ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އައްޑޫ ސިޓީއާ ފުވައްމުލައް ސިޓީއަށް މިހާރު ކުރައްވާ ދަތުރުފުޅުގައި އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އައްޑޫ ކޮންވެންޝަން ސެންޓަރުގައި ތަރައްޤީކުރާ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވައިލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި ހޮސްޕިޓަލުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ހޮސްޕިޓަލުގެ ތަރައްޤީއާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ސަރުކާރުގެ ސިޔާސަތަކީ އަތޮޅުތަކުގައި ވެސް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ޤާޢިމުކުރުންކަން ފާހަގަކުރެއްވިއެވެ. އަދި އައްޑޫ ސިޓީގައި ޤާޢިމުކުރާ މި ހޮސްޕިޓަލަކީ އެންމެ ޒަމާނީ ވަޞީލަތްތަކާއެކު ޤާޢިމުކުރެވޭ ހޮސްޕިޓަލެއްކަމުން އެތަނަކީ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދޭ ތަނަކަށްވުމަކީ ސަރުކާރުގެވެސް ވަރަށް ބޮޑު އުންމީދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ މިތަނުން ޚިދުމަތްދޭ އިރު ބަލިމީހުންނާމެދު އޯގާތެރިކަމާ ހިތްހެޔޮކަމާއެކު ޚިދުމަތް ދެއްވުމަށް އެދިވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި ހޮސްޕިޓަލުގެ ޚިދުމަތް ފެށުމަށް ކުރަމުންގެންދާ ތައްޔާރީތައް ބައްލަވައިލައްވައި ތަނުގައި ޤާޢިމުކުރެވިފައިވާ ވަޞީލަތްތަކާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅަކީ އައްޑޫ ސިޓީއާ ފުވައްމުލަކު ސިޓީއަށް ކުރައްވާ ދަތުރުފުޅެކެވެ.