ސަރުކާރު މެދުވެރިވެގެންނާއި އަމިއްލަގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެކިއެކި ކޯސްތައް ފުރިހަމަކުރާ މުވައްޒަފުންނަށް، މުސާރައާ އެއްވަރުގެ ފައިސާގެ އެހީ ދެއްވާގޮތަށް ސަރުކާރުގެ އޮފީސްތަކުން އިޤްރާރު ކުރެއްވުން، މިއަދުން ފެށިގެން ހުއްޓަވާލެއްވުމަށް ހަމަޖައްސަވައިފިއެވެ. އަދި 7 ޖުލައި 2009ގެ ކުރިން، ސަރުކާރުގެ އޮފީސްތަކުން ކުރައްވާފައިވާ އިޤްރާރުގެ ދަށުން، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކޯސް ފުރިހަމަ ކުރަމުންގެންދާ ދަރިވަރުންނަށް، އެ ކޯހެއް ނިމެންދެން މުސާރައާ އެއްވަރުގެ ފައިސާގެ އެހީ ދެއްވަމުން ގެންދެވުމަށްވެސް ހަމަޖައްސަވައިފިއެވެ. މިކަންކަން މިގޮތަށް ހަމަޖެއްސެވިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ.

ކުރިއަށް އޮތް ތަނުގައި ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންނަށް މުސާރައާ އެއްވަރުގެ ފައިސާގެ އެހީ ދެއްވުމުގެ ބަދަލުގައި، ކަނޑައެޅޭ ވަކި ޢަދަދެއްގެ އެހީ ދެއްވުމަށާއި، ލޯނު ސްކީމެއް ތަޢާރުފު ކުރައްވައި، އެ ސްކީމްގެ ދަށުން ކޯސްތަކުގެ ބައިވެރިންނަށް އެހީ ލިބޭނެގޮތް ހަމަޖެއްސެވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާނެ ކަމުގައިވެސް މި ދެންނެވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސަރުކާރުގެ އޮފީސްތަކަށް އަންގަވާފައިވެއެވެ.