ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު، މަސައްކަތްތެރީންގެ ހުނަރު ދައްކުވައިދޭ "ފަންނު އެކްސްޕޯ 2019"، މައުރަޒު ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފަންނު އެކްސްޕޯ ބައްލަވާލެއްވުމަށް މިއަދު ހަވީރު ދަރުބާރުގެ ސަރަޙައްދަށް ކުރެއްވި ޒިޔާރަތުގައި، އެ ސަރަޙައްދުގައި ހުރި މައުރަޒުގެ ގިނަ ސްޓޯލްތައް ބައްލަވާލައްވައި މަސައްކަތްތެރީންނާއި ބައްދަލުކުރައްވާފައިވެއެވެ. އެގޮތުން ފަންނު އެކްސްޕޯގައި ދައްކާލަން ބަހައްޓާފައިވާ ސަޤާފަތާއި ދިވެހިވަންތަކަން ދައްކުވައިދޭ އެކިއެކި އުފެއްދުންތަކާއި އަތްތެރި މަސައްކަތުގެ އުފެއްދުންތައް ބައްލަވާލައްވައި ފަންނުވެރިންނަށް މިރޮނގުގައި ކުރިޔަށްދިއުމަށް ހިތްވަރުދެއްވާފައިވެއެވެ.

ފަންނު އެކްސްޕޯއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިންތިޒާމްކުރައްވައިގެން މިމަހުގެ 22 އިން 28 ގެ ނިޔަލަށް ދަރުބާރުގެއާއި، ކަލާފާނު ސްކޫލް އަދި ކުޑަކުދިންގެ ބަގީޗާގައި ކުރިޔަށްގެންދާ މައުރަޒެކެވެ.

މިއަހަރުގެ ފަންނު އެކްސްޕޯގައި 350 ފަރާތަކުން ތިރީސްހާސް އުފެއްދުން ބައިވެރިކޮށްފައިވެއެވެ. މިއީ ފަންނުވެރިންގެ ހުނަރު ދައްކާލުމުގެ އިތުރުން ދިވެހި އުފެއްދުންތައް ފުޅާ ދާއިރާއެއްގައި މާކެޓްކުރުމަށް އެހީވެދިނުމުގެ ގޮތުން ކުރިޔަށްގެންދާ މައުރަޒެކެވެ