ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޗައިނާގެ އައު އަހަރުގެ މުނާސަބަތުގައި އެ ޤައުމުގެ ވެރީންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށާއި އެ ޤައުމުގެ ސްޓޭޓް ކައުންސިލްގެ ޕްރިމިއަރ ލީ ކެޗަންގއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ޗައިނާގެ އައު އަހަރުގެ އުފާވެރި މުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޗައިނާ ސަރުކާރާއި އެ ޤައުމުގެ އެކުވެރި ރައްޔިތުންނަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައިވެއެވެ.

ރައީސް ޝީ ޖިންޕިންގއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ޗައިނާއާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގާތް ރަޙުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ. އެމަނިކުފާނުގެ މެސެޖުގައި ޗައިނާގެ ރައްޔިތުންގެ ތަރައްޤީއާއި ފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ.