައެވެ.
މި ބައްދަލުކުރެއްވުންތަކުގައި ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް މިބޭފުޅުން ތަޢުރީފް ކުރެއްވިއެވެ. އަދި، މިކަމުގައި އެބޭފުޅުންނަށް ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެކަމުގައި ވިދާޅުވިއެވެ.