މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނެރެފައިވާ އަމުރު ތަންފީޒު ކުރުމުގެ ގޮތުން 2020 މޭ މަހުގެ 17 ވަނަ ދުވަހުން ފެށިގެން މޭ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ހަމަޖެއްސެވުން
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނެރެފައިވާ އަމުރުގެ މުއްދަތު، 28 މޭ 2020 ގެ ނިޔަލަށް ދެމެހެއްޓުމަށް އެ އޭޖެންސީން ނިންމައިފައިވާތީ، އެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން، 2020 މޭ މަހުގެ 17 ވަނަ ދުވަހުން ފެށިގެން މޭ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި މުއްދަތުގެ ތެރޭގައި ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރައްވަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވީމާ، މި މުއްދަތުގެ ތެރޭގައިވެސް،މި އޮފީހުގެ ނަންބަރު 11/2020 (17 އެޕްރީލް 2020) ދެންނެވުމާއި، ނަންބަރު 12/2020 (21 އެޕްރީލް 2020) ދެންނެވުމުގައި ދަންނަވައިފައިވާ ގޮތުގެ މަތިން ޢަމަލުކުރައްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖައްސަވައިފައިވާ މި ދުވަސްތަކުގެ ތެރޭގައި އަންނަ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނޫންކަމުގައި ދަންނަވަން ވެސް ރައީސް ވިދާޅުވިއެވެ.