ސްރީލަންކާގެ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ، މިސްޓަރ ރޯހިތަ ސެނެރަތުނަ، ރައީސް މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި ކޮންސްޓްރަކްޝަން ދާއިރާގައި މިހާރަށް ވުރެ ބޮޑަށް ގުޅުން ބަދަހިކުރައްވައި އެއްބާރުލުން އިތުރު ކުރެއްވުމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަކީ، ވަރަށް ކުރިއަށް ގޮސްފައިވާ ދާއިރާއެއްކަމަށް ވިދާޅުވެ، ދެޤައުމުގެ ދެމެދުގައި މިދާއިރާގައި ގުޅުންބަދަހިކުރުން ވެގެންދާނީ ދެޤައުމަށްވެސް ވަރަށް ފައިދާކުރާނެކަމެއްކަން ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ސްރީލަންކާއިން ދިވެހިރާއްޖޭގައި ކްރިކެޓް ކުޅޭ ދަނޑެއް ހެދުމަށް ޝައުޤުވެރިވެވާކަމަށް މިނިސްޓަރ ރޯހިތަ ސެނެރަތުނަ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވިދާޅުވެ މިކަމާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.