ހދ. ކުޅުދުއްފުށްޓަކީ 1 ޖަނަވަރީ 2020 ވާ ބުދަ ދުވަހުން ފެށިގެން ސިޓީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކަނޑައަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައަޅުއްވާފައި ވަނީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ސިޓީއެއްގެ ދަރަޖަ ލިބިދެވޭނެ ރަށްރަށުގައި ހުންނަންޖެހޭނެކަމަށް ޤާނޫނުގެ ޖަދުވަލު 2 ގައި ކަނޑައަޅައިފައިވާ އެންމެހައި ކަމެއް، ހދ.ކުޅުދުއްފުށީގައި ފުރިހަމަވެފައިވާތީ، ޤާނޫނުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވެފައިވާ އަވަށަކީ ނުވަތަ ރަށަކީ ނުވަތަ ސަރަޙައްދަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ އަވަށެއް ނުވަތަ ރަށެއް ނުވަތަ ސަރަޙައްދެއް ކަމުގައި ކަނޑައެޅުމުގެ ބާރު އެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ލިބިދީފައިވާ ބާރުގެ ދަށުން އެމަނިކުފާނު ނެރުއްވި ޤަރާރަކުންނެވެ.

ހދ. ކުޅުދުއްފުށްޓަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއްކަމަށް ކަނޑަޅުއްވައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އެކަށައެޅުއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓްގައި އެ ޤަރާރު ވަނީ ޝާއިޢު ކުރައްވާފައެވެ.

ސިޓީއެއްގެ ދަރަޖަ ދިނުމުގައި ބަލާ މިންގަނޑުތައް ނުވަތަ ޝަރުތުތަކަށް ބަލާއިރު، ހދ.ކުޅުދުއްފުށްޓަކީ ރަޖިސްޓްރީވެފައިވާ އާބާދީ 10,000 އަށްވުރެ އިތުރު ރަށެކެވެ. އަދި ފުރަތަމަ ޑިގްރީއާ ހަމައަށް ތައުލީމް ހާސިލްކުރެވޭނެ މަރުކަޒެއް އެރަށުގައި ޤާއިމްވެފައިވާއިރު ކޮމާޝަލް ހާބަރެއްގެ ޚިދުމަތާއި ބޭންކްގެ ޚިދުމަތް އެރަށުން ލިބެއެވެ.

ޞީއްޙީ ޚިދުމަތް ފުޅާކޮށް ދިރިއުޅޭ ސަރަޙައްދުން ރަނގަޅު ފެންވަރުގެ ޞީއްޙީ ޚިދުމަތް ލިބިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުޅުދުއްފުށީގައި ޓަރޝަރީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އައްޑޫ ސިޓީގައި ހުންނަ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ އެއް ކެޓަގަރީއެއްގެ ހޮސްޕިޓަލެކެވެ. ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ލިބުމުން ލިބޭނެ އެއްމެ ބޮޑު އެއްފައިދާއަކީ ޤައުމީ އިދާރާތަކުން ސިޓީއެއްގައި ހިންގުމަށް ކަނޑައަޅާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން އަގުގެ ގޮތުން 15 މިލިއަން ރުފިޔާއަށްވުރެ އަގު ދަށް މަޝްރޫޢުތައް އެ ސިޓީގެ ސިޓީ ކައުންސިލުން ކުރިޔަށްގެންދިއުމުގެ ފުރުޞަތު ފަހިވެގެންދިއުމެވެ.

ކުޅުދުއްފުށްޓަކީ ސިޓީއެއްގެ ގޮތުގައި ހަމަޖެހިގެންދިޔުމުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ސަރަޙައްދުގެ ޢަދަދު 4 އަކަށް ބަދަލުވެގެންދިޔައީއެވެ.