މި އޮފީހުގެ ނަންބަރު 17/2020 (11 ޖޫން 2020) ދެންނެވުމާ ހަވާލާދީ ދަންނަވަމެވެ.
ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތައް ހުޅުވާ މުއްދަތު، 2020 ޖޫން 21 ވަނަ ދުވަހުން ފެށިގެން 2020 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރައްވައިފި ކަމަށާއި، މި މުއްދަތުގެ ތެރޭގައި ވެސް ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުދަ، ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ސަރުކާރުގެ އޮފީސްތައް ހުޅުވާގޮތަށް ހަމަޖައްސަވައިފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.
2020 ޖޫން 21 ވަނަ ދުވަހުން ފެށިގެން 2020 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް މި އިތުރުކުރެއްވި މުއްދަތުގެ ތެރޭގައި ވެސް، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތައް ހުޅުވާގޮތަށް ހަމަޖައްސަވައި ނެރުއްވި މި އޮފީހުގެ ނަންބަރު 16/2020 (30 މޭ 2020) ދެންނެވުމުގައި ބަޔާންކޮށްފައިވާ، ތިރީގައި އުސޫލުތަކަށް، ސަރުކާރުގެ އިދާރާތަކުން ޢަމަލުކުރައްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
1.        އިދާރާ ހުޅުވައިގެން ކުރާނެ މަސައްކަތްތައް އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅަންވާނެއެވެ. އިދާރާއެއް ހުޅުވާނީ އެ އިދާރާއަށް މުވައްޒަފުން ހާޒިރުވެގެން އެ އިދާރާއަކުން މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ. 
2.        އިދާރާއެއް ހުޅުވިނަމަވެސް، އެ އިދާރާއަކަށް ރައްޔިތުން ހާޒިރުވެގެން ޚިދުމަތް ހޯދުމުގެ ފުރުޞަތު ހުޅުވައިލައިގެން ނުވާނެއެވެ. 
3.        ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުދަ، ބުރާސްފަތި މި 4 ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ސަރުކާރުގެ އޮފީސްތައް ހުޅުވަން ހަމަޖެއްސެވި ކަމުގައި ވިޔަސް، ސަރުކާރުގެ އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި، މި ނޫން ދުވަސްތަކާއި ވަގުތުތަކުގައި އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވައިގެން މަސައްކަތް ކުރެވިދާނެއެވެ.
4.        އިދާރާއެއް ހުޅުވައިގެން މަސައްކަތް ކުރުމަށް އިދާރާއަށް ނެރެންވާނީ ވީހައިވެސް މަދު އަދަދެއްގެ މުވައްޒަފުންނެވެ.
5.        އިދާރާއެއް ހުޅުވައިގެން މަސައްކަތް ކުރަންވާނީ، އެ އިދާރާތަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތަފުސީލު، ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް އެ އިދާރާއަކުން ހުށަހަޅައި،   އެ އެޖެންސީން ކަނޑައަޅާ ގޮތެއްގެ މަތިން އަދި އެ އެޖެންސީން ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.  
6.        ސަރުކާރުގެ އިދާރާއެއް ހުޅުވިނަމަވެސް، މިހާރެކޭ އެއްފަދައިން، އެ އިދާރާއެއްގެ މަސައްކަތްތަކުގެ ތެރެއިން ގޭގައި މުވައްޒަފުން ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ކުރަންވާނީ އެ ގޮތުގެ މަތިންނެވެ. އަދި އިދާރާއިން އޮންލައިންކޮށް ދެވެން ހުރި ޚިދުމަތްތައް ދޭނީ އޮންލައިންކޮށެވެ.
ވީމާ، 2020 ޖޫން 21 ވަނަ ދުވަހުން ފެށިގެން 2020 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް،މަތީގައިވާ ގޮތުގެ މަތިން ސަރުކާރުގެ އިދާރާތަކުން މަސައްކަތް ކުރައްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.