ބްރެޒިލުން ފުރައިގެން ފަރަންސޭސިވިލާތަށް ދަތުރުކުރި އެއަރ ފްރާންސްގެ މަތިންދާބޯޓު ގެއްލުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި ރައީސް މުޙަންމަދު ނަޝީދު، ބްރެޒިލްގެ ރައީސް ލިއުޒް އިނާޝިއޯ ލޫލާ ޑަސިލްވާއަށާއި، ފަރަންސޭސިވިލާތުގެ ރައީސް ނިކޮލަސް ސަރުކޯޒީއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސްގެ އަމިއްލަ ނަންފުޅުގައި، ބްރެޒިލްގެ ރައީސަށާއި ފަރަންސޭސިވިލާތުގެ ރައީސަށާއި، ބްރެޒިލް ސަރުކާރަށާއި ފަރަންސޭސިވިލާތުގެ ސަރުކާރަށާއި، ދެޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި މި ފްލައިޓުން ދަތުރުކުރި އެންމެންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސް އެދިވަޑައިގެންފައިވެއެވެ.