ކޮވިޑް-19 އާ ގުޅޭގޮތުން ސަރުކާރުން އަޅުއްވާ ޚާއްޞަ ފިޔަވަޅުތަކުގެ ގޮތުން، ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ މުސާރައިން މި މާރިޗު މަހުން ފެށިގެން 20 ޕަސެންޓް އުނިކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. އަދި ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ އެންމެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 20 ޕަސެންޓް އުނިކުރެއްވުމަށްވެސް ނިންމެވިއެވެ.

މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، ކޮވިޑް-19 އާ ގުޅިގެން މިވަގުތު ސިޔާސީ މަޤާމުތަކުގެ މުސާރަ ކުޑަކުރުމާއި، ކުންފުނިތަކުގެ އެންމެ އިސް މަޤާމުތަކުގެ މުސާރަ ކުޑަކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، މި މާރިޗު މަހުގެ 10 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ދައުލަތުގެ ބަޖެޓުން ޚަރަދުތައް ކުޑަކުރެއްވުމަށް މަޝްވަރާ ކުރައްވައި، މުޅި ބަޖެޓުން އެއް ބިލިއަން ރުފިޔާ އުނިކުރެއްވުމަށް ނިންމަވާފައިވާ ނިންމެވުމަށް މިނިސްޓްރީ އޮފް ފިނޭންސުން މިއަދު ޢަމަލުކުރައްވަން ފެށްޓެވުމަށްވެސް ނިންމެވިއެވެ.

ބަޖެޓުން އެއް ބިލިއަން ރުފިޔާ އުނިކުރައްވާއިރު، ދައުލަތުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކަށް ކުރާ ޚަރަދުތަކުން އެއްވެސް ބައެއް އުނިނުކުރެއްވުމަށާއި، އަދި ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކުން އެއްވެސް މިންވަރެއް އުނިނުކުރައްވާގޮތަށްވެސް ނިންމެވިއެވެ.