މާލެ ސަރަޙައްދުގައި އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން، ލުއިތަކެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. އަދި އެކަން އެގޮތަށް ކުރައްވާނީ ޞިއްޙީ މާހިރުންގެ ލަފަޔާ އެއްގޮތަށް، މިހާރު އަޅާފައިވާ ފިޔަވަޅުތައް، ރައްޔިތުންގެ އެއްބާރުލުމާ އެކު، ރަނގަޅަށް ތަންފީޒުވަމުންދާނަމަ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ކޯވިޑް-19 އާ ގުޅޭގޮތުން ޤައުމާ މުޚާތަބުކުރައްވަމުންނެވެ.

މިމޭރުމުން އިތުރަށް ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލެ ސަރަޙައްދުން ފުރަބަންދުގެ ޙާލަތަށް ލުޔެއް ދޭއިރު، އެކަންކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެންކަމަށެވެ. މިގޮތުން ފުރަތަމަ ކަމެއްގެ ގޮތުން، ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި، މިހާރަށް ވުރެ ފަސޭހަ އިންތިޒާމަކުން ޢާންމު ވިޔަފާރިތަކަށް ފުރުޞަތު ހުޅުވާލުމާއި، އަދި އެހެން ފިޔަވަހިތަކުގައި މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ދެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، މިސްކިތްތައް ހުޅުވާލައި، ހޮޓާތަކާއި ކެފޭތައް ހުޅުވުމަށާއި ސްކޫލްތަކުގެ ކިޔަވައިދިނުން ފެށުމަށް ވެސް، ވަކި އިންތިޒާމުތަކެއްގެ ދަށުން ހުއްދަ ދެވޭނެކަމަށާއި، ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގެ ވަޒީފާއަށް ނުކުތުމަށް ވެސް ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސޭނެކަމަށާއި، މިލުއިތައް ދޭނެ ގޮތުގެ ތަފްޞީލުތައް، ކަމާ ގުޅޭ ފަންނީ ބޭފުޅުން، ކުރިއަށް އޮތް ދުވަސްތަކުގައި ދެއްވަމުން ގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މާލެއިން ފުރަބަންދުގެ ޙާލަތު ދޫކޮށްލާއިރު، ކޮވިޑަށް ޓެސްޓް ކުރުމުގެ ޤާބިލްކަން މިހާރަށް ވުރެ އިތުރުކޮށް، ފަރުވާ ދިނުމަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި އާލާތްތައް ވެސް އިރާދަކުރެއްވިއްޔާ ހަމަކުރެވޭނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މާލެ ފިޔަވާ މި ބަލި ނެތް އެހެން ރަށްރަށަށް ދެވުމަށް ހަމަޖެހިފައިވާ ލުއިތައްކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެންމެ ފުރަތަމަ ކަމަކަށް ސަރުކާރުން ވިސްނާފައި އޮތީ، ކޯވިޑް-19 ފެތުރިފައި ނެތް ރަށްރަށް، ވީ އެންމެ އަވަހަކަށް ޢާންމު ޙާލަތަކަށް ގެންއުންކަމަށެވެ. އަދި އެފަދަ ރަށްރަށުގައި، ޢާންމު އުޞޫލުން މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރެވޭނެ ގޮތް ހަމަޖެއްސުމާއި ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ދެވުމަށާއި، ސްކޫލްތަކާއި އޮފީސްތައް ހުޅުވަމުން ގެންދިއުމަށް ނިންމާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ދެންނެވި ލުއިތަކާ އެކު، ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު އިތުރަށް ގޯސްނުވެ، ރަނގަޅަށް ދާނަމަ، މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް، ބައިނަލްއަޤްވާމީ ދަތުރުތަކަށް ހުޅުވާލަން މިހާރު ވަނީ ނިންމާފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އޭގެ އިތުރުން، ރިސޯޓްތައް ހުޅުވުމުގެ ހުއްދަ ދެވޭނެކަމަށާއި، އަދި މިކަންކަން ކުރާނެ ގޮތުގެ ގައިޑްލައިންތައް، ކަމާ ބެހޭ ދާއިރާތަކުގެ އިރުޝާދާއެކު މިހާރު އަންނަނީ ކަނޑައަޅަމުންކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

އެހެންނަމަވެސް، ފުރަބަންދަށް ދެވޭ ލުއިތަކުގެ ސަބަބުން ރާއްޖޭގައި މި ބަލީގެ ޙާލަތު އިތުރަށް ގޯސްވާ ނަމަ، ފުރަބަންދުގެ ޙާލަތަށް އެނބުރި ދާންޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށާއި، ފުރަބަންދަށް ދެވޭ ލުއިތަކަކީ، ކުރިން އުޅެމުން ދިޔަ ޢާންމު ދިރިއުޅުމަށް މުޅިން ބަދަލުވުން ކަމުގައި އަދި ދެކިގެން ނުވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ލުއިތަކެއް ދިނުމުގެ މާނައަކީ، ކޯވިޑް ބަލި ރާއްޖެއިން ފިލައިގެން ދިއުމެއް ނޫންކަމަށާއި، އަދި މި ލުއިތައް ދެނީ، މި ބަލީގެ ނުރައްކާތަކުން މުޅިން ސަލާމަތްވެގެން ކަމުގައި ވެސް އަދި ޤަބޫލުކުރައްވައިގެން ނުވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޭ ޤައުމާ މުޚާތަބުކުރައްވަމުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑާ ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުން އެ ވެވަޑައިގަންނަވާ މަތިވެރި ޤުރްބާނީ ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެ މިކަމުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ވަކިވަކީން ޝުކުރުދަންނަވާފައެވެ.