އިންޑިޔާގެ ޢާންމު އިންތިޚާބުގައި އިންޑިޔާގެ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީއާއި، އެޕާޓީއާ ގުޅިފައިވާ ޕާޓީތަކުން ހޯދި ކާމިޔާބީ ފާހަގަކުރައްވައި، ރައީސް މުޙަންމަދު ނަޝީދު، ކޮންގްރެސް ޕާޓީގެ ރައީސާ މިސިޒް ސޯނިޔާ ގާންދީއަށާއި، އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

މިސިޒް ސޯނިޔާ ގާންދީއަށް ރައީސް ނަޝީދު ފޮނުއްވި މެސެޖްގައި، ކޮންގްރެސް ޕާޓީއަށް ލިބުނު މި ކާމިޔާބީއަކީ، އިންޑިޔާގެ ރައްޔިތުން އެކަމަނާ އެޕާޓީގެ ޒަޢާމަތުގައި ހުންނެވުމަށް ކުރައްވާ އިތުބާރު ރަމްޒުކޮށްދޭ ކަމެއް ކަމުގައި ވިދާޅުވެފައިވެއެވެ. އަދި މިކާމިޔާބީއަކީ، އެކަމަނާއާއި، އެކަމަނާގެ ދަރިކަލުން ރާހުލް ގާންދީ ކުރައްވާ ބުރަ މަސައްކަތްޕުޅުގެ ނަތީޖާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު، އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހަށް ފޮނުއްވި މެސެޖްގައި، އެމަނިކުފާނުގެ ޒަޢާމަތުގައި އިންޑިޔާ ސަރުކާރު ހިންގަވަމުން ގެންދަވާފައިވާ ގޮތް، އިންޑިޔާ ރައްޔިތުން ބަލައިގަންނަކަމާއި، އަދި އެމަނިކުފާނުގެ ޒަޢާމަތަށް އިންޑިޔާ ރައްޔިތުން ކުރާ އިތުބާރު މި ކާމިޔާބީން ރަމްޒުކޮށްދޭ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް ގާތްގުޅުން މުސްތަޤްބަލުގައިވެސް އިތުރަށް ބަދަހިވަމުންދާނެ ކަމަށާއި، ސަރަޙައްދީ ކަންކަމުގައި އިންޑިޔާއާއެކު އިތުރަށް މަސައްކަތްކުރައްވަމުން ގެންދެވުމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސް ނަޝީދުގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.