ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެޤައުމުގެ ބައެއް ބޮޑެތި ވިޔަފާރި ކުންފުނިތަކުގެ އިސްވެރިންނާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި، ކޭބަލް އެންޑް ވަޔަރލެސްގެ ޗެއަރމަން މިސްޓަރ ރިޗަރޑް ލެޕްތޯނާއި، އީޑެން ޕްރޮޖެކްޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި ކޯ ފައުންޑަރ މިސްޓަރ ޓިމް ސްމިތާއި، އަލްޓްރާ ގްރީން ރިޒޯޓްސް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މިސްޓަރ ނާޒް ބަޝީރު ހިމެނިވަޑައިގަންނަވައެވެ.

މިބޭފުޅުންނާ ބައްދަލުކުރައްވައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ދެއްވިއެވެ. އަދި ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެއްވަނީ، ތިމާވެށްޓާ ރަޙްމަތްތެރި ޓެކްނޯލޮޖީ، ރާއްޖެއަށް ތަޢާރުފު ކުރެއްވުމަށް ކަމުގައިވެސް ވިދާޅުވިއެވެ.

މިބޭފުޅުންގެ އިތުރުން، އިނގިރޭސިވިލާތުގެ ކްލައިމެޓް ސެކިއުރިޓީ އެންވޯއި ފޮރ ވަލްނަރަބަލް ކަންޓްރީޒް މިސްޓަރ ރޮބިން ގްވައިނާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ބިންތިރި ޤައުމުތަކަށް ދިމާވާ ނުރައްކާތަކާއި، މިކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި، ދުނިޔޭގެ އެކިޤައުމުތަކުގެ އެހީތެރިކަން ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ.

މިސްޓަރ ގުވެއިން ދެއްކެވި ވާހަކަފުޅުގައި، ދުނިޔޭގެ ކަރބަން ނިއުޓްރަލް އެންމެ ފުރަތަމަ ޤައުމަށް ރާއްޖެ ހެދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް މަރްޙަބާ ވިދާޅުވެ، މިމަސައްކަތުގައި އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.