ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ތަޢުލީމީ ދާއިރާ އަދި މަތީ ތަޢުލީމުގެ ދާއިރާގެ އިސްފަރާތްތަކާ މިއަދު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަންއާއި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޑޮކްޓަރ ޢާއިޝަތު ޢަލީއާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރުގެ އިތުރުން ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އިސްވެރިން، އަދި މަތީތަޢުލީމާ ގުޅޭ އެހެން ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު ތަޢުލީމީ ދާއިރާއާއި މަތީ ތަޢުލީމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ދަތިތަކާ ބޭހޭގޮތުންނާއި، މި ޙާލަތުގައި އެންމެ ބޮޑަށް އިންސާނީ ވަޞީލަތްތައް ބޭނުންވެފައިވާ ދާއިރާތަކުން މީހުން ތަމްރީނުކުރުން ފަދަ ކަންކަމާބެހޭގޮތުންނެވެ. އަދި، މިޙާލަތުގައި ތަޢުލީމީ ދާއިރާއާއި މަތީ ތަޢުލީމުގެ ދާއިރާގެ ކުދިންގެ ކިޔެވުން ކުރިޔަށްގެންދިއުމަށް ރޭވިފައިވާ ގޮތްތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޯވިޑް-19 އާއި ގުޅިގެން އައި ބަދަލާއެކު އާ ހިތްވަރަކާއެކު، ރާއްޖޭގައި ހުރި މީހުން ބިނާކޮށް ތަމްރީނުދޭ ހުރިހާ ތަންތަން އެކުވެގެން މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި، މުޖުތަމަޢުގައި ތިބި މަސައްކަތްކުރެވޭ އުމުރުގެ އެންމެންނަކީ މަސައްކަތެއްކުރާ ބަޔަކަށް ވުމުގެ މުހިންމުކަމާއި ރިޓަރޔަރ ކޮށްފައިވާ ޞިއްޚީ ދާއިރާގެ ބައެއް ފަރާތްތަކަށްވެސް އިތުރަށް ބޭނުންވާ ތަމްރީނުދީ އަލުން މަސައްކަތުގެ މާޙައުލާ ގުޅުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި، މަތީ ތަޢުލީމާ ގުޅޭ އެކި އިދާރާތަކުގެ އިސްވެރިން ވަނީ އެ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކާއި، އަދި، ކަންކަން މިހާރު ކުރިޔަށް ގެންދިއުމަށް ރާވާލެވިފައިވާ ޕްލޭންތަކާއި ބެހޭގޮތުން އަދި، މިކަންކަމުގައި ކުރިމަތިވާ ދަތިތަކާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.