ޑޮލަރު ލިބުން ވަރަށް ބޮޑަށް ދަތިވަމުންދާތީ، ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދާ އިމްޕޯޓްކުރާ ވިޔަފާރިވެރިންނަށް ލެޓަރ އޮފް ކްރެޑިޓް ފެސިލިޓީ ހަމަޖައްސަވައިދެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މި ފެސިލިޓީ ހަމަޖައްސަވައި ދެއްވުމަށް ނިންމެވީ، އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދެއްވާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރޭޑް ކްރެޑިޓް ފެސިލިޓީގެ ތެރެއިންނެވެ.

މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، ރާއްޖޭގައި ޑޮލަރު ލިބުން ވަރަށް ބޮޑަށް ދަތިވެފައިވުމާއެކު، އެކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ. މިގޮތުން، ލެޓަރ އޮފް ކްރެޑިޓް ހަމަޖައްސަވައިދެއްވުމަށް ނިންމެވީ، މިކަމަށް އެދޭ ފަރާތްތަކުން ހުށަހެޅުމަށް ހަމަޖެހިފައިވާ އެޕްލިކޭޝަން ފޯމް، ކަމާބެހޭ ކޮމިޓީއަކުން ބައްލަވައި ދިރާސާ ކުރައްވައިގެން، ކޮންމެހެން އިސްކަން ދެއްވަން ފެނިވަޑައިގަންނަވާ ފަރާތްތަކަށް އިސްކަންދެއްވާ އުޞޫލުގެ މަތިންނެވެ. މިކޮމިޓީގައި ހިމެނިވަޑައިގަންނަވާނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކަމާބެހޭ އިސްބޭފުޅުންނެވެ. މިގޮތަށް ހަމަޖެއްސެވުމުން، މިހާރު ޑޮލަރު ލިބުން ދަތިވެފައިވާ މައްސަލައަށް ކޮންމެވެސްވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރަށް ފެނިވަޑައިގަންނަވައެވެ.

މިކަމާ ބެހޭގޮތުން ޢަމަލު ކުރައްވަން ހަމަޖައްސަވާގޮތް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވަރަށް އަވަހަށް އިޢްލާނު ކުރެއްވުމަށްވެސް މިއަދުގެ ޖަލްސާއިން ނިންމެވިއެވެ. މި ކްރެޑިޓް ދޫކުރައްވާ ފަރާތްތަކުގެ ތަފްޞީލު މަޢްލޫމާތު، އެ މިނިސްޓްރީން ޢާންމުކޮށް ހާމަކުރައްވާ ގޮތަށްވެސް ވަނީ ހަމަޖައްސަވާފައެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބޭރު މީހުންގެ ޢަދަދު ގިނަކަމާއެކު، ރާއްޖެއިން ބޭރުވާ ޑޮލަރުވެސް ނިސްބަތުން މިހާރުވަނީ ވަރަށްބޮޑުތަން މައްޗަށް ގޮސްފައެވެ. ރާއްޖޭގައި ވަޒީފާ އަދާކުރާ ބޭރުމީހުން މަހަކު ދެމިލިއަން ޑޮލަރަށްވުރެ ގިނަ ޢަދަދެއްގެ ފައިސާ، ރާއްޖެއިން ބޭރުކުރާ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ވީވަރަކުން މަދުކުރުމަކީވެސް، ވަރަށް މުހިންމު ކަމެއްކަން މަޖިލީހުގެ މެންބަރުން ފާހަގަކުރެއްވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބެއްލެވުމަށްޓަކައި، މެނޭޖްމަންޓް އޮޑިޓެއް ހެއްދެވުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ފަށްޓަވާފައިވުމާއެކު، އެކަމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. މެނޭޖްމަންޓް އޮޑިޓެއް ހެއްދެވުމުގެ ބޭނުމަކީ، ސަރުކާރުގެ ވުޒާރާތައް ހިނގާ ނުހިނގާގޮތް ބައްލަވައި، އެތަންތަނުން ދެއްވަމުން ގެންދަވާ ޚިދްމަތްތަކަކީ، ފެންވަރު ރަނގަޅު އަދި ރައްޔިތުން ހިތްހަމަޖެހޭފަދަ ޚިދްމަތްތަކެއްތޯއާއި، ސަރުކާރުގެ ވުޒާރާތައް އުފެއްދެވި މަޤްޞަދުތައް ޙާޞިލުވަމުންދޭތޯ ބެއްލެވުމެވެ. މިގޮތުން މިހާރު ހިނގަމުންދަނީ، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ މެނޭޖްމަންޓް އޯޑިޓް ހެއްދެވުމުގެ މަސައްކަތެވެ.

މިކަމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށްފަހު، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދުގެ ބެއްލެވުމުގެ ދަށުން މިކަން ހިންގަވާ ގޮތަށް ހަމަޖައްސަވައި، އަދި ކޮންމެ މިނިސްޓްރީއެއްގެ މެނޭޖްމަންޓް އޯޑިޓް ހެއްދެވުމަށްފަހު، އެކަމުގެ ރިޕޯޓް ނައިބު ރައީސް ގަވާއިދުން ނެރުއްވަމުން ގެންދެވުމަށްވެސް ނިންމެވިއެވެ.

މިއަދުގެ ޖަލްސާގައި، މަޖިލީހުގެ މެންބަރުން މަޝްވަރާ ކުރެއްވި އަނެއް މައްސަލައަކީ، އިންފޮމޭޓިވް ނެޝަނަލް އައިޑެންޓިފިކޭޝަން ނަންބަރެއް ތަޢާރުފު ކުރެއްވުމުގެ މައްސަލައެވެ. ނޭޝަނަލް އައިޑެންޓިފިކޭޝަން ނަންބަރަކީ، ޞިއްޙީ އަދި ތަޢްލީމީ ޚިދްމަތާއި، ޕެންޝަން އަދި ޓެކްސް އެޑްމިނިސްޓްރޭޝަން ޚިދްމަތާއި، ސަރުކާރުންދޭ އަސާސީ އެކިއެކި ޚިދްމަތްތައް ދިނުމަށާއި، އިޖްތިމާޢީ ހުރިހާ ދާއިރާއެއްގައި ބޭނުން ކުރުމަށް ދެވޭ ނަންބަރެކެވެ.

މިކަމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު، ނޭޝަނަލް އައިޑެންޓިފިކޭޝަން ނަންބަރު އަވަހަށް ތަޢާރުފު ކުރެއްވުމަކީ، ވަރަށް މުހިންމު ކަމެއްކަން މެންބަރުން ފާހަގަކުރައްވައި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ދޫކުރައްވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު، އިންފޮމޭޓިވް ނަންބަރަކަށް ބަދަލުކުރެއްވުމަށް ނިންމެވިއެވެ. އަދި މި ނަންބަރަކީ ސަރުކާރުގެ ހުރިހާ ދާއިރާތަކެއްގައި މީހާ ދެނެގަތުމަށް ބޭނުންކުރާ ހަމައެކަނި ނަންބަރު ކަމުގައި ހެއްދެވުމަށާއި، މިނަންބަރަކީ ކުއްޖާ އުފަންވާ ވަގުތު ދެވޭ ނަންބަރަކަށް ހެއްދެވުމަށްވެސް ނިންމެވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެކިއެކި މުނާސަބަތާ ގުޅުވައިގެން ސަރުކާރުން ދެއްވާ އައްޑަނައާއި އިނާމުގެ ކަންތަކާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ. މިކަމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށްފަހު، މިހާރު އައްޑަނައާއި އިނާމު ދެއްވާ ކަންކަން އިތުރަށް ދިރާސާ ކުރެއްވުމަށް ވަޒީރުންގެ ކޮމިޓީއެއް ހޮއްވެވިއެވެ. މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، މިނިސްޓަރ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަން މަޙްމޫދު ރާޒީ އާއި، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އަލްއުސްތާޛު ޙަސަން ލަޠީފާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުޞްޠަފާ ލުޠުފީއެވެ.