ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތައް ހުޅުވާ މުއްދަތު، 2020 ޖޫން 14 ވަނަ ދުވަހުން ފެށިގެން 2020 ޖޫން 18 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި މުއްދަތުގެ ތެރޭގައި، ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުދަ، ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ސަރުކާރުގެ އޮފީސް ހުޅުވާގޮތަށް ހަމަޖައްސަވައިފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތައް ހުޅުވާގޮތަށް ހަމަޖައްސަވައި ނެރުއްވި މި އޮފީހުގެ ނަންބަރު 16/2020 (30 މޭ 2020) ދެންނެވުމުގައި ބަޔާންކޮށްފައިވާ، ތިރީގައިވާ އުސޫލުތަކަށް، 2020 ޖޫން 14 ވަނަ ދުވަހުން ފެށިގެން 2020 ޖޫން 18 ވަނަ ދުވަހުގެ ނިޔަލަށް މި އިތުރުކުރެއްވި މުއްދަތުގެ ތެރޭގައިވެސް ސަރުކާރުގެ އިދާރާތަކުން ޢަމަލުކުރައްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
1.     އިދާރާ ހުޅުވައިގެން ކުރާނެ މަސައްކަތްތައް އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅަންވާނެއެވެ. އިދާރާއެއް ހުޅުވާނީ އެ އިދާރާއަށް މުވައްޒަފުން ހާޒިރުވެގެން އެ އިދާރާއަކުން މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ.
2.    އިދާރާއެއް ހުޅުވިނަމަވެސް، އެ އިދާރާއަކަށް ރައްޔިތުން ހާޒިރުވެގެން ޚިދުމަތް ހޯދުމުގެ ފުރުޞަތު ހުޅުވައިލައިގެން ނުވާނެއެވެ. 
3.   ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުދަ، ބުރާސްފަތި މި 4 ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ސަރުކާރުގެ އޮފީސްތައް ހުޅުވަން ހަމަޖެއްސެވި ކަމުގައި ވިޔަސް، ސަރުކާރުގެ އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި، މި ނޫން ދުވަސްތަކާއި ވަގުތުތަކުގައި އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވައިގެން މަސައްކަތް ކުރެވިދާނެއެވެ.
4.   އިދާރާއެއް ހުޅުވައިގެން މަސައްކަތް ކުރުމަށް އިދާރާއަށް ނެރެންވާނީ ވީހައިވެސް މަދު އަދަދެއްގެ މުވައްޒަފުންނެވެ.
5.  އިދާރާއެއް ހުޅުވައިގެން މަސައްކަތް ކުރަންވާނީ އެ އިދާރާތަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތަފުސީލު، ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް އެ އިދާރާއަކުން ހުށަހަޅައި،   އެއެޖެންސީން ކަނޑައަޅާ ގޮތެއްގެ މަތިން އަދި އެ އެޖެންސީން ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.  
6.   ސަރުކާރުގެ އިދާރާއެއް ހުޅުވިނަމަވެސް، މިހާރެކޭ އެއްފަދައިން، އެ އިދާރާއެއްގެ މަސައްކަތްތަކުގެ ތެރެއިން ގޭގައި މުވައްޒަފުން ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ކުރަންވާނީ އެ ގޮތުގެ މަތިންނެވެ. އަދި އެ އިދާރާއިން އޮންލައިންކޮށް ދެވެން ހުރި ޚިދުމަތްތައް ދޭނީ އޮންލައިންކޮށެވެ.
ވީމާ، 2020 ޖޫން 14 ވަނަ ދުވަހުން ފެށިގެން 2020 ޖޫން 18 ވަނަ ދުވަހުގެ ނިޔަލަށް، މަތީގައިވާ ގޮތުގެ މަތިން ސަރުކާރުގެ އިދާރާތަކުން މަސައްކަތް ކުރައްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.