ރައީސް މުޙަންމަދު ނަޝީދު، ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ރައްޔިތުންނާއި، މަކުނުދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރު އެމަނިކުފާނު ވައިކަރަދުއަށް ވަޑައިގެން، ވައިކަރަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ވައިކަރަދުއަކީ ވަރަށްބޮޑު ރަށެއްކަން ފާހަގަކުރައްވައި، އެހެން ނަމަވެސް އަސާސީ ޚިދްމަތްތައް އެރަށުން ނުލިބޭތީ، ގިނަ މީހުން ދިރިއުޅެމުން ގެންދަނީ މާލޭގައި ކަމަށް ވިދާޅުވިއެވެ. މިއީ ވަރަށް ހިތާމަވެރި މަންޒަރެއް ކަމަށާއި، ބޭނުންފުޅުވަނީ ވައިކަރަދޫން އަސާސީ ހުރިހާ ޚިދްމަތްތަކެއް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސެވުމަށް ކަމުގައި ވިދާޅުވިއެވެ. ވައިކަރަދުއަކީ ދަނޑުވެރި ރަށެއްކަން ބަޔާން ކުރައްވަމުން، ދަނޑުވެރިކަން ތަރައްޤީ ކުރެއްވުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެރަށަކީ، އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިންވެސް ވަރަށް ބޮޑަށް ތަރައްޤީ ކުރެވިދާނެ ރަށެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު މަކުނުދުއަށް ވަޑައިގަތީ މިއަދު މެންދުރުފަހުއެވެ. މަކުނުދޫ ރައްޔިތުންނާ މުޚާޠަބު ކުރައްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ދިގު މުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ އުޞޫލުން މަކުނުދޫގައި ގެތައް އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށާއި، މިއަންނަ އަހަރު އެ ގެތައް ބޭނުންކުރެއްވޭނެ ކަމުގެ އުންމީދު އެބައޮތް ކަމުގައި ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި، ސަރުކާރުގެ އަމާޒަކީ، ރަނގަޅު ތަޢްލީމީ ރައްޔިތެއް އުފެއްދެވުން ކަމަށް ވިދާޅުވިއެވެ. އަދި ސްކޫލްތަކުން ނުކުންނަ ކުދިންނަކީ، ރަނގަޅަށް ފާސްވާ ކުދިންނަށް ހެއްދެވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އެގޮތުން ކުރައްވާ އެއްކަމަކީ، ސްކޫލްތައް އެއްދަންފަޅިއަށް ކިޔަވައިދޭ ތަންތަން ކަމަށް ހެއްދެވުން ކަމަށް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މަކުނުދޫ މަދަރުސާއަކީ މިއަންނަ އަހަރު އެއްދަންފަޅިއަށް ކިޔަވައިދޭ މަދަރުސާއަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
ވައިކަރަދޫ ރައްޔިތުންނާއި މަކުނުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައިވެސް، ލާމަރްކަޒީ އުޞޫލުން އަތޮޅުތައް ހިންގުމުގެ ބޭނުންތެރިކަމުގެ މައްޗަށާއި، ދަތުރުފަތުރު ކުރުމުގެ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލުމަށް ހިންގަވާ މަޝްރޫޢުގެ މައްޗަށް ބައްލަވާލެއްވިއެވެ.