بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

އާދެ، އަޅުގަނޑު ފާދިއްޕޮޅަށް މިކުރާ ދަތުރުގައި، ފެލިވަރަށް ޒިޔާރަތް ކުރުމަކީ، އަޅުގަނޑަށް މިއަދު ލިބުނު ވަރަށްބޮޑު އުފަލެއް.

ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ފާދިއްޕޮޅުގެ ރަށްރަށަށް ކުރާ ކޮންމެ ދަތުރެއްގައިވެސް، އަޅުގަނޑު ފެލިވަރަށް އަންނަން. އަދި ފެލިވަރުގެ މި ކާރުޚާނާ ބަލާލައި، ފެލިވަރުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނާ ބައްދަލުކޮށްލައި ހަދަން. އެހެންކަމުން، ފެލިވަރު ހިމެނިފައިވަނީ، އަޅުގަނޑުގެ ވަރަށް ޚާއްޞަ މަންޒިލަކަށް. ބައެއްފަހަރަށް، މިހެންލާފައި އެހެން އަތޮޅަކަށްދާ ފަހަރުވެސް އަޅުގަނޑަށް މިތަނަށް އާދެވިފައި އެބަހުރި. އެހެންވީމާ، އެގޮތުން ބަލާއިރު ފެލިވަރަކީ އަޅުގަނޑާ ވަރަށްގާތް، އަޅުގަނޑުގެ ވަރަށް ރައްޓެހި ތަނަކަށްވަނީ ވެފައި. އެހެންކަމުން، މިއަދުވެސް އެންމެ ފުރަތަމަ މި އަތޮޅަށް މި ކުރާ ދަތުރުގައި ފެލިވަރަށް އައިސް، ފެލިވަރަށް ފައިބައި، އަދި ފެލިވަރަކީ މިފްކޯގެ ވަރަށް ޚާއްޞަ ކާރުޚާނާއެއް ހިނގަމުންދާ ރަށަކަށްވާތީ، މިފްކޯގެ ޗެއަރމަނާއި، މެނޭޖިންގ ޑިރެކްޓަރާއި، އަދި އިސް މުވައްޒަފުންނާ ބައްދަލުކޮށްލައި ސަލާންކޮށްލައި ހެދުމުގެ އުފާ ލިބުނު. އެއަށްފަހު، އަޅުގަނޑު ދިޔައީ، ނައިފަރަށް. ނައިފަރުގެ ރައްޔިތުންނާ ބައްދަލުކޮށްހަދާފައި، ދެން ދިޔައީ، ހިންނަވަރަށް. ހިންނަވަރު ނިންމާފައި އަޅުގަނޑު މިއައީ އަނެއްކާވެސް މިރަށަށް. އާދެ، ފެލިވަރަށް.

ޝައްކެއްނެތް، މަސްވެރިކަމަކީ، ރާއްޖޭގެ އިޤްތިޞާދުގެ ވަރަށް މުހިންމު ތަނބެއް. ޒަމާނުއްސުރެ ދިވެހިން އެންމެމޮޅަށް، އެންމެ ރަނގަޅަށް ކުރަމުން އައިސްފައިވާ މަސައްކަތަކީ، މަސްވެރިކަން. މިހާރުވެސް ދިވެހިން އެ މަސައްކަތް ވަރަށް މޮޅަށް ކުރަމުން އެބަގެންދޭ. އެހެންނަމަވެސް، ދުނިޔެ ބަދަލުވަމުންދާ ދިޔުމުގައި، އަދި އިޤްތިޞާދީ ފުރުޞަތުތައް އިތުރުވަމުންދާ ދިޔުމުގައި، ރާއްޖޭގައި މިހާރު މަސްވެރިކަމުގެ އިތުރުން ވަރަށް މުހިންމު އެހެން ޞިނާޢަތެއްވެސް އުފެދި، އެ ޞިނާޢަތް މިދަނީ ތަރައްޤީވަމުން. އެއީ ފަތުރުވެރިކަން. އެހެންވީމާ، ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު ދެބަޔަކީ މިހާރު ފަތުރުވެރިކަމާއި މަސްވެރިކަން.

ފަތުރުވެރިކަން ކިތަންމެ ބޮޑަކަށް ކުރިއަށްދިޔަނަމަވެސް، މަސްވެރިކަމާނުލައި ރާއްޖެއަކަށް ތަރައްޤީއެއް ނުވެވޭނެ. މަސްވެރިންގެ ހިންމަތާއި، މިންނަތާއި އަދި މަސްވެރިކަމުގެ ޞިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އެއްބާރުލުމާއި ހިއްސާޔާ އެކީގައި ނޫނީ ރާއްޖެ ތަރައްޤީގެ މަގުގައި އެންމެ ފިޔަވަޅެއްވެސް ކުރިއަކަށް ނާޅާނެ. މިއީ އަޅުގަނޑުމެން އެންމެން ގަބޫލުކުރާ ޙަޤީޤަތެއް.

އާދެ، ރާއްޖޭގެ މަސްވެރިންނަކީ، ވަރަށް ހީވާގި ބައެއް. އަތްވާއި ވާރޭގައި އަދި މޫސުން ކޮންމެގޮތަކަށް އޮތްނަމަވެސް، އެމީހުން ކަނޑުތަކުގައި ދަތުރުފަތުރުކޮށް، މަސްބާނައި، އެމީހުންގެ އަމިއްލަ ޢާއިލާތަކުގެ ރިޒްޤު، މާތް ﷲގެ ވާގިފުޅާއެކު އިތުރަށް ތަނަވަސްކޮށް، އަދި ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ޚިދުމަތްތަކެއް ކުރަމުންދޭ. އެކަން މިއަދުވެސް އޮތީ އެގޮތަށް. އަދި އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި އޮންނާނީވެސް ހަމަ އެހެން.

އަޅުގަނޑުމެންނަށް މި ދިމާވި ސުނާމީ ކާރިސާގައި، މަސްވެރިންނަށްވެސް ވަރަށްބޮޑެތި ގެއްލުންތަކެއްވަނީ ލިބިފައި. ވަރަށްގިނަ ދޯނިފަހަރު ވަނީ އުވިގެން ގޮސްފައި. އަދި އެނޫން ގޮތްގޮތުންވެސް މަސްވެރިކަމުގެ ޞިނާޢަތަށްވަނީ ވަރަށްބޮޑެތި އަސަރުތަކެއް ކޮށްފައި. އެކަމަކު، މި ކާރިސާގައިވެސް، ރާއްޖޭގެ މަސްވެރިން ދެއްކެވީ، ވަރަށް ރީތި ނަމޫނާއެއް. އެބޭފުޅުންގެ ހިތްވަރާއި ހިންމަތުން މަސައްކަތް ކުރައްވައި، އިރާދަކުރެއްވީތީ މަސްވެރިކަން މިވަނީ އަނެއްކާވެސް ކުރިއަށް ޖެހިލާފައި. ރާއްޖޭގެ މަސްވެރިކަމުން މިދިޔަ އަހަރު ލިބުނު އާމްދަނީވެސް ނުވަތަ ލިބުނު ފައިދާތައްވެސް ވަނީ އިތުރުވެފައި.

އާދެ، މިފްކޯއަކީ، ސަރުކާރުގެ ވަރަށް ޚާއްޞަ ކުންފުންޏެއް. އެއީ މަސްވެރިކަން ތަރައްޤީކޮށް، މަސްވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކޮށް، ރާއްޖޭގެ އިޤްތިޞާދަށް ހިއްސާކުރުމުގެ މުހިންމު މަޤްޞަދުގައި އުފެދިފައިވާ ކުންފުންޏެއް. މި ކުންފުނިން އަބަދުވެސް ރާއްޖޭގެ އިޤްތިޞާދަށް ވަރަށް މުހިންމު ހިއްސާއެއް އަދާކޮށްދެއްވާ. އެހެންކަމުން، މިރޭ މިތަނަށް އައިސް، މިފްކޯގެ މުވައްޒަފުންގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ބޭފުޅުންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަދި މިތަނަށް އައުމުން އަޅުގަނޑަށް މަރުޙަބާ ވިދާޅުވެ، އަދި ދެންމެ މި ތާނގައި ވާހަކަފުޅު ދެއްކެވުމުގައިވެސް، ހިތްހެޔޮ ޢިބާރާތްތަކެއް ވިދާޅުވެދެއްވިކަމަށްޓަކައި، މިފްކޯގެ ޗެއަރމަން އަލްފާޟިލް ޢަބްދުﷲ ޖާބިރަށާއި އަދި މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢާދިލް ސަލީމަށް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

އާދެ، އެ ދެބޭފުޅުން މިހާރު މިފްކޯގެ ކަންތައްތައް ރަނގަޅު ކުރައްވައި އިޞްލާޙު ކުރައްވަމުން އެ ގެންދަވަނީ. މިފްކޯއަށް ބޮޑެތި ބަދަލުތަކެއް ގެންނަވަމުން އެ ގެންދަވަނީ. އެ ބަދަލުތަކުގެ ސަބަބުން މިފްކޯއަށް އިތުރު ދިރުމެއް ލިބި އަދި މިފްކޯގައި ވަޒީފާ އަދާކުރާ މީހުންނަށްވެސް އިތުރު ތަނަވަސްކަން ލިބި އަދި ދިވެހިރާއްޖޭގެ މަސްވެރިންނަށާއި، މަސްވެރިކަމުގެ ޞިނާޢަތަށް ކުރިއެރުން ލިބޭނެކަމަށް އަޅުގަނޑު ވަރަށްބޮޑަށް އުންމީދުކުރަން.

އާދެ، ރާއްޖޭގެ ވަރަށްގިނަ އަދަދެއްގެ މީހުން ވަޒީފާ އަދާކުރާ ތަނަކަށް އައުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އެހެން މި ދެންނެވީ، މިފްކޯއަކީ އަދި ޚާއްޞަކޮށް، ފެލިވަރަކީ ވަރަށް ގިނަ އަދަދެއްގެ ދިވެހިން އެތާނގެ ވަޒީފާގައި އުޅެމުންދާ ތަނެއް. އަދި ދިވެހިން އިތުރުކުރުމަށް މިފްކޯގެ މެނޭޖްމަންޓުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާކަމީ އަޅުގަނޑު ވަރަށްބޮޑަށް އުފާކުރާ ކަމެއް.

މިތާނގައި މަސައްކަތްކުރާ މީހުންގެ ތެރޭގައި، މި އަތޮޅުގައި އެންމެ ގިނަމީހުން ދިރިއުޅޭ ހިންނަވަރާއި، ނައިފަރުގެ ވަރަށްގިނަ މީހުން މަސައްކަތް ކުރާކަން އެއީ ޝައްކެއްނެތްގޮތުގައި، އެ ދެރަށަށްވެސް ލިބޭ ކުރިއެރުމަކަށްވާނެ.

މިފްކޯގެ މުވައްޒަފުންނަކީ، މަސްވެރިކަން ކުރިއަށް ގެންދިޔުމުގައި ދިވެހި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް އެންމެ ކައިރިން ދެކޭ އެއްބަޔަކަށްވާނެ. ރާއްޖޭގެ މަސްވެރިކަން ތަރައްޤީވަމުންދާ ގޮތާއި، އެ އަންނަ ބަދަލުތަކާއި، އަދި މި ޒަމާނުގެ ޓެކްނޮލޮޖީއާ އެއްގޮތަށް މި ކަންތައްތައް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ދެކޭ އަދި އެކަމަކަށް ހެކިވާ ބަޔަކު ކަމުގައި މިފްކޯގެ މުވައްޒަފުންނާއި އަދި ޚާއްޞަކޮށް ފެލިވަރުގެ މުވައްޒަފުން ވާނެ.

އާދެ، މިފްކޯގެ މުސްތަޤްބަލަކީ، އަޅުގަނޑު ދަންނަވާނީ، އިރާދަކުރެއްވިއްޔާ އުޖާލާ މުސްތަޤުބަލެކޭ. މުސްތަޤުބަލަށް ރޭވިފައިވާ ކަންތައްތަކުގެ ތެރޭގައި، އައްޑުއަތޮޅުގައި އައިސްޕްލާންޓެއް ޤާއިމުކުރުމާއި، އައްޑުއަތޮޅުގައި މަސްވެރިކަމުގެ ޕްރޮޖެކްޓެއް ހިންގުމާއި، މަސް ގަންނާނެ އިތުރު ބޯޓުފަހަރު ހޯދުމާއި، އަދި ކޫއްޑޫގައި މިހާރު އެހުރި ވަސީލަތްތައް އިތުރުކުރުން ހިމެނޭ. އަދި މަސްވެރިންނަށް މަސްވެރިކަމުގެ މަޢުލޫމާތުގެ ޓެކްނޮލޮޖީގެ އެހީގައި މަސް ބޭރުކުރުމާއި، މިކަންކަން ތަރައްޤީކުރުން ހިމެނޭ. އާދެ، މިގޮތުން ބަލާއިރު މިފްކޯއަކީ، ރާއްޖޭގެ އިޤްތިޞާދުގައި ވަރަށް މުހިންމު ކުންފުންޏެއް. އަދި މި ކުންފުނީގެ އެންމެ މުހިންމު އެއްތަނަކީ، މިރަށް. ފެލިވަރު. މީގެއިތުރުން، ކޫއްޑޫއާއި ކަނޑުއޮތްގިރީގައިވެސް މިފްކޯގެ މަސައްކަތްތައް އެދަނީ ހިނގަމުން.

އާދެ، އަޅުގަނޑު މި ރަށަށް އައި އައުމާ ގުޅިގެން، މި ތާނގައި މި ތިއްބެވި މިފްކޯގެ މުވައްޒަފުންގެ އަޚުން ކަމުގައިވާ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން ފޮނުވާފައިވާ ސިޓީއެއް އަޅުގަނޑަށް ލިބުނު. މި ސިޓީއިން އެނގެނީ، މިއަދު އަޅުގަނޑު ޒިޔާރަތްކުރި އެހެން ރަށްރަށުން ފެނުނުފަދަ ރައްޔިތުންގެ އެއްބައިވަންތަކަން މި ކުންފުނީގެ ތެރެއިންވެސް ވަރަށް ރަނގަޅަށް ހާމަވެގެންދާކަން. އާދެ، އަޅުގަނޑު މިއަދު މި ޒިޔާރާތްކުރީ ފެލިވަރަށް ކަމުގައިވިޔަސް، މިފްކޯގެ މުވައްޒަފުން ތިއްބެވި އެހެން ތަންތަނުން އެބޭފުޅުން އަޅުގަނޑުގެ ޒިޔާރަތަށް މަރުޙަބާ ވިދާޅުވެ، އެއްބައިވަންތަކަމުގެ ޝުޢޫރު ފާޅުކުރެއްވިކަމީ، އަޅުގަނޑު ވަރަށްބޮޑަށް އުފާކުރާ ކަމެއް.

އާދެ، އެހެންވީމާ، މިރޭގެ މި ބައްދަލުވުމަކީ، މި ރަށަށް އައިސް، މިފްކޯގެ މުވައްޒަފުންނާއި އަދި ފެލިވަރުގެ ކާރުޚާނާގައި ޙަރާކާތްތެރިވާ މުވައްޒަފުންނާ ބައްދަލުކޮށްލުމަށް ލިބުނު ފުރުޞަތަކަށްވާތީ، އެ ފުރުޞަތުގެ ބޭނުން އަޅުގަނޑު މި ކުރީ، ވަރަށްބޮޑު އުފަލަކާ އެކީގައި.

އަޅުގަނޑުގެ އެދުމަކީ، ފެލިވަރުގެ ކަންތައްތައް، އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީވަމުން ދިޔުން. ހަމައެހެންމެ، މިފްކޯގެ ޙަރަކާތްތައްވެސް އެއްދުވަހުން އަނެއްދުވަހަށް ކުރިއަރައި، އޭގެ ސަބަބުން ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް އިތުރު ފައިދާތަކެއް ހާސިލުވެގެންދިޔުން. އަދި ރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދިޔުން.

އާދެ، އަދިވެސް އެއްފަހަރު، ފެލިވަރަށް އާދެވުނުކަމަށްޓަކައި، އަދި މިތަނަށް އައުމުން ތިޔަބޭފުޅުން ތިޔަ ވިދާޅުވި މަރުޙަބާއަށްޓަކައި ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަމުން، ތިޔަބޭފުޅުންނަށް މާތްﷲ ހެޔޮގޮތްތައް މިންވަރު ކޮށްދެއްވުން އެދި ދުޢާކުރާ ވާހަކަ ދަންނަވާލަން. ހަމަ އެއާއެކުގައި، މި ފެށުނު މީލާދީ އާ އަހަރުގެ ހެޔޮއެދުމާއި، ތަހުނިޔާއާއި މުބާރިކުބާދީ، ތިޔަ ހުރިހާ ބޭފުޅުންނަށާއި، ތިޔަބޭފުޅުންގެ ޢާއިލާތަކަށާއި، އަދި ރާއްޖޭގެ މަސްވެރިންނަށާއި، މަސްވެރި ޢާއިލާތަކަށާއި، މަސްވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ރައްދުކުރަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.