ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް "ކޮމަންވެލްތް ޑޭ"ގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފިއެވެ.

މިއަދު ފާހަގަކުރާ، މިއަހަރުގެ ކޮމަންވެލްތް ދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މިއަހަރުގެ ކޮމަންވެލްތް ދުވަސް ރާއްޖެއަށް ވަކިން ޚާއްސަވާ ސަބަބުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރާއްޖެއަކީ ކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ ޤައުމަކަށް ވީނަމަވެސް އެއްވެސް ބަޔަކީ އަނެއްބަޔަކާ ނުގުޅި ވަކިން އުޅެވޭނެ ބައެއް ނޫންކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. ހަމައެހެންމެ، ކޮމަންވެލްތާއި އަލުން ގުޅުން ބަދަހިކުރުމުގެ މައިގަނޑު އެއް މަޤްޞަދަކީ ދިވެހި ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ބައިނަލްއަޤްވާމީ މުޖުތަމަޢާ ގުޅިގެން އެކީ އެކަތިގަނޑަކަށްވެ، މަސައްކަތްކުރުންކަން އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ކޮމަންވެލްތުގެ ޢާއިލާއާ ގުޅިގެން ކުރިޔަށް ދިއުމަކީ ރާއްޖެއަށް ލިބޭ ފަޚުރެއްކަމުގައި ވެސް އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ކޮމަންވެލްތަކީ ތަފާތު ޘަޤާފަތްތަކާއި އަދި އިޤްތިޞާދީ ކުރިއެރުންތައްވެސް އެކި މިންވަރަށް ހޯދާފައިވާ ޤައުމުތަކާއި އިޖްތިމާޢީ ގޮތުންވެސް ތަފާތު އެތައް ކަމެއް ހިމެނޭ ޤައުމުތަކުގެ މީހުން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމަށް މަގުފަހިކޮށްދޭ ޖަމާޢަތެއްކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދިވެހިރާއްޖެއިން ކޮމަންވެލްތާއި ގުޅިގެން މީގެ ކުރިންވެސް އެތައް ފައިދާތަކެއް ލިބިފައިވާކަމަށާއި އަދި ކުރިޔަށް އޮތްތަނުގައިވެސް ކޮމަންވެލްތާއި ގުޅިގެން އެތައްދާއިރާއަކުން ރާއްޖެއަށް ކުރިއަށްއެރުންތައް ގެނެސްދެވޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމުގައި އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ.

ކޮމަންވެލްތަކީ ޑިކޮމްރަސީގެ އުޞޫލުތައް ކުރިއެރުވުމާއި، ތިމާވެށި ރައްކާތެރިކުރުމާއި، ވިޔަފާރި ކުރިއެރުވުމާއި، މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މަސައްކަތްކުރުމާއި، ޒުވާނުން ބާރުވެރިކުރުމުގެ ގޮތުން ތަޢުލީމާއި، ޞިއްޙަތާއި ކުޅިވަރުގެ ދާއިރާއާއި މަދަނީ ޖަމިއްޔާ ޖަމާޢަތްތަކަށް ކޮމަންވެލްތުން އަގުނުކުރެވޭހާ މުހިންމު އެހީތެރިކަމާއި އެއްބާލުރުން ލިބެމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ކުދި ޤައުމުތަކުގެ އަޑު އުފުލައިދިނުމުގައި ކޮމަންވެލްތުގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި ހުރިހާ ފަންތިއެއްގައިވެސް ކޮމަންވެލްތާއެކު މަސައްކަތްކުރަން ބޭނުންވާކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ކޮމަންވެލްތުގެ ޔޫތު މިނިސްޓަރުންގެ ފުރަތަމަ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަކީ ރާއްޖެއަށް ލިބިގެންދިޔަ ފަޚުރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ. އަދި 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި ވެސް ކޮމަންވެލްތުގެ އެހީތެރިކަން ރާއްޖެއަށް ލިބިފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ ގިނަ ޢަދަދެއްގެ ދަރިވަރުންތަކަކަށް ކޮމަންވެލްތުގެ ސްކޯލަރޝިޕް ލިބިފައިވާކަމާއި މުވައްސަސާތަކުގެ އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ގިނަގުނަ ތަމްރީނުގެ ފުރުޞަތުތައް ވެސް ކޮމަންވެލްތުން ރާއްޖެއަށް ފަހިކޮށްދީފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބަޔާންކުރައްވާފައި ވެއެވެ.

މި މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖު ނިންމަވާލައްވަމުން، އީޖާދީ ބަދަލުތަކެއް ގެނެވޭވަރުގެ މަސައްކަތްތަކަކާއެކު އަދި ގުޅުންތައް ބަދަހިކުރެވިގެން ކޮމަންވެލްތު ޤައުމުތަކަށް ހަރުދަނާ ކުރިމަގެއް ލިބުމަށް އުންމީދުކުރައްވާކަމުގައި ވަނީ ވިދާޅުވެފައިވެއެވެ.

ރާއްޖެ ކޮމަންވެލްތުގެ ޢާއިލާއާ އަލުން ގުޅިފައިވަނީ މިއަހަރުގެ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހުއެވެ. ރާއްޖެއިން އަލުން ކޮމަންވެލްތުގެ ޢާއިލާއާ ގުޅުމަކީ ސަރުކާރުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ.