ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ސްރީލަންކާގެ އައު ރައީސް، ހިޒްއެކްސެލެންސީ ގޮތަބަޔާ ރާޖަޕަކްސައަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާގެ އައު ރައީސަށް ތަހުނިޔާ ވިދާޅުވެފައި ވަނީ މިއަދު އެމަނިކުފާނު ފޮނުއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ގޮތަބަޔާ ރާޖަޕަކްސަ ސްރީލަންކާގެ ރައީސްކަމަށް އިންތިޚާބު ކުރެވުމާ ގުޅިގެން ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ސްރީލަންކާގެ އައު ރައީސަށް އިޙްލާސްތެރި ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި އައު ރައީސްގެ ޒަޢާމަތުގައި ސްރީލަންކާ ތަރައްޤީއާ ތަހުޒީބުގެ އައު ހަރުފަތަކަށް ގެންގޮސްދެއްވާނެކަމަށް ޔަޤީންކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސްރީލަންކާއަކީ ރާއްޖެއާ އެންމެކައިރީގައި އޮތް، އަދި ވަރަށް މުހިންމު އަވަށްޓެރި ޤައުމެއްކަން ފާހަގަކުރައްވައި ދެ ޤައުމުގެ މެދުގައި އޮންނަ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމަށް އިޝާރާތްކުރައްވާފައިވެއެވެ. އެގޮތުން މި ގުޅުމަކީ ދެޤައުމުގެ މެދުގައި ސިޔާސީ ގުޅުން ޤާއިމުކުރުމުގެ މާކުރިން ފެށިގެންވެސް ޤާއިމުވެފައިވާ ވަރަށް ޚާއްޞަ ގުޅުމެއްކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން އައު ރައީސް ގޮތަބަޔާގެ ޒަޢާމަތުގައި ވެސް މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާކަމަށާ އަދި ދެޤައުމުގެ ރައްޔިތުންނަށް ލާބައާ މަންފާހުރި ކަންކަމުގައި ދެޤައުމު ގުޅިގެން ގާތުން މަސައްކަތްކުރެއްވުމަށް އެދިވަޑައިގަންނަވާކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ހާމަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖް ނިންމަވާލައްވަމުން ސްރީލަންކާގެ އައު ރައީސަށް ފުރިހަމަ ޞިއްޙަތަކަށާއި ދުޅަހެޔޮކަމަށް އެދިވަޑައިގަންފައިވެއެވެ.