ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ އުތުރުބުރީގެ އިތުރުން ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ހއ. މޮޅަދޫއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
އެމަނިކުފާނުގެ މި ޒިޔާރަތުގައި މޮޅަދޫއަށް ވަޑައިގެންނެވުމުން އެރަށު ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މޮޅަދޫއަށް ވަޑައިގެން ވަނީ އެރަށު ފުޓްސަލް ދަނޑުހުޅުއްވައިދެއްވާފައެވެ. އަދި ރަށުގެ ކުޑަކުދިންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމްކޮށްދިނުމުގެ ބޭނުމުގައި ތަރައްޤީކުރަން ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައިވެސް އެމަނިކުފާނު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މޮޅަދޫގެ ތަރައްޤީއަށް ރޭވިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް މަޝްރޫޢުކަމަށްވާ އެރަށު ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވާފައެވެ.
ބަނދަރުގެ މަޝްރޫޢު ފައްޓަވައިދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސަރުކާރެއްގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންގެ ހުރި ދަތިތައް ޙައްލުކޮށްދިނުންކަމަށް ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުން ރަށްރަށަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރަށެއްގެ ކުޑަބޮޑުމިނަށް ނުބައްލަވާ ތަރަޢްޤީ ގެނެސްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައިވެސް ރައީސުލްޖުމްހުރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި މި ސަރުކާރުން ފާއިތުވި 1 އަހަރުގެ ތެރޭގައި އެންމެ ބޮޑަށް މަސައްކަތްކުރެއްވީ ޤައުމަށް ހަމަޖެހުން ގެނެސްދިނުމަށް ކަމަށާއި އެހެންކަމުން ޤައުމުގެ ހަމަޖެހުން އެގޮތުގައި ދެމި އޮތުމަށް ހުރިހާ ފަރާތްތަކުން އެކުވެރިކަމާއެކު ގުޅިގެން މަސައްކަތް ކުރަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިރަސްމިއްޔާތުގައި މޮޅަދޫ ކައުންސިލްގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ޝުކުރުގެ ހަނދާނީ ފިލައެއް ވެދުމަށް އަރުވާފައެވެ.
މޮޅަދޫއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މޮޅަދޫ ސްކޫލަށް ޒިޔާރަތްކުރައްވައި އެތަނުގެ ވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މޮޅަދޫއިން ފުރާވަޑައިގެންނެވުމުގެ ކުރިން ވަނީ އެއަތޮޅު އުލިގަމާއި ތުރާކުނުގެ ބައެއް ކައުންސިލަރުންނާ ބައްދަލު ކުރައްވައި، މި ދެރަށުގެ ތަރައްޤީއާ ގުޅުންހުރި ކަންކަމުގެ މައުލޫމާތުވެސް ހޯއްދަވާފައެވެ.
މޮޅަދޫއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެން ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އެއަތޮޅު ދިއްދޫއަށެވެ.