ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކަށް ހަޤީޤީ މާނައިގައި އިޚްލާސްތެރިކަމާއެކު ކަންތައްތައް ކޮށްދޭންޖެހިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ "ރިވެލި މައުރަޒު 2019" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ އަމާޒު ހުރީ ޚާއްޞަ އަޅާލުމާއި ޚާއްޞަ ލޯތްބާއި އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ބޮޑެތި ކަންތައްތަކެއް ކޮށްދިނުމުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ.
އަބަދުވެސް ސަރުކާރުތަކުން ކަންތައްތަކެއް ކޮށްދެމުން އަންނަކަމަށާއި އެހެންނަމަވެސް އަދިވެސް މިރޮނގުން ގިނަ ކަންތައްތަކެއް ކުރަންޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން މުޖުތަމަޢުގެ ތެރޭގައި އުޅޭ މިފަދަ ފަރާތްތަކަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި މިހާރު ތިބި ހިސާބު އެނގިގެން ނޫނީ، އިތުރަށް ކުރިޔަށްދެވެން ނެތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ އަމިއްލަ ރަށުގައި ތިބެގެން ފަސޭހަކަމާއި ހިތްހަމަޖެހުމާއެކު އެކުދިން ގޮވައިގެން އުޅެވޭނެ ގޮތް ހަމަޖައްސައިދީ އެކުދިންނަށް ބޭނުންވާ އިތުރު ފަރުވާއާއި ހުނަރު ހޯދޭނެ ގޮތަށް ކަންތައްތައް ބައްޓަން ކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
"ޚިދުމަތްތައް ދޭ ތަންތަނަށާއި މިސްކިތްތަކަށާއި ފެރީތަކަށް، ފަސޭހަކަމާއެކު ވާސިލުވެވޭނެ ގޮތްތައް މަގުފަހިކޮށްދޭން ޖެހޭ. އެއްވެސް ކަމަކުން ބާކީނުކޮށް އަޅުގަނޑުމެންގެ މުޅި ނިޒާމު ބައްޓަންކުރުން އެއީ މިއަދު އަޅުގަނޑުމެންގެ މިސަރުކާރުގެ، ރައީސުލްޖުމްހޫރިއްޔާގެވެސް އެންމެ ބޮޑު ވައުދަކަށް ވެގެންދަނީ.." ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އެދޭ އެންމެ ބޮޑު އެދުމަކީ ތަފާތު ކުރުމެއްނެތި މުޖުތަމަޢުގެ ތެރޭގައި އެންމެންނަށް ބައިވެރިވެވޭނޭ ގޮތްތައް ހޯދުން ކަމުގައެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް މުޖުތަމަޢުގެ ތެރޭގައި ސާމިލުވެ އުޅެވޭނެ ފުރުޞަތު ހޯދައިދޭން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުމުގައި ސަރުކާރާއި ކުންފުނިތަކުގެ އިތުރުން އަމިއްލަ ޖަމުޢިއްޔާތަކުގެ ދައުރު އިތުރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުގައި އަމިއްލަ އެދުމެއްނެތި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާ ފަރާތްތަކެއް ތިބިކަން ފާހަގަކުރައްވައި، އެފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. އެގޮތުން ޑިސްއެބިލިޓީ އޮނަރަރީ އެމްބެސެޑަރެއްގެ ގޮތުގައި މިއަދު ހަމަޖެހިގެންދިޔަ އަޙްމަދު ހިޝާންގެ މަސައްކަތުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލިއަޅުއްވާލައްވާފައިވެއެވެ.
ރިވެލި މައުރަޒަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތައް ދައްކާލުމުގެ މަޤްޞަދުގައި މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް މާލޭގައި ބާއްވާ މަޢުރަޒެކެވެ. މި މައުރަޒު ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މި މައުރަޒުން ފާހަގަކޮށްލެވުނު ބައެއް ތަކެތި ބައިވެރިކުރި ފަރާތްތަކަށް އިނާމު ދީފައިވެއެވެ.