ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަނާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް އެމެރިކާ ސަރުކާރުން ވެދެއްވެން އޮތް ހުރިހާ އެހީއެއް ވެދެއްވުމަށް ތައްޔާރަށް ހުންނެވި ކަމުގައި މިބައްދަލުކުރެއްވުމުގައި ހިލަރީ ވިދާޅުވިއެވެ. އަދި ރާއްޖެއަކީ ކަރބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގަޔާއި، މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތް ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައިވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ނައިބު ރައީސް، މިދަތުރުފުޅުގައި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫނާ ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި، ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށް ގެންދެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، ތަރައްޤީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މަޢްލޫމާތު، ނައިބު ރައީސް، ސެކްރެޓަރީ ޖެނެރަލަށް އެރުވިއެވެ. ރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީ ނިޒާމެއް ތަޢާރުފު ކުރުމަށް ކުރި މަސައްކަތްތަކުގައި، ރާއްޖެ ހޯދާފައިވާ ކުރިއެރުމާއި ކާމިޔާބީއަށް ސެކްރެޓަރީ ޖެނެރަލް ތަޢުރީފު ކުރެއްވިއެވެ.

ކެލިފޯނިއާގެ ގަވަރނަރ އާރނޯލްޑް ޝުވޮޓްސަނޭގަރއާވެސް ނައިބު ރައީސް، މިދަތުރުފުގައި ބައްދަލުކުރެއްވިއެވެ. އަދި ކެލިފޯނިއާ ސްޓޭޓް ގަވަރންމަންޓްގެ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީގެ ބޭފުޅުންނާއި، އެމެރިކާގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، ރާއްޖޭގެ ތިމާވެށްޓަށް ކުރިމަތިވެފައިވާ އަދި ކުރިމަތިވަމުންދާ މައްސަލަތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައި، ރާއްޖެއަށް ވެދެއްވިދާނެ އެހީތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މީގެއިތުރުން، ވާރލްޑް ބޭންކުގެ ދެކުނު އޭޝިއާ ސަރަޙައްދުގެ ނައިބު ރައީސާއި، ވާރލްޑް ބޭންކް އެގްޒެކެޓިވް ޑިރެކްޓަރާވެސް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ބައްދަލުކުރެއްވިއެވެ.

މިދަތުރުފުޅުގައި އ.ދ.ގެ މައި މަރްކަޒުގައި އޮތް ހަކަތައާބެހޭ ޖަލްސާގައި ނައިބު ރައީސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.