މަސްތުވާތަކެތީގެ ނުރައްކަލުން ރާއްޖެ ސަލާމަތް ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ އަދި ކުރައްވަން ގަސްދު ކުރައްވާ މުހިންމު ބައެއް ކަންތައްތައް މާދަމާގެ ރޭޑިޔޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހާމަކުރައްވާނެއެވެ. މާދަމާ ހެނދުނު 7.15 ގައި ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި އެމަނިކުފާނު މި ދެއްވާ ރޭޑިޔޯ ޚިޠާބުގައި މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތް ކުރުމަށް ކުރައްވާ މަސއްކަތްޕުޅުތަކުގެ ވާހަކަ ޚާއްޞަ ގޮތެއްގައި މި ދައްކަވަނީ މާދަމާއަކީ، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ދުވަސްކަމަށްވާތީއެވެ.

ރައީސުލްޖުމްހޫރިއްޔާ މާދަމާ މި ދެއްވާ ރޭޑިޔޯ ޚިޠާބުގައި، އައި.ޖީ.އެމް.އެޗް.ގެ ޚިދްމަތްތައް މިހާރަށްވުރެ ރަނގަޅު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށާއި، ރާއްޖެއަށް ބޭރުފައިސާ ލިބުން ދަތިވެފައިވުމާއެކު، އެކަން ޙައްލު ކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށާއި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށްވެސް ބައްލަވާލައްވާނެއެވެ. މީގެއިތުރުން، ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކާބެހޭގޮތުންވެސް މާދަމާގެ ރޭޑިޔޯ ޚިޠާބުގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެއެވެ.