ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ އުތުރުބުރީގެ އިތުރުން ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހއ. ދިއްދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިޔަށްގެންގޮސްފައި ވަނީ ދިއްދޫ ރަށު ކައުންސިލްގެ އިދާރާގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދިއްދޫ ކައުންސިލާއެކު ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި، އެރަށުގެ ތަރައްޤީއަށް ކައުންސިލުން ކުރިޔަށް ރާއްވަވާފައިހުރި ކަންކަމުގެ މައުލޫމާތު އޮޅުންފިލުއްވިއެވެ. އެގޮތުން ދިއްދޫ ރައްޔިތުންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކަށް ޙައްލު ހޯދުމަށް ކުރެވެންހުރި ކަންކަމާމެދު މަޝްވަރާކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ދިއްދޫ ކައުންސިލަރުން ވަނީ އެރަށުގެ މަގުހެދުމުގެ މަސައްކަތް ނުނިމި ދިގުލައިގެންގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. މީގެސަބަބުން ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެނަމަ، ކުދި މަގުތަކަށް ފެންގަނޑު ފޭދިގެންގޮސް، ގެތަކުގައި ފެންބޮޑުވުމުގެ މައްސަލަ ދިމާވާކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައާއި ރަށު ކައުންސިލް އިދާރާގައި ޖާގައިގެ ދަތިކަން ހުރިކަން ފާހަގަކުރެއްވިއެވެ.
މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ކުށްމަދުކުރުމަށާއި ކުށްކުރާ ފަރާތްތައް އަނބުރާ މުޖުތަމަޢަށް ގެނައުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން މުޅި ރާއްޖޭގެ އަމަންއަމާންކަން ދަމަހައްޓައި، ހަމަޖެހުން ޤާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުންދާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ، ދިއްދޫގެ ތަރައްޤީއާ ގުޅުންހުރި ބައެއް މަޝްރޫޢުތަކާއިބެހޭ އެންމެފަހުގެ މައުލޫމާތު ކައުންސިލަރުންނާ ޙިއްޞާކުރައްވާފައެވެ. އަދި ކައުންސިލަރުންގެ ކަންބޮޑުވުން ހުރި މައްސަލަތަކުގައި، ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި ގުޅިވަޑައިގެން، އެކަންކަމަށް އަވަސް ޙައްލެއް ހޯދައިދިނުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން އެރަށު ކައުންސިލަރުންނަށް އެމަނިކުފާނު އަރުވާފައިވެއެވެ.
މި ބައްދަލުކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިއްދޫގައި ދިރިއުޅޭ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ އެފަރާތްތަކުގެ ހާލު އަހުވާލު އޮޅުންފިލުއްވައި އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. މިއަދުގެ ބައްދަލުވުމުގެ ތެރެއިން، ޚާއްޞަ އެހީއަށް ބޭނުންވާ އަންހެން ބޭފުޅަކު ވަޒީފާއެއް ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގެންނެވުމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އޭނާ އެދިވަޑައިގެންނެވި ގޮތަށް ފެނަކަ ކޯޕަރޭޝަންގެ ވަޒީފާއެއް ހަމަޖައްސަވައިދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހއ. ދިއްދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމުދިނުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.